އިންސާނާގެ ވަގުތަކީ އޭނާގެ ޢުމްރެވެ. އެއީ އޭނާގެ ދާއިމީ ޙަޔާތުގެ އަނދަނައެވެ. އެއީ ވިލާތައް ހިނގައިދާ ގޮތަށް ދާ އެއްޗެކެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހެއް ދަނީ ޢުމުރުން ދުވަހެއް ހިފައިގެންނެވެ. އަޖަލު ކުޑަތަން ކުރަމުންނެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((وَهُوَ الَّذِي جَعَلَ اللَّيْلَ وَالنَّهَارَ خِلْفَةً لِمَنْ أَرَادَ أَنْ يَذَّكَّرَ أَوْ أَرَادَ شُكُورًا[1] – އަދި އެކަލާނގެއީ، ރެޔާއި ދުވާލު އެކައްޗަކަށްފަހު، އަނެކައްޗެއް އަންނަ ގޮތުގައި ލެއްވި ރަސްކަލާނގެއެވެ. އެއީ ހަނދުމަކުރުމަށް އެދޭ މީހަކަށް، ނުވަތަ شكر ވެރިވުމަށް އެދޭ މީހަކަށްޓަކައެވެ.))
ކޮންމެ މުސްލިމަކު ވެސް މި ބަރަކާތްތެރި މައްސަރުގައި، މި މަތިވެރި މޫސުމުގައި، ވަގުތުގެ އަގު ވަޒަންކުރަން ޖެހޭނެއެވެ. ރޭގަނޑާއި ދުވާލު އައިސްދާ ދިޔުމުން ޢިބްރަތް ޙާޞިލު ކުރަންވާނެއެވެ. ކިތައް ރަމަޟާން މަސް އައިސް އަޅުގަނޑުމެންނާ ވަކިވެ ހިނގައްޖެތޯއެވެ؟ އައު އެއްޗެހި ބައުކުރަމުން، ދުރުއެއްޗެހި ގާތްކުރަމުން، ޢުމުރު ހުސްކުރަމުން، ޒުވާނުން މުސްކުޅި ކުރަމުން، ރޭގަނޑާއި ދުވާލު އައިސް ދެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން އަބީ ޠާލިބުގެފާނު ވިދާޅުވިއެވެ. ((ارْتَحَلَتْ الدُّنْيَا مُدْبِرَةً وَارْتَحَلَتْ الْآخِرَةُ مُقْبِلَةً وَلِكُلِّ وَاحِدَةٍ مِنْهُمَا بَنُونَ؛ فَكُونُوا مِنْ أَبْنَاءِ الْآخِرَةِ وَلَا تَكُونُوا مِنْ أَبْنَاءِ الدُّنْيَا فَإِنَّ الْيَوْمَ عَمَلٌ وَلَا حِسَابَ وَغَدًا حِسَابٌ وَلَا عَمَلٌ [2]– ފުރަގަސްދީފައި ދުނިޔެ ދެއެވެ. ކުރިމަތިލަމުން އާޚިރަތް އާދެއެވެ. އެއިން ކޮންމެ އެއްޗަކަށް ދަރިންތަކެއް ވެއެވެ. ފަހެ ތިޔަބައިމީހުން އާޚިރަތުގެ ދަރީން ކަމުގައި ވާށެވެ! ދުނިޔޭގެ ދަރީން ކަމުގައި ނުވާށެވެ! ފަހެ ހަމަކަށަވަރުން މިއަދު އޮތީ ޢަމަލެވެ. ހިސާބެއް ނެތެވެ. މާދަމާ އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ.)) މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން ޢަބްދިލް ޢަޒީޒު ވިދާޅުވިއެވެ. ((إِنَّ الدُّنْيَا لَيْسَتْ بِدَارِ قَرَارِكُم، دَارٌ كَتَبَ اللهُ عَلَيْهَا الْفَنَاءَ ، وَكَتَبَ عَلَى أَهْلِهَا مِنْهَا الظَّعن ، فَكَمْ عَامِر موثق عَمَّا قَلِيلٍ يَخْرَبُ، وَكَمْ مُقِيمٍ مُغْتَبطٍ عَمَّا قَلِيلٍ يَظْعَن ، فَأَحْسِنُوا رَحِمَكُمُ اللهُ مِنْهَا الرِّحْلَةَ بَأَحْسَنِ مَا بِحَضْرَتِكُمْ مِنَ النُّقْلَةِ، وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى[3] – ހަމަކަށަވަރުން ދުނިޔެއަކީ ތިޔަބައިމީހުން ޤަރާރުވެ ތިބެނިވި ގޮވައްޗެއް ނޫނެވެ. އެއީ މާތްﷲ އޭގެ މައްޗަށް ފަނާވުން ލައްވާފައިވާ ގޮވައްޗެކެވެ. އެ ގޮވަތީގެ އަހްލުވެރީންގެ މައްޗަށް ދަތުރުކޮށް ދިޔުން ލައްވާފައި ވެއެވެ. ވަރުގަދައަށް އާރާސްތުކޮށްފައިވާ ތަންތަން ކިހާ އަވަހަކަށް ޚަރާބުވެގެން ދޭ ހެއްޔެވެ؟ ޤާއިމުވެ ތިބުމަށް އުންމީދު ކުރި ކިހާ ބަޔަކު ކިހާ އަވަހަކަށް ފުރައިގެން ދޭހެއްޔެވެ؟ ފަހެ ތިޔަބައިމީހުންގެ އަތުގައި ހުރި އެންމެ ރަނގަޅު އެއްޗަކުން ތިޔަބައިމީހުންގެ ދަތުރު ރަނގަޅު ކުރާށެވެ! އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ.))
އިންސާނާއަކީ އޭނާގެ މައިމީހާގެ ބަނޑުން ވިހާ ދުވަހުން ފަށައިގެން އޭނާގެ ޢުމުރު ސުންނާފަތިކުރަމުންދާ މީހެކެވެ. އަލްޙަސަނުލް ބަޞްރީ ވިދާޅުވެފައިވާ ފަދައިން އިންސާނާގެ ޢުމުރަކީ ދުވަސްތަކެކެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކު އޭނާގެ ޢުމުރުން ތަންކޮޅެއް ނެތިގެންދެއެވެ. ކޮންމެ ދުވަހަކާއެކު އޭނާގެ ޢުމުރުގެ މަސްތަކުން ތަންކޮޅެއް ނެތިގެންދެއެވެ. ކޮންމެ މަހަކާއެކު އޭނާގެ ޢުމުރުގެ އަހަރުތަކުން ތަންކޮޅެއް ނެތިގެން ދެއެވެ. ކޮންމެ އަހަރަކާއެކު އޭނާގެ ޢުމުރުން ތަންކޮޅެއް ނެތިގެންދެއެވެ. ﷲގެ އަޅާގެ ޢުމުރުން ފާއިތުވެގެންދާ ކޮންމެ ގަޑިއަކާއެކު އޭނާ އޭނާގެ އަޖަލާ ކައިރި ވަމުންދާނެއެވެ. މާތް ﷲ ރުއްސުން ލެއްވި އިބްނު މަސްޢޫދު ވިދާޅުވިއެވެ. ((ތިމަންކަލޭގެފާނުގެ ޢަމަލުފުޅަށް އެއްޗެއް އިތުރުނުވެ އިރު އޮއްސިގެންދާ ކޮންމެ ދުވަހަކާމެދު ދެރަފުޅުވާ މިންވަރަށް އެހެން ކަމަކާމެދު ދެރަފުޅު ނުވަމުއެވެ.)) މި ބަސްފުޅުން އެބޭކަލުން ވަގުތަށް ދެއްވާ އަހައްމިއްޔަތު ހާމަވެގެން ދެއެވެ.
އެއްވެސް ޝައްކެއްނެތްގޮތުގައި މި ޙަޔާތުގައި އިންސާނާގެ ރައުސްމާލަކީ އޭނާގެ ދުވަސްތަކެވެ. އޭގެ ފައިދާއަކީ ސުވަރުގެއެވެ. އޭގެ ގެއްލުމަކީ ނަރަކައެވެ. އަހަރަކީ ގަހެކެވެ.އޭގެ ގޮފިތަކަކީ މަސްތަކެވެ. ދުވަސްތަކަކީ އޭގެ އޮފިތަކެވެ. އޭގެ ފަތްތަކަކީ ގަޑިތަކެވެ. އޭގެ މޭވާތަކަކީ ނޭވާއެވެ. އެމީހެއްގެ ނޭވާތައް ﷲގެ ޠާޢަތުގައި ވެއްޖެނަމަ އޭގެ މޭވާއަކީ ރަހަ މީރު ފޮނި އެއްޗެކެވެ. އޭނާގެ ނޭވާތައް ﷲގެ އުރެދުމުގައި ވެއްޖެނަމަ އޭގެ މޭވާތަކަކީ ރަހަ ނުބައި ހިތި އެއްޗެކެވެ.
ކައު ރަސޫލާ صلى الله عليه وسلم ވަގުތުގެ މުހިއްމުކަން ބަޔާންކޮށްދެއްވައި އެތައް ބަސްފުޅުތަކެއް ޙަދީސް ކުރައްވާފައި ވެއެވެ. އަދި މި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިރްޝާދު ދެއްވާފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغْلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ [4]– ފަސްކަމެއްގެ ކުރިން ފަސްކަމެއްގެ ބޭނުން ހިފާށެވެ! ތިބާ މުސްކުޅިވުމުގެ ކުރިން ތިބާގެ ޒުވާންކަމާއި، ތިބާ ބަލިވުމުގެ ކުރިން ތިބާގެ ދުޅަހެޔޮކަމާއި، ތިބާ ފަޤީރުވުމުގެ ކުރިން ތިބާގެ ތަނަވަސްކަމާއި، ތިބާ އަވަދިނެތިވުމުގެ ކުރިން ތިބާގެ ހުސް ވަގުތާއި، ތިބާ މަރުވުމުގެ ތިބާގެ ދިރިހުރުމެވެ.))
އަބޫ ބަރްޒަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((لا تزولُ قدَما عبدٍ يومَ القيامةِ حتّى يُسأَلَ عن أربَعٍ: عن عُمُرِه فيما أفناه، وعن جَسَدِه فيما أبلاه، وعن عِلْمِه ما عَمِلَ فيه، وعن مالِه مِن أين كَسَبَه وفيما أنفَقَه[5] – ޤިޔާމަތް ދުވަހުން 4 ކަމަކާ ބެހޭގޮތުން ސުވާލުކުރެވުމުގެ ކުރިން އަޅާގެ ދެ ފައިތިލައަށް ސާބިތުކަމެއް ނުލިބޭނެއެވެ. އޭނާގެ ޢުމުރު ފަނާކުރީ ކިހިނެއްތޯއާއި، އޭނާގެ ހަށިގަނޑު ބޭނުން ކުރީ ކިހިނެއްތޯއާއި، އޭނާގެ ޢިލްމާމެދު ޢަމަލު ކުރީ ކިހިނެއްތޯއާއި، އޭނާގެ މުދާ ހޯދީ ކިހިނެއްތޯއާއި އެ މުދާ ހޭދަކުރީ ކިހިނެއްތޯއެވެ؟))
މީގެއިތުރަށް ވަގުތަކީ އެއަށް ރައްކައުތެރިވާން ޖެހޭ ނިޢުމަތްތެއްކަން ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنْ النَّاسِ ؛ الصِّحَّةُ وَالْفَرَاغُ[6] – މީސްތަކުންކުރެ ގިނަ ބަޔަކު ޣާފިލުވާ ދެ ނިޢުމަތެއް ވެއެވެ. އެއީ: ޞިއްޙަތާއި ހުސް ވަގުތެވެ.))
މި ބަރަކާތްތެރި މަހުގައި ތަނަވަސްވެގެން މިދާ ﷲގެ ރަޙަމާތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އަވަސްވެގަންނަމާ ހިނގާށެވެ! މަރު އައިސް ކުޑަތަންވުމުގެ ކުރިން ﷲ ދެއްވި ދިރިހުރުމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަމާ ހިނގާށެވެ! ބަލިމަޑުކަން އައިސް ގައިގައި ވަކި ހިއްޕައިލުމުގެ ކުރިން މާތްﷲ ދެއްވި ދުޅަހެޔޮކަމާއި ޞިއްޙަތުގެ ބޭނުން ކުރަމާ ހިނގާށެވެ! ކުރަން ޖެހިފައިވާ ކަންކަމުގައި އަވަދިނެތިވުމުގެ ކުރިން މި ލިބުނު ހުސް ވަގުތުކޮޅުގައި ހެޔޮކަމެއް ކުރެވޭތޯ ބަލަމާ ހިނގާށެވެ! މާތް ﷲ ތަނަވަސްކަން ދެއްވި މީހުންގެ މައްޗަށް ފަޤީރުކަމާއި އަތްމަތި ދަތިކަން ފާވުމުގެ ކުރިން މި ތަނަވަސްކަން ﷲގެ މަގުގައި ބޭނުންކުރެވޭތޯ ބަލަމާ ހިނގާށެވެ!
ބާއްޖަވެރިއަކީ މޫސުންތަކާއި ފޯވަހިތަކުގެ މަސްތަކާއި ދުވަސްތަކާއި ގަޑިތައް ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ބޭނުން ކުރާ މީހާއެވެ. ﷲގެ ނަފަޙާތުތަކުން ނަފަޙާތަކަށް ހާސާވެގެންދާ މީހުންގެ ތެރޭގައި ލައްވާތޯއެވެ! ސަލަފުން ވިދާޅުވާ ގޮތުގައި ވަގުތު ގެއްލެނިވެގެން ދިޔުމަކީ ﷲ އޭނާދެކެ ރުހިވޮޑިނުގަންނަވާ ކަމުގެ ޢަލާމަތެކެވެ. އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. ((ވަގުތު ނަގައިލުމަކީ މަރުވުމަށްވުރެ ނުބައި ކަމެކެވެ. ވަގުތު ނަގައިލުމުގެ ސަބަބުން ތިބާއާ ﷲއާ ދުރުހެލިވެގެންދާތީއެވެ. ތިބާއާ އާޚިރަތް ދުވަހާ ދެމެދުގައިވާ ގުޅުން ކެނޑިގެން ދާތީއެވެ. އެއާ ޚިލާފަށް މަރުވުމުން ގުޅުން ކެނޑިގެން ދަނީ ތިބާއާއި ތިބާގެ އަހްލުންނާ ދެމެދުގައެވެ. ތިބާއާއި ތިބާގެ ދުނިޔެއާ ދެމެދުގައެވެ.))
[1] – الفرقان: 62
[2] – رواه البخاري في صحيحه معلقا في كتاب الرقاق ، باب في الأمل وطوله .
[3] – رواه أبو نعيم في حلية الأولياء (5/292).
[4] – أخرجه ابن أبي الدنيا في «قصر الأمل» (١١١)، والحاكم (٧٨٤٦)، والبيهقي في «شعب الإيمان» (١٠٢٤٨ )
[5] – أخرجه الترمذي (٢٤١٧)، والدارمي (٥٣٧)، وأبو يعلى (٧٤٣٤)
[6] – أخرجه البخاري (٦٤١٢)، والترمذي (٢٣٠٤)، وابن ماجه (٤١٧٠)، وأحمد (٣٢٠٧)




advertisment