Support Us

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އަދި ސްޕޯޓްސް މިނިސްޓަރު މަހުލޫފު

ފުޓްބޯޅައާއި ވޮލީއާ ވާދަކޮށް މަހުލޫފް ބަލިވެއްޖެ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އައު ސަރުކާރުން ފުރަތަމަ ވެސް ބެލީ އެމީހުން ހިތް އެދޭ ބަޔަކު ކުޅިވަރު އެސޯސިއޭޝަންތަކަށް ލުމަށެވެ. ހާއްސަކޮށް ފުޓްބޯޅަ އާއި ވޮލީ އެސޯސިއޭޝަނުން ފެއިލްވެފައި ތިބި އެންމެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެމީހުންގެ ޒާތީ ވިސްނުންތައް އޮއްސައިލި އެވެ. އަދި ތަނެއް ދޮރެއް ނުބަލައި މަހުލޫފް ވެސް ބޫޓަށް އަރާވަޑައިގެން އަވަސްވެވަޑައިގަތީ ސިޔާސީ ފޯރީގައި "ކުރީގެ ސަރުކާރުގެ ސަޕޯޓަރުން" ބޮޑު ދެ އެސޯސިއޭޝަނުން ބޭރުކޮށް މުޅިން އާ މެޗަކަށް ތައްޔާރުވުމަށެވެ.

އެފްއޭއެމުގައި ސިޔާސީ ހަރަކާތް ހިންގިތަ؟

ދެކޮޅު ބަލައިނުލައި މަހުލޫފް އެންމެ ފުރަތަމަ ވެސް ދިމާކޮށްލީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ އެފްއޭއެމާ އެވެ. ރައީސް ޔާމީނަށް ސިޔާސީ ހަރަކާތް ހިންގި ތަނެއް ކަމަށް ބުނެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހޫރުވާލަން ދޭތިން އެކައްޗަށް ކުޅެންފެށި އެވެ.

ތެދެކެވެ. ޕީޕަލްސް ކަޕް ބޭއްވި ދުވަސްވަރު ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އެފްއޭއެމަށް ގިނަގިނައިން ވަޑައިގަންނަވަ އެވެ. މީގެ ސަބަބުން އެމްއެމްޕީއާރުސީގެ ފައިސާ ހޯދަން ކުރި ތަހުގީގުތަކުގައި އެފްއޭއެމުން "ކަޅުދަބަހެއް" ބޭރުކުރޭތޯ ބަލަން ސިފައިން ފޯރިމެރި އެވެ. އެކަމަކު އެތެރެއަކަށް ނުވަދެ އެވެ. ރައީސް ޔާމީންގެ ބޭސް ފަރުވާ އަށް އެފްއޭއެމުގައި ހުންނަ ކްލިނިކަށް ވަޑައިގަންނަވަ އެވެ. އެތަނުގެ އޮފީހަށް ވަޑައިގެން ފުޓްބޯޅައިގެ ކަންކަމަށް ލަފާ ދެއްވައި، ތަނުގެ ހިންގުމާ ރައީސް ޔާމީން ބެހިވަޑައެއްނުގަނެއެވެ. މެޑަމް ފާތިމަތު އިބްރާހީމް އިސްވެ ހުންނަވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި ފުޓްސަލް މުބާރާތްތައް ހިންގުމުގެ ބަޔަކާއި ފުޓްސަލް ދަނޑުއެޅުމުގެ ބައެއް މަސައްކަތް ހަވާލުކޮށްފައި އޮތީ އެފްއޭއެމާ އެވެ. އެކަމަކު މެޑަމް ފާތިމަތު އިބްރާހީމް ވެސް އެފްއޭއެމަށް ވަޑައެއްނުގަނެއެވެ. ފާޑުކިއުން އެންމެ ބޮޑުވީ އެފްއޭއެމް ތިރީގައި ކުއްޔަށް ދީފައި ހުރި މަސްފިހާރަ ހުހަށް ހުރި ދުވަސްވަރެއްގައި އެތަނުގައި ޕީޕީއެމްގެ އަތޮޅުތަކުގެ ބޭފުޅުން ބައްދަލުވުންތަކެއް ބޭއްވުމުންނެވެ. އެވެސް ދެތިން ބައްދަލުވުމެކެވެ. އެފްއޭއެމުގައި މިފަދަ ކަމެއް ހިނގިޔަނުދިއުމަށްޓަކައި ފުޓްބޯޅަ އާއިލާއިން ފާޑުކިޔަން ފެށުމުން އެކަން ދެތިން ދުވަހެއްގެ ތެރޭގައި ހުއްޓާލި އެވެ.

ނަމަވެސް މަހުލޫފް ވިދާޅުވީ މިހެންނެވެ.

"އެފްއޭއެމުގައި މެޑަމް ފާތުންގެ އޮފީހެއް ހިންގި. ފީފާ އާއި އޭއެފްސީން ދިން ލާރި ވަނީ ކާލާފައި. އެފްއޭއެމަކީ މިވަގުތުން ވަގުތަށް ވެސް ބަދަލު ކުރަންޖެހޭ ތަނެއް. ފުޓްބޯޅަ ކުރިއެރުވުމުގެ ބަދަލުގައި މިތަނުގައި ހިންގަނީ މުޅީން ކޮރަޕްޝަން."

ވޮލީއާ ދިމާކޮށްލީ ކީއްވެ؟

ވޮލީބޯޅަ އެސޯސިއޭޝަން ބަދަލުކުރަން މަހުލޫފް ނުކުމެވަޑައިގަތީ އެތަނުގެ އިންތިޚާބީ ރައީސް މުހައްމަދު ލަތީފަކީ ޕީޕީއެމްގެ އިސް ސަފުގެ ހަރަކާތްތެރިއަކަށް ވުމުންނެވެ. އަދި ވޮލީ ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ވެސް ހުއްޓެވެ. ގައުމީ ޓީމުގެ ޖާޒީގެ ކުލަ ފިޔާތޮއްޓަށް ބަދަލުކުރުމުން ފެށިގެން ވޮލީގެ ގިނަ ހަރަކާތްތަކެއްގައި ލަތީފް ސިޔާސީ ކުލަ ޖެއްސި އެވެ. މިހެންވެ ގަޑުބަޑުވެފައި އޮތް ވޮލީ އެސޯސިއޭޝަން ބަދަލުކުރަން ވޮލީގެ އިސްވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމުގައި އެކަށޭނެ ސަބަބުތަކެއް އެބަހުއްޓެވެ.

މަހުލޫފު އެޅީ ޅައެއްޗެއްތަ؟

ބައްސާމާއި ލަތީފް ބޭރުކުރަން ބަލާއިރު ދެ މީހުންގެ މައްސަލަ އުޑާއި ބިމާހާ ތަފާތެވެ. އެކަމަކު މިކަން އިތުރަށް ގޯސްވެ ސަރުކާރަށް ތާއީދު ގެއްލުނީ މަހުލޫފް ބަލާނުލައި އެޅުއްވި ފިޔަވަޅުތަކުންނެވެ. ބައްސާމާ ދިމާކޮށްލީ އެސޯސިއޭޝަނަށް ފީފާއިން ދީފައިވާ ބާރުތަކާއި ގަދަކަމުން ތަޅައިގެންފިނަމަ ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިމަތިވެދާނެ މައްސަލަތަކާއި ކުލަބުތަކުގެ ތާއީދަށް ބެލުމެއްނެތި ހަމައެކަނި ވާދަވެރީން ދެއްކި ޒާތީ ވާހަކަތަކަށް ބަރޯސާވެގެންނެވެ.

އެފްއޭއެމް ބަދަލުކުރާނަމަ ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ ކުލަބުތަކުގެ ރުހުން ހޯދުމެވެ. އެކަމަކު ރައީސް ޔާމީން ސަރުކާރުން ކުލަބުތަކަށް ދެމުން އައި ތިން މިލިއަން ރުފިޔާ ދިނުން ހުއްޓާލަން ސަރުކާރުން އިއުލާނުކުރި އެވެ. އެއަށްފަހު ކުލަބުތަކުގެ ވެރިންނަށް އެފްއޭއެމް ބަދަލުކޮށްފިނަމަ ލިބޭނެ މަންފާތަކުގެ ގޮތުގައި ދެއްކީ އެކި ކުލަބުތަކަށް އެކި މަންޒަރެވެ. ނަތީޖާއަކަށްވީ ބައްސާމަށް އޮތް އިތުބާރު ބޮޑުވާން ފެށުމެވެ. އަމިއްލަފުޅު ގޭގައި މަހުލޫފާއި އޭރުގެ އެކްޓިން ޔޫތު މިނިސްޓަރު އަލީވަހީދު ކުލަބުތަކާއެކު ސިއްރުން ހެދި ޑީލްތަކާއި ކުރި ސޮއިތަކާއި ހެދި ޕެޓިޝަންތައް ރޫޅައި ކުދިކުދިކޮށްލާނެ ގޮތް ބައްސާމްގެ ޓީމަށް އެނގެމުންދިޔައީ ލައިވްކޮށެވެ.

ވޮލީ އެސޯސިއޭޝަނުން ލަތީފް ބޭރުކުރަން ދިމާކޮށްލީ ވެސް ވިސްނުމެއްނެތި އެވެ. އާދައިގެ އެސޯސިއޭޝަނެއް ބަދަލުކުރެވޭނެހާ ފަސޭހައިން ކަންނިންމާލެވިދާނެ ކަމަށް ހީކޮށް މިނިސްޓްރީން އެކުލަވާލި ވަގުތީ ކޮމިޓީ ދުނިޔޭގެ ވޮލީބޯޅަ ފެޑަރޭޝަނުން ގަބޫލެއްވެސް ނުކުރި އެވެ. ނުވިތާކަށް ވޮލީގެ ތެރެއަށް ވަދެ ސަރުކާރުން ބަސްބުނާ ނަމަ ރާއްޖޭގެ ވޮލީ އެސޯސިއޭޝަން ސަސްޕެންޑްކޮށްލާނެކަމުގެ އިންޒާރުވެސް ދިނެވެ. މިވަރުން ވެސް ލަތީފާ ތޮޅެން މިނިސްޓްރީން މަސައްކަތްކުރި އެވެ. އެކަމަކު އެފްއައިވީބީގެ ކޮންގްރެސް އާއި އެނޫން ވެސް ބަދަލުވުންތަކުން ފުރިހަމަ ބާރުލިބިގެން އަދިވެސް ވޮލީގެ ރައީސަކީ ލަތީފެވެ.

ހޭވެރިކަންވީއިރު މަހުލޫފްގެ އިތުބާރު ގެއްލިއްޖެ

ދޮޅު އަހަރު ވަންދެން ތަޅަތަޅައި ވަރުބަލިވިއިރު ވެސް މެޗު ނުނިމުމުން މަހުލޫފް މިހާރު ހުންނެވީ ދޫދެއްވައިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވެސް ދާދި ފަހުން ވިދާޅުވީ "ރާއްޖެ ސަސްޕެންޑްކޮށްފިނަމަ އަޅުގަނޑާއި ރައީސް (ސޯލިހް) އަށްވުރެ ގޯސް މީހަކު ނުހުންނާނެ" ކަމަށެވެ. އަދި "އެފްއޭއެމްގެ އިންތިހާބު ހުއްޓާލަން މިނިސްޓްރީން އެންގުމަކީ ވަރަށް ފިނޑި އަދި ހުތުރު އަމަލެއް" ކަމަށެވެ.

ކުރިއާ ހިލާފަށް މިފަހުން މަހުލޫފްގެ މިސްރާބު ބަދަލުވުމުން ކުރިން އެކުގައި ތިއްބެވި މީހުންނާއި އޭރުގެ ވާދަވެރީން ވެސް ދަނީ ތުހުމަތުތަކެއް ވެސް ކުރަމުންނެވެ. ބައްސާމާއެކު ކުލަބު ވޯލްޑް ކަޕް ބައްލަވަން ވަޑައިގަތުމާއި އެނޫން ވެސް ރާއްޖޭން ބޭރުގެ ދަތުރުތަކުގައި ވަޑައިގެން އެބުނާ "ކޮރަޕްޓް" ޓީމަށް މަހުލޫފު ވެސް ވަދެވަޑައިގެންފި ކަމަށް ގިނަ ބަޔަކު ދަނީ އިތުބާރާއެކު ބުނަމުންނެވެ. މިކަމުގައި އިސްކޮށް ހުންނެވީ އެފްއޭއެމުގެ ކުރީގެ ރައީސް އަލީ އާޒިމެވެ. ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ރައީސްކަން ވެސް ކުރައްވާ އާޒިމް މަހުލޫފާމެދު ވިދާޅުވީ މިހެންނެވެ.

"ގާނޫނާ ހިލާފަށް ކަންކަންކުރާއިރު އެކަމަށް ފިޔަވަޅު ނާޅާ ވަޒީރަކު ހުންނެވުމުގެ ބޭނުމެއް ނެތް. އަޅުގަނޑު މަޖިލީހަށް (އެފްއޭއެމްގެ މައްސަލާގައި) ގަރާރު ހުށަހެޅުމުގެ ކުރިން މިނިސްޓަރާ ބައްދަލުކުރިން. އެ ބައްދަލުވުން ނުނިމެނީސް އެ ގަރާރާއި އެ ބައްދަލުވުމުގައި ދެއްކި ހުރިހާ ވާހަކައެއް އޮތީ އެފްއޭއެމަށް އެނގިފައި. މިފެންވަރުގެ ވަޒީރުން ތިބެގެން އެއްވެސް ކަމެއް ރަނގަޅެއްނުވާނެ. ޒިންމާ އަދާނުކުރާނަމަ އިތުބާރުނެތްކަމުގެ ވޯޓު ނަގާނަން."

ހަގީގަތުގައި ފުޓްބޯޅަ އާއި ވޮލީގެ މައްސަލައިން މަހުލޫފްގެ އިތުބާރުގެއްލިއްޖެ ހެއްޔެވެ؟ ފެންނަން އޮތީ ދެ ކަމެކެވެ. ފުޓްބޯޅައިން ބައްސާމް ބަލިކުރަން މަހުލޫފް ނުކުންނެވީ ކީޕަރަކު ނެތި އެވެ. ލަތީފް ބަލިނުކުރެވުނީ ސެޓަރަކު ނެތި ކުޅެން ހަދައިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *