Support Us

ލަފްޒަކާއެކު ހިނދުކޮޅެއް: ޑެމޯގޮގްގެ އަސްލާއި މާނައާއި އޭގެ ދިވެހި ލަފްޒެއް ހެދުމުގެ މައްޗަށް ބަލައިލުމެއް

އަނެއްކާވެސް މިއަދު ގަސްދުކުރަނީ ލަފްޒެއްގެ މައްޗަށް ބަލައިލާށެވެ. އޭގެ އަސްލާއި މާނައިގެ މައްޗަށް ބަލާލައި އެއަށް ދިވެހި ލަފްޒެއް ހުށަހަޅާލާށެވެ. މީގެ އިތުރުން އެލަފްޒާ ބެހޭ ގޮތުން އެއްޗެއް ވެސް ބުނެލާށެވެ.

މިއަދު، އެ ލަފްޒުގު މައްޗަށް ބަލާލަން ގަސްދުކުރާ ލަފްޒަކީ "ޑިމޯގޮގް" މިއެވެ. މި ލަފްޒު އުފެދިފައިވަނީ ޔޫނާނީ ބަހުގެ ދެ ލަފްޒަކުންނެވެ. ފުރަތަމަ ލަފްޒަކީ ޑިމޯސް، އާންމު މީހުންނެވެ. މިތަނުގައި ބުނާ އާންމު މީހުންގެ މާނަ ދެނެގަތުމަށްޓަކައި ޑިމޯސް އުފެދިފައިވާ ގޮތަށް ވެސް ބަލާލަން ޖެހެއެވެ. ޑިމޯސް އުފެދިފައިވަނީ ޔޫނާނީ ބަހުގެ "ޑަމޯ" މި ލަފްޒުންނެވެ. މާނައަކީ 'ބައިކުރެވިފައިވާ ބައިތަކުން ބައެއް' މި އެވެ. މީގެ އަސްލު ގުޅެނީ ޔޫނާނި ބަހުގެ ޑާ، ބައިކުރުން، މި ލަފްޒާއެވެ. އިނގިރޭސި 'ޑިވައިޑް' (ބައިކުރުން)، މިލަފްޒުގެ އަސްލު ވެސް ގުޅެނީ މި 'ޑާ' އާއެވެ.

ކޮންމެ އަކަސް، މިއަސްލުގެ މައްޗަށް ބަލާލުމުން، ޑިމޯސް އިން ގަސްދުކުރެވޭ 'އާންމު މީހުން’، މީގެ މާނަ ދޭހަކޮށްގަނެވެއެވެ. މިތަނުގައި ޑިމޯސް، އާންމު މީހުންނޭ، ބުނެ އިޝާރަތްކުރަނީ، މުޖުތަމައުގެ އާންމު މީހުންގެ ތެރެއިން ވަކި ބަޔަކަށެވެ. ތިމާގެ އަމިއްލަ ވިސްނުމާއި ފިކުރުކުރުން ބޭނުންކުރުމުގެ މިންގަނޑުން މިނެކިރައި، މުޖުތަމައުގެ އަފުރާދުން ބަހާލައި، އަމިއްލަ ވިސްނުމާއި ފިކުރުން ބޭނުން ނުކުރާ، ނާދަނު (ތަންދޮރު ނުދަންނަ، 'ނައީވް') އާދެ، މީހުން ބުނާހާ އެއްޗެއް ފަސޭހައިން ގަބޫލުކުރާ (ގަލިބަލް)، ދާދި ފަސޭހައިން 'ގުނބޯ ހެއްދޭ’، 'ބޯކާލެވޭ' އާންމު މީހުންގެ ބަޔަށެވެ.

ޑެމޯގޮގް، މި ލަފްޒު އުފެއްދުމުގައި ބައިވެރިވާ ޔޫނާނީ ބަހުގެ އަނެއް ލަފްޒަކީ އަގޯގޯސް އެވެ. މާނައަކީ ލީޑަރެވެ. މަގުދައްކާ މީހާއެވެ. އަގޯގޯސްގެ އަސްލު ގުޅެނީ ޔޫނާނީ ބަހުގެ 'އަގެއިން' މިލަފްޒާއެވެ. އާދެ، މަގުދެއްކުމާއެވެ.

ޑެމޯގޮގް، މި ލަފްޒު އުފެއްދުމުގައި ބައިވެރިވާ ދެ ލަފްޒު، ޑެމޯސް އާއި އަގޯގޯސްގެ މާނަ ހިތަށް ގެނެސް، ޑެމޯގޮގްގެ މާނައާ މެދު ވިސްނާލުމުން، ޑިމޯގޮގްގެ މާނަ ސާފުވެއެވެ. އާދެ، ޑެމޯގޮގް އަކީ އަމިއްލަ ވިސްނުމާއި ފިކުރު ބޭނުން ނުކުރާ، ނާދަނު، ފަސޭހައިން ގުނބޯ ހެއްދޭ، މީހުންގެ ލީޑަރެވެ. ޒައީމެވެ. އާންމުންގެ ތެރޭގައި ހިމެނޭ މިނަންގަތް ބައިގަނޑު ހިލުވާލުމަށްޓަކައި ޑެމޯގަގުން ބޭނުން ކުރާ އުކުޅުތަކެއް ހުރެއެވެ. އެމީހުންގެ ޖަޒުބާތުތަކާ ކުޅެލުމެވެ. ދޮގާއި އޮޅުވާލުން ބޭނުން ކުރުމެވެ. ކަންކަން ގޯސްވުމުން، އެކަންކަން އިސްލާހުކުރުމުގެ ބަދަލުގައި، އެ ކަންކަން، އެހެން މީހުންގެ މައްޗަށް ފޫޅުކެނޑުމެވެ. މީހުން ބިރުގެންނެވުމެވެ. އާދެ، ކުރު ގޮތަކަށް ބުނާ ނަމަ، ހަގީގަތުގެ މައްޗަށް ބެލުމުގެ ބޭނުމެއް އޮތްކަމަށް ނުދެކި، ރިވެތި އަޚުލާގީ އުސޫލުތަކާ ދުރުވެ ހުރެ، ވާހަކަދެއްކުމެވެ.

ދެން، ޑެމޯގޮގްއަށް ދިވެހިން ކިޔާނީ ކީކޭ ބާވައެވެ؟ ޑެމޯގޮގްގެ ދިވެހި ލަފްޒަކަށް އަޅުގަނޑު ހުށަހަޅާލާ ހިތްވަނީ 'ލަޚްލާގީޑަރު' މި ލަފްޒެވެ. މި ލަފްޒު އުފެދިފައިވާ ގޮތް ސާފުކޮށްލަދޭނަމެވެ. 'ލަޚްލާގީޑަރު' އުފެދިފައިވަނީ ތިން ލަފްޒަކުންނެވެ. ލާ، އާއި އަޚްލާގީއާއި، އަދި ލީޑަރު، މި ތިން ލަފްޒުންނެވެ. ނެތުމުގެ މާނައިގައި ދިވެހިން 'ލާ' ބޭނުންކުރެއެވެ. ލާސާނީ، ދެވަނައެއް ނެތް، ލާމަސީލު، މިސާލެއް ނެތް، ލާޚައިރު، ހެވެއް ނެތް (އަންގާރަ ލާޚައިރު)، މިފަދަ އިބާރާތްތަކަކީ ދިވެހި ބަހުގައި އާންމުކޮށް ބޭނުންކޮށް އުޅޭ އިބާރާތްތަކެކެވެ. އެހެންވީމާ ލަޚްލާގީޑަރަކީ އަޚުލާގެއް، އުސޫލުތަކެއް (ޕްރިންސިޕަލް ތަކެއް) ނެތް ލީޑަރެވެ. ޒައީމެވެ. މީހުން ހިލުވާލައި، އޭނާގެ ކޮޅަށް ލަންބުވާލުމުގެ ގޮތުން، އަޚުލާގީ ރިވެތި އުސޫލުތަކަކީ ބޭނުން އެއްޗެއްކަން ނުދެކޭ ލީޑަރެވެ.

ދެން، ކުރު ގޮތަކަށް ނަމަވެސް، ބަލާލަން ބޭނުންވަނީ، ޑެމޯގޮގުން، އާދެ ލަޚްލާގީޑަރުން، އެމީހުންގެ ކޮޅަށް މީސްމީހުން ލަންބުވާލަން ބޭނުން ކުރާ އުކުޅުތަކުގެ މައްޗަށެވެ. ކުރިންވެސް އިޝާރަތްކޮށްލި ފަދައިން، ނާދަނު އާންމު މީސްތަކުން ހައްލާލައި ހިލުވާލަން، ލަޚްލާގީޑަރުން ބޭނުންކުރާ އެއް ހީލަތަކީ އެހެން މީހުންގެ މައްޗަށް ނުރަނގަޅު ކަންކަން ފޫޅުކެނޑުމެވެ. މިސާލަކަށް ތަނުގައި ވައްކަމާއި ފަސާދަ، އޮޅުމާއި މަކަރު ހެދުން، އަށަގަންފައި އޮތްކަން މީހަކު ބުނެފި ނަމަ، އެކަންކަން ހައްލުކުރަން އުޅުމުގެ ބަދަލުގައި، އެކަންމަކީ ކުރިންވެސް ކަން އޮތްގޮތް ކަމާއި އެކަން ކުރީ އެހެން ބަޔެއްކަން ފާހަގަކޮށް، ހުއްޓާނުލައި، ލަޚްލާގީޑަރުން މިހެން ކިޔަމުންދެއެވެ. ނޫނީ، އެ މީހެއްގެ ދުވަސް ދުއްވާލަން ބޭނުންވާ މީހަކަށް އެކަން ފޫޅުކަނޑައި އެވާހަކަ ދައްކަމުން ދެއެވެ. އެކަންކަން އިސްލާހުކުރަން އެދި، ބޭނުން ވެގެންނެއް ނޫނެވެ. އިސްލާހުކުރަން އުޅޭ ގޮތް ދައްކާލުމަށްޓަކައެވެ. އާދެ، ނާދަނު އާންމު މީސްތަކުންގެ ލޮލުގައި ކަންކަން އިސްލާހުކުރަން އުޅޭ މީހެއްކަން ދެއްކުމުގެ އަނދުން އެޅުވުމުގެ ގޮތުންނެވެ. އެތައް ދުވަހެއް ވަންދެން ކަންކަން އިސްލާހު ކުރުމުގެ ފުރުސަތު ލިބިފައި އޮވެދާނެއެވެ. އަދި، ފަސާދައިގެ އަމަލުތައް އޭނާއާއި އޭނާގެ ބައިވެރިން ކުރަމުންގެންދާތަން އެންމެނަށް ފެނިދާނެ ވެސް މެއެވެ. މިކަމުގެ ސަބަބުން، ލަޚްލާގީޑަރުގެ މަގުބޫލުކަން ކުޑަވާހެން ހީވުމުން، ނުވަތަ ކޮންމެ ވެސް އެހެން މީހެއްގެ މައްޗަށް ބާރު ހިންގުމަށް ބޭނުންވުމުން، ނުވަތަ އޭނާ ބޭނުން ކޮންމެ ވެސް އެހެން ސިޔާސީ ބޭނުމެއް ފުއްދުމަށް ބޭނުން ވުމުން، ތިމާއަކީ މުޅި ގައުމު ވިއްކާލި މީހެއް ކަމަށް ވިޔަސް، ތިމާއަށް ވުރެ ބޮޑު ނަޒާހަތްތެރިޔަކު ނެތްކަން ދެއްކުމުގެ ގޮތުން، ފަސާދައާއި ވައްކަން ފަދަ އަމަލުތައް، އިސްލާހުކުރަން ނޫޅެ، އެހެން މީހުންގެ މައްޗަށް އެކަންކަން ފޫޅުކެނޑުމުގެ ވާހަކަތައް ދައްކަމުން ގެންދަނީއެވެ.

ލަޚްލާގީޑަރުންގެ ދެވަނަ އުކުޅަކީ ރޯ ބުހުތާން ދޮގު ހެދުމެވެ. ރޯމާ ދުވާލަށް ރޭގަނޑޭ ބުނަން ވެސް އެމީހުން ޖެހިލުމެއް ނުވެއެވެ. މީހެއްގެ ބޮލުގައި ފަސާދައާއި ތުހުމަތު އެޅުވުމުން، ހެއްކާއެކު އެއީ ހަގީގަތެއް ނޫންކަމަށް ދެއްކިޔަސް، ތެދުބަސް ނިކުންނާނީ ހަމައެކަނި ތިމާގެ ދުލުންކަމަށް ދައްކައިގެން އެވަގުތަކު ތިމާ ނުރުހޭ މީހާގެ ދުވަސް ދުއްވާލަން މަސައްކަތް ކުރެއެވެ. އެހެން މިސާލެކެވެ. މިވެނި ބޭންކަކީ ނުވަތަ މިވެނި ތަނަކީ ލަޚްލާގިޑަރު، އޭނާގެ އަމިއްލަ ކޮންމެވެސް ސަބަބަކާ ހުރެ، ނުރުހޭ ތަނަކަށް ވެއްޖެ ނަމަ، ލޯނު ނެގުމުގެ ނުބައި ވާހަކަ ދައްކައެވެ. ނަމަވެސް، އެ ނުރުހޭ ތަންތަނުން ލޯނު ނަގާ ވަރަށް ވުރެ، އެތައް ގުނައެއް އިތުރުން، ލަޚްލާގީޑަރު ރުހޭ ބޭންކަކުން ނުވަތަ ރުހޭ ތަނަކުން ލޯނުތައް ނެގިއަސް އެއީ މައްސަލައެއް ނޫނެވެ! ލަޚްލާގީޑަރުގެ ނަޒަރުގައި އެއީ ދަރަނިވެރިވާ ކަމެއް ވެސް ނޫނެވެ.

މީގެ އިތުރުން ވެސް، ލަޚްލާގީޑަރުން ބޭނުންކުރާ އުކުޅުތަކާއި ހީލަތްތައް ހުރެއެވެ. ބިރުދެއްކުމެވެ. ދޮންކޭލަކީ ލަޚުލާގީޑަރަށް ކަމުނުދާ މޭވާއަކަށް ވެއްޖެ ނަމަ، އެ ކެއުމުގެ ނުރައްކާތެރިކަން އޭނާގެ ނާދަނު މީހުން ގާތު ބުނެ، އެމީހުން ގުނބޯ ހައްދައެވެ. އޭނާގެ ޚަސްމުންނަކީ ކަންކަން ނޭނގޭ، ބަލިކަށި، ތެދުވެރިކަމާއި އެއްވެސް އިޚުލާސްތެރިކަމެއް ނެތް، އަދި ހެއްދެވިހައި ނުބައި ކަމެއް ކުރާ ބައެއް ކަމަށް ބުނެ، އެފަދަ ޚަސްމުންނާ ޒާތީގޮތުން ދިމާކުރުން ވެސް އެއީ ލަޚްލާގީޑަރުން ގެންގުޅޭ އުކުޅެކެވެ. ލަޚްލާގީޑަރުންގެ ޚަސްމުންނާ މެދު، މިފަދައިން އެއްޗެހި ބުނެ ވާހަކަދެއްކުމުގެ ބޭނުމަކީ ޚުދް ލަޚްލާގީޑަރުންނަކީ މިފަދަ ސިފަތައް ލިބިފައިވާ ބައެއް ކަމަށް ވުމުން، މީސްތަކުން، ލަޚްލާގީޑަރުންގެ މައްޗަށް އެކަންކަމުގެ ތުހުމަތުކޮށް، ލަޚްލާގީޑަރުންގެ މައްޗަށް މީސްތަކުންގެ ސަމާލުކަން ހުއްޓިދާނެތީ ބޭނުންކުރާ އުކުޅެކެވެ. ފުއްދުން މުސްތަހީލު ވައުދުތައް ކުރުމަކީ ވެސް ލަޚްލާގީޑަރުން ގެންގުޅޭ އުކުޅެކެވެ. މިވެނި ކަމެއް ވެއްޖެ ނަމަ، ހުރިހާ ރައްޔިތުންނަށް ހަނދުން ބިންގަނެ ގޯތި ދޭނޭ ފަދަ ވައުދުތައް ކުރަން ވެސް، ލަޚްލާގީޑަރުން ޖެހިލުން ނުވާނެއެވެ. ލަޚްލާގީޑަރުންނަށް ބާރެއް ލިބިއްޖެ ނަމަ، ގާނޫނުތަކާއި ގަވާއިދުތަކަށް ބެލުމެއް ނެތި، އެމީހުންގެ ޚުދްމުޚްތާރު ވެރިކަމެއް ގާއިމުކުރުމަށްޓަކައި، މަސައްކަތްކުރެއެވެ. ބައެއް ފަހަރު، ހިތުހުރި ގޮތަކަށް ގާނޫނުތައް ބަދަލުކޮށްގެންނެވެ. އަނެއްބައި ފަހަރު، ގާނޫނުތައް އޮތް ތާނގައި ބާއްވާފައި، އެމީހުންގެ ހިތް އެދޭ ގޮތަކަށް ކަންތައްތައް ކުރެއެވެ. އާދެ، މިއީ، ނާދަނު އާންމު މީސްތަކުން ވާވައްދަން ލަޚްލާގީޑަރުން ބޭނުންކުރާ ބައެއް އުކުޅުތަކެވެ. އެފަދަ ނާދަނު މީސްތަކުންގެ ކައިރީގައި ލަޚްލާގީޑަރުންގެ މަގުބޫލުކަން ހޯދުމުގެ ގޮތުންނެވެ. ލަޚްލާގީޑަރުންނާއި އެމީހުންގެ އަމަލުތައް ދައްކުވައިދޭ މިސާލުތަައް ތާރީޚީ ސަފުހާތަކުން ފެނެއެވެ.

ތާރީޚުގެ ސަފުހާތަކަށް ނަޒަރު ހިންގާލާއިރު، ހުރިހާ ޒަމާނެއްގައި ވެސް، އަދި ހުރިހާ ތަނެއްގައި ވެސް، މިފަދަ ޑެމޯގަގުން، އާދެ، ލަޚްލާގީޑަރުން، އުޅެފައިވާކަން ފެނިގެން ދެއެވެ. މީލާދީ ސަނަތުގެ ހަތަރުވަރަކަށް ގަރުނުގެ ކުރީގައި އުޅުނު އެތެންސުގެ ކިލެއޯންއަކީ އިހުގެ ލަޚްލާގީޑަރުންގެ ތެރެއިން ފާހަގަކޮށްލެވުނު ޑަރެކެވެ. އޭނާގެ ޚަސްމުން މެރުމާއި އެމީހުންގެ އަނބިދަރިން ވިއްކައި އަޅުވެތި ކުރުމަށް ކިލެއޯން ގޮވާލިއެވެ. އޭނާއަށް މަގުދެއްކި އޭނާގެ އުސޫލަކަށް ވެފައި އޮތީ ނަފުރަތެވެ. މަތީ ފަންތީގެ މީހުންނަށް ނަފުރަތުކުރުމާއި މަދީނާގެ މައްޗަށް އެކުލެވިފައިވާ ޔޫނާނުގެ އެހެން މަދީނާއެއް ކަމުގައިވާ އިސްޕާޓާ ފަދަ، އޭނާގެ ރަށް، އެތެންސާ ވާދަވެރި ރަށްތަކަށް ނަފުރަތުކުރުމެވެ. އެހެންވެ، އޭނާ ދިރިހުރިހައި ހިނދަކު އެތަންސާއި އިސްޕާޓާއާ ދެމެދު ސުލްހަވެރިކަމެއް ގާއިމު ނުކުރެވެއެވެ. ސުލްހަވެރިކަން އައީ އޭނާ މަރުވުމަށް ފަހުއެވެ.

ދެން ކައިރި މާޒީއަށް ބަލާލާއިރު، 1930ގެ ކުރީކޮޅުގެ އަހަރުތަކުގައި އެމެރިކާގެ ލޫސީއާނާގެ ގަވަރުނަރުކަން ކުރި، އަދި އެމެރިކާގެ ރިޔާސީ ގޮނޑިއަށް ކުރިމަތިލުމުގެ އެދުން ފާޅުކޮށް އެކަމަށް މަސައްކަތްވެސް ކުރި ހުއޭ ލޯންގް އާއި، 1950ގެ އަހަރުތަކުގައި ހަމަ އެމެރިކާގެ ވިސްކޮންސިންގެ ސެނޭޓަރުކަން ކުރި ޖޯސަފް މެކާތީ ހިމެނެއެވެ. މީގެ ތެރެއިން ލޯންގްއަކީ ލޫސިއާނާއިގައި، ގާނޫނާއި ގަވާއިދާ ޚިލާފަށް އޭނާގެ ޚަސްމުން ހައްޔަރުކޮށް، އެ އިސްޓޭޓުގައި އިސްތިބްދާދީ ވެރިކަމެއް ހިންގި ވެރިޔެކެވެ. އޭނާ ނިމިގެން ދިޔައީ މީހެއްގެ ބަޑީގެ އުންޑައެއްގެ ޝިކާރައަކަށް ވެގެންނެވެ. މެކާތީއަކީ މީހުން ބިރުގަންނަވައިގެން މީހުންގެ ސަމާލުކަމާއި މަގުބޫލުކަން ހޯދަން އުޅުނު މީހެކެވެ. އެމެރިކާގެ ފެޑަރަލް ސަރުކާރު އޮތީ ކޮމިޔުނިސްޓު ޖާސޫސުންގެ މީހުންތަކުން ފުރިފައިކަމަށް އޭނާ ދައުވާކުރިއެވެ. އަދި، އެމެރިކާގެ ފައުޖަށް ވެސް އޭނާގެ ބަހުގެ ހަމަލާތައް ރައްދުކުރިއެވެ. ނަމަވެސް، އޭނާގެ ވާހަކަތަކަކީ އެއްވެސް ހަގިގަތެއް ނެތް ވާހަކަތަކެއް ކަމަށް އެނގުމުން އޭނާގެ މަޝްހޫރުކަމާއި މަގުބޫލުކަން ގެއްލިގެން ދިޔައެވެ. ލޯންގްއާއި މެކާތީގެ އިތުރުން، ޖަރުމަނުވިލާތުގެ ހިޓުލަރާއި އިޓަލީ ވިލާތުގެ މުސޯލިނީއަކީ ވެސް، ފަހުގެ ތާރީޚުގައި ފާހަގަކޮށްލެވުނު ލަޚްލާގީޑަރުންގެ ތެރޭގައި ހިމެނޭ ޑަރުންނެވެ. މިދެ މީހުންނަކީ ވެސް، ދޮގު ވާހަކަތަކާއި، އޮޅުވާލުންތައް ބޭނުންކޮށްގެން މީސްތަކުން ހިލުވާލައި ހައްލާލައިގެން، ވޯޓުގެ ޒަރިއްޔާއިން ބާރު ހޯދި ލަޚްލާގީޑަރުންނެވެ.

ދެން، ފަހު ނުކުތާއަކަށް އޮތީ ލަޚުލާގީޑަރުންގެ ނުރައްކަލުގެ ވާހަކައެވެ. އެފަދަ ޑަރުންނާ ހެދި ގައުމުތަކަށް ކުރިމަތިވާ ނުރައްކަލުގެ ވާހަކައެވެ. މި ނުރައްކަލުގެ ވާހަކަ، ސާފުކޮށް ކުރު ގޮތަކަށް އިހުގެ މުއައްރިޚަކު ބުނެދީފައި އޮވެއެވެ. އާދެ، ހަލިކަރުނޭސިއަސްގެ ފުތް ޑިއޮނީސިއަސް އެވެ. މީނާއަކީ މީލާދުގެ އެއް ގަރުނުގެ ކުރިން، ޔޫނާނުގައި އުޅުނު އިހުގެ މުއައްރިޚެކެވެ. ރޯމަނުންގެ އިހުގެ ވާހަކަތަކާ ބެހޭ ގޮތުން ތާރީޚީ ފޮތެއް ލިޔުނު ލިޔުންތެރިއެކެވެ. ލަޚްލާގީޑަރުންގެ ސަބަބުން ގައުމުތަކަށް ކުރިމަތިވާ ނުރައްކަލާ ބެހޭ ގޮތުން ޑިއޮނީސިއަސް، އޭނާގެ ރޫމަނުންގެ އެވޭލާ ތާރީޚާ ބެހޭ ގޮތުން ލިޔުނު ފޮތުގައި ބުނެފައި އޮވެއެވެ. "ގައުމެއް ހަލާކުކޮށްލަން އޮތް އެންމެ ކުރުމަގަކީ [އެ ގައުމުގެ ވެރިކަމާއި] ބާރު، ލަޚްލާގީޑަރަކާ ހަވާލުކުރުމެވެ."

ޑިއޮނީސިއަސް ބުނެފައި އޮވެއެވެ. "ގައުމެއް ހަލާކުކޮށްލަން އޮތް އެންމެ ކުރުމަގަކީ [އެ ގައުމުގެ ވެރިކަމާއި] ބާރު، ޑެމޯގަގަކާ (އާދެ، ލަޚްލާގީޑަރަކާ) ހަވާލުކުރުމެވެ."

މި ބުނުމުގެ މިސްދާގިއްޔަތު، ތެދުކަން، ހިޓިލަރުގެ ޖަރުމަނުގެ ނިމުމަށް ބަލާލުމުން ފެނި، އެނގިގެން ދެއެވެ. އާދެ، 1945ގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުނުއިރު، ޖަރުމަނު ވިލާތް، އާދެ، ނަވާރަވަނަ ގަރުނާއި ވިހިވަނަ ގަރުނުގެ ކުރީކޮޅާ ހަމައަށް އައިރު، މުޅި ޔޫރަޕުގައި، ހުރިހާ ގޮތަކުން، އިގުތިސާދީ ގޮތުންނާއި އިލްމީގޮތުން، ސިނާއީ ގޮތުންނާއި އިޖުތިމާއީ ގޮތުން، ކުރިއަރާފައި އޮތް ޖަރުމަނުވިލާތް، – އޮތީ މުޅިން ފުނޑުފުނޑުވެ ވީރާނާވެފައެވެ.

ޑެމޯގޮގް، މި ލަފްޒުގެ މައްޗަށް ބަލައިލި ބަލާލުމުން ސާފުވެދިޔައި ކޮންކޮން ކަމެއް ހެއްޔެވެ؟ ލަފްޒުގެ އަސްލަކީ ޑެމޯސް، 'އާންމު މީހުން' އާއި އަގޯގޯސް، ލީޑަރު، މަގުދައްކާ މީހާ' ކަމެވެ. އަމިއްލަ ވިސްނުމާއި ފިކުރުކުރުން ބޭނުން ނުކުރާ ތަންދޮރު ދަތުން ކުޑަ، ނާދަނު މީހުންގެ ލީޑަރުކަމެވެ. ނަވާރަވަނަ ގަރުނުގެ އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ޖޭމްސް ކޫޕަރގެ އިބާރާތުން ނަމަ 'ގައުމުގެ ކުނިބުނީގެ ލީޑަރެވެ.' ޑެމޯގޮގްގެ ދިވެހި ލަފްޒެއްކަމުގައި ހުށަހަޅާލެވުނީ 'ލަޚްލާގީޑަރު' މި ލަފްޒެވެ. ލާއަޚުލާގީ ލީޑަރު’، އަޚުލާގެއް، އުސޫލެއް ނެތް ލީޑަރު، މި އިބާރާތް ކުރުކޮށްލައިގެންނެވެ. މީގެ އިތުރުން، ލަޚްލާގީޑަރުންގެ އުކުޅުތަކުގެ މައްޗަށް ވެސް، މި ލިޔުމުގައި، ބަލާލެވުނެވެ. ދޮގު ހެދުމާއި އޮޅުވާލުމެވެ. ހުރިހާ ގޯހެއް، ނުރަނގަޅު ކަންކަމެއް، އެކަންކަން އިސްލާހުކުރުމުގެ ބަދަލުގައި، އެހެން މީހުންގެ މައްޗަށް ފޫޅުކަނޑައި، ތިމާމެން ކުރާ އެފަދަ ކަންތައްތަކަށް ފަސްއަޅައި ފޮރުވަން އުޅުމެވެ. އަދި، ލަޚްލާގީޑަރުންގެ މަގުބޫލުކަން ގެއްލޭ ވަގުތުތަކުގައި، ތިމާމެންނަކީ ގައުމަށް ޣަދަރުވެރިވެ، ޚިޔާނަތްތެރިވެފައިވާ ބަޔަކު ކަމުގައި ވިޔަސް، ތިމާމެން ވަރުގެ ނަޒާހަތްތެރި ބަޔަކު ނެތްކަމުގެ އަނދުން މީސްތަކުންގެ ލޮލުގައި އަޅުވައި، ފަސާދައާއި ވައްކަން ނައްތާލަން އުޅޭ ގޮތް ދައްކައި ހެދުމެވެ. މީގެ އިތުރުން، ލަޚްލާގީޑަރުންގެ ޚަސްމުންނާ ޒާތީ ގޮތުން ދިމާކޮށް އެމީހުންގެ ދުވަސް ދުއްވާލަން އުޅެއެވެ. އެފަދަ ޚަސްމުންގެ ބޮލުގައި ރޯ ބުހުތާނު ދޮގުތައް އަޅުވައިގެން ވިޔަސް ވެހެވެ. ދެން، ތާރީޚުގައި ފާހަގަކޮށްލެވުނު، ބޮޑެތި ބައެއް ލަޚްލާގީޑަރުންގެ ކުރު ވާހަކަކޮޅެއް ގެނެވުނެވެ. އިހުގެ ޔޫނާނުގެ އެތަންސުގެ ކިލެއޯން ފަދައެވެ. ފަހުގެ ތާރީޚުގެ ތެރެއިން އެމެރިކާގެ ލޯންގްއާއި މެކާތީ ފަދައެވެ. އަދި، ޖަރުމަނުގެ ހިޓިލަރާއި އިޓަލީގެ މުސޯލިނީ ފަދައެވެ. ވާހަކަކޮޅު ނިންމާލީ ޑިމޯގަގުން، އާދެ، ލަޚްލާގީޑަރުންގެ ސަބަބުން ގައުމުތަކަށް ކުރިމަތިވާ ނުރައްކާ ފާހަގަކޮށްލަމުންނެވެ. ޔޫނާނުގެ އިހުގެ މުއައްރިޚު ޑިއޮނީސިއަސް ބުނެފައިވާ ފަދައިން، ލަޚްލާގީޑަރެއްގެ އަތްމައްޗަށް ތަނުގެ ބާރު އަރައިފި ނަމަ، އެތަން ހަލާކުވާން ލަހެއް ފަހެއް ނުވާނޭ ވާހަކަ ބުނަމުންނެވެ.

މިވާހަކަތަކުން ލިބޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ޑެމޯގަގުން ނުވަތަ ލަޚްލާގީޑަރުން ފާހަގަކޮށް، ދެނެގަނެ، އެފަދަ ލަޚްލާގީޑަރުންގެ އަތްމަތީ ގައުމު ހަލާކުވެ ނުދަނީސް، އެމީހުންގެ ކިބައިން ގައުމާއި މީސްތަކުން ސަލާމަތްކުރުމެވެ.

[ނޯޓު: ފުރަތަމަ ތަސްވީރު ދައްކުވައިދެނީ، މެކްސިކޯގެ ކާޓޫނު ކުރެހުންތެރިއެއް ކަމަަށްވާ ހޯސޭ ކޮރްޒޯނޯ، ލަޚްލާގީޑަރު ރަމްޒުކޮށްދިނުމުގެ ގޮތުން ކުރަހާފައިވާ ކުރެހުމެކެވެ. ދެވަނަ ތަސްވީރުގައި އެވަނީ ޔޫނާނުގެ އިހުގެ މުއައްރިޚު ޑިމޯނޯސިއަސްގެ ޚިޔާލީ ސޫރައެކެވެ.]

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

  1. ލަޚްލާގީ – ވަރަށް ކަމުދޭ، ލަޚްލާގީޑަރު ތަންކޮޅެއް އުނދަގޫ
    މިހާރު ލީޑަރު މިލަފުޒަށް އޮންނަނީ ‘އިސްވާރު’ ހެންހީވަނީ. އެހެންވީމާ ލަޚްލާގީވާރު؟

    1. ވ. ރަނގަޅު ޚިޔާލެއް. އާލަފްޒު ލަފްޒު ދުލަށް ލުއިވެ، ކިޔާލަން ފަސޭހަވުން މުހިއްމު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *