Support Us

ފިޠުރު ޒަކާތް އަގުން ދެއްކުން- 2

ފިޠުރު ޒަކާތް ނެރެންޖެހޭ މީހުން

ތިމާގެ އަމިއްލަ ނަފްސުގެ މަތިން ފިޠުރުޒަކާތް ނެރުން ވާޖިބުވާ ފަދައިން، ތިމާ ޚަރަދުދީ ބެލެހެއްޓުން ވާޖިބުވެފައިވާ މީހުންގެ މަތިން ފިޠުރުޒަކާތް ނެރުމަކީ ތިމާގެ މައްޗަށް ވާޖިބުކަމެކެވެ.

އެމީހުންނަކީ، އަނބީންނާއި ދަރީންނާއި މައިން ބަފައިންނާއި، އަދި މިނޫންވެސް މިފަދަ މީހުންނެވެ. މި އެންމެންގެ މަތީން ފިޠުރުޒަކާތް ދެވެންނެތްނަމަ، ދިނުމަށް ކުޅަދާނަވެގެންވީ ބަޔަކުގެ މަތީން ފިޠުރު ޒަކާތް ދިނުން ވާޖިބު ވާނެއެވެ. ފިޠުރު ޒަކާތް ދިނުމުގައި އެންމެ އިސްކުރާނީ އަމިއްލަ ނަފްސެވެ. ދެން އަނބީންނެވެ. ދެން ޅަދަރީންނެވެ. ދެން ބައްޕައެވެ. ދެން މަންމައެވެ. ދެން ބޮޑެތި ދަރީންނެވެ. ދެން މިނޫން މީހުންނެވެ.

ޢީދުވިލޭރޭ ވިހޭކުއްޖާގެ ކިބައިން ފިޠުރުޒަކާތް ނެރޭކަށް ނުޖެހޭނެއެވެ. ބަނޑުގައިވާ ދަރިފުޅުގެ ފަރާތުންވެސް ފިޠުރު ޒަކާތް ދޭކަށް ނުޖެހޭނެއެވެ.

ފިޠުރުޒަކާތް ދެވޭނީ ކޮން ބަޔަކަށް 

ފިޠުރުޒަކާތް ދެވޭނީ މުދަލުޒަކާތް ދިނުން ހުއްދަ މީހުންނަށެވެ. އެހެނީ އެއީވެސް ޒަކާތެކެވެ. މާލިކީ މަޛްހަބާއި ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބު ބުނާގޮތުގައި ފިޠުރު ޒަކާތް ކާފިރަކަށް ނުދެވޭނެއެވެ. އެކަމަކު ޙަނަފީ މަޛްހަބު ބުނާ ގޮތުގައި ޒިންމީއަކަށް ދެވިދާނެއެވެ. އެއީ މަކްރޫހަ ކަމެކެވެ. ހާޝިމީވަންހައިގެ މީހަކަށް ފިޠުރުޒަކާތެއް ނުދެވޭނެއެވެ.[1]

އެތައް މީހެއްގެ ފިޠުރުޒަކާތް އެއްފަޤީރަކަށް ދެވިދާނެއެވެ. ހަމަ އެފަދައިން އެކެއްގެ ފިޠުރު ޒަކާތް އެތައް ފަޤީރުންނަކަށްވެސް ދެވިދާނެއެވެ.[2]

ފިޠުރުޒަކާތަށް ނެރުން ވާޖިބުވާ ތަކެތި

ފިޠުރުޒަކާތަށް ނެރުން ވާޖިބުވެގެންވަނީ އޮއްޓަރުހުރި ގޮވާމުގެ ތެރެއިން އެ މީހަކު އެ އަހަރު އާދަވެގެން ކާން ގެންގުޅުނު އެއްޗަކުންނެވެ. އެއީ، ހަނޑޫ، ގޮދަން، ބިންބި، ކުދިބަތް ފަދަ ތަކެއްޗެވެ. ޒަކާތަށްނެރެވޭ ތަކެއްޗަކީ ޢައިބުތަކުން ސަލާމަތް ވެގެންވާ ތަކެތި ކަމުގައިވުން ލާޒިމެވެ. މިތަކެތި އަގުކޮށް އޭގެ އަގަށްވާ ފައިސާވެސް ޒަކާތަށް ނެރެވިދާނެއެވެ.[3]

ޙަނަފީން ވިދާޅުވާ ގޮތުގައި ފިޠުރު ޒަކާތަށް ނެރެވޭނީ ގޮދަނާއި ހިމަގޮދަނާއި ކަދުރާއި ހިކިމޭބިސްކަދުރެވެ. ޒަކާތަށް ދޭންޖެހޭނީ ބައި ޞާޢެވެ. އެއީ ގާތްގަނޑަކަށް 3.8 ކީލޯގްރާމެވެ. ޙަނަފީން ވިދާޅުވާގޮތުގައި އޭގެ އަގު ނެރުންވެސް ހުއްދަވާނެއެވެ. އެހެނީ ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ [ أَغْنُوهُم عَنْ المَسْألَةِ فِى هَذَا الْيَوْمِ [4]– ތިޔަބައިމީހުން މިއަދު އެބައިމީހުން ސަލާން ޖެހުމުން ފުދުންތެރި ކޮށްދޭށެވެ.] އަގުދިނުމުންވެސް ފުދުންތެރި ކުރުވޭނެއެވެ.

މާލިކީން ވިދާޅުވާ ގޮތުގައި ފިޠުރުޒަކާތަށް ނެރެންޖެހޭނީ، އެ ރަށެއްގެ ބަޔަކު ޢާއްމުގޮތެއްގައި އެ އަހަރު ކައިއުޅުނު އެއްޗެކެވެ. އެއީ ނުވަ ބާވަތެކެވެ. އެއީ ގޮދަން ނުވަތަ ހިމަގޮދަން ނުވަތަ ޒުވާރި ނުވަތަ ކުދިބަތް ނުވަތަ ދުކުން ނުވަތަ ބިންބި ނުވަތަ ކަދުރު ނުވަތަ ހިކި މޭބިސްކަދުރު ނުވަތަ ހިކި ޗީޒެވެ. މި ބާވަތްތަކުގެ ތެރެއިން ޒަކާތަށް ނެރޭނީ ޢާއްމުކޮށް ކައިއުޅުނު އެއްޗެކެވެ. މިބާވަތްތައް ހިމެނޭނަމަ އޭގެތެރެއިން އެންމެ ރަގަނޅު އެއްޗެކެވެ. ފިޠުރުޒަކާތުގެ މިންވަރަކީ ޞާޢެކެވެ. އެއީ ހަތަރު މުއްދެވެ.

ޝާފިޢީން ވިދާޅުވާގޮތުގައި ޒަކާތަށް ނެރެންޖެހޭނީ އެރަށެއްގެ ބަޔަކު އެއަހަރު ތެރޭގައި ކައިއުޅުނު އެއްޗެހީގެ ތެރެއިން އެންމެ ރަނގަޅު އެއްޗެކެވެ. ހިމަގޮދަނަށްވުރެ ގޮދަނަށް އިސްކަންދެވޭނެއެވެ. ކަދުރަށްވުރެ ބޮޑަށް އިސްކަންދެވޭނީ ހިމަގޮދަނަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢެކެވެ. އެއީ ގާތްގަނޑަކަށް 2.4 ކީލޯގްރާމް ހަނޑުލެވެ.

ޙަންބަލީން ވިދާޅުވާގޮތުގައި ޒަކަތް ދޭންޖެހޭނީ ގޮދަނުން ނުވަތަ ހިމަގޮދަނުން ނުވަތަ ކަދުރުން ނުވަތަ ހިކިމޭބިސްކަދުރުން ނުވަތަ ހިކި ޗީޒުންނެވެ. މިބާވަތްތައް ނެތްނަމަ އެރަށުގެ ބަޔަކު ކައިއުޅޭ އެއްޗެކެވެ.

ފިޠުރު ޒަކާތް އަގުކޮށް ފައިސާ ދެއްކުން

ފިޠުރުޒަކާތް ފައިސާއިން ދެއްކުމުގެ ޙުކްމަކީ ކޮބައިހެއްޔެވެ؟ ޒަކާތަށް ނެރެން ޖެހޭނީ ފުށާއި، ހަނޑުލާއި ގޮދަން ފަދަ އޮއްޓަރު ހުރި ކާއެއްޗެހި ހެއްޔެވެ؟ ޑރ. ޔޫސުފުލް ޤަރްޟާވީ ވިދާޅުވިއެވެ. ((ކީރިތި ރަސޫލާ ﷺ ފިޠުރިޒަކާތް ފަރްޟުކުރެއްވިއިރު ކާތަކެތި ނެރެން އަމުރުކުރެއްވީ މީސްތަކުންނަށް ލުއިފަސޭހަކޮށް ދެއްވުމަށް ޓަކައެވެ. އެ ދުވަސްވަރު ގެންގުޅެނީ ރަނުގެ ނުވަތަ ރިހީގެ ފައިސާއެވެ. އެއީ މީސްތަކުންގެ ގާތުގައި ވަރަށް ލޮބުވެތި އެއްޗެކެވެ. ގިނަ ބަޔެއްގެ އަތުގައި ނަޤްދު ފައިސާ ނުވެސް ހުރެއެވެ. އެ ދުވަސްވަރު ފަޤީރުންނާއި މިސްކީނުން ނަޤްދު ފައިސާ ހޯދާކަށް ބޭނުމެއް ވެސް ނުވެއެވެ. އެމީހުން ބޭނުން ވަނީ ކާއެތިކޮޅެކެވެ. ރަސޫލާ ޖަމަލާއި ބަކަރި ގެންގުޅޭ މީހުންނަށް ޗީޒު ނެރުން ހުއްދަކުރެއްވީ އެމީހުންނަށް އެކަން ކުރަން ފަސޭހަވާނެތީއެވެ. ނަޤްދު ފައިސާއިން ޒަކާތްދައްކަން އެންގެވިނަމަ އޭގެ އަގަށް އަންނަ ބަދަލާއެކު ޒަކާތުގެ މިންވަރު އުނިވެއިތުރުވާނެއެވެ. މިއާ ޚިލާފަށް ޞާޢެއްގެ މިންވަރު ކަމަށް ހަމަޖެއްސެވުމުން އޭގެ މިންވަރަކަށް ބަދަލެއް ނާންނާނެއެވެ. ޢަދްލުވެރިކަމާ ގާތީ މި ގޮތެވެ.))

ޑރ. ޙުސާމުއްދީން ޢައްފާނާ ވިދާޅުވިއެވެ.

ޖުމްހޫރުން (މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީން) ވިދާޅުވާ ގޮތުގައި ފިޠުރު ޒަކާތަށް ނެރެން ޖެހޭނީ (ހަނޑޫ، ގޮދަން، ގޮދަން ފުށް، ޒުވާރި ފަދަ) ކާއެއްޗެއްސެވެ. އޭގެ އަގަށް ޖެހޭ މިންވަރު ނެރުން ހުއްދަވެގެން ނުވެއެވެ.

އެހެނަސް ޙަނަފީން ވިދާޅުވާ ގޮތުގައި އޭގެ އަގު ނެރުން ހުއްދަވާނެއެވެ. ޝާފިޢީންގެ ރައުޔުތަކުގެ ތެރޭގައި ވެސް މި ރައުޔު ހިމެނެއެވެ. މިއީ އަލްޙަސަނުލް ބަޞްރީއާއި، ޢުމަރު ބިން ޢަބްދުލްޢަޒީޒާއި، އައްޘައުރީއާއި ބައެއް ޞަޙާބީންގެ ރައުޔެވެ. މި ބޭކަލުންގެ ދަލީލުތަކަކީ:-

  • ޒަކާތުގައި އަޞްލަކީ މުދަލެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((خُذْ مِنْ أَمْوَالِهِمْ صَدَقَةً[5] – އެއުރެންގެ މުދަލުން ކަލޭގެފާނު ޞަދަޤާތް ނަންގަވާށެވެ!)) އަޞްލުގައި މުދަލަކީ މީހެއްގެ އަތުގައި ހުންނަ ފައިސާއެވެ. މީހެއްގެ އަތުގައި ހުންނަ އެއްޗެއްސަށް މުދަލޭ ކިޔަނީ މަޖާޒީކޮށެވެ. ކީރިތި ރަސޫލާ ﷺ އެ ގޮތަށް ޙަދީސް ކުރެއްވީ މީސްތަކުންނަށް ލުއިފަސޭހަ ކޮށްދެއްވުމަށެވެ. ބުރަ ދުރަށް ލެއްވުމަށް ޓަކައެވެ.
  • ކީރިތި ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ ޞަޙާބީން ވަނީ އަގު ނަންގަވައިފައެވެ. ޠާވޫސްގެ އަރިހުން ރިވާވެގެންވާ ގޮތުގައި މުޢާޛުގެފާނު ޔަމަނުގެ މީހުންނަށް ވިދާޅުވިއެވެ." ޒުވާރިއާއި ހިމަގޮދަނުގެ ބަދަލުގައި ތިޔަބައިމީހުންގެ ފޭރާންވެސް ގެންނާށެވެ. އެކަން ތިޔަބައިމީހުންނަށް ލުއި ފަސޭހަވާނެއެވެ. އަދި މަދީނާގެ މުހާޖިރުންނަށް އެ ތަކެތި މާ ރަނގަޅުވާނެއެވެ."[6] އިމާމު އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި باب العرض في الزكاة ގެ ދަށުގައި މި ވާހަކަ ބަޔާން ކުރައްވައިފައި ވެއެވެ. މުޢާޛުގެފާނު އެ ގޮތަށް ޢަމަލު ކުރެއްވިކުރެއްވުން ކީރިތި ރަސޫލާ ﷺ ވަނީ ޤަބޫލުކުރައްވައި ތަޤްރީރުކުރައްވައިފައެވެ.
  • ކީރިތި ރަސޫލާ ﷺ ވަނީ އަގަށް ރިޢާޔަތް ކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރައްވައިފައިވަނީ ކަދުރުގެ ޞާޢެއް ނުވަތަ ހިމަގޮދަނުގެ ޞާޢެއްގެ ވާހަކައެވެ. އެހެނަސް ގޮދަނާ ބެހޭ ގޮތުން ޙަދީސް ކުރެއްވީ ގޮދަނުގެ ބައި ޞާޢެވެ. އެއީ އެ ޒަމާނުގައި ގޮދަނުގެ އަގު ބޮޑުކަމުންނެވެ. މިއިން އެނގެނީ އެކަލޭގެފާނު އަގަށް ބައްލަވައިފައިވާ ކަމެވެ. "ގޮދަނުގެ ބައި ޞާޢު" މިއީ ވަރަށް ގިނަ ޙަދީސްފުޅުތަކުގައި އައިސްފައިވާ ޞީޣާއެކެވެ. އެހެންކަމުން އެއީ ޟަޢީފު ބަހެކޭ ނުބުނެވޭނެއެވެ.
  • ފިޠުރު ޒަކާތުގެ މަޤްޞަދަކީ ފަޤީރުން ފުދުންތެރިކޮށް ދިނުމެވެ. މި ޒަމާނަށް ބަލާއިރު ފަޤީރުން ފުދުންތެރިކޮށް ދެވޭނީ ފައިސާއިންނެވެ. މި ޒަމާނަށް ބަލާއިރި ފަޤީރުންނަށް ފައިދާ ބޮޑުވާނީ ފައިސާދިނުމުންނެވެ. މިއަދު ފަޤީރު މީހާއަށް ޒަކާތުގެ ގޮތުގައި ލިބޭ ހަނޑޫކޮޅު ވިއްކައިލަން ބާޒާރަށް ދިޔުމުން ވިޔަފާރިވެރިޔާ އެއަށް ރަނގަޅު އަގެއް ވެސް ނުދޭނެއެވެ. [7]
  • މި ދުވަސްވަރަށް ބަލާއިރު އަޅުގަނޑުމެން މި ތިބީ ކޯވިޑް- 19ގެ ސަބަބުން ފުރަބަންދުގައި ގޭގައެވެ. އެހެންވީމާ ހަނޑުލާއި ފުށް ހިފައިން ފަޤީރުންގެ ގާތަކަށް ނުދެވޭނެއެވެ. އަދި ކަމާބެހޭ ސަރުކާރުގެ އިދާރާއަކަށް ވެސް ނުދެވޭނެއެވެ. ކަމާބެހޭ އިދާރާގެ މުވައްޒަފުންނެއް ވެސް އެކަންކުރުމަށް ޓަކައި އޮފީހަކަށް ނުނެރެވޭނެއެވެ. ކަމާބެހޭ އިދާރާއިން ވަނީ ގޭގައި އެމީހަކު ހުރެގެން ފައިސާއިން މި ޒަކާތް ދެއްކޭނެ މަގު ތަނަވަސްކޮށް ދެއްވައިފައެވެ. އެހެންވީމާ ބޮޑެތި ޖާއިޙާތަކުގެ ދުވަސްވަރަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކަށް ވާނީ ފައިސާ ދެއްކުމެވެ.

ފިޠުރުޒަކާތް ނެރެންވީ ވަގުތާއި ނެރެންވީ މިންވަރު

ފިޠުރުޒަކާތަށް ނެރުން ވާޖިބުވެގެންވަނީ، ކޮންމެ ފަރުދެއްގެ މަތީން ޞާޢެއްގެ މިންވަރެވެ. އެއީ، ގާތްގަނޑަކަށް 2.4 ކިލޯގްރާމެވެ.[8] އޭގެ އަގު ނެރުނަސް ފުދޭނެއެވެ.[9]

ފިޠުރުޒަކާތް ނެރުން ވާޖިބުވުމުގެ ވަގުތަކީ، ފިޠުރު ޢީދު ވިލޭރެއަށް އިރު އޮއްސުމެވެ. ޢީދުނަމާދުގެ ކުރިން އެ ޒަކާތް ނެރުން ސުންނަތްވެގެން ވެއެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢީދުދުވަހުގެ ކޮންމެ ވަގުތެއްގައި ކުރިއަސް ރަނގަޅުވާނެއެވެ. ޢުޛުރަކާނުލައި ޢީދު ނަމާދަށްވުރެ ފަސްކުރުމަކީ މަކްރޫހަ ކަމެކެވެ. ޢީދު ދުވަހުގެ އިރުއޮއްސިއްޖެއުމަށް ދާނދެން ފަސްކުޅައުމަކީ ޙަރާމް ކަމެކެވެ. އެކަމަކު އެއީ ވާޖިބެއް ކަމުގައި ވާތީ ޤަޟާކުރަން ޖެހޭނެއެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރުޒަކާތް ނެރުން ހުއްދައެވެ. މިއީ މި ޒަމާނުގެ ގިނަ ފަތުވާ ވިދާރާތަކުގެ ރައުޔެވެ.

 

 

[1]–  މިޒަމާނުގައި ބައިތުލްމާލިން އެމީހުންނަށް އެއްޗެއް ނުލިބޭތީ ފިޠުރު ޒަކާތް ހުއްދަވާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަލްފިޤްހުލް އިސްލާމީ ވަ އަދިއްލަތުހޫގެ 2048 ވަނަ ޞަފްޙާ ބައްލަވާ

[2]–   މިއީ ޝާފިޢީ މަޛްހަބުގެ ރައުޔާ ތަފާތު ރައުޔެކެވެ. ޝާފިޢީ މަޛްހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ފިޠުރުޒަކާތްވެސް މުދަލުޒަކާތް ދޭންޖެހޭ މީހުންގެ 6ބާވަތަކަށް ދޭން ޖެހޭނެއެވެ.

[3]–   ޙަނަފީ މަޛްހަބު

[4]–   رواه البيهقى والدارقطنى

[5]  – التوبة : 103

[6]  – رواه يحيى بن آدم في كتاب الخراج.

[7]  –  އިތުރަށް ބައްލަވަން ބޭނުންފުޅުވާ ބޭފުޅުން كتاب الإمام المحدث أحمد بن محمد الغماري ގެ ފޮތް (تحقيق الآمال في إخراج زكاة الفطر بالمال) ބެއްލެވުން ރަނގަޅުވާނެ

[8]–   ބައެއް ޤައުއުމުތަކުގައި މިމިންވަރަކީ 2.25 ކީލޯ ކަމަށްވެސް ބަލައެވެ.

[9]– މިއީ ޙަނަފީ މަޛްހަބާއި މިޒަމާނުގެ ޢިލްމުވެރިންގެ ރައުޔެވެ. ޖުމްހޫރުންގެ ބަހަކީ ފިޠުރު ޒަކާތަށް ދޭންޖެހޭނީ އަންގަވާފައިވާ ފަދައިން ކާއެއްޗެއްސެވެ.މި ބަޙުސް  މަތީގައި ވާނީ ކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *