Support Us

ތާސްބަޔަކުންވެސް ފިލާވަޅެއް ލިބިދާނެ ދެއްތޯއެވެ؟

އަނެއްކާވެސް އަޅުގަނޑުމެން ކުޑައިވަރު އިރުގެ ވާހަކައެކެވެ. މި ފަހަރު ދަންނަވަން އޮތީ ތާސްބައެއްގެ ވާހަކައެކެވެ.

އަޅުގަނޑުމެން ދުނިޔެ ތެރެޔަށް ހޭލައިގަނެގެން އައިއިރު، ރޯދަމަހަށް ތާސް ކުޅުމަކީ ބައެއް ގޭގޭގައި ވަރަށް ފޯރީޔާއެކު ކުރެވެމުން ދިޔަ ކަމެކެވެ. މިހެން ދެންނެވިޔަސް، އެއީ ހަމަ އެ ދުވަސްވަރު ބައެއް ގޭގޭގައި ބޮޑު މަނަލުން މަނާވެފައި އޮންނަ ކަމެއްވެސް މެއެވެ. އެހެން ނަމަވެސް، ތާސް ކުޅުމަކީ އެންމެންގެ ސަމާލުކަން އެ ދުވަސްވަރު އެއަށް ލިބިފައި އޮތް ކަމެކެވެ. މިހެން މި ދަންނަވަނީ، ބޮޑު މަނަލުން މަނާ ގޭގޭގެ ގިނަ މީހުންވެސް އެއިރު ތާސް ކުޅެން ދަންނާނެތީއެވެ. މިއީ ޙަޔާތުގައި ބައެއް ކަހަލަ ކަންކަން އަބަދުވެސް ދިމާވާ ގޮތް ނޫންތޯއެވެ!

މިފަހަކަށް އައިސް، ތާސް ކުޅުމަކީ އަޅުގަނޑުމެންގެ ތެރޭގައި އެހައި ފޯރީގައި ކުރެވެމުންދާ ކަމެކޭ ދެންނެވޭކަށް ނެތެވެ. އެޔަށް ވުރެ ފޯރީގަދަ ކަންކަން މާ ގާތުން ލިބެން ހުރީމައިވެސް ތޯއްޗެކެވެ. މިހައިރު ވާ ގޮތަކީ، ތާސްބައެއް ގަންނަން ގަމުތެރޭ ފިހާރަޔަކަށް ވަނަސް، ސޭޓަކަށް އިނީ ޒުވާން ފުރައިގެ ދިވެއްސަކަށް ވެއްޖިއްޔާ، ތާސްބަޔަކީ ކޮބައިކަން އޭނާޔަށް ނޭނގުން އޮންނާނީ ވަރަށް ގާތުގައެވެ. ސޭޓަކަށް އިނީ ބިދޭސީ ރާގަކަށް ދިވެހި ބަހުން ވާހަކަ ދައްކާ އަޚުވަންތަ ގަމުވެހީންގެ ގިންތީގައި ހިމެނޭ މީހަކަށް ވެއްޖިއްޔާ، އެއީ އެމީހުން ދަންނަ އެއްޗަކަށްވެސް ނުވެއެވެ. ތަންކޮޅެއް ހަރުކުލައިގެ، ދެވަންފުރައިގެ ސޭޓަކާ ދިމާ މަދު ފަހަރަކު، ތިޔައުޅެނީ މަސްއޫލިއްޔަތު ނުއުފުލައި ގަނޑުޖަހައިލަން ތިބޭ ބަޔަށް ވަންނަންހޭ އަހައިލިޔަސް… ދިރިއުޅުމަކީ އެކަހަލަ އެއްޗެކެވެ.

އަޅުގަނޑު ވެސް ކުޑައިރު ތާސް ކުޅެން ދަސްކުރީމެވެ. އެގޮތުން އަޅުގަނޑަށް ދަސްވި ބައެއް ކަންކަން މިތާނގައި ދަންނަވައިލެވޭތޯ ބަލާނަމެވެ. އަދި މި އުޅެވެނީ ތާސް ކުޅެން ދަސްކުރުމުގެ ސަބަބުން ހިތަށް އަރާ ބައެއް އެއްޗިހިން ލިބޭހެން ހީވާ ބައެއް ފިލާވަޅުގެ ވާހަކަވެސް މިތާނގައި ދަންނަވައިލަން ކަމަށެވެ.

އެންމެ ފުރަތަމަ ތާހުގެ އަސާސީ ޢަދަދު ތަކަށް ބަލައިލަމާތޯއެވެ. ތާސްބައެއްގައި ޢާންމު ގޮތެއްގައި އޮންނާނީ ހަތަރު ރަނގައެވެ. އެއީ ކާލާޔާއި، ލާލާއި، ރުމާލާއި، ޗިޅިޔާ، މި ހަތަރު ރަނގައެވެ. މި ހަތަރު ރަނގައިން ކުރެ ކޮންމެ ރަނގަޔަކުން ތޭރަ ގަނޑު ހަމަ ކުރީމައި، ތާސްބައިގެ އަސާސީ ގަނޑުތައް އެ ހަމަވީއެވެ. އެއީ ޖުމުލަ ބާވަންނަ ގަނޑެވެ. އެކަމަކު އަދި އެޔާ ގުޅޭ އެހެން ވާހަކައެއް އެބައޮތެވެ.

މިދެންނެވި އަސާސީ ބާވަންނަ ގަނޑުގެ އިތުރުން، ތާސްބައި ގަންނަ އިރު އޭގައި ދެ ޖޯކަރު އޮތުން އެއީ ވަރަށް މުހިންމު ކަމެކެވެ. އެއީ ތާސްބަޔަށް ދިވެހިން ނަން ދޭން ބޭނުންކުރި ކުޅި ފިޔަވައި ބައެއް އެހެން ކުޅި ކުޅޭ އިރު، ޖޯކަރު ބޭނުންވާތީ އޮންނަ ދެ ގަނޑޭ ބުނާ އަޑު އަޅުގަނޑުވެސް އަހަމެވެ. ކޮންމެއަކަސް، ތާހަކީ މައި ކުޅިޔަށް ވެފައި، އެއީ ޢާންމު ދިރިއުޅުމުގެ ރަމްޒެއް ކަަމަށް ބަލައިފައިމެ، ޖޯކަރަކީ ތާސްކުޅުމުގައި ހަމަ އެއްގޮތަކަށްވެސް ބޭނުން ކުރާ އެއްޗަކަށް އަދި ނުވިޔަސް، އަލަށް ގަންނަ ތާސްބައިގައި ޖޯކަރު ނެތިއްޔާ، ގަންނަން ދާ މީހާ އެ ތާސްބަޔަކު ނުހިފާނެއެވެ. ތިޔައީ ބަޔަކު ކަނޑައިގެން އައުކަން ކެނޑިފައިވާ ތާސްބަޔެކޭ ބުނާނެއެވެ. ދެން އެ ކަމުން ލިބޭ ފިލާވަޅަކީ ކޮބައިހޭ، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އައްސަވައިފާނެއެވެ. ޖަވާބުގައި އަޅުގަނޑު ދަންނަވާނީ މިހެނެވެ. ދެ ޖޯކަރު މުހިންމު ވަނީ ތާސް ނޫން އެހެން ކުޅި ކުޅި ކުޅޭ  ބަޔަކަށެވެ. އެހެން ވީމައި، ތާސްބައެއް ފުރިހަމަ ވާނީ އޭގެ ތެރޭގައި ފިސާރި ސަމައްތަރު ހެއު ދެ ޖޯކަރުވެސް އޮވެގެން، އެހެން ނޫންތޯއެވެ!  ދިރިއުޅުމޭ މިކިޔާ ”ގޭމް“ ގައިވެސް ކަން ވަނީ އެހެން ނޫންތޯއެވެ!

ތާސްބައިގެ ކޮންމެ ރަނގައެއްގެ ތޭރަ ގަނޑަށް ބަލައިލާއިރު ނަންބަރު އެކަކަށް ދީފައި އޮންނަނީ ލެޓިން އަކުރެކެވެ. އެޔަށް ފަހު، ދޭކުން ފެށިގެން ދިހަޔަކާ ހަމަޔަށް އޮންނަނީ ނަންބަރު ޖަހައިފައެވެ. އެހެނަސް، އެ ހިސާބުން ހަމަހަމަ ކަމުގެ އެ ސިފަ އެ ގެއްލުނީއެވެ. އެގާރަޔާއި، ބާރަޔާއި، ތޭރަ އެއީ އެއިރުގެ ބައެއް މީހުން ކިޔައި އުޅުނު ގޮތަށް ނަމަ ”ބުދު“ ދެއްތޯއެވެ! ގުލާމާއި، ބިބީ އާއި، ބައިސާއެވެ. އެ ގަނޑުތަކުގައި ހުންނަނީ ސޫރަ ކުރަހައި، ޒާތް ޒާތުގެ ކުރެހުން އަޅައިފައެވެ. ތާސްބައިގެ އެންމެހައި ގަނޑަކީ އެ ބަންދުކޮށްފައި އޮންނަ އުރަޔަށް ލާންވީމާ، ހުރިހައި ގަނޑެއް ހަމަހަމަ، އެއް މިނަކަށް ފެތިފައި ހުންނަން ޖެހޭ ގަނޑުތަކަކަށް ވިޔަސް، އަތްދަށު ގުލާމަކާ ޖެހުނީމައި، ނުވަތަ ރަނި ބިބީ އަކާ ޖެހުނީމައި، ނުވަތަ ރަސް ބާދުޝާހު ބައިސާޔަކާ ޖެހުނީމައި، ޚާއްޞަ ގޮތްތަކެއް ވާންޖެހެއެވެ. ޑިމޯކުރަސީގައި ”ވީ.އައި.ޕީ“ ވާ ގޮތަށް ދެއްތޯއެވެ! އަދި ކާލާ މަންނަ ކޮބައިތޯއެެވެ. އެހެން މަންނަ ތަކާ ޚިލާފަށް، އެއީ ބަތްޕޮޅިޔެއްގެ ބޮޑުމިނަށް ކުރަހައިފައި އޮންނަ އެއްޗެކޭ ބުނާ މީހުން ވެސް އުޅެއެވެ. މި ދެންނެވީ އަޅެ މުޖުތަމަޢުގެ ފޮޓޯއަކަށް ހަމަ ނުވޭތޯއެވެ؟

ދެން އޮތީ ތާސް ކުޅުމުގައި ގެންގުޅޭ ބައެއް ހަމަތަކުގެ ވާހަކައެވެ. ކުޅޭ ގޮތް ތަފްޞީލު ކޮށް އަދި ނުދެންނެވިޔަސް، ގަނޑެއްގެ ބާރުގަދަކަން ވަޒަން ކުރަނީ އެ ގަނޑަކަށް ލިބިފައިވާ ޢަދަދަކުންނެވެ. މިސާލެއް ދަންނަވާނަމަ، ތިނެއްގެ މައްޗަށް ހަމަ އެ ރަނގައިގެ އަށެއް ލައިފިތަ، ބާރު ގަދަވާނީ އަށެކެވެ. އަދި ޢަދަދު ޖަހައިފައި އޮންނަ ގަނޑެއްގެ މައްޗަށް ”ބުދެއް“ ލައިފިތަ، ބާރު ގަދަވާނީ ”ބުދެވެ.“ އެކަމަކު ”ބުދު“ ތަކުގެ ތެރޭގައިވެސް ބާރު ގަދަ ކަމުގެ ތަރުތީބެއް އޮވެއެވެ. ތިޔަ ހީފުޅު ކުރެއްވުނީ ރަނގަޅަށެވެ. އެއީ ގުލާމުގެ މައްޗަށް ބިބީ، ބިބީގެ މައްޗަށް ބައިސާއެވެ. އެހެން ނަމަވެސް، ބައިސާގެ މައްޗަށް އެއްކަލަ ލެޓިން އަކުރުގެ މަންނަ ގަދަވެގަނެއެވެ. ޙަޔާތުގެ ހަމަހަމަ ކަމުގައިވެސް އޮންނަނީ އެ ގޮތް ނޫންތޯއެވެ؟ ތިމާޔަށް ލިބިގެންވާ ޢަދަދު ނުވަތަ އަކުރު ބޮޑު ނަމަ… އެހެން ނޫންތޯއެވެ!

އެކަމަކު އަދި މަޑު ކޮށްލައްވައި ދެއްވާށެވެ. ހުކުން ބުނުން އަދި އެބަ އޮތެވެ. އެއީ ހުކުން ބުނާ ހަމަތަކުގެ ވާހަކަ މިތާނގައި ނުދައްކައި، ދަންނަވާނެ ވާހަކަޔަކީ، ގަނޑެއް ފެށޭއިރު ވަކި ރަނގަޔަށް ހުކުން ބުނެފިތަ، އެ ރަނގަޔަށް އެ ހިސާބުން އާދަޔާ ޚިލާފު ބާރެއް ލިބިދެއެވެ. ވަކި ރަނގަޔަކުން ކުޅެމުން ދަނިކޮށް، ކޮންމެވެސް އެކަކާ ހަމަޔަށް ކުޅުން އަންނައިރު، އޭނާގެ އަތުގައި އެ ރަނގައިގެ ގަނޑެއް ނެތިއްޔާ، ހުކުމުގެ ރަނގައިގެ ގަނޑެއް މޭޒު މައްޗަށް ލުމަކީ އޭނާގެ އިޚްތިޔާރުގައި އޮންނަ ކަމެކެވެ. އޭނާ އެހެން ހަދައިފިތަ، އެ އޮތީ ހުކުން އަޅައިފައެވެ. އެހިސާބަށް ކުޅުން އައިއިރު އެންމެ މަތީގައި އޮތީ މަންނަޔަކަސް، ބައިސާޔަަކަސް، ހުކުމުގެ ދޭކަށްވެސް އެ އަތްބައި ލިބިދާނެއެވެ. ހުކުމަކީ، ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް، މާ ބާރު ގަދަ އެއްޗެކެވެ. އަދި ދަންނަވަން ތޯއެވެ! ކުޅެމުން ދާ ރަނގަ އަތުގައި ހުއްޓައި ނެތޭ ކިޔައިގެން އޮޅުވައިލައިފައި ހުކުން އަޅާ މީހުންވެސް އުޅެއެވެ. އެ ކަހަލަ މީހުން އެހެން ހަދާ ފަހަރު ތަކުގައި ހިފި، ނުހިފި، މިހެންވެސް ވެފައި އެބަހުއްޓެވެ. ހިފިއްޖިއްޔާ ”ކޯޓު“ ވީ އެވެ. ނުހިފިއްޖިއްޔާ ކުރާނެ ކަމެއް ނެތެވެ.  ވަށައިގެން ބައްލަވާ ލައްވާށެވެ. ތާސް ގަނޑެއް އެބަ ކުޅެވެޔޭ ހިތްޕުޅަށް އަރާވަގުތާއި ނާރާ ވަގުތު މިހައިރުވެސް އައުން ހަމަ އެކަށީގެންވެއެވެ.

ދެން އޮތީ އެންމެންވެސް އެހައި ބޮޑު ސަމާލު ކަމެއް އެޔަށް ނުދޭ ކަންތަކުގެ ވާހަކައެވެ. އެކަމަކު އެއީ،އެ ކަމުން އެ ދައްކާ ކަމަށް ބުނެވޭ އެއްޗަކީ ޙަޤީޤަތެއްކަމަށް ފެންނަ މީހުންނަށް ހުރި ބޮޑު ނުރައްކަލެއްކަން އެ ކަހަލަ ކަންކަމާ ވިސްނާ މީހުންނަށް ވަރަށް ރަނގަޅަށް ދޭހަވެދާ ކަހަލަ ކަމެކެވެ.މި ދަންނަވަނީ ތާސްބައިގެ ގަނޑުތަކުގެ ފުރަގަހުގައި އެ ހުންނަ ކުރެހުމުގެ ވާހަކައެވެ. ކޮންމެ ތާސްބައެއްގެ އަސާސީ ބާވަންނަ ގަނޑާއި، ދެ ޖޯކަރާއި، ދެންވެސް އޮތްހައި ގަނޑެއްގެ ފުރަގަހުގައި އެ ހުންނަނީ އެއް ކުރެހުމެކެވެ. ބޮޑުވާ ބިއްލޫރި އަޅައިގެން ބެއްޔަސް، ތަފާތެއް ނުފެންނަ އެއް ކުރެހުމެކެވެ. މަންނައިގެ ފުރަގަހުގައިވެސް އެ ކުރެހުމެވެ. ގުލާމާއި، ބިބީއާއި، ބައިސާގެ ފުރަގަހުގައިވެސް އެ ކުރެހުމެވެ. އާދައިގެ ނަންބަރު ތަކުގެ ގަނޑުތަކާއި ޖޯކަރުގެ ފުރަގަހުގައިވެސް ހަމަ އެކައްޗެކެވެ. ތާސް ގަނޑެއް ފަށަން ހުކުން ބުނާއިރު ބާވަންނަ ގަނޑު މޭޒުމަތީގައި ފުށަތުން އަތުރައިލައިފައި ކޮންމެވެސް އެއް ގަނޑެއް ނަގަން އެ ބުނަނީ އެހެން ވެގެންނެވެ. ނެގޭނޭ ގަނޑެއްގެ ވަނަވަރާއި ފެންވަރާއި ކުލަޔާއި ދާމޫގަނޑުވެސް ނަގާ މީހާޔަށް ނޭނގޭނެތީއެވެ.

ތާސްބައެއްގެ އެއްބައިވަންތަކަން ދައްކުވައިދެނީ މި ދެންނެވި ކުރެހުމުންނެވެ. ހުރިހައި ގޮތަކުން އެއް ގޮތް ކުރެހުމުންނެވެ. މައްޗަކާއި ތިރިޔެއްވެސް ފާހަގަކޮށް ދައްކަން ނޭނގޭ، ހަމަހަމަ ކަމުގެ ނަމޫނާޔަކަށްވާ ލާމަސީލު އެ ކުރެހުމުންނެވެ. އެކަމަކު، ގަނޑުގެ އަނެއް ފަރާތުގައި… އެކި މިންވަރަށް ދާއިމީ ބާރު ލިބިގެންދާ ޢަދަދު ތަކެވެ. ”ވީ.އައި.ޕީ“ ގަނޑު ތަކެވެ. ”ބުދު“ ތަކެވެ. ޖޯކަރެވެ. އަދި ހުކުން ބުނެވިއްޖެ ގޮތަކުން ވަގުތީ ބާރުވެސް ލިބިގެންދާ، އެކި ގޮތުން ތަފާތު އެކި ގަނޑެވެ. އަޅެ މިއީ ދިރިއުޅުމުގެ ފިލާވަޅަކަށް ހަމަ ނުވޭތޯއެވެ؟