Support Us

ފިޠުރު ޢީދު އައި ހިނދު 1442

ޢީދު އަޔަކަސް މާ އުފާވެރި މަންޒަރެއް އަދު ނުފެނެޔޭ
ޢީދު އައުމުން ޢީދު ކޮށްލަން މިސްކިތައްވެސް ނުދެވެޔޭ

ހީ ސަމާސާކޮށް އަތާއަތް ޖޯޑުކޮށް މަތިވެރި ސަލާމް
ދީނުގައި އެންގެވިމަގުން ކުރުމަށް ޢުޒުރުވެރި ވެއްޖެޔޭ

ގާތް ތިމާގެ ކަމާއި ރަޙުމަތްތެރި ކަމާ ރައްޓެހިކަމާ
ގާތް ގުޅުން އޮތް،ބަދަހިކޮށްލަން ގޭގެއަށްވެސް ނުދެވެޔޭ

ޢީދު ކުޅެލަން އެއްވެ އުޅުމީވެސް އެއީ ބޮޑު ގޯހެކޭ
ޢީދުވެދުމާ ގޮސްލެވޭނޭ ފުރުޞަތެއްވެސް ނެތްމެޔޭ

ތިން މުގޯއްޔާ މަންޑިޔާ ފަން ކުޅުނު މަޒީ ސިފަވުމުން
އިންތަނުން ތެދުވާނެ ހިތްވަރުވެސް ގަޔަކު ހަމަ ނުހުރެޔޭ

ތާރަ ޖެހުމާ ލަނގިރިޔާ ހަރުބީގެ ފަރި މަންޒަރުތަކާ
މާލި ނެށުމާ ދަފި ނެގުން ޢީދުން ހަނދާނާ ކުޅެލަޔޭ

ހަނދުމަތައް އާވާން ފެށީމާ މިހިރަވާ އިޙްސާސްތަކުން
އަދުގެ ޙާލަތު އޮތްގޮތުން ލޮލަކުން ކަރުނައެއް ނުހިކެޔޭ

ދުނިޔެއަށް ކުރިމަތިވި ބިރުވެރި ކޮވިޑް އުނަވިހިކީ ވަބާ
އުނިކަމެއް މުޅި ދުނިޔެއަށް އެކި ގޮތްގޮތުން ގެނުވައިފިޔޭ

މިފަދަ ހިތްދަތި ވަގުތުގައި މިކަމުން ނަޖާކޮށް ދެއްވުމަށް
ދެފަދައެއް ނެތް މާތް އިލާހަށް ހެޔޮ ދުޢާތައް ކުރެވެޔޭ

އައި މި މަތިވެރި ފިޠުރު ޢީދުގެ ތަހުނިޔާ އާ ހެޔޮ އެދުން
ހައި ނުކޮށް ފޮނުވަން ޙަވާލުކުރަން އޮތީ ވައި ރޯޅިޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *