Support Us

ފިޠުރުޢީދު ދުވަސް… ރޯދަވެރީންނަށް އިނާމު ދެވޭ ދުވަސް

ފިޠުރުޢީދު ދުވަހަކީ ކޮންފަދަ ދުވަހެއް ހެއްޔެވެ؟ މާތްﷲ އެންގެވި ގޮތަށް ރަމަޟާން މަހު ރޯދަހިފި މީހުންނަށް މިއަދު ލިބޭ އުފަލަކީ ކޮބައިހެއްޔެވެ؟ ރޯދަވެރިން މާތްﷲ އަމުރުފުޅަށް ކިޔަމަންގަނެ، ރޯދަ ހިފައި، އެކަލާނގެއަށް ޝުކްރު ދަންނަވައި، ތަކްބީރު ކިޔާ، ޢީދު ނަމާދުކޮށްގެން، އެބައިމީހުން ގެއަށް ދާނީ، މާތް ﷲ އެމީހުންނަށް ކަނޑައަޅުއްވައިފައިވާ އިނާމު ހިފައިގެންނެވެ. އެއީ މާތް ﷲ އެމީހުންނާ ކުރިމަތި ކުރެއްވި އިމްތިޙާނުން ފާސްވުމުން  ދެއްވާ އިނާމެވެ. ޢީދުދުވަހުގެ އިޙްތިފާލަކީ އެމީހުންގެ ދަސްވެނިވުމުގެ ބަރަކާތްތެރި އިޙްތިފާލެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إذا كانَ يومُ عيدِ الفطرِ وقفتِ الملائكةُ على أبوابِ الطَّريقِ فنادوا اُغْدُوا يَا مَعْشِرَ المـُسْلمينَ إلَى ربٍّ كريمٍ يَمنُّ بِالخَيرِ ثُمَّ يُثيبُ عَلَيْهِ الجزيلَ لقد أُمِرْتُم بقيامِ اللَّيلِ فَقُمْتم وَأُمِرْتم بِصِيامِ النَّهارِ فَصُمْتم وأَطَعْتُم ربَّكم فَاقْبِضُوا جَوَائزَكُم فَإِذَا صَلَّوا نادى منادٍ ألَا إنَّ ربَّكم قَدْ غَفَرَ لكُم فَارْجِعُوا رَاشِدِينَ إلى رِحَالِكم فَهُوَ يومُ الجائزةِ ويسمّى ذلكَ اليومُ في السَّماءِ يومَ الجائزةِ [1]– ފިޠުރު ޢީދު ދުވަހު މަލާއިކަތް ބޭކަލުން މަގުތަކުގެ ދޮރުތައް މަތީގައި ތިއްބަވާ ގޮވާލައްވާނެތެވެ. އެންމެހާ މުސްލިމުންނޭވެ! ހެޔޮކަން ބައްސަވާ ދީލަތިވަންތަ ރަސްކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން އަވަހަށް އަންނާށެވެ! އެއަށްފަހު އެކަލާނގެ  ދީލަތި ސަވާބު އެމީހުންގެ މައްޗަށް ލައްވާނެތެވެ. ތިޔަބައިމީހުންނަށް ޤިޔާމުއްލައިލު ކުރުމަށް އަމުރުކުރެވުމުން ތިޔަބައިމީހުން އެކަން ކޮށްފީމުއެވެ.ތިޔަބައިމީހުންނަށް  ދުވާލު ރޯދަ ހިފުމަށް އަމުރުވެވުމުން ތިޔަބައިމީހުން ރޯދަ ހިފައިފީމުއެވެ. ތިޔަބައިމީހުން ވެރިރަސްކަލާނގެއަށް ކިޔަމަންގެންފީމުއެވެ. ފަހެ ތިޔަބައިމީހުން ތިޔަބައިމީހުންގެ އިނާމުތަކުގައި ހިފާށެވެ! ފަހެ އެބައިމީހުން ނަމާދުކޮށްފިނަމަ ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް ފާފަ ފުއްސަވައި ދެއްވައިފިކަން ދަންނާށެވެ! ފަހެ ތިޔަބައިމީހުން ތެދުމަގު ލިބިގެންވާ ޙާލު އެނބުރި ގެއަށް ދާށެވެ! ފަހެ މިއަދަކީ އިނާމުގެ ދުވަހެވެ. ތިޔަބައިމީހުންގެ މި ދުވަހަށް އުޑުގައި "ޔައުމުލް ޖާއިޒާ – އިނާމުގެ ދުވަސް" އޭ ކިޔާ ނަންދެވިފައިވެއެވެ.))

އިޙްތިފާލުގެ ދަޢުވަތު

މި އިނާމު ދެވޭ އިޙްތިފާލަށް ޢީދު ނަމާދޭ ކިޔެއެވެ. މިހެންވެ މި އިޙްތިފާލަށް ރަށުގެ ކުދި ބޮޑު އެންމެންނަށް ދަޢުވަތު ދެވިފައިވެއެވެ. މިސްކިތަށް ނުދެވޭ ޙާލުގައި ތިބި އަންހެނުންނަށް ވެސް މި އިޙްތިފާލުގައި ބައިވެރިވުމަށް ކީރިތި ރަސޫލާ ﷺ ގޮވައިލެއްވިއެވެ. މި އިޙްތިފާލު ތަނަވަސް ބިމެއްގައި ބޭއްވުމަށް ޝަރްޢު ބާރުއަޅައިފައި ވަނީ މިހެންވެގެންނެވެ.

އިޙްތިފާލަށް ޒީނަތްތެރިވުން

މި ފަދަ އިޙްތިފާލުތަކަށް ދިޔުމަށް ޓަކައި ޒީނަތްތެރިވުމަކީ ދުނިޔަވީ އާދައެއް ނޫންތޯއެވެ؟ ދަޢުވަތު ކާޑުގައި ލާންޖެހޭ ހެދުމުގެ ބާވަތްތައް ބަޔާންކޮށްފައި އޮވެއެވެ. ކީރިތި ރަސޫލާ ﷺ އަޅުގަނޑުމެންނަށް މި ދުވަހަށް ޓަކައި ޒީނަތްތެރިވުމަށާއި ހުވަދުލުމަށް އަންގަވައިފައިވެއެވެ. ޢީދުދުވަހަށް ޓަކައި ހިނައިގަތުން ސުންނަތެއްކަމުގައި ލެއްވިއެވެ. ޢީދު ނަމާދަށް ދާއިރު އެމީހެއްގެ އަތުގައި އޮތް އެންމެ ރީތި ހެދުމެއް ލައިގެން ދިޔުމަށް ކީރިތި ރަސޫލާ ﷺ އެންގެވިއެވެ. އެކަލޭގެފާނު ޢީދު ދުވަހު ރޮނގު ދެމި ވަރަށް ރީތި ޖުއްބާކޮޅެއް ތުރުކުރައްވަން ގެންގުޅުއްވިއެވެ.

އިޙްތިފާލަށް ދިޔުމާއި އައުން

ދަސްވެނިވުމުގެ އިޙްތިފާލުތަކުގައި އިސްޓޭޖު މައްޗަށް އަޅުގަނޑުމެން ކުދިން އަރުވަނީ އިސްޓޭޖުގެ ވަކި ފަރާތަކުންނެވެ. އަދި އިނާމު ލިބިގަތުމަށްފަހު އެ ކުދިން ފައިބާނީ އެހެން ދިމާއަކުންނެވެ. ކީރިތި ރަސޫލާ ﷺ ގެ އިރްޝާދަށް ނިކަން ބައްލަވާށެވެ. މާތް ﷲ ރުއްސުންލެއްވި ޖާބިރުގެފާނު އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވާ ބަސްފުޅު ބުނާގޮތުގައި އެކަލޭގެފާނު އަންގަވަނީ ޢީދު ނަމާދަށް ދާ މަގާއި ޢީދު ނަމާދުކޮށްގެން ގެއަށް އެނބުރި އަންނަ މަގު ތަފާތު ކުރުމަށެވެ. ސުންނަތް ގޮތަކީ އެއީއެވެ. މި ކަމުގެ ސިއްރަކީ އިސްވެ ބަޔާންކުރި ޙަދީސް ބުނާގޮތުގައި ތަފާތު މަގުތަކުގައި މަލާއިކަތް ބޭކަލުން އިނާމުވެރީންނަށް ތަހްނިޔާ ވިދާޅުވުމަށް  ތިއްބަވާނެތީއެވެ. ތަފާތު މަގުތަކުން ގޮސް އައިސްވުމުން އިނާމުވެރީންނަށް ލިބޭ ތަހްނިޔާ އިތުރުވުމެވެ. މަލާއކަތް ބޭކަލުންގެ ތަހްނިޔާއަކީ ހެޔޮ ދުޢާއެވެ. ކީރިތި ރަސޫލާ ﷺ މި އެންގެވި ގޮތަށް އަމަލުކުރުމުން އިނާމުވެރީންނަށް ލިބޭ  ހެޔޮ ދުޢާ އިތުރުވެގެން ދާނެ ނޫންތޯއެވެ؟ ތަހްނިޔާ ގިނަވާނެނޫންތޯއެވެ!

މާކުސް ރަނގަޅު ކުރުމަށް ލިބޭ ފުރްޞަތު

ބައެއް ފަހަރަށް ދަރިވަރުންނަށް އިމްތިޙާނުގައި ލިބޭ ދަރަޖަ ދަށްވުމުން މާކުސް ރަނގަޅު ކުރުމަށް ފުރްޞަތު ދެވޭތަން ފެނެއެވެ. މިއީ  އިސްލާމީ ފިކްރެއްކަން ކަށަވަރެވެ. މާތް ﷲ އަޅުގަނޑުމެންނަށް ފަރްޟު ކުރައްވައިފައިވާ އަޅުކަންތައް އަދާކުރާއިރު، ވަރަށް ގިނަފަހަރަށް އުނިކޮށް އެ ކަންކަން ކުރެވެއެވެ. މި ފަދަ އަޅުކަންތަކުގައި ހެދޭ ކުށްތަކާއި ޖެހޭ ކުނި މިލަތައް ފިލުވައިލުމަށްޓަކައި ކައްފާރާތައް ލައްވައިފައިވެއެވެ. މިސާލަކަށް ބަލާނަމަ ކުށުސަޖިދައަކީ ނަމާދު ކުރާއިރު ކުރެވޭ ކުށްތަކުން އެ ނަމާދު ސާފުކޮށް ޠާހިރުކޮށް ދެއްވުމަށް ޓަކައި ލައްވައިފައިވާ ކަމެކެވެ. ރޯދައަށް ބަލާއިރު އޮތީ ފިޠުރު ޒަކާތެވެ.މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. ((فرض رسولُ اللهِ ﷺ زكاة الفطرِ طُهرَةً للصائمِ من اللغوِ والرفثِ وطُعْمَةً للمساكينِ من أدّاها قبلَ الصلاةِ فهي زكاةٌ مقبولَةٌ ومنْ أدّاها بعدَ الصلاةِ فهيَ صدقةٌ منَ الصدقاتِ [2]– ﷲގެ ރަސޫލާ ފިޠުރުޒަކާތް ފަރްޟުކުރެއްވީ ރޯދަވެރިޔާ ރޯދަހިފިއިރު ދައްކާފައިވާ ބޭކާރު ވާހަކަތަކުންނާއި ހަޑިހުތުރު ބަސްތަކުން އޭނާގެ ރޯދަ ޠާހިރުކޮށްދެއްވުމަށާއި، މިސްކީނުންނަށް ހަމުދަރުދީވެ، އެހީތެރި ވުމަށްޓަކައެވެ.ޢީދު ނަމާދުގެ ކުރިން އެ ޒަކާތް އަދާކޮށްފިނަމަ އެއީ ޤަބޫލުވެވިގެންވާ ޒަކާތެކެވެ. ޢީދު ނަމާދަށްފަހު އެ ޒަކާތް އަދާކުރިނަމަ ފަހެ އެއީ ޞަދަޤާތްތަކުގެ ތެރެއިން ޞަދަޤާތެކެވެ.)) ﷲގެ އިނާމު ދެއްވުން އޮންނާނީ ޢީދުނަމާދަށް ފަހުގައި ކަމަށް ވާތީ މި ޒަކާތް ޢީދު ނަމާދުގެ ކުރިން އަދާކޮށްގެން މެނުވީ ރޯދައިގެ މާކުސް ރަނގަޅުވެގެން ނުދާނެއެވެ.

ކީރިތި ރަސޫލާ ﷺ ގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((صومُ شهرِ رمضانَ معلَّقٌ بين السَّماءِ والأرضِ ولا يُرفعُ إلّا بزكاةِ الفطرِ[3]– ރަމަޟާން މަހުގެ ރޯދަ އުޑާ ބިމާ ދެމެދުގައި ހިފެހެއްޓެވިގެން ވެއެވެ. ފިޠުރު ޒަކާތުން މެނުވީ އެ ޢަމަލު ﷲގެ ޙަޟްރަތަށް އުފުލިގެން ނުދާނެތެވެ.)) މި ބަސްފުޅުން އެނގޭގޮތުގައި ފިޠުރުޒަކާތަކީ  ރޯދަވެރިޔާ އިށިއިން އިމްތިޙާނުގެ ނަތީޖާއާ ހަމައަށް ވާޞިލުވުމަށް ޓަކައި ވަރަށް މުހިއްމު ބަހާއެކެވެ. ﷲގެ ޙަޟްރަތަށް އެ ޢަމަލަށް ވާޞިލު ނުވެވިއްޖެނަމަ މާކުހެއް ނުލިބޭނެތެވެ. ޖަވާބު ކަރުދާސް ނުލިބި އެ ކަރުދާސް މާކު ނުކުރެވޭނެތީއެވެ.

ވަފާތެރިވުން

ރަމަޟާން މަސް އައިސް ހިނގައްޖެއެވެ. ވިދުވަރެއްފަދަ ކަހަލަ ގޮތަކަށެވެ. އެ މަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަޅުގަނޑުމެން އެ މަހުގައި ކުރި ޢަމަލުތަކުގެ ފައިލްތައް ހިފައިގެންނެވެ. އަޅުގަނޑުމެން ކުރި ނަމާދުތަކާއި، ހިފި ރޯދަތަކާއި، ކުރި ޞަދާޤާތްތަކާއި، ފޯރުވި ހެޔޮ ފޯރުވުންތަކާއި ، ކިޔެވި ޤުރްއާން ކިޔެވުންފަދަ ހެޔޮ އަމަލުތަކުގެ ފައިލްތައް ހިފައިގެންނެވެ. ފުރްޞަތުގެ ބޭނުން ހެޔޮކޮށް ކުރި މީހާއަށް ހުރި ބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ! އެފަދަ މީހާއަށް ﷲގެ ޙަޟްރަތަށް ދެވޭއިރު ނަޖާވުން ލިބޭނެއެވެ.

ރަމަޟާން މަސް ދިޔުމުން އަޅުގަނޑުމެންގެ ގާތަށް ޢިއްޒަތްތެރި އެހެން މެހެމާނަކު އަތުވެއްޖެއެވެ. ރަމަޟާން މަހަށް ވަފާތެރި ޔާރަކަށް އަޅުގަނޑުމެން ނުވާނަން ހެއްޔެވެ؟ ވަފާތެރިކަމަކީ އިސްލާމްދީނުގެ މާތް ޚުލުޤުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވަފާތެރިކަން ނެތް މީހެއްގެ ޚުލުޤުވެރިކަމެއް ނެތެވެ. މާތް ﷲ ރުއްސުންލެއްވި އަބީ އައްޔޫބުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَن صامَ رَمَضانَ ثُمَّ أتْبَعَهُ سِتًّا مِن شَوّالٍ، كانَ كَصِيامِ الدَّهْرِ[4]– ރަމަޟާންމަހު ރޯދަ ހިފައި އެއަށްފަހު އެއާ ވިދިގެން ޝައްވާލު މަހުން 6 ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފިފަދައެވެ. )) މޮޅު އިތުރުވެގެންވަނީ މި 6 ރޯދަ ވަޅުޢީދު ދުވަހުން ފެށިގެން ވިދިވިދިގެން ހިފުމެވެ. މުޅި އަހަރު ރޯދަހިފުމާ އެއްވަރުވަނީ ކިހިނެއްތޯއެވެ؟ އާދެ! ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާން މަހު 30 ދުވަހު ރޯދަ ހިފާފައި އިތުރު 6 ދުވަހު ރޯދަ ހިފުމުން 36 ދުވަހު ރޯދަ ހިފުނީއެވެ. ކޮންމެ ރޯދައަކީ 10 ހެޔޮ ކަމެވެ. ވީމާ އޭނާއަށް 360 ހެޔޮކަން ލިބޭނެތެވެ. އެއީ މުޅި އަހަރުގެ ދުވަސްތަކާ އެއްވަރު ޢަދަދެކެވެ.

ރޯދަވެރިޔާއަށް ދެ އިނާމު 

މާތް ﷲ ރޯދަވެރިޔާއަށް އިނާމު ދެއްވާއިރު ދެ އިނާމެއް ދެއްވައެވެ. އެއް އިނާމަކީ މި ދުނިޔެ މަތީގައި އޭނާއަށް ދެއްވާ އިނާމެކެވެ. ދެވަނަ އިނާމަކީ އޭނާގެ ހެޔޮ ޢަމަލުތަކުގެ އެކައުންޓަށް ޖަމާކޮށްދެއްވާ ވަރަށް ބޮޑު ޗެކެކެވެ.

މި ދެ އުފަލުގެ ސަބަބުން އޭނާގެ ޙަޔާތް ބާއްޖަވެރިވެއެވެ. މި ދެ އުފަލުގެ ސަބަބުން ﷲއަށް އަޅުކަން ކުރުމަށް މަގުފަހިވެގެންދާތީއެވެ. މި ދެ އުފަލުގެ ސަބަބުން އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވުމުގެ ޝަރަފު ލިބޭތީއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فِي جَنَّاتٍ وَنَهَرٍ فِي مَقْعَدِ صِدْقٍ عِنْدَ مَلِيكٍ مُقْتَدِرٍ[5]– ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ حضرة ގައެވެ.))

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ.((لِلصّائِمِ فَرْحَتانِ يَفْرَحُهُما: إذا أفْطَرَ فَرِحَ، وإذا لَقِيَ رَبَّهُ فَرِحَ بصَوْمِهِ [6]– ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެންވެއެވެ. ރޯދަވީއްލައިފިނަމަ އެކަމަށް ޓަކައި އޭނާ އުފާވެއެވެ. އަދި އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވެއްޖެނަމަ އޭނާ ހިފި ރޯދައިގެ ސަބަބުން އުފާވެއެވެ.))

ރޯދަވެރިޔާއަށް ދެއްވާ ފުރަތަމަ އުފަލަކީ ކޮބައިތޯއެވެ؟ އެއީ މާތް ﷲ  އޭނާ ރަމަޟާންމަހާ ހަމައަށް ފޯރުކޮށްދެއްވުމުން ލިބޭ އުފަލެވެ.  މާތްﷲ އޭނާއަށް ދެއްވި ރޯދަ ހިފުމުގެ ޤާބިލުކަމުން ލިބުނު އުފަލެވެ. މާތް ﷲ މިވަނީ އޭނާއަށް މި ކަމުގައި ތައުފީޤު ދެއްވައިފައެވެ. ﷲ މިވަނީ އެކަލާނގެ ރަޙްމަތް އޭނާގެ މައްޗަށް ފުރިހަމަކޮށް ދެއްވައިފައެވެ. ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި ﷲ މި ވަނީ އޭނާއަށް ރަޙްމަތް ލައްވައިފައެވެ. އެއަށްފަހު ދެން އައި ދިހައެއްގައި މި ވަނީ އޭނާގެ ފާފަތައް ފުއްސަވައި ދެއްވައިފައެވެ. ތިންވަނަ ދިހައިގައި މި ވަނީ އޭނާ ނަރަކައިން މުއްތިކޮށް ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ.

ރޯދަވެރިޔާއަށް ލިބޭ ދެވަނަ އުފަލަކީ ޤިޔާމަތް ދުވަހު ، އިނާމު ބައްސަވާ ދުވަހު އޭނާއަށް ލިބޭނެ އުފަލެވެ. ރޯދަވެރިންނަށް އައްރައްޔާން ދޮރުކޮޅުން  ސުވަރުގެ ވަނުމަށް ގޮވައިލުމުން ލިބޭނެ އުފަލެވެ. ހާސްކަމާއި ބިރުވެރިކަމުގެ ދުވަހުގައި ހާސްކަމާއި ބިރުވެރިކަން ނެތިގެންދާނެތީ ލިބޭނެ އުފަލެވެ. ރައްޔާން ދޮރުކޮޅުން ރޯދަވެރިން ވަދެ ނިމުމުން އެ ދޮރުކޮޅު ބަންދު ކުރައްވާނެތެވެ. އެހެން އެއްވެސް މީހަކު މި ދޮރުކޮޅުން ނުވަންނާނެތެވެ. ރޯދަވެރިން އެ ދޮރުކޮޅުން ސުވަރުގެ ވަނުމުން އެތަނުން ލިބޭނެ ނިޢުމަތުގެ ބޮޑުކަމާއި މަތިވެރިކަން ނިކަން ހިތަށް ތަޞައްވުރުކޮށް ބަލާށެވެ! ކޮން ކަހަލަ ނިޢުމަތެއްހެއްޔެވެ؟ އެއްވެސް މީހެއްގެ ލޮލަށް ދުވަހަކު ވެސް ފެނިފައިނުވާ ނިޢުމަތެކެވެ. އެއްވެސް މީހެއްގެ ކަންފަތަށް އިވިފައނުވާ ނިޢުމަތެކެވެ. އެއްވެސް މީހެއްގެ ހިތަށް ދުވަހަކުވެސް އަރައިފާނުވާ ނިޢުމަތެކެވެ. ސުވަރުގޭގެ އަހްލުވެރީންގެ މި މަޙްފަލުގެ ފޮނިކަމާއެވެ! އެތާނގައި ﷲ ތަޖައްލީވެ ވޮޑިގަންނަވާ  މަންޒަރެވެ. ރަސްރަސްކަލުންގެ ރަސްވަންތަ ރަސްގެފާނު ﷲ ތަޢާލާ އޭނާއާއެކު ވޮޑިގެންވާ ވޮޑިގެންވުމުން ލިބޭ ބަރަކާތްތެރި އިނާމެވެ. މިއީ ފަހަށް ރައްކައުކޮށް ދެއްވި އިނާމެވެ. އިނާމުދިނުމުގެ މިފަދަ އިޙްތިފާލެއް ބޭއްވޭނީ އެހެން ކޮން ފަރާތަކަށް ހެއްޔެވެ؟

 

 

 

[1]  – أخرجه الطبراني (١/٢٢٦) (٦٢٠)

[2]  – سنن أبي داود ١٦٠٩و  سنن الدارقطني ٢/٣٢٧

[3]  – الترغيب والترهيب ٢/١٥٧

[4]  – أخرجه مسلم (١١٦٤)، وأبو داود (٢٤٣٣)، والترمذي (٧٥٩)، والنسائي في «السنن الكبرى» (٢٨٦٢)، وابن ماجه (١٧١٦)، وأحمد (٢٣٥٦١)

[5]  – القمر:55

[6]  – صحيح البخاري ١٩٠٤

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *