Support Us

ކުރު ވާހަކަ: ފަންސުރާއި ފުހޭ ރަބަރާ ދެމެދު ދެކެވުނު ވާހަކައެއް

ފުހޭ ރަބަރު: ފަންސުރާއެވެ! ރަހުމަތްތެރިޔާއެވެ! ހާލު ކިހިނެއް ހެއްޔެވެ؟

ފަންސުރު (ވަރަށް ރުޅިއައިސްފައި): އަހަރެންމީ ކަލޭގެ ރަހުމަތްތެރިއެއް ނޫނެވެ! ކަލޭދެކެ އަހަރެން ވަރަށް ފޫހިވެއެވެ!!

ފުހޭ ރަބަރު (ހައިރާންވެ، ދެރަވެފައި): އެއީ ކީއްވެ ހެއްޔެވެ؟

ފަންސުރު: އަހަރެން ލިޔާ އެއްޗެހި ކަލޭ އަބަދުވެސް ފުހޭތީއެވެ!

ފުހޭ ރަބަރު: ބަލަ، އަހަރެން އަބަދުވެސް ފުހެނީ ކަލޭ ލިޔާ ކުށް އެއްޗިއްސެއް ނޫން ހެއްޔެވެ؟ އެނޫން އެހެން އެއްވެސް އެއްޗެއް އަހަރެން ނުފުހެމެވެ؟

ފަންސުރު: އެކަމާ ކަލޭ ބެހެނީ ކީއްވެ ހެއްޔެވެ؟ އަހަރެން ލިޔާ އެއްޗެއް ލިޔުނަދޭށެވެ!

ފުހޭ ރަބަރު: އަހަންނަކީ ފުހޭ ރަބަރެވެ. ކުށް ފުހުމަކީ އަހަރެންގެ މަސައްކަތެވެ!

ފަންސުރު: ނޫނެކެވެ! ކަލޭ ތިހަދަނީ ބޮޑު ގޯހެކެވެ! އަދި ކަލެއަކީ އަމިއްލައަށް ބޮޑުވެ ކިބުރުވެރިވެ މަމޮޅުވެގެން އުޅޭ މީހެކެވެ! ލިޔާ މީހާ ފުހޭ މީހާއަށް ވުރެ މޮޅުވާނެކަން ކަލެއަށް ނޭނގެނީ ހެއްޔެވެ؟

ފުހޭ ރަބަރު: ރަހުމަތްތެރިޔާއެވެ! ނިކަން ވިސްނާލަ ބަލާށެވެ! ކުށެއް ފުހެލުމަކީ ހެޔޮ ބަހެއް ލިޔުމެކޭ އެއްފަދަ ކަމެކެވެ!

ފަންސުރު (ކުޑަކޮށް ހިމޭންވެ، ދެރަވެލާފައި): ނަމަވެސް ކޮންމެ ދުވަހަކު ވެސް އަހަންނަށް ކަލޭ ފެންނަނީ ހިކެމުން ހުލިވަމުންދާ ތަނެވެ!

ފުހޭ ރަބަރު: އެއީ މަސައްކަތްކޮށް، ޚިދުމަތް ކުރުމުގައި، ކުށްތައް ފުހެ، ކޮންމެ ދުވަހަކުވެސް އަހަރެންގެ ބައެއް ދީ އަމިއްލަ ނަފްސު ގުރުބާންކުރަން ޖެހޭތީއެވެ!

ފަންސުރު (ކުޑަ ފެންކަޅިވެފައި): އަހަންނަށް ވެސް، ދުވަހެއް ދުވަހަކަށް، އަހަރެން ކުރުވަމުން އަންނަކަން އެނގެއެވެ!

ފުހޭ ރަބަރު: ރަހުމަތްތެރިޔާއެވެ! ކަލޭގެ ހިތާމައިގައި އަހަރެން ބައިވެރިވެ، ކަލެއަށް ހަމްދަރުދީ ވަމެވެ. އަދި ބުނަމެވެ! މީސްތަކުންނަށް ފައިދާކުރުމުގެ މަގުގައި މަސައްކަތްކުރާއިރު އަމިއްލަ ނަފްސު ގުރުބާންކުރަން ވެސް ޖެހޭތަން އާދެއެވެ. އެ ގޮތުގައި ނޫނީ ބައެއް ފަހަރު، ރަނގަޅު ޚިދުމަތެއް ނުކުރެވެއެވެ. އަޅެ ބުނެ ބަލާށެވެ! އަދިވެސް، އަހަރެން ދެކެ ފޫހިވޭ ހެއްޔެވެ؟

ފަންސުރު: ނޫން ނޫނެކެވެ! ކަލޭ ދެކެ މިހާރު ދެން ފޫހިވެވޭނީ ކިހިނެއް ހެއްޔެވެ؟ ގުރުބާންކޮށް ޚިދުމަތް ދިނުމުގެ މަގުގައި އަހަރުމެންނަށް އަތް ގުޅުވާލެވި، އެކުވެ، އެކުވެރިވެވިއްޖެއެވެ.

އާދެ، ކޮންމެ ދުވަހެއްގެ އިރު އަރަނީ ހަޔާތުން އާ ދުވަހަކަށެވެ! ނަމަވެސް، އެ އާދުވަހެއްގެ އިރާއެކު، ހަޔާތުން ދުވަހެއް މާޒީވެ، އުމުރުގެ ދުވަސްތައް އުނިވަމުން، ހަޔާތުގެ ދަތުރުގެ ނިމުން، މަޑުމަޑުން ނަމަވެސް، ކައިރިވަމުންދެއެވެ. އެހެންވީމާ، ގަލަމަކަށްވެ، މީސްތަކުން ހިތްތަކަށް އުފާވެރިކަން ގެނެސްދޭނޭ އެއްޗެއް ބުނެ ލިޔެވޭތޯ މަސައްކަތްކުރާށެވެ! ނޫންނަމަ، ފުހޭ ރަބަރަކަށްވެ، މީސްތަކުންގެ ހިތާމަތަކުން ހިތާމައެއް ފުހެލެވޭތޯ އުޅޭށެވެ! މީސްތަކުންގެ ހިތްތަކުގައި އުއްމީދާއި، ހެޔޮ ގޮތް މެދުވެރިވުމުގެ އެދުން އުފެއްދުމަށްޓަކައެވެ. އަދި، މީސްތަކުންގެ މެދުގައި ހަސަދަވެރިކަމާއި އެކަކު އަނެކަކަށް ނުބައި އެދުން ލުން ނެތިކޮށް، މީސްތަކުންގެ މެދުގައި އެކުވެރިކަމާއި އަޚުވަންތަކަން ގާއިމުވެދިޔުމަށްޓަކައެވެ.