މޭ މަގޭ ދިއްކުރާނަން މި ވަޒަނަށްޓަކައި
ލޭ ހިނގާހާ ހިނދަކު މާތްވި ދީނަށްޓަކައި
ހޭ ހުރިއްޔާ މަގޭ ބިމުގެ ޝަރަފަށްޓަކައި
ދޭ ނަމޭ ރައްދު އުންމަތުގެ ގަދަރަށްޓަކައި
ހަމަހިލާ ފިނޑިވެގެންނެއް މަ ނުފިލާނަމޭ
ޢަމަލު ސާބިތުކަމާއެކު މަ ދައްކާނަމޭ
ކަމަރު ބަނދެގެން ޖިހާދަށް ނުކުންނާނަމޭ
ޙަމަލަ ދޭނަން ފަހަށްނުޖެހި ނަޞްރަށްޓަކައި
ވިންދު ހުރި ހިނދަކު ހަށިގަނޑުތެރޭގައި މަގޭ
އިންޗިއެއް ވެސް މަށެއް ދޫ ނުދޭނަން އިނގޭ!
އިންމަތީ ހުރެ ފުރާނައިން މަ ދޭނީ އަގޭ
ބިން ސަލާމަތް ކުރަން މާދަމާއަށްޓަކައި
އިތުރު އަޤްޞާ ޙިމާޔަތްކުރަން އިސްނަގައި
މިތުރުނޭ އަދު ނުކުންނާށެ ވީ ޖޯޝްގައި
ހިތުގެ ލޯތްބާއި ވަޠަނިއްޔަތުގެ ރޫޙުގައި
އިތުރު ހިތްވަރު ކުރާށޭ އެ ޙަރަމަށްޓަކައި