މި ދަންނަވާ 720 ގަޑި އިރަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ގަޑީގެ ޢަދަދެވެ. ހެޔޮ ގޮތުގައި މި ވަގުތުކޮޅުގެ ބޭނުން ހިފުމަށް ޓަކައި ވަރަށް ބޮޑަށް ވިސްނަން އެބަޖެހެއެވެ.
ފުރަތަމަ ފިޔަވަޅު: ނިޔަތް އިޚްލާޞްތެރިކުރުން
ނިޔަތަކީ ވަރަށް މުހިއްމު އެއްޗެކެވެ. އިންސާނާ ކުރާ އެންމެހައި ޢަމަލުތައް އާރާސްތު ކުރެވިގެން ވަނީ އޭނާގެ ނިޔަތުގެ މަތީގައެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إنَّما الأعمالُ بالنِّيّاتِ وإنَّما لكلِّ امرئٍ ما نوى [1] – ހަމަކަށަވަރުން ޢަމަލުތައް އޮތީ ނިޔަތުގެ މަތީގައެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް ވެސް އޭނާ ނިޔަތްގަން ގޮތެއް ލިބިގެން ވެއެވެ.)) ވީމާ ކުރާ ކަންތައްތަކަށް މާތް ﷲ ސަވާބާއި އަޒާބު ދެއްވުން އޮތީ އޭނާގެ މި ނިޔަތަށެވެ. ކިތަންމެ ރަނގަޅު ކަމަކަށް ވިޔަސް އޭނާގެ ނިޔަތް ނުބައިނަމަ އެކަމަށް ރަނގަޅު ޖަޒާއެއް ނުދެއްވާނެއެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގައި ކުރާ އަޅުކަންތަކާއި ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ބަލައިގަންނަވާނީ އެކަންތައް ﷲއަށް ޚާލިޞް ކުރިނަމައެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ[2] – މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރި މިހާގެ އިސްވެ ދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ.))
ދެވަނަ ފިޔަވަޅު: ހެޔޮކަންމަތީގައި ދެމިހުރުމަށް ޢަޒްމު ކަނޑައެޅުން
ރަމަޟާން މަހުގެ ދުވަސްތަކުގައި ސާބިތުކަން ދެއްވުމަށާއި ހެޔޮ ޢަމަލުތައް ކުރުން މަތީގައި ދެމެހެއްޓެވުމަށް އެދި ޢަޒްމު ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ސާބިތުކަން ނުލިބި އިންސާނާއަށް ހެޔޮ މަގުގައި ކުރިއަކަށް ނުދެވޭނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((إذا اكتنَزَ النّاسُ الذَّهبَ والفضَّةَ فاكتنِزوا هذِه الكلماتِ: اللَّهمَّ إنِّي أسألُك الثَّباتَ في الأمرِ والعزيمةَ على الرُّشدِ[3] – މީސްތަކުން ރަނާއި ރިހި އެއްކޮށް ތިޖޫރީ ކުރާއިރު ތިޔަބައިމީހުން މި ކަލިމަތައް އެއްކޮށް ތިޖޫރީ ކުރާށެވެ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާއަށް ކަންކަމުގައި ސާބިތުކަން ދެއްވުމަށާއި ސާފު އަލިމަގުމަތީގައި ދެމިހުރުމުގެ ޢަޒްމު ދެއްވުމަށް އެދި އަޅަމެން އިބަރަސްކަލާނގެއަށް ދަންނަވަމެވެ!))
ތިންވަނަ ފިޔަވަޅު: ރޯދައާ ބެހޭ ޙުކުންތަކާއި އަދަބުތައް ހިމެނޭ ކުޑަ ފޮތެއް ކިޔާލާށެވެ.
ހަމަކަށަވަރުން ކަމެއް ކުރާއިރު އެކަމެއް ރަނގަޅަށް ކުރެވޭނީ އެކަން ކުރާނެ ގޮތް ރަނގަޅަށް އެނގިގެންނެވެ. އަޅުގަނޑުމެން އައު މެޝިނެއް ގަންނައިރު އެންމެ ފުރަތަމަ އެ މެޝިން އޮޕަރޭޓް ކުރާނެ ގޮތް ބުނެދޭ މެޝިނާ ބެހޭ އަތްމަތީ ފޮތް ނުކިޔާ މެޝިން ހިންގާކަށް ނޫޅެމުއެވެ. އެއީ އެ މެޝިން ހަލާކުވެދާނެތީއެވެ. އެއިން އަޅުގަނޑުމެންނަށް ވެސް ގެއްލުމެއް ލިބިދާނެތީއެވެ. އަޅުކަންތައް ވެސް އޮތީ ހަމަ މި ފަދަ ގޮތަކަށެވެ. މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إنَّ اللهَ يحِبُّ إذا عمِلَ أحدُكم عملًا أنْ يُتقِنَه[4] – ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ކަމެއް ކުރާއިރު އެކަމެއް ފުރިހަމަކޮށް ރަނގަޅަށް ކުރުމަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.))
ހަތަރު ވަނަ ފިޔަވަޅު: މިސްކިތުގައި ފަރްޟު ފަސް ނަމާދު ކުރުން
މިސްކިތުގައި ޖަމާޢަތުގައި ކުރާ ނަމާދަށް މާތް ﷲ 27 ދަރަޖަ ދެއްވާނެތެވެ. އެހެން ކަމުން އޭނާއަށް ދުވާލަކު 5×27= 135 ދަރަޖަ ލިބޭނެއެވެ. މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢުމަރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ( صَلاةُ الجَماعَةِ تَفْضُلُ صَلاةَ الفَذِّ بسَبْعٍ وعِشْرِينَ دَرَجَةً[5] – އެކަހެރިކޮށް ކުރާ ނަމާދުގެ މައްޗަށް ޖަމާޢަތުގައި ކުރާ ނަމާދު 27 ދަރަޖަ އިތުރުވެގެންވެއެވެ.))

ފަސްވަނަ ފިޔަވަޅު: ކީރިތި ޤުރްއާން ކިޔެވުން
ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރެވެ. ޤުރްއާން ބާވައިލެއްވުނީ އެ މަހުގައި ކަމަށް ވާތީއެވެ. ކީރިތި ޤުރްއާން ބާވައިލެއްވިލެއްވުން ﷲ ސުބްޙާނަހޫ ވަ ތަޢާލާ ފާހަގަ ކުރައްވާތީ އެވެ. އެއީ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. ޖަމާޢަތަށް މިސްކިތަށް ގޮސް އިހު ސުންނަތަށްފަހު ފޮތެއް އަދި ފަހު ސުންނަތަށްފަހު ފޮތެއް ކިޔަވައިފިނަމަ ދުވާލަކު 10 ފޮތް ކިޔެވޭނެއެވެ. އޭރުން ތިން ދުވަހުން ޚަތިމެއް ކުރެވޭނެއެވެ.
ހަވަނަ ފިޔަވަޅު: ސުވަރުގޭގައި ގެއެއް ބިނާކުރުން
ގަދަވެގެންވާ ރަވާތިބު ސުންނަތްތަކެއް ވެއެވެ. އެއީ ޖުމްލަ 12 ރަކްޢަތެވެ. މި ރަކްޢަތްތަކަކީ ފަތިސް ނަމާދުގެ 2 ރަކްޢަތާއި، މެންދުރު ނަމާދުގެ ކުރީގެ 4 ރަކްޢަތާއި، މެންދުރު ނަމާދުގެ ފަހުގެ 2 ރަކްޢަތާއި މަޣްރިބު ނަމާދުގެ ފަހުގެ 2 ރަކްޢަތާއި، ޢިޝާނަމާދުގެ ފަހުގެ 2 ރަކްޢަތެވެ. މި ރަކްޢަތްތައް އާދަކޮށް ކުރާމީހާއަށް މަތިވެރި ސަވާބު ލިބިގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَن صلّى اثنتَي عشرةَ رَكعةً في يَومٍ بُنيَ لَه بِها بَيتٌ في الجنَّةِ [6]– ދުވާލަކު ބާރަ ރަކްޢަތް ކުރިމީހާއަށް ސުވަރުގޭގައި ގެއެއް ބިނާކޮށް ދެއްވާނެއެވެ.))
ހަތްވަނަ ފިޔަވަޅު: ރަމަޟާންމަހުގައި ރޯދަވެރީންނަށް ރޯދަވީއްލުމުގައި އެހީވެ ދިނުން
މި ޒަމާނުގައި މިއީ ވަރަށް ފަސޭހަ ކަމެކެވެ. ރޯދަވެރީންނަށް ރޯދަވީއްލުން ތަނަވަސްކޮށް ދިނުމަށްޓަކައި ތަފާތު މަޝްރޫޢުތައް ހިންގެއެވެ. މިއިން މަޝްރޫޢެއްގައި ބައިވެރިވުމަކީ މިފަދަ ޢަމަލެއްކަން ކަށަވަރެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((من فَطَّر صائمًا فله مِثلُ أَجْرِه [7]– ރޯދަވެރިއަކަށް ރޯދަވީއްލުމެއް ދިންމީހާއަށް ފަހެ އެ ރޯދަވެރިއާއަށް އެ ރޯދައިން ލިބުނު ސަވާބާ އެއްވަރު ސަވާބު ހުށްޓެވެ.))

އަށްވަނަ ފިޔަވަޅު: ބުރަ އުފުލުމެއްނެތް ޙައްޖުވުން
ކީރިތި ރަސޫލާ ﷺ ވަނީ ވަރަށް ލުއި ކަމަކުން ޙައްޖަކާއި ޢުމްރާއެއް ވުމުގެ ސަވާބު ޙާޞިލު ކުރެވޭނެ މަގު ދައްކަވައިފައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((من صلّى الصبحَ في جماعةٍ ثم قعد يذكرُ اللهَ حتى تطلعَ الشمسُ ثم صلّى ركعتين كانت له كأجرِ حجةٍ وعمرةٍ تامَّةٍ تامَّةٍ[8]– ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށްފަހު އިރު އަރަންދެން ﷲއަށް ޛިކްރު ކުރުންމަތީ އިނދެ ދެ ރަކްޢަތް ކުރި މީހާއަށް ޙައްޖަކާއި ޢުމްރާއެއްގެ ސަވާބު ފުރިހަމަކޮށް ފުރިހަމަކޮށް ލިބިގެން ވެއެވެ.))
ނުވަވަނަ ފިޔަވަޅު: ކުޑަކުޑަ މިންވަރަކުން ވިޔަސް ޞަދަޤާތް ކުރުން
މާތް ﷲ ރުއްސުން ލެއްވި އަބޫބަކްރުއް ޞިއްދީޤު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((اتَّقوا النّارَ ولو بشقِّ تمرةٍ[9] – ތިޔަބައިމީހުން ކަދުރު ފަޅިވަރަކުން ވިޔަސް ނަރަކައިން ރައްކައުތެރިވާށެވެ!)) ﷲ ތަޢާލާ ޤަބޫލުކުރައްވާނީ ކޮން ބާވަތެއްގެ ޞަދަޤާތެއް ބަޔާންކޮށް ދެއްވަމުން ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَنْ تصدَّقَ بعدْلِ تمرَةٍ مِنْ كسبٍ طيِّبٍ، ولا يقبَلُ اللهُ إلّا الطيِّبَ، فإِنَّ اللهَ يتقبَّلُها بيمينِهِ، ثُمَّ يُرَبيها لصاحبِها، كما يُرَبِّى أحدُكم فَلُوَّهُ حتى تكونَ مثلَ الجبَلِ[10]– ޙަލާލު ގޮތުގައި މީހާ ހޯދި ކަދުރުގެ މިންވަރަކުން ޞަދަޤާތް ކުރި މީހާ ދަންނައެވެ. ޙަލާލު ގޮތުގައި ހޯދާ އެއްޗެއް މެނުވީ ﷲ ޤަބޫލު ނުކުރައްވާނެތެވެ. ފަހެ ހަމަކަށަވަރުން ﷲ އެ ޞަދަޤާތް އެކަލާނގެ ޔަދު ޤުދްރަތްފުޅުން ބަލައިގަންނަވާނެއެވެ.އަދި އެއަށްފަހު ތިޔަބައިމީހުންކުރެ މީހަކު އޭނާ ޅަޖަމަލު ބޮޑުކުރާ ގޮތަށް އެކަލާނގެ އެ ޞަދަޤާތް ބޮޑު ކުރައްވާނެއެވެ. ފަރުބަދައަކަށް ވެއްޖައުމަށް ދާންދެނެވެ.))
ދިހަވަނަ ފިޔަވަޅު: ތިބާގެ ޢުމުރަށް 83 އަހަރު އިތުރު ކުރުން
ރަމަޟާން މަހުގައި މާތް ﷲ ލައްވާފައިވާ ބަރަކާތްތެރި ރެއެއް ވެއެވެ. އެއީ ކީރިތި ޤުރްއާން ބާވައިލެއްވި ރެއެވެ. މި ރެއަށް މާތްﷲ ދެއްވާފައިވަ ނަމަކީ ލައިލަތުލް ޤަދްރި އެވެ. މި ރޭގައި އަޅުކަން ކުރިމީހާ އެއްހާސް މަހުގައި އަޅުކަންކުރި ފަދައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ[11] – ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.)) ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((إن هذا الشهرَ قد حضركم، وفيه ليلةٌ خيرٌ من ألفِ شهرٍ، من حُرِمَها فقد حُرِمَ الخيرَ كُلَّهُ، ولا يُحْرَمُ خيرَها إلا كُلُّ محرومٍ[12] -ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް މި މަސް އަތުވެއްޖެއެވެ. މި މަހުގައި އެއް ހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ވެއެވެ. އެ ރެއިން މަޙްރޫމުވެއްޖެ މީހާ ހަމަކަށަވަރުން ހުރިހާ ހެޔޮކަމަކުން މަޙްރޫމުވެއްޖެއެވެ. މަޙްރޫމުވެގެންވާ މީހަކު މެނުވީ އެ ރޭގެ ހެޔޮކަމުން މަޙްރޫމު ނުކުރެވޭނެއެވެ.))
އެގާރަވަނަ ފިޔަވަޅު : ރަޙިމުގެ ގުޅުން ފޯރުކުރުން
ކީރިތި ރަސޫލާ ﷺ ބަޔާންކޮށް ދެއްވާފައިވާ ފަދައިން ރަޙިމުގެ ގުޅުން ވާޞިލުކޮށް ދެމެހެއްޓުމަކީ ޢުމުރު ދިގުވެ، ތަނަވަސްކަން އިތުރުވެ ޚާންދާނުގެ ތެރޭގައި ލޯތްބާއި އެކުވެރިކަން ބޮޑުވެގެންދާނެ ކަމެކެވެ. މީސްމީޑިޔާގެ ޒަމާނުގައި މި ގުޅުން ވާޞިލުކުރުމަށް މި އޮތީ ފަސޭހަ ދޮރުތައް ހުޅުވިފައެވެ. ކޮންމެ ދުވަހަކު ތިމާގެ މީހަކާ ގުޅައި ޙާލު ބަލައިލުމަކީ ގުޅުން ވާޞިލު ކުރުމެކެވެ. ވައިބަރު ގުރޫޕެއް ހަދައިގެން އެއް ވަގުތެއްގައި އެތައް ބަޔަކާ ގުޅާލައި ޙާލު ބަލައިލެވިދާނެ އެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((تَعَلَّموا من أنسابِكم ما تَصِلُونَ به أرحامَكم؛ فإن صلةَ الرحِمِ مَحَبَّةٌ في الأهلِ، مَثْراةٌ في المالِ، مَنْسَأَةٌ في الأَثَر[13]– ތިޔަބައިމީހުންގެ ރަޙިމުގެ ގުޅުން ވާޞިލު ކުރުމަށް ޓަކައި ތިޔަބައިމީހުންގެ ނަސަބު ދަސްކުރާށެވެ! ފަހެ ހަމަކަށަވަރުން ރަޙިމުގެ ގުޅުން ވާޞިލުކުރުމަކީ ގާތްތިމާގެ މީހުންގެ މެދުގައި ލޯބި އުފެދި، މުދާ އިތުރުވެ، ޢުމުރު ދިގުވާނެ ކަމެކެވެ.))
[1] – صحيح البخاري ٦٦٨٩ و صحيح مسلم ١٩٠٧ و صحيح النسائي ٧٥ و سنن الدارقطني ١٣١ و صحيح الترمذي ١٦٤٧ و مسند أحمد ١/٩٥
[2] – أخرجه البخاري (٣٨)، والنسائي (٢٢٠٣)، وابن ماجه (١٦٤١) ومسلم (٧٦٠)، وأبو داود (١٣٧٢)، والترمذي (٦٨٣) ، وأحمد (٩٠٠١)
[3] – أخرجه أحمد (١٧١٥٥)، وابن أبي شيبة في «المصنف» (٢٩٩٧١)
[4] – أخرجه البزار كما في «مجمع الزوائد» للهيثمي (٢/٦٢)، وأبو يعلى (٤٣٨٧)، و الطبراني المعجم الأوسط ١/٢٧٥ والعقيلي في «الضعفاء الكبير» (٤/١٩٦)، وابن عدي في «الكامل في الضعفاء» (٦/٣٦١)
[5] – أخرجه البخاري (٦٤٥)، ومسلم (٦٥٠)، والترمذي (٢١٥)، والنسائي (٨٣٧)، وأحمد (٥٧٧٩)
[7] – صحيح ابن حبان ٣٤٢٩ و الجامع الصغير ٨٨٧١
[8] – أخرجه الترمذي (٥٨٦)، والبغوي في «شرح السنة» (٧١٠)
[9] – أخرجه البزار (٨٢)، وأبو يعلى (٨٥)، والعقيلي في «الضعفاء الكبير» (٤/٢٢)
[10] – أخرجه البخاري (١٤١٠)، ومسلم (١٠١٤)، والترمذي (٦٦١)، والنسائي (٢٥٢٥)، وابن ماجه (١٨٤٢) وأحمد (٨٣٨١)
[11] – القدر : 3
[12] – أخرجه ابن ماجه (١٦٤٤)
[13] – أخرجه الترمذي (١٩٧٩)، وأحمد (٨٨٥٥)




advertisment