ހުޅުމާލެ ކަހަލަ ގިނަ ރަށްތަކެއް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން ދިނުމަށް ނިންމައި "ބިޔޯންޑް ހުޅުމާލެ"ގެ ނަމުގައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ހުޅުމާލެ ޑިވލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ން ބުނެފިއެވެ. އެޗް.ޑީ.ސީން މިހެން ބުނީ ހުޅުމާލެ މާސްޓަރ ޕްލޭނަށް، ބައިނަލްއަގުވާމީ އެވޯޑެއް ލިބުމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.
"ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒްގެ އޮނޮރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗަރ/ އަރބަން ޕްލޭނިން" އެވޯޑަކީ ބައިނަލްއަޤުވާމީ އާކިޓެކްޗަރ އެވޯޑް ޕްރޮގްރާމެއް ކަމުގައިވާ "ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް" (އޭ.އެމް.ޕީ) ގެ ފަރާތުން އާކިޓެކްޗަރ ދާއިރާއިން ކޮންމެ އަހަރަކު ދެމުން ގެންދާ އެވޯޑެކެވެ.
އެމެރިކާގެ "ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް" އަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗަރ އަދި އަރބަން ޕްލޭނިންގެ ރޮނގުން ފާހަގަކުރެވޭ ގިނަ މަސައްކަތްތަކެއްގެ އަގު ވަޒަންކޮށް މި ދާއިރާއިން މި މަސައްކަތްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާ ކުރަމުން އަންނަ ކުންފުންޏެކެވެ. މިގޮތުން ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް އޮނަރަރީ އެވޯޑު ދިނުމާ ގުޅިގެން އެ ކުންފުނީގެ ވެބްސައިޓްގައި ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދައިފައިވާ ޕްލޭނެއްކަން ފާހަގަކޮށްފައެވެ.
"ހުޅުމާލެ ޒަމާނީ ފެންވަރެއްގައި ތަރައްޤީކޮށް ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ގިނަ ހިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަށް އެޗް.ޑީ.ސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މި ކުންފުނީގެ 20 އަހަރުގެ ތާރީހުގައި ލިބިފައި ތަޖުރިބާގެ އަލީގައި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ގިނަ ރަށްތަކެއް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން ދިނުމަށް ނިންމާ "ބިޔޯންޑް ހުޅުމާލެ"ގެ ނަމުގައި ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި މި ފުރުޞަތުގައި ފާހަގަކުރަމެވެ." އެޗް.ޑީ.ސީން ބުނެއެވެ.
ހުޅުމާލެއަކީ، މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޒަމާނީ ފެންވަރެއްގައި އިޖްތިމާޢީ ގޮތުންނާއި އުމްރާނީ ގޮތުންވެސް މީހުން ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުރިހަމަ މާސްޓަރ ޕްލޭންއެއް އެކުލަވާލައިގެން ތަރައްޤީކުރަމުން އަންނަ ރަށެކެވެ.
މި މަޝްރޫޢުއަށް ވަނީ ބައިނަލްއަޤުވާމީ ގޮތުން ގިނަ އިނާމްތަކެއް މގެ ކުރިން ވެސް ވަނީ ލިބިފައެވެ.