Support Us

ސަރުދާރު ދޮންމަނިކު އަވަހާރަވެއްޖެ

ކުރެހުމާއި ފީނުމުގެ ދާއިރާއިން ރާއްޖޭގައި ވަރަށް މަޝްހޫރު ބޭފުޅެއް ކަމަށްވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 93 އަހަރުގެ ދޮންމަނިކު އަވަހާރަވީ ރޭ ދަންވަރު، ކުއްލިއަކަށް ހާލުކޮޅު ދެރަވެގެން އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދިޔަތަނާ، ރޭ ފަތިހުއެވެ.

ދޮންބެ އަވަހާރަވިއިރު އަށް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. ދޮންބެގެ ބޭފުޅުންގެ ތެރޭގައި، ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ޝުޖާއު އާއި މަޝްހޫރު ކުރެހުންތެރިޔާ އަހުމަދު ޝުވޭބު ހިމެނެއެވެ.

"ބައްޕަގެ ހާލު އާދައިގެ ގޮތެއްގައި ހަމަ ރަނގަޅުކޮށް ހުރީ ރޭވެސް. އެކަމު ރޭ ކެއިންނުބައްލަވާ. ރޭ ދަންވަރު ބައްޕަ ބުނުއްވީ ނޭވާންލާން އުނދަގޫވާ ކަމަށް. ހޮސްޕިޓަލަށް ދާ ވާހަކަ ދެއްކީމަ ބުނުއްވައިފި ދެން މަޑުކުރަންވީނޫންހޭ މާދަމާ ހެނދުނުން ދާން. އަނެއްކާ ވެސް އޭގެ 15 ވަރަކަށް މިނިޓްފަހުން ބުނުއްވައިފި ތިމަންނާ ބޭނުންވަނީ ހޮސްޕިޓަލަށް ދާށޭ. އެހެންވެ ވަގުތުން އެމްބިއުލާންސް ގެނެސްގެން ހޮސްޕިޓަލަށް އައީ،" ސުޖާއު ވިދާޅުވިއެވެ. "އެމްބިއުލާންސަށް އަރަމުން ބައްޕަ ބުނުއްވި 'މަދެން އެނބުރި ނާންނާނެ އިނގޭއޭ. މަ މިދަނީ މަގޭ ފަހު ފަހަރަށޭ.' އެކަހަލަ އެއްޗެއް."

ނޭވާލާ ނިޒާމްގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ސަރުދާރު ދޮންބެއަށް މިދިޔަ އަހަރުގެ މޭ މަހުގެ 29 ގައި ވަނީ ކޮވިޑް-19 ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދީފައެވެ. ދޮންބެ ވެފައި ވަނީ ރާއްޖޭގައި ކޮވިޑް ޖެހުނު އެންމެ ދުވަސްވީ ދެ މީހުންގެ ތެރެއިން އެކަކަށެވެ.

ސަރުދާރު ދޮންމަނިކު… އަމިއްލަފުޅު ކުރެއްސެވުމަކާއެކު

ސަރުދާރު ދޮންބެ ވަނީ ކުރެހުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމް 1996 ގައި ހާސިލްކުރައްވައިފައެވެ. މުހައްމަދު އަމީން ދީދީގެ ރައީސްކަމުގައި ދިވެހި ފައިސާގެ ނޫޓްތައް ކުރެއްސެވީ ވެސް ދޮންމަނިކެވެ. އަދި މިހާރު ބޭނުންކުރާ ދައުލަތުގެ ނިޝާންގެ އަސްލު ކުރެއްސެވީ ވެސް ދޮންބެއާއި އެހެން ކުރެހުންތެރިއެއް ވެގެންނެވެ. އަދި ދޮންބެއަކީ ކުރެހުމުގެ އިތުރަށް އަތްތެރިމަސައްކަތާއި ފީނުމާއި މަސްހިފުމުގެ ފަންނުގައި ވެސް ވަރަށް ހުނަރުވެރި ބޭފުޅެކެވެ.

ސަރުދާރު ދޮންބެގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު 12.30ގައި އާސަހަރާގައި ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް