Support Us

ރަމަޟާން މަސް ނަރަކައިން މުއްތިވުމުގެ ފާލަން- 2

ނަރަކައިން މިންޖުވުމުގެ މާނައަކީ އުރެދުންތެރިން ބިރުން ފިތްކަނޑައިގެން ދާއިރު އަމާންކަން ލިބިފައިވުމެވެ. އުރެދުންތެރިން ހިތާމަކުރާއިރު އުފާވެރިކަން ލިބިފައިވާ މީހަކަށް ވުމެވެ.އުރެދުންތެރީން އަބާއްޖަވެރިވެފައިވާއިރު ބާއްޖަވެރިކަން ލިބިފައިވާ މީހަކަށް ވުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ * نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِي أَنْفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ * نُزُلًا مِنْ غَفُورٍ رَحِيمٍ [1]– ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّه އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް ملائكة ން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް وعد ކުރައްވާ ކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ خبر ލިބިގަންނާށެވެ! ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ نفس ތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައި ވެއެވެ. އަދި (އުފަލާއި، އަރާމުގެ ތެރެއިން) ތިޔަބައިމީހުން ދަންނަވާހާ ކަމެއް ތިޔަބައިމީހުންނަށް ވެއެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ.))

ނަރަކައިން މުއްތިވުމުގެ މާނައަކީ ގުނާ ޢަދަދު ނުކުރެވޭހާ ގިނަގުނަ ސަވާބާއި ނިޢުމަތް ލިބުމެވެ. އޭގެފަހުން ދުވަހަކު ވެސް އޭނާ އަބާއްޖަވެރި ނުވާނެ ކާމިޔާބީއެއް ލިބުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ [2] – ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ.))

ނަރަކައިން މުއްތިވެވޭނީ ކިހިނެއް؟

ނަރަކައިން މުއްތިވެވޭނީ މާތްﷲ އަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން އިޚްލާޞްތެރިކަންމަތީ ހުރެ ރޯދަ ހިފައިގެންނެވެ. ރަމަޟާން މަހު ޤިޔާމުކޮށްގެންނެވެ. ސާބިތުކަމާއެކު ﷲއަށް ކިޔަމަންގަނެ އުރެދުންތަކާ ދުރުހެލިވެގެންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ وَمَرَدَةُ الْجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِي مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ، وَذَلِكَ كُلَّ لَيْلَةٍ[3]– ރަމަޟާންމަހުގެ ފުރަތަމަ ރޭ އައުމާއެކު ޝައިޠާނުންނާއި ޖިންނީންގެ މާރިދުން ކަސްތޮޅުއެޅުވިދާނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވިދާނެތެވެ. އޭގެތެރެއިން ހަމަ އެންމެ ދޮރެއް ވެސް ނުހުޅުވޭނެތެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިދާނެތެވެ.އޭގެތެރެއިން ހަމަ އެންމެ ދޮރުކޮޅެއް ވެސް ބަންދު ނުކުރެވޭނެތެވެ. ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެތެވެ. އޭ ހެޔޮކަންތައް ކުރުމަށް އެދޭމީހާއޭވެ! ތިބާ ހެޔޮކަންތައް ކުރުމަށް ކުރިމަތިލާށެވެ! އޭ ނުބައި ކަންތައްކުރުމަށް އެދޭ މީހާއޭވެ! ތިބާ ނުބައި ކަންތައްތައް ކުރުމަށް ފުރަގަސްދޭށޭވެ! އަދި ރަމަޟާން މަހުގައި ﷲ ނަރަކައިން މުއްތި ކުރައްވާ ބަޔަކު ވެއެވެ. އެއީ ހަމަ ކޮންމެ ރެއަކުއެވެ.))

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((الصِّيَامُ جُنَّةٌ وَحِصْنٌ حَصِينٌ مِنَ النَّار[4]– ރޯދައަކީ އައްޑަނައެކެވެ. އަދި އެއީ ނަރަކައިން ރައްކައުތެރިކޮށްދޭ ވަރުގަދަ ކިއްލާތަކުގެ ތެރެއިން ކިއްލާއެކެވެ.))

މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ، بَعَّدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا [5]– ﷲގެ ވަޖްހުފުޅަށް ޓަކައި ރޯދައެއް ހިފި މީހާގެ މޫނު ނަރަކައާ ހަތްދިހަ ޚަރީފުގެ މިންވަރަށް ﷲ ދުރަށް ލައްވާނެތެވެ.))

ނަރަކައިން މުއްތިވާން އެދޭ މީހާ ﷲއަށް އީމާންވެ ﷲއާ ޝަރީކު ކުރުމާ ދުރުހެލިވާން ޖެހޭނެއެވެ. އަދި ނަރަކައިން ރައްކައުތެރިކޮށް ދެއްވުމަށް އެދި ދުޢާކުރަން ޖެހޭނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِذا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ باللَّهِ مِن أَرْبَعٍ يقولُ: اللَّهُمَّ إنِّي أَعُوذُ بِكَ مِن عَذابِ جَهَنَّمَ، وَمِنْ عَذابِ القَبْرِ، وَمِنْ فِتْنَةِ المَحْيا والْمَماتِ، وَمِنْ شَرِّ فِتْنَةِ المَسِيحِ الدَّجّالِ[6]– ތިޔަބައިމީހުންކުރެ މީހަކު އައްތަޙިއްޔާތު ކިޔާއިރު ހަތަރު ކަމަކުން ރައްކައުތެރިކޮށް ދެއްވުމަށް އެދި ﷲއަށް ދުޢާކުރާށެވެ! ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި އަޅާ ޖަހަންނަމައިގެ ޢަޒާބުންނާއި ކަށްވަޅުގެ ޢަޒާބުންނާއި ދިރިހުރުމާއި މަރުވެ ދިޔުމުގެ ފިތުނައިންނާއި އެއް ލޯ އަވަރު ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށް ދެއްވުމަށް އިބަރަސްކަލާނގެ ޙަޟްރަތުން މި އަޅާ އެދެމުއެވެ.))

ނަރަކައިން މުއްތިކޮށް ދެއްވުމަށް އެދޭ މީހާ ﷲ ދެކެ ބިރުގަނެ އެކަލާނގެއަށް ޚުޝޫޢަތްތެރިވެ ނަރަކައިން ސަލާމަތްކޮށް ދެއްވުމަށް އެދި ރޮއި ހަދަން ޖެހޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((عَينانِ لا تَمَسُّهما النارُ:عينٌ بَكَتْ من خَشيةِ اللهِ، وعينٌ باتتْ تَحرُسُ في سَبيلِ اللهِ[7]– ދެ ލޮލެއްގައި ނަރަކަ ނުބީހޭނެތެވެ. ﷲ ދެކެ ބިރުން ރުއި ލޮލާއި ﷲގެ މަގުގައި ފާރަވެރިކަމުގައި ހުރި ލޮލެވެ.))

ނަރަކައިން މުއްތިވުމަށް އެދޭ މީހާ ޖަމާޢަތުގައި އާދަކޮށް ނަމާދު ކުރަންވާނެއެވެ. އެކަމަށް ފަރުވާ ބަހައްޓަން ވާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((من صلّى لله أربعينَ يومًا في جماعةٍ يدرِكُ التَّكبيرةَ الأولى، كتبَ لهُ براءتانِ: براءةٌ منَ النّارِ، وبراءةٌ منَ النِّفاقِ [8]– ސާޅީސް ދުވަހު ފުރަތަމަ ތަކްބީރުން ފެށިގެން ޖަމާޢާތުގައި ނަމާދު ކުރި މީހާއަށް ދެ ކަމަކުން ބަރީއަކޮށް ދެއްވާނެއެވެ. އެއީ ނަރަކައިން ބަރީއަކޮށްދެއްވުމާއި މުނާފިޤު ކަމުން ބަރީއަކޮށް ދެއްވުމެވެ.))

ނަރަކައިން މުއްތިވުމަށް އެދޭ މީހާ މާތް ﷲ ޙަރާން ކުރައްވާފައިވާ ޝަހަވާތްތަކާ ދުރުހެލިވާން ޖެހޭނެއެވެ. ރަމަޟާން މަސް އައިސްފައި މި ވަނީ ﷲގެ އަޅުތަކުން ޝަހަވާތްތަކާ ދުރުހެލިވުމަށް ބޭނުންވާ ތަރްބިޔަތު ދެއްވުމަށެވެ. ޝަހްވާތްތައް ބޮޑުވުމުގެ ސަބަބުން ކިތައް މީހުން ޙަރާން ކަންތައްތަކަށް އަރަގެންފައިވޭތޯއެވެ. ކިތައް މީހުން އުރެދުމުގެ މަޅީގައި ޖެހިފައިވޭތޯއެވެ. ކިތައް މީހުން، މީހުން އަބުރަށް އަރައިގެންފައިވޭތޯއެވެ. ކިތައް މީހުން މާރާމާރީތައް ހިންގައި މީސްތަކުންގެ ލޭ އޮހޮރުވާފައިވޭތޯއެވެ. ކިތައްމީހުން އަނެކުންގެ ޙައްޤުތަކުގެ މައްޗަށް އަރައިގަނެ އަނިޔާވެރިވެފައިވޭތޯއެވެ؟ ތިބާގެ ނަފްސު ޝަހަވާތްތަކާ ދުރަށްލާށެވެ! ޝަހަވާތްތަކުގެ އަޅުވެތިކަމުން ތިބާގެ ނަފްސު މިނިވަން ކުރާށެވެ. ޝަހަވަތްތަކަކީ ނަރަކައިގެ މަގެކެވެ. މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކުފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((حُفَّتِ الْجَنَّة بِالْمَكَارِهِ، وَحُفَّتِ النَّارُ بِالشَّهَوَاتِ [9]– ސުވަރުގެ ވަށައިލެވިގެން ވަނީ ކުރާހިތްނުވާ ކަންތައްތަކުންނެވެ. އަދި ނަރަކަ ވަށައިލެވިގެންވަނީ ކުރާހިތްވާ ޝަހަވާތްތަކުންނެވެ.))

ނަރަކައިން މުއްތިވުމަށް އެދޭ މީހާ އޭނާގެ ނަފްސު ނަރަކަ ރައްކައުތެރި ކުރަން މަސައްކަތް ކުރަންވާނެއެވެ. ﷲއަށް ކިޔަމަންގަނެގެންނާއި ﷲއަށް އުރެދުމާ ދުރުހެލިވެގެންނެވެ. މާތްﷲ ވަނީ ތިބާއަށް މި ކަމަށް އަމުރު ކުރައްވައިފައެވެ. ނަރަކައިގެ ދަރަކީ ނަރަކައިގެ އަހްލުވެރީންކަން ހަނދާން ކުރާށެވެ! އުނދުނުގައި ޖެއްސޭ ދަރުބޮޑިއަކަށް ވާން ތިބާ ބޭނުން ހެއްޔެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَاأَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ [10]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.))

ނަރަކައިން މުއްތިވުމަށް އެދޭ މީހާ މި ރަމަޟާން މަހުގައި ދީލަތި މީހަކަށް ވެވޭތޯ ބަލަން ވާނެއެވެ. ރޯދަވެރިއަކަށް ރޯދަވީއްލުމަށް ބޭނުންވާ ކާއެތިކޮޅެއް ތަނަވަސްކޮށްދޭށެވެ! މީސްތަކުންނަށް ރިވެތި ބަހުން  ވާހަކަ ދައްކާށެވެ! ރަމަޟާން މަހުގައި އަރާރުންވެ ޒުވާބު ނުކުރާށެވެ! ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ، فَمَنْ لَمْ يَجِدْ فبكَلِمَةٍ طَيِّبَةٍ [11]– ތިޔަބައިމީހުން ކަދުރު ފަޅިވަރަކުން ވިޔަސް ނަރަކައިން ރައްކައުތެރިވާށެވެ! އެފަދަ އެއްޗެއް ނުލިބުނު މީހާ ރިވެތި ބަހަކުން ވިޔަސްމެއެވެ.))

ﷲގެ އަޅުންނޭވެ! އަޅުގަނޑުމެން ނަރަކަ ދެކެ ބިރުގަންނަ ވާހަކަ ދައްކަމުއެވެ. އެހެންވިއްޔާ ކުށް ފާފަތައް މަތީގައި މި ތިބެނީ ކީއްވެގެން ހެއްޔެވެ؟

އަޅުގަނޑުމެން ނަރަކަ ދެކެ ބިރުގަންނަ ވާހަކަ ދައްކަމުއެވެ. އެހެންވިއްޔާ ﷲގެ އަމުރުފުޅުތަކަށް އިޖާބަ ނުދެނީ ކީއްވެގެން ހެއްޔެވެ؟ ދޮގުހަދަމުއެވެ. ނެތިމޮށެމުއެވެ. އެހެން މީހުންނަށް ފުރައްސާރަ ކުރަމުއެވެ. މަލާމާތް ކުރަމުއެވެ. ނަރަކައިން މިންޖުވޭތޯ ދުލުގެ ރޯގާތަކާ ދުރުހެލިވެވޭތޯ ބަލާމާ ހިނގާށެވެ؟ ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((وَهَلْ يَكُبُّ النَّاسَ فِي نَارِ جَهَنَّمَ إِلا حَصَائِدُ أَلْسِنَتِهِمْ[12]– އެބައިމީހުންގެ ދުލުން ކަނޑައި ގޮވާމެއްގެ ސަބަބުން މެނުވީ އެބައި މީހުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވޭނެ ހެއްޔެވެ؟))

 

[1] – فصلت: 30 – 32

[2]  – آل عمران: 185

[3]  – أخرجه الترمذي (٦٨٢)، وابن ماجه (١٦٤٢)

[4]  – أخرجه أحمد (٩٢١٤)  والبيهقي في «شعب الإيمان» (٣٥٧١)

[5]  – أخرجه الترمذي (١٦٢٢) والنسائي (٢٢٤٦)، وابن ماجه (١٧١٨)، وأحمد (٧٩٩٠)

[6]  – صحيح مسلم ٥٨٨  و مجموع الفتاوى ٢٢‏/٤٩٦

[7]  – أخرجه أبو يعلى (٤٣٤٦)، والطبراني في «المعجم الأوسط» (٥٧٧٩)، وابن عدي في «الكامل في الضعفاء» (٣/٢٣٣) و الترمذي (١٦٣٩)  وابن أبي عاصم في «الجهاد» (١٤٦)، وابن شاهين في «الترغيب في فضائل الأعمال» (٢٢٥)

[8]  –  أخرجه الترمذي (٢٤١) وأحمد (١٢٥٨٣)

[9]   –  أخرجه مسلم (٢٨٢٣) والبخاري (٦٤٨٧)  و أحمد (٨٩٣١)، والبزار (٣٢٠٣) وابن حبان (٧١٩)

[10]  – التحريم: 6

[11]  – أخرجه البخاري (١٤١٧)، ومسلم (١٠١٦) وأبو نعيم في «حلية الأولياء» (٧/١٢٩)، والخطيب في «تاريخ بغداد» (١٠/٤٦٩ )

[12]  –  رواه الطبرانى وابن ماجه والترمذى وأحمد

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *