Support Us

ފީފާގެ ރައީސާއެކު ބައްސާމު

ބައްސާމަކީ އިންފަންޓީނޯގެ އެއް އަތް! އެއްލައެއްނުލެވޭނެ!

ފުޓްބޯޅައިގައި ފަހު ބަސް ބުނާނީ ކުލަބުތަކުން، ސަރުކާރާއި މަޖިލީހަކުން ނޫން

މި އަހަރު ފެށުނީއްސުރެ އެންމެ ގަދައަށް ދެކެވޭ ވާހަކަ އަކީ އެފްއޭއެމުގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރަންޖެހޭ ވާހަކަ އެވެ. މިކަމުގައި އެކި ރާގުރާގަށް ވާހަކަ ދެއްކި ފަރާތްތައް ވިއްސިވިހާލިވެގެންދިޔައިރު ދެ ވަނަ ދައުރަކަށް ބައްސާމް ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ. އޭނާއާ ވާދަކޮށްލާނެ މީހަކު ވެސް ނެތި ގިނިކަންޏާ އެވެ. އެކަމަކު ކުރިއަށްވުރެ ބާރަށް އޭނާގެ މަގާމު ގެއްލުވާލުމަށް ފުޓްބޯޅައިގެ ވާދަވެރީން ވަނީ ރައްޔިތުންގެ މަޖިލީހުން އެތެރެއިން ގޯލްޑަންގޯލަށް ކުޅެން ފަށައިފަ އެވެ. ވަރަށް ގިނަ ބަޔަކު ފޮރުވިގެން ތިބި މި ޓީމުގައި އިސްކޮށް ހުންނެވީ އެފްއޭއެމުގެ ކުރީގެ ރައީސް އަދި ވެރިކަންކުރާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ބާރުގަދަ ލީޑަރު އަލީ އާޒިމެވެ. ނަތީޖާ ބަލަން ތިބެމާ ހިނގާށެވެ.

އެފް.އޭ.އެމް ކޮންގްރެސްގައި ބައްސާމް -ފޮޓޯ: އެފް.އޭ.އެމް

ބައްސާމް ވަކިކުރަން އުޅެނީ ކީއްވެ؟

އެފްއޭއެމުގެ ރައީސް ކަމުން ބައްސާމް ވަކިކުރަން ދައްކަނީ ދެ ވާހަކައެކެވެ. އެއީ ސިޔާސީ ވާހަކައަކާއި ފުޓްބޯޅަ ކުރިއަރުވަން ނޫޅެ، ފީފާ އާއި އޭއެފްސީ އަށް ވޯޓު ވިއްކާ ވާހަކަ އެވެ. މުޅި ދުނިޔޭގައި ދަތުރުކުރާ ވާހަކަ އެވެ.

މީގެ ތެރެއިން ސިޔާސީ ގޮތުން ދައްކާ ވާހަކައަކީ ބައްސާމުގެ އާއިލީ ބޭފުޅެއް ކަމަށްވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު އެފްއޭއެމުގެ ރައީސްކަމަށް ވަޑައިގަތް ވާހަކަ އެވެ. އެފްއޭއެމުގައި ރައީސް ޔާމީންގެ ކެމްޕޭން އޮފީހެއް ހިންގެވި ވާހަކަ އެވެ. އެކަމަކު ދެ ވަނަ ދައުރަކަށް މި ޖުލައި މަހުގެ ދެ ވަނަ ދުވަހު އޭނާ ހޮވިވަޑައިގަތީ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގެ ކުލަބުތަކުގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. ރައީސް ޔާމީން ހުންނެވީ މިފަދަ ކަމެއްގައި މީހަކަށް ތާއީދު ދެއްވޭ ވަރަށްވުރެ މާދުރުގައި އާރެއް ބާރެއް ނެތި މާފުށީ ޖަލުގަ އެވެ. ދިވެހިރާއްޖޭގެ ރައީސް ކަމުގައި ހުންނެވީ ވާދަވެރި އެމްޑީޕީގެ އިބްރާހީމް މުހައްމަދު ސާލިހެވެ. މިހާރުގެ ރައީސްގެ ތާއީދާއެކު ބައްސާމްގެ ވާދަވެރީން އިންތިހާބަށް ނުނިކުމެ، ހޮރުގައި ތިބުމަކީ ކާކުގެ މައްސަލައެއްހެއްޔެވެ؟

ދެން އޮތީ ފުޓްބޯޅަ ކުރިއަރުވަން ނުޅޭ ވާހަކަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ތިން ކުލަބުގެ ތެރެއިން ނިއުރޭޑިއަންޓާއި ވިކްޓަރީ ސަސްޕެންޑްކުރި ވާހަކަ އެވެ. ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ދިޔަ ވާހަކަ އެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ ބުއްދިކުރުމެއްނެތި ދައްކާ ހޮޅި ވާހަކަތަކެކެވެ. ނިއުރޭޑިއަންޓް ކުޅުންތެރިންނާއި ކޯޗުންނަށް ދޭންޖެހޭ މުސާރަ 10 މިލިއަނަށްވުރެ މައްޗަށްދިޔައީ ބައްސާމް އެކުލަބު ހިންގައިގެންހެއްޔެވެ؟ ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ މުސާރައިގެ މައްސަލާގައި ފީފާއިން ފޮނުވި ސިޓީތަކަށް ޖަވާބުދޭނެ މީހަކު ނިއުއަށް ނުވުމަކީ 40 އަހަރުވީ ކުލަބުގެ ނާގާބިލްކަމެވެ. ނިއުގެ ކުޅުންތެރިންނާއެކު އެކުލަބަށް އެއްބަސްވުމަކަށް ނާދެވުމަކީ އެފްއޭއެމުގެ މައްސަލައެއްނޫނެވެ.

ވިކްޓަރީގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މަހު މުސާރައަށް މިދިޔަ އަހަރު ހޭދަކުރަން ޖެހުނީ ގާތްގަނޑަށް ލައްކައެއްހާ ރުފިޔާ އެވެ. މުޅި އަހަރުގެ ބަޖެޓް ދޮޅު މިލިއަނަކަށް ނާރާނެ އެވެ. ނުވިތާކަށް އެފްއޭއެމުން ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާ ދެމުންދިޔައިރު ވިކްޓަރީ އަށް މުސާރަ ނުދެވި ސަސްޕެންޝަނަކާ ކުރިމަތިލާންޖެހުނީ ބައްސާމްގެ މައްސަލައަކުން ހެއްޔެވެ؟ ކުޅުންތެރިންނަށް މެޗުތަކަށް ހާޒިރުނުވެ ޓީމު ހަމަނުވިއިރު ވިކްޓަރީގެ ހިންގަން އިސްވެ ހުންނެވީ ރައީސް މުހައްމަދު ނަޝީދުގެ ބޭބެ އިބްރާހީމް ނާޝިދު (ނާޝް) އެވެ. އެމްޑީޕީ އޮތީ ވެރިކަމުގަ އެވެ. އެހެންވިއްޔާ ވިކްޓަރީ އަށް ފައިސާ ނުހޯދެންވީ ސަބަބެއް ވެސް ނެތެއްނޫން ހެއްޔެވެ؟

ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ދިޔައީ ބައްސާމްގެ ބައްޕަ އަދި އެކުލަބުގެ އެންމެ ކާމިޔާބު ޗެއާމަން އަދީލް ޖަލީލްގެ ބެލުމުގެ ދަށުންނެވެ. އަލުން ފުރަތަމަ ޑިވިޝަނަށް ނަގައިދިނީ ވެސް އެއާއިލާގެ ބުރަ މަސައްކަތުންނެވެ. ވެލެންސިއާއާ ހެދި ދައުވާކުރާ އެންމެން ތިބީ "އެމީހުންނަކަށް ނުވާނެ" އޭ ކިޔަކިޔައި ދަނޑުބޭރުން ކުޅިބަލާށެވެ.

މަޖިލީހަށް ފޮނުވި މައްސަލައިގެ ހަގީގަތަކީ ކޮބާ؟

އެފްއޭއެމް ގާނޫނާ ހިލާފަށް ހިންގާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އާޒިމް ހުށަހެޅި ގަރާރު އިޖްތިމާއީ ކޮމިޓީން ދިރާސާކޮށް މިހާރު ވަނީ ނިމިފަ އެވެ. ބިލް ހުށަހެޅި ދުވަހު ވަރަށް ޖަޒުބާރުގައި ވާހަކަ ދެއްކި ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނާއި ހިންގުންތެރިން ފިލައި ތިއްބައި އިޖްތިމާއީ ކޮމިޓީގައި މައްސަލަ ނިމިދިޔައީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ބައްސާމް ކުރި ހޯދައިގެންނެވެ.

 

(ކ-ވ) ސްޕޯޓްސް މިނިސްޓަރު މަހުލޫފު، ބައްސާމް، އެފް.އޭ.އެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް އަދި ނައިބު ރައީސް އަލީ އުމަރު -ފޮޓޯ: އެފް.އޭ.އެމް

އެފްއޭއެމާ ގުޅުވައިގެން ކޮމިޓީގައި މަހުލޫފަށް އަމާޒުކުރި ހުރިހާ ސުވާލަކަށް އޭނާ ޖަވާބުދެއްވީ އިތުބާރާއެކުގަ އެވެ. ވަކަރަށް ޖަހައިދިނީ ކަމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމާއި އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް އިސްމާއީލެވެ. މި ބޭފުޅުންނަށް ފަހު ބައްސާމް ކޮމިޓީ އަށް ވަޑައިގަތުމުން އިޖްތިމާއީ ކޮމިޓީން ފުރަތަމަ ވެސް އެރުވީ ޗެމްޕިއަނަކަށް އިދިކޮޅު ޓީމުން އަރުވާ ފަދަ ގާޑް އޮފް އޮނާއެކެވެ. ކޮމިޓީ މެމްބަރުން ފުރަތަމަ ވެސް ވިދާޅުވީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމުން ބައްސާމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ކޮމިޓީން އެފްއޭއެމް އިންތިހާބު ހުއްޓުވަން އެއްވެސް އިރަކު ނޫޅެން ކަމަށެވެ. އާޒިމްގެ ގަރާރަކީ ޒާތީ ގަރާރެއް ކަމަށް ކޮމިޓީގެ މެމްބަރުން ވެސް ބަލައިގަތީ ހެއްޔެވެ؟

އާޒިމް ގަރާރު ހުށަހެޅީ ބަޔަކު ހިތްހަމަޖައްސަންތަ؟

ކަންމިހެން އޮތްއިރު އާޒިމް މި ގަރާރު ހުށަހެޅީ ހަގީގަތް އެނގިހުރެމެ ބަޔަކު ހިތްހަމަޖެއްސުމުގެ ނިޔަތުގައި ކަމަށް ބެލެވިދާނެ އެވެ. ނިއުގެ ޗެއާމަން އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި އެފްއޭއެމުގެ ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ފަދަ ބޭފުޅުންނަކީ ބައްސާމާ ނުހަނު ހަތުރުވެރި، މަޖިލީހުން އާޒިމާ ކޮންމެ ދުވަހު ބައްދަލުވާ އިދިކޮޅު މެމްބަރުންނެވެ. ފުޓްބޯޅައިގައި ނިއުރޭޑިއަންޓްގެ ލޭ ގަދައަށް ހިނގާ ދެ މެމްބަރުންނެވެ. މި ދެބޭފުޅުންގެ މައްސަލައަކީ ނިއު ސަސްޕެންޑްކުރުމާއި ޓޮމް އަށް އެފްއޭއެމުގެ ރައީސްކަން ގެއްލުމުގެ މައްސަލަ އެވެ.

އެފްއޭއެމުގެ ރައީސްކަމަށް އާޒިމް ވާދަނުކުރައްވާނަމަ އޭނާގެ ފަރާތުން ނެރޭނެ ކެނޑިޑޭޓަކަށްވުން އެންމެގާތީ އެފްއޭއެމުގެ ކުރީގެ ނާއިބް ރައީސް ހިޔަލީ މުހައްމަދު ރަޝީދެވެ. ދެތިން ފަހަރެއްގެ މަތީން އެފްއޭއެމަށް ވަޑައިގަތުމަށް ހިޔަލީ ކުރެއްވި މަސައްކަތް ކާމިޔާބުނުވީ ބައްސާމްގެ އެންމެ ގާތް މަދަދުގާރު މުހައްމަދު ޝަވީދުގެ ސަބަބުންނެވެ. ދެން ހުންނެވީ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހާމިދު އަބްދުލްގަފޫރެވެ. ސަރުކާރު ބަދަލުވުމާއެކު ރާއްޖެ ވަޑައިގެން ހާމިދު އެންމެ ބާރަށް އުޅުއްވީ އެފްއޭއެމާ ތޮޅުމުގަ އެވެ.

ކަން މިހެން އޮތުމުން އާޒިމަށް މި ގަރާރު މަޖިލީހަށް ވެއްދުން ނޫން ގޮތެއް ނޯންނާނެ ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ. އަނެއްކޮޅުން އެފްއޭއެމް އިސްލާހު ކުރުމަށް އާޒިމް ނުކުމެވަޑައިގެންނެވި ވަގުތާއި ނިޔަތާމެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. މަޖިލީހަށް އާޒިމްގެ ގަރާރު ހުށަހެޅީ އޭނާގެ ކޮއްކޮ އަދި މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަށް އޭއެފްސީ ޕްރޯލައިސަންސް ލިބުމުނުތާ ދެތިން ދުވަހެއްގެ ތެރޭގަ އެވެ. މޯހަން އަށް ކިޔަވައިދިނީ އެފްއޭއެމުންނެވެ. އަދި 2017 ވަނަ އަހަރު އެފްއޭއެމުން ވަކިކުރި މައްސަލަ ހިފައިގެން ސިވިލް ކޯޓަށް ދިޔަ މޯހަން ޕްރޯ ލައިސަންސް ހަދަން ބައްސާމް އިންވެސްޓްކުރެއްވީ ޒާތީ ކަމެއްނެތި، ފުޓްބޯޅައަށް ވާން އޮތް ރަނގަޅަކަށެވެ.

"އަހަރެން މޯހަންގެ ލިޔެކިއުންތައް ހިފައިގެންދިޔައީ. ބައްސާމާ ދެކޮޅަށް އެހާ ވަރަށް ޖައްސާލާފައި ހުރުމުން އަހަރެން ހިޔެއް ނުކުރަން މޯހަން އަށް އެފްއޭއެމުން ފަންޑުކޮށްދޭނެ ކަމަކަށް. އެކަމަކު ލިޔެކިއުންތައް ބަލާލާފައި ސޮއިކުރުމަށްފަހު ބުނީ މިއީ ފުޓްބޯޅަ އަށް ވާންއޮތް ރަނގަޅު ކަމެކޭ. މޯހަން ފޮނުވަންވާނެއޭ،" އެފްއޭއެމުގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ބުންޏެވެ.

އެފްއޭއެމް 2016 ވަނަ އަހަރުން ފެށިގެން ހިންގަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް އާޒިމް ވިދާޅުވާއިރު އެފްއޭއެމާ ނުތޮޅި،  އާޒިމް ހަނުހުންނެވީ މޯހަން އަށް ސެޓްފިކެޓް ލިބެންދެންތޯ އެވެ؟

ކުލަބުތަކުގެ ފުރިހަމަ އިތުބާރު ބައްސާމަށް

ރާއްޖޭގެ ފުޓްބޯޅައިގެ ފަހު ބަސް ބުނާނީ ކުލަބުތަކުންނެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކަކުން ނޫނެވެ. އެފްއޭއެމުގެ ރައީސް ހޮވަނީ ދިވެހި ކުލަބުތަކުން ވޯޓުލައިގެންނެވެ. ކުލަބެއް ސަސްޕެންޑްކުރަން ވެސް ފަހުގެ ނިޔާ ކަނޑައަޅާނީ ކުލަބުތަކުގެ ކޮންގްރެސްއިންނެވެ. ކުލަބުތަކަށް ބައްސާމް ގޯސްނަމަ އޭނާ ނުހޮވާނެ އެވެ. ހަގީގަތުގައި އޭނާގެ ހަތަރު އަހަރުގައި ބައްސާމް ވަނީ ދުވަހަކު ވެސް ރާއްޖޭގެ ފުޓްބޯޅަ އަށް ނާންނަވަރުގެ ބަދަލުތަކެއް ގެނެސްފަ އެވެ. އަދި 2023 ވަނަ އަހަރުގެ ދިވެހި ޕްރެމިއާ ލީގު މުޅި ރާއްޖެ އަށް ހުޅުވާލުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެންމެ ބޮޑު ސައިޒުގެ ޓާފް 50 ދަނޑު އެޅުމުގެ ޕްރޮޖެކްޓް އެހަރަދަނީ ބާރަށް ނިމުމަކާ ގާތްވަމުންނެވެ. މީގެ އިތުރުން 100އަށްވުރެ ގިނަ ރަށުގައި ޗޭންޖިން ރޫމް އަޅަން ފައިސާ އާއި ތަކެތި ހަވާލުކުރި އެވެ. "ޓުވާޑްސް ފިއުޗާ" ބެނާގެ ދަށުން އޭ،ބީ،ސީ އަދި ޑީ ލައިސަންސް ކޯޗުން ދުވަހަކު ތަމްރީނު ނުކުރާވަރަށް އިތުރުކޮށްފި އެވެ. ތޭރަ އަހަރުން ދަށުގެ ލީގެއް ތައާރަފްކޮށް، ކޮންމެ ކުލަބެއްގައި ފުޓްބޯޅަ އެކަޑަމީއެއް ގާއިމްކޮށްދީފި އެވެ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ގައުމީ އަންހެން ޓީމަށް ފުރަތަމަ ފަރަހަށް މެޑަލް ހޯދައިދީފި އެވެ. އެފްއޭއެމުގެ އާއިމާރާތް އެޅުމުގެ މަސައްކަތް ފަށައިފި އެވެ. ކުލަބުތައް ވިޔަފާރި މޮޑެލްއަކަށް ބަދަލުކުރުމަށް ކޮންމެ ކުލަބަކަށް 2017 ވަނަ އަހަރުން ފެށިގެން ތިން މިލިއަން ރުފިޔާ ދަނީ ދެމުންނެވެ. އެފްއޭއެމުގެ ހާރިޖީ ގުޅުން ވަރުގަދަކޮށް، ބޭނުން ކޮންމެ ވަގުތަކު ދިވެހި ޓީމުތަކަށް ގަތަރާއި މެދުއިރުމަތީގެ ގައުމުތަކުގައި ޓްރޭނިން ކޭމްޕް ބޭއްވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

ހަގީގަތުގައި ކުލަބުތަކުން ބައްސާމް ބަލައިގަތީ އޭނާގެ ބަހާއި އަމަލު ދިމާވާތީ އެވެ. ވަރަށް ފަހުން އެފްއޭއެމުން ދިމާވުމުން ނޫސްވެރިންގެ ހާޒިރުގައި ބައްސާމް ވިދާޅުވީ މިހެންނެވެ.

"ހުރިހާ ކަމެއް ވެސް މިދަނީ ފީފާ އޭއެފްސީގެ ބެލުމުގެ ދަށުން ގަވާއިދާ އެއްގޮތަށް. ކުލަބުތަކުން ކަންކަން ނިންމަނީ. ދެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އެންމެ ގާތް އެކަކު އަހަރެންނަނީ. އޭނާއާ ގާތްކަން އުފެދުނީ ފީފާގެ އިންތިހާބުގެ ތެރެއިން. އޭޝިއަން ކަޕް ފައިނަލް މެޗުގައި ސްޓޭޑިއަމުން ދިމާވެގެން އެދުނީ ބައްދަލުކުރަން. އޭނާގެ ޕްލޭން އަހަރުމެންނަށް ކިޔައިދިނުމުން އަހަރެން ބުނިން އަހަރުމެން އޮތީ ނިންމާފައޭ (ފީފާ އިންތިހާބުގައި އިންފަންޓީނޯއާ ވާދަކުރެއްވި އޭއެފްސީގެ ރައީސް ޝައިހް) ސަލްމާނަށް ވޯޓުދޭން. އެކަމަކު ހޮވިގެން އަންނާށޭ. އެއިރުން އެންމެ ގާތުގައި ހުންނާނަމޭ. އެހިސާބުން ގާތްކަން އުފެދުނީ. ފަހުން އިންފަންޓީނޯ ބުނީ ވޯޓު ނުލިބޭނެ ވާހަކަ ބުނީ ރާއްޖެ އެކަންޏޭ. އަހަރެން އެދުވަހު ވޯޓު ވިއްކިނަމަ މިއަދު ރާއްޖެ އަށް މިހާ ފަސޭހައިން ފީފާ އޭއެފްސީ ތެރެއިން ކަންކަން ކުރަން ވަރަށް އުނދަގޫވާނެ. ވޯޓު ވިއްކިނަމަ އެމީހުންވެސް ބަލާނީ އަބަދުވެސް ލާރިކޮޅެއްދީފައި ވޯޓު ގަންނަން. އަހަރެން މިތަނުގައި ހުރެގެން އެފަދަ ކަމެއް ނުކުރާނަން. އެކަމަކު ވަކި އާއިލާއަކަށް އަހަރެން އުފަންތީވީއޭ ކިޔާފަ ބޭރު ކުރަންޏާ ކުރަންވީ،" ބައްސާމް ވިދާޅުވި އެވެ.

އެއީ ތެދެކެވެ. ފީފާ އާއި ކުލަބުތަކުން ބައްސާމް ބަލައިގެންފި އެވެ. ޒާތީ ކަމެއްގައި އޭނާ ނަގައި އެއްލައިލެވިދާނެ އެވެ. އެއަކުން ފުޓްބޯޅަ އަށް ލިބޭނެ ފަރުވާއެއް ވާނެ ފައިދާއެއް ނޯންނާނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތެދު ތެދަށް ބުނަންޏާ މި ގައުމުގަ މިވަގުތު ހުރި އެންމެ ވިސްނުންތޫނު އަދި ހަމަޖެހިލައިގެން ކަންކަން ކުރައްވަމުން ގެންދަވާ ލީޑަރަކީ ރައީސް ބައްސާމް. މަޑުމައިތިރި ރިވެތި އަޚްލާގެއް ހުރި އެންމެންނާ ގުޅޭ ޝަހުސިއްޔަތެއް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *