އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އަންނަ އަހަރު 1.5 ބިލިއަން ރުފިޔާ ބަޖެޓް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ. ރަސްދޫގައި ބޭއްވެވި 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮންމެ ރައްޔިތަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ލުއިލޯނު ސްކީމެއް ތަޢާރަފުކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ފައިސާގެ ދަތިކަމާހުރެ މަސައްކަތްކުރިޔަށް ނުގެންދެވި ނުވަތަ ހަލުވި މިނެއްގައި މަސައްކަތް ކުރިޔަށްނުގެންދެވި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ލުއި މަގެއް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުތަކެކޭ އެއްފަދައިން މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން މިހާރުވެސް މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މިއަހަރުވެސް 5،000 ހައުސިންގ ޔުނިޓެއް އެޅުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ މި ޢަދަދު 13،000 އަށް އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެހެންމެ ސަރުކާރުން އެންމެ އިސްކަމެއްދޭ ސިޔާސަތުކަމުގައިވާ ރާއްޖެ ލާމަރުކަޒުކޮށް ހިންގުމުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރުމަށްވެސް މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ޙައްލެއް ގެންނަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



advertisment
2 Responses
ބޯހިޔާވަހި ކަމޭކިޔާފަ ބިލްޑިންގ ތަކެ އް ހެދިޔަކަސް ކަމަކު ނުދާނެ އއއއތަނަށް ކުލި ދަ އްކަން ފަ އިސާ ހޯދޭނެ ގޮތެ އްވެސް ހޯދަދޭން ޖެހޭ
ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިގެން އިމާރާތްތަކެއް ކުރިއަކަސް ކަމަކު ނުދާނެ . އެތަނަށް ކުލި ދައްކާނެ ފައިސާ ލިބެނެގޮތްވެސް ޖެހޭނެ ހަދައިދޭން. ކުލި ދައްކަން ފައިސާ ދެނީ އިންޑިއާއިންތޯ؟ މިހާރުވެސް ތިއުޅެނީ ކުރީ ސަރުކާރުން ފިނިޝިންގ ނިންމާފަ 6000ރުފިޔާއަށް ވުރެ އަގު ކުޑަކޮށް ދޭންބުނި ފްލެޓްތައް 7000ރުފިޔާއަށްވުރެ ބޮޑުކޮށްދޭން ނިންމައިގެން އެއިވެސް ފިނިޝިންގ ނުނިންމާ. ދެން ކަލޭމެން ދައްކާ ވާހަކަ ގަބޫލުކުރާނި ކިހުނެއް