Support Us

ރަމަޟާން މަހާ އިސްތިޤްބާލު ކުރުން

މާތްﷲގެ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނިޢުމަތްތަކުގެ ތެރޭގައި ޢިބާދާތުތަކަށް ތަފާތު މޫސުންތަކާއި ފޯވަހިތައް ލެއްވުން ވެއެވެ. އެ މޫސުންތަކާއި ފޯވަހިތަކުގައި ﷲއަށް ކިޔަމަންގަތުން އިތުރުވެ، ކުށްތަކަށް އަރައިގަތުމާ ދުރުހެލިވެވެއެވެ. ﷲގެ ފުއްސެވުމާއި ރުއްސެވުން އިތުރުވެ، ﷲގެ ރަޙްމާތުތައް އޮހިގެން އާދެއެވެ. ހެޔޮ ކަންތައްތަކުގެ ސަވާބުތައް ގުނައިތުރުވެގެން ނަފްސުތައް ޠާހިރުވެގެންދެއެވެ. މި މޫސުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މޫސުމަކީ ބަރަކާތްތެރި ރަމަޟާން މަހެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ [1]– رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.))

ރަމަޟާން މަހުގެ ދީލަތިކަމުގެ ބޮޑުކަމާއޭވެ! އެ މޫސުމުގެ މަތިވެރިކަމާއޭވެ! އެއީ ބަރަކާތާއި ޚައިރާތުގެ މައްސަރެވެ. އެއީ ޞިޔާމާއި ޤިޔާމުގެ މައްސަރެވެ. އެއީ ރަޙްމަތާއި މަޣްފިރަތާއި ނަރަކައިން މިންޖު ކުރެއްވުމުގެ މައްސަރެވެ. އެއީ ދީލަތިވުމާއި އިޙްސާންތެރިވުމާއި ހެޔޮފޯރުވުމުގެ މައްސަރެވެ. އެއީ ހަމްދަރުދީވުމާއި އަޅައިލުމުގެ މައްސަރެވެ. އެއީ ދިނުމާއި ހިފުމުގެ މައްސަރެވެ.

  1. މި މަތިވެރި މަސް އަންނަން ކައިރިވުމުން ލޮބުވެތި ރަސޫލާ ﷺ އެ ކަމުގެ ހެޔޮ ޚަބަރު މުސްލިމުންނަށް ދެއްވިއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އުއްމަތަށް މި މަހުގައި ނަމާދާއި ޞަދަޤާތް ފަދަ ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް ހިތްވަރުދެއްވިއެވެ. ﷲއަށް ކިޔަމަންގަތުމުގައި ކެތްތެރިވުމަށް އިރްޝާދު ދެއްވިއެވެ. ރޯދަހިފުމުން ދުވާލު، ޤިޔާމުން ރޭގަނޑު އާރާސްތު ކުރުމަށް އެކަލޭގެފާނު ނަސޭހަތް ދެއްވިއެވެ. ރަމަޟާންމަހުގެ ބަރަކާތްތެރި ވަގުތުތައް ޒިކްރުންނާއި، ޝުކުރުންނާއި ތަސްބީޙައިންނާއި ތަހްލީލުން ވުނަކުރުމަށް ވަނީ ހިތްވަރުދެއްވައިފައެވެ. ކީރިތި ޤުރްއާނުން ހިތްތައް ޒީނަތްތެރި ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((هَذَا رَمَضَانُ قَدْ جَاءَ تُفْتَحُ فِيهِ أَبْوَابُ الْجَنَّةِ وَتُغْلَقُ فِيهِ أَبْوَابُ النَّارِ وَتُسَلْسَلُ فِيهِ الشَّيَاطِينُ [2]– މާނައީ: މިއީ  ރަމަޟާން މަހެވެ. ހަމަކަށަވަރުން މި މަސް އަތުވެއްޖެއެވެ. މި މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވި، ޝައިޠާނުން ކަސްތޮޅު އެޅުވިދެތެވެ.))

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ: ((إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتْ الشَّيَاطِينُ وَمَرَدَةُ الْجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ ، وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ ، وَيُنَادِي مُنَادٍ يَا بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ، وَلِلَّهِ عُتَقَاءُ مِنْ النَّارِ وَذَلكَ كُلُّ لَيْلَةٍ [3]ރަމަޟާންމަހުގެ ފުރަތަމަ ރޭ އައުމާއެކު ޝައިޠާނުންނާއި ޖިންނީންގެ މާރިދުން ކަސްތޮޅު އެޅުވިދާނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވިދާނެތެވެ. އޭގެތެރެއިން ހަމަ އެންމެ ދޮރެއް ވެސް ނުހުޅުވޭނެތެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިދާނެތެވެ. އޭގެތެރެއިން ހަމަ އެންމެ ދޮރުކޮޅެއް ވެސް ބަންދު ނުކުރެވޭނެތެވެ. ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެތެވެ. އޭ ހެޔޮކަންތައް ކުރުމަށް އެދޭމީހާއޭވެ! ތިބާ ހެޔޮކަންތައް ކުރުމަށް ކުރިމަތިލާށެވެ! އޭ ނުބައި ކަންތައްކުރުމަށް އެދޭ މީހާއޭވެ! ތިބާ  ރަނގަޅު ކަންތައް ކުރުމަށް ފަރުވާކުޑަ ނުކުރާށެވެ! އަދި ރަމަޟާން މަހުގައި ﷲ ނަރަކައިން މުއްތި ކުރައްވާ ބަޔަކު ވެއެވެ. އެއީ ހަމަ ކޮންމެ ރެއަކުއެވެ.))

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((لَمَّا حَضَرَ رَمَضَانُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : قَدْ جَاءَكُمْ رَمَضَانُ شَهْرٌ مُبَارَكٌ افْتَرَضَ اللَّهُ عَلَيْكُمْ صِيَامَهُ ، تُفْتَحُ فِيهِ أَبْوَابُ الْجَنَّةِ، وَيُغْلَقُ فِيهِ أَبْوَابُ الْجَحِيمِ ، وَتُغَلُّ فِيهِ الشَّيَاطِينُ ، فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا قَدْ حُرِمَ [4]ރަމަޟާން މަސް އައުމުން ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މައްސަރެކެވެ. މާތް ﷲ ވަނީ ތިޔަބައިމީހުންގެ މައްޗަށް ރޯދަ ހިފުން ފަރްޟު ކުރައްވައިފައެވެ. އެ މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުކުރެވި ޝައިޠާނުން ކަސްތޮޅުއެޅުވެއެވެ. އެމަހުގައި އެއް ހާސް މަހަށްވުރެ ހެޔޮކަން ބޮޑު ރެއެއް ވެއެވެ. އެ ރޭގެ ހެޔޮ ކަމުން މަޙްރޫމުވި މީހާ ހުރިހާ ހެޔޮ ކަމަކުން މަޙްރޫމު ވެއްޖެއެވެ.))

ރަސޫލާ ﷺ މި މަސް ސިފަ ކުރައްވަނީ އެއީ ބަރަކާތްތެރި މަހެއްކަމަށް ޙަދީސް ކުރައްވައެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ބަރަކާތްތެރި މަހެކެވެ. މި މަހުގެ ކޮންމެ ހިނދުކޮޅަކީ ބަރަކާތްތެރި ހިނދުކޮޅެކެވެ. އެއީ ވަގުތުގައި ބަރަކާތްތެރި، ޢަމަލުގައި ބަރަކާތްތެރި، ޖަޒާއާއި ސަވާބުގައި ބަރަކާތްތެރި މަހެކެވެ. މި މަހުގައި ލައިލަތުލް ޤަދްރި ވިލޭރޭ ވެއެވެ. މިއީ އެއްހާސް މަހަށްވުރެ ހެޔޮ ކަން ބޮޑު ރެއެކެވެ. މި މަހުގެ ބަރަކާތްތެރިކަމުގެ ތެރޭގައި މި މަހުގައި ކުރެވޭ ހެޔޮ ކަންތަކުގެ ސަވާބު ގިނަގުނަ ކުރެއްވުން ވެއެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވާ ދެއްވުން ވެއެވެ. ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވުން ވެއެވެ. ޝައިޠާނުންނާއި ޖިންނީންގެ މާރިދުން ކަސްތޮޅު އަޅުއްވައި ބަންދު ކުރެއްވުން ވެއެވެ. މި މަހުގައި މާތް ﷲ ނަރަކައިން މުއްތި ކުރައްވާ މީހުން ގިނަ ކުރެއްވުން ވެއެވެ.

މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ((لما حضرَ شهرُ رمضانَ قال لنا النبي ﷺ: ماذا تَسْتقْبلونَ؟ قالها ثلاثا، فقال عمرُ: يا نبي اللهَ، عَدُوّ حضَر، أو وَحْيٌ نَزَلَ؟ قال: لا، ولكن اللهَ يَغْفِر في أولِ ليلةٍ في شهرِ رمضانَ لكل أهل هذهِ القبلةِ [5] ރަމަޟާން މަސް އައުމުން ނަބިއްޔާ ﷺ ޙަދީސް ކުރެއްވިއެވެ. ތިޔަބައިމީހުން އިސްތިޤްބާލު ކުރާނީ ކިހިނަކުން ހެއްޔެވެ؟ މި ގޮތަށް ތިންފަހަރު ޙަދީސް ކުރެއްވުމުން ޢުމަރުގެފާނު ދެންނެވިއެވެ. އޭ ﷲގެ ނަބިއްޔާއޭވެ! ދުޝްމަނަކު އައީތޯއެވެ؟ ނުވަތަ ވަޙީބަސްފުޅެއް ބާވައިލެއްވުނީތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. ނޫނެކެވެ! އެހެނަސް ރަމަޟާން މަހުގެ ފުރަތަމަ ރޭ މާތްﷲ މި ޤިބްލައިގެ ކޮންމެ އަހްލުވެރިއެއްގެ ފާފަ ފުއްސަވާދެއްވާނެތެވެ.))

މި ބަސްފުޅު އިތުރަށް ކަށަވަރުކޮށްދެއްވިއެވެ.މާތްﷲ ރުއްސުން ލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާކުރެއްވިގެން ވެއެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ [6] މާތްﷲ އަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރި މީހާގެ އިސްވެ ދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ.))

އެހެން ބަސްފުޅެއްގައި ވެއެވެ. ((مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ[7] މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު  އަދައިގެން ލައިލަތުލް ޤަދްރި ވިލޭރޭ އިޙްޔާ ކުރި މީހާގެ އިސްވެ ދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ.))

އިސްވެދިޔަ ބަސްފުޅުތަކުން އެނގެނީ އެންމެ ބޮޑު ގެއްލުމަކަށް ވާނީ، އެންމެ ބޮޑު ނާކާމިޔާބީއަކަށް ވާނީ އެންމެ ބޮޑު މާޔޫސް ކަމަކަށް ވާނީ މަޣްފިރަތުގެ މަތިވެރި މަހާ ބައްދަލުވެ ތިމާގެ ފާފަތައް ފުހެވިގެން ނުދިޔުންކަމެވެ. އެއީ ތިމާގެ އިސްރާފުކުރުން ގިނަވުމުންނެވެ. އެއީ ތިމާ ތައުބާނުވުމުންނެވެ. މި މާތް ދުވަސްތަކުގައި ﷲގެ ޙަޟްރަތާ ކުރިމަތިނުލުމުންނެވެ. ﷲގެ ޙަޟްރަތަށް ރުޖޫޢަ ނުވުމުންނެވެ. ﷲގެ ޙަޟްރަތަށް އިސްތިޣްފާރު ނުކުރުމުންނެވެ. ﷲގެ ޙަޟްރަތާ ކުއްތަންވެ ދުޢާ ނުދެންނެވުމުންނެވެ.މި ބަރަކާތްތެރި މަސް ތިމާގެ ގާތަށް އައިސް ދާއިރު ތިމާގެ ކުށްތައް މަތީގައި ދެމިހުރުމުގެ ސަބަބުންނެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރު ބިން ސަމްރަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ޖިބްރީލް عَلَيْهِ السَّلامُ ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ: އޭ މުޙައްމަދުގެފާނޭވެ! ރަމަޟާން މަހާ ބައްދަލުވެ އޭނާގެ ފާފަ ނުފުއްސެވުނު މީހާ ނަރަކައަށް ވައްދަވައި ﷲގެ ރަޙްމަތާ ދުރަށް ލެއްވޭނެތެވެ. [8]))

ރަމަޟާން މަހަކީ ފައިދާ ބޮޑު، ޣަނީމާތައް ގިނަ މަހެކެވެ. އެހެން މަސްތަކާ ޚިލާފަށް ކައު ރަސޫލާ މި މަހުގައި ޢިބާދާތުގެ ކަންތައްތަކުގައި ވަރަށް ބޮޑަށް އަވަދިނެތިވެ ވަޑައިގެންނެވިއެވެ. މާތްﷲ ރުއްސުންލެއްވި މި އުއްމަތުގެ ސަލަފުން މި މަހަށް ވަރަށް ޚާއްޞަ އިހްތިމާމެއް ދެއްވިއެވެ. ޞާލިޙު ޢަމަލުތަކުން ﷲގެ ޙަޟްރަތާ ކުއްތަންވެ ވަޑައިގަތުމަށް ޓަކައި ވަގުތު ހުސްކުރެއްވިއެވެ. ރަމަޟާން މަހުގެ ޤިޔާމުން ރޭތައް އާރާސްތު ކުރެއްވިއެވެ. ﷲ ގެ ދަރުބާރަށް ވަދެ ދުވާލުގެ ވަގުތުތައް އިޙްޔާއު ކުރެއްވިއެވެ. މާތްﷲ ރުއްސުންލެއްވި އައްޒުހްރީ ވިދާޅުވިއެވެ. ((ރަމަޟާން މަސް އަތުވެއްޖެނަމަ އޮންނާނީ ކީރިތި ޤުރްއާން ކިޔެވުމާއި ފަޤީރުންނަށް ކާން ދިނުމެވެ.)) ސަލަފުންގެ ސީރަތަށް ބަލައިލުމުން ފެންނަނީ އެބޭކަލުންގެ ރަމަޟާން މަހަކީ ޞިޔާމާއި ޤިޔާމެވެ. ޢިބާދާތާއި ޤުރްއާން ކިޔެވުމެވެ. ތަހްލީލާއި ތަސްބީޙައެވެ. ހެޔޮފޯރުވުމާއި އިޙްސާންތެރިކަމެވެ. އޯގާވެރިކަމާއި ހަމްދަރްދީއެވެ. ޞަދަޤާތްކުރުމާއި ކާންދިނުމެވެ.

ރަމަޟާން މަހަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި މުސްލިމުންނަށް ކޮންމެ އަހަރަކު ޒިޔާރަތް ކުރާ ލޮބުވެތި މެހެމާނެކެވެ. ދީލަތި ޔާރެކެވެ. ގިނަ ހަދިޔާތަކަކާއެކު އައިސް އަޅުގަނޑުމެންގެ ދޮރުތަކުގައި ޓަކި ޖެހޭ ރަޙްމަތްތެރިއެކެވެ. ވީމާ މިފަދަ މެހެމާނަކާ އިސްތިޤްބާލު ކުރަންވާނީ އޭނާއާ އެކަށީގެންވާ ހޫނުކަމާއި ދީލަތިކަމާއެކުގައެވެ. އޭނާއަށް އުދަނގޫ ވެދާނެ އެންމެހާ ކަންތައްތަކާ ދުރުހެލިވެގެންނެވެ. ރަމަޟާން މަހާ ހަމައަށް ވާޞިލުކޮށް ދެއްވީތީ ﷲ ޖައްލަ ޖަލާލުހޫ އަށް ޝުކްރު ދަންނަވަމުންނެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ[9]– ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ فضل ވަންތަ ކަމާއި، އެކަލާނގެ رحمة އަށްޓަކައި (އެބަހީ: إسلام دين އާއި قرآن އަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.))

 

 

[1]  – البقرة:185

[2]  – أخرجه النسائي (٢١٠٣)، وأحمد (١٣٤٧٤)

[3]  – أخرجه الترمذي (٦٨٢)، وابن ماجه (١٦٤٢)

[4]  – أخرجه النسائي (٢١٠٦)، وأحمد (٩٤٩٧)

[5]  – أخرجه ابن خزيمة (١٨٨٥)، والعقيلي في «الضعفاء الكبير» (٣/٢٦٥)، والطبراني في «المعجم الأوسط» (٤٩٣٥)

[6]  – أخرجه البخاري (٣٨)، والنسائي (٢٢٠٣)، وابن ماجه (١٦٤١) ومسلم (٧٦٠)، وأبو داود (١٣٧٢)، والترمذي (٦٨٣) ، وأحمد (٩٠٠١)

[7]  – أخرجه البخاري (١٩٠١)، ومسلم (٧٦٠) ، وأبو داود (١٣٧٢)، والترمذي (٦٨٣)، وأحمد (٩٤٤٥)  والنسائي في «السنن الكبرى» (٢٥١٢)

[8]  – المعجم الكبير للطبراني (2022) މިއީ ތިން ބައެއް ހިމެނޭ ޙަދީސެކެވެ. މިތާނގައި މި ބަޔާންކުރީ ރަމަޟާން މަހާ ބެހޭ ތަންކޮޅުގެ މާނައެވެ.

[9]  – يونس:58

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *