...

Support Us

ކޮލަމް: ސައީދުގެ ތުލަ

ވިސްނަވާލައްވާ… ޕްލީޒް

ރައީސް މައުމޫނުގެ ދުވަސްވަރު 2020 ގެ ތަސައްވުރެއް އެކުލަވާލެއްވުމުގެ މަސައްކަތް އޭރު ކުރެވެމުންދިޔައިރު، އަޅުގަނޑުގެ އުއްމީދަކީ، 2020 ވާނީ ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލު އައިސް، ކުރިއަރާފައިވާ އަހަރަކަށެވެ. ނަމަވެސް ކަންތައްތައްވީ ދިމާ އިދިކޮޅަށެވެ.

ވިހިވިހީގެ އައު އަހަރުވެސް ރާއްޖެއަށްވެސް އަދި ދުނިޔެއަށްވެސް މަރްޙަބާކީ، ކޮވިޑް19 ގެ ބަލިކަޑުކަމާއެކުގައެވެ. ގައުމުތައް އެކަހެރިވެ، އަމިއްލަ ގޭގައި ފުރަބަންދުގައި ދިގު މުއްދަތެއް ހޭދަކުރަމުން ދިޔައިރު، އުފާވެރި ޚަބަރެއްގެ ގޮތުގައި ލިބެމުންދިޔައީ، ވެކްސިނެއްގެ އުއްމީދެވެ. މިފަދަ އުއްމީދެއްގައި ތިއްބާ 2021 ވަނަ އަހަރުވެސް އަޅުގަނޑުމެންނާ ކުރިމަތިލައިފިއެވެ. އުއްމީދުކުރި ގޮތާ ޚިލާފަށް، ހެލިފެލިވެ އުޅުމުގައި ކުޑަ ލުއެއް ލިބުނަސް ބިރުވެރިކަމުގެ ރަނގަބީލުގެ އަޑު އަބަދުވެސް އިވެމުންދިޔައެވެ.

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑްގެ ކަންތައްތައް ރާއްޖެއާ ހަމައަށް ލައްވާނުލާ، އެބަލީގެ ކަންތައްތައް ނިމިގެން ހިގަނއިދާނެ ކަމަށް، ގިނަ ބަޔަކު ގަބޫލުކޮށްގެން ތިއްބެވެ. އެގޮތަށް ގަބޫލުކުރަންޖެހުނީ، ދުނިޔެ ކުރިއަރާފައިވާ މިންވަރާއެކު، މި ބަލީގެ އަސަރުތަކުން ދުނިޔެ ގުޑުވާ ނުލެވޭނެ ކަމަށް ހީކޮށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ ޖަރާސީމެއް، މުޅި ދުނިޔެ ސުންނާފަތިކޮށްފިއެވެ. އަމީރެއް ޔަތީމެއް ބެލުމެއްނެތި، ބަލިކޮށްލައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑްގެ ކޭހެއް ފެނުނީ ރިސޯޓަކުންނެވެ. އަޅުގަނޑުމެން އުއްމީދުކުރީ، އެ ބަލިމަޑުކަން، ރާއްޖޭގެ ރަށްތަކަށް ނުދާނެ ކަމަށެވެ. އެހެންތިއްބައި، މާލެތެރެއިން، ކޮވިޑްގެ ފުރަތަމަ މީހާ ފެނުމާއެކު، ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. ހަދާނެގޮތް ހުސްވިއެވެ.

ކޮވިޑްގެ 19އާ ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ޖުމުލަ ގޮތެއްގައި ރަނގަޅުކަމަށް ދެންނެވި ނަމަވެސް، ފާއިތުވީ އަހަރެއްހާ ދުވަހު ކުރެވުނު ތަޖުރިބާގެ އަލީގައި ކަންކަން އިސްލާހުވުމުގެ ބަދަލުގައި، ކަންކަން އޮޔާދާތަން ފެންނަނީ ކަންބޮޑުވާ މިންވަރަކަށެވެ.

ފުރަތަމަ ކަމަކީ، ވެންޓިލޭޓަރުގެ މައްސަލައެވެ. މިކަން ހިނގައިދިޔަގޮތާއި، އެކަމުގެ ހުރިހާ ތަފްސީލެއްވެސް މީޑިއާއިން އެ އޮތީ ހާމަކޮށްފައެވެ. ކުށްވެރިވާ އެކަކުވެސް ނެތް މައްސަލައެއްގައި ރައްޔިތުންގެ 37 މިލިއަން ގެއްލިއްޖެއެވެ. ވަޒީރެއްގެ ގޮނޑި ގެއްލިއްޖެއެވެ. އޭ.ސީ.ސީއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ހޫނު ޒުވާބުތައްވެސް މީޑިއާއިން ފެނުނެވެ. ނަތީޖާ ސުމެކެވެ.

ދެވަނަ ކަމަކީ ވެކްސިންގެ ކަންތަކެވެ. ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައީ، ދިވެހިންނާއި ބިދޭސީންނަށްވެސް ހިލޭ ވެކްސިން ލިބޭނެ އިންތިޒާމެއްގެ ތެރެއިންނެވެ. މިއީ ފާހަގަކުރަންޖެހޭ ރަނގަޅު ކަމެކެވެ. ނަމަވެސް، ވެކްސިން ޖެހުމުގެ އިންތިޒާމްތައް ދޯހަޅިވެ، މުޒާހަރާ ކުރާ ހިސާބަށް ކަންތައްތައް ދާނީ، މަސައްކަތް ރާވަން ތިބޭ ބައެއްގެ އިހްމާލުންނެވެ. ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފައިވާ ބަޔަކަށް ޖަހަންޖެހޭ ދެ ވަނަ ޑޯޒް ލިބޭނެ ތާރީޚެއް ނޭނގި، ވެކްސިން ޖެހުން ހުއްޓާލަން ޖެހުމަކީ، ސިޔާސަތު ރޭވުމުގެ ދޯހަޅިކަމެއްގެ ނަތީޖާއެވެ.

ތިންވަނަ ކަމަކީ ދޭން ނުޖެހޭ ލުއިތަކެއް ދިނުމެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް ޚާއްސަ ހުއްދައާއެކު، ދަތުރު ކުރުމުގެ ހުއްދައާއި، ޖަލްސާތަކާއި އެއްވުންތައް ބޭއްވުމުގެ ހުއްދަ ދިންއިރު، ދުނިޔޭގެ ގައުމުތައް ތަހައްމަލު ކުރަމުންދާ ދެވަނަ ރާޅާއި ތިން ވަނަ ރާޅާއި ހަތަރު ވަނަ ރާޅުގެ މަތިން ހަނދާންނެތުމަކީ ޣާފިލުކަމުގެ އިންތިހާއެވެ.

މިދަންނަވާލެވުނީ ބައެއް ކަންތައްތަކެވެ. ކޮވިޑްގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައަށް ޒިންމާވާނެ މީހަކު ނެތެވެ. އޭގެ ތެރޭގައި ފާޅުވި ޖިންސީ ފުރައްސާރައިގައި ވަޒީރަކު މަގާމުން ވަކިކުރަންޖެހުނަސް، އޭނާއާ ޝަރީއަތް އަރާހަމަނުކުރެވޭ ގޮތަށް "ފުރުވާލުމަކީ" އެންމެ ބޮޑު ޖޯކެވެ.

ކޮވިޑްގެ ކަންތައްތަކަށް ރައްޔިތުންގެ ހަތަރު ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފިއެވެ. ނަތީޖާ ސުމެކެވެ. ސިއްހީ މަސައްކަތްތެރިން ވަރުބަލިވެއްޖެއެވެ. ހަދާނެގޮތެއް ނެތެވެ. ރާއްޖޭގެ މިއޮށްކުޑަ އާބާދީގެ 31 ހާހެއްހާ މީހުންނަށް ކޮވިޑް ޖެހިއްޖެއެވެ. އަދި 74 މީހަކު ދުނިޔެ ދޫކޮށްފިއެވެ. މިއީ ވަކިވަކި އާބާދީތަކެއްގެ ގޮތުގައި ރާއްޖެ އުފެދިފައިވާއިރު ވީވަރެވެ.

މިއަދުގެ ހާލަތަކީ ކޭސްތަކުގެ ޢަދަދު 700 އިން މަތިވުމެވެ. ހަސްފަތާލުތައް ފުރިއްޖެއެވެ. ބަލިމީހުން އެނދުމަތިކުރާނެ ޖާގައެއް ނެތި ގޭގައި މަޑުކުރަން އާދޭސް ކުރަންޖެހޭ ހިސާބަށް ކަންތައް ހިނގައްޖެއެވެ. މި ހިސާބަށް މި ކަންތައް ދިޔައީ، ގިނަ ބަޔަކަށް ދެ ވަނަ ޑޯޒްވެސް ޖަހާފައި ވަނިކޮށެވެ. އެހެންވިއްޔާ މިކަމުގައި އޮތީ ކޮން ފަރާތެއްގެ އިހްމާލެއް ހެއްޔެވެ؟

އަވަށްޓެރި ގައުމުތަކުގައި ހެސްކިޔާފައި ކޮވިޑް ފެތުރެނީއެވެ. އެކަމަކު އެ ގައުމުތަކުގެ މީހުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތެވެ. ކޮވިޑް ގާތު ރޭނގަނޑު 12 އިން ފަތިހު 4 އަށް ސައިކަލު ދުއްވާ މީހުންނަށް "ހަމަލާ" ދޭށޭ ކިޔާފައި އަޅުގަނޑުމެން މި ތިބެނީއެވެ. އެންމެންގެ އަތްމަތީ ބަހަކީ ފަރުދީ ޒިންމާއެވެ.

ރާއްޖޭގެ ހާލަތު މިއަށްވުރެ ދަށްނުވަނީސް، ނަތީޖާ ނެރެވޭނެ ހަރުދަނާ ފިޔަވަޅު ސަރުކާރުން އަޅުއްވާދެއްވާށެވެ. ސިއްހީ މާހިރުންގެ ލަފާގެ މަތިން ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ގޮތެއް ސަރުކާރުން ހައްދަވައިދެއްވާށެވެ. ކޮވިޑް ބަލިން އަރައިގަނެވޭނީ، ސިޔާސީ ވިސްނުމަކުން ނޫނެވެ. ސިއްހީ ވިސްނުން އިސްކޮށްގެނެވެ. ވަގުތު ފާއިތުނުވަނީސް، އަވަހަށް މަސައްކަތް ފައްޓަވާށެވެ. ލިބިދާނެ ދެރައަކަށް ވިސްނަވާލައްވާށެވެ. ޕްލީޒް އެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.