Support Us

ގދ. ތިނަދޫ ހިޔާގެ ތަޅުންގަނޑުމަތީގައި ބެޑްޝީޓެއް އޮޅާލައިގެން ނިދަން އޮތް ކުއްޖެއް ކަމަށް ބުނރ މީސްމީޑިއާގައި ދަރުވާ ފޮޓޯއެއް

ކުޑަކުދިންގެ މަރުކަޒުތަކުގައި ހިނގަމުންދާ ކަންތައްތައް ކުށްވެރިކޮށް އާކުން ކަންބޮޑުވުން ފާޅުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅެމުންދާ މަރުކަޒުތަކުގައި ހިނގަމުންދާ ކަންތައްތައް ކުށްވެރިކޮށް، ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ ރާއްޖޭގެ އަމިއްލަ ޖަމާއަތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޑްވޮކޭޓިން ފޯދަ ރައިޓްސް އޮފް ދަ ޗައިލްޑް ނުވަތަ "އާކް" އިން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ކުޑަކުދިން ދިރިއުޅެމުންދާ ކުޑަކުދިންގެ ހިޔާގައި ހިނގަމުންދާ ކަންތައްތަކާއި ގުރައިދޫގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅެމުންދާ މަރުކަޒުގެ ހާލަތާމެދު އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"މި ފަހުން ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާތަކަކީ އެތައް ދުވަހެއް ވަންދެން ޙައްލުނުކުރެވި ހުރި މައްސަލަތަކެއްގެ ނަތީޖާއެވެ. މިގޮތުން ހިޔާގައި ހުރި މައްސަލަތަކުގެ ތެރޭގައި މެނޭޖްމަންޓަށް އެކަށީގެންވާ ވަރަށް ކުޑަކުދިންގެ ހިޔާ ނުބެލެހެއްޓުމާއި، ކުދިންނަށް ބޭނުންވާ އެކި ކަހަލަ ކަންކަން ފުރިހަމަކޮށްނުދެވުމާއި އަދި ކޮވިޑް19އާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތައް ހިމެނެއެވެ. ހިޔާގައި ހުރި މިފަދަ މައްސަލަތައް މި ޖަމިއްޔާއިން ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ ސަމާލުކަމަށް އެކި ފަހަރުމަތިން 2020 ވަނަ އަހަރުގެ ތެރޭގައިވެސް ގެނެސްފައެވެ." އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހިޔާގެ މައްސަލަތައް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތަށް ބަލާއިރު ކުޑަކުދިންގެ ހިޔާ މިހާލަތަށް ވެއްޓުނު އަސްލު ސަބަބު ކަމުގައިވާ ދަޢުލަތުގެ އިދާރާތަކަށް އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްނުދެވުމާއި މުއައްސަސާތަކާއި ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އިޙްމާލު ފާހަގަކުރުމުގެ ބަދަލުގައި ކުދިން ބަދުނާމުވާ ގޮތަށް މީޑިއާގައި އެ ކުދިންގެ ވާހަކަތައް ރިޕޯޓްކޮށްފައިވާތީ ވެސް އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާކުގެ ފަރާތުން އިންތިޒާމްކުރި ކުޑަކުދިންގެ އިވެންޓެއްގެ ތެރެއިން.. -ފޮޓޯ: އާކް/އެފްބީ

"މިގޮތުން ހިޔާގައި ދިރިއުޅޭ ގިނަ ކުދިންނަކީ ކުށްކުރާ ކުދިން ކަމަށް ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކާއި މީޑިއާގެ އެކި ފަރާތްތަކުން ބަޔާންކުރަމުން ގެންދިއުމަކީ އާރކްއިން އެކަމާ ނުހަނު ކަންބޮޑުވާ ކަމެކެވެ. ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ގިނަ ކުދިންނަކީ އަޅާލުންތެރިކަމެއް ނުލިބި، ބޮޑެތި އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވުމުގެ ސަބަބުން ނުވަތަ އެ ކުދިންނާމެދު ވެފައިވާ އިހުމާލެއްގެ ސަބަބުން ނުވަތަ ނަހަމަ ގޮތުގައި އެކުދިންގެ ބޭނުން ކޮށްފައިވާތީ، އެ ކުދިންނަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުދިންނެވެ. މިހެންކަމުން މި ކުދިންގެ ފަރާތުން ބައެއް ފަހަރު ފެންނަ އަޚުލާޤީ މައްސަލަތަކަކީ މާޒީގައި އެ ކުދިން ތަޙައްމަލުކޮށްފައިވާ އަނިޔާތަކާއި، މިހާރުވެސް އެކަމުގެ ސަބަބުން ތަހައްމަލުކުރަމުންދާ ވޭނާއި ހިތާމައިގެ ސަބަބުން އެ ކުދިންގެ އުޅުމަށް ކޮށްފައިވާ އަސަރުތަކެއްގެ ނަތީޖާކަން ދެނގަނެ، އެ ކުދިންނަށް ބޭނުންވާ ފަރުވާ ނުވަތަ އިންޓަވެންޝަންތައް ބިނާކުރަންވާނީ ކައުންސެލިންގއާއި، ފަންނީ މާހިރުންގެ އެހީތެރިކަމާއި، އަދި އެނޫންވެސް ރައްކާތެރިކަމާގުޅޭ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނަޒަރަކުން ކަމުގައި ފާހަގަކުރަމެވެ."

އާކުން ބުނީ ހިޔާގައި ދިރިއުޅޭ ކުދިންގެ ތެރެއިން، ސްކޫލަށް ނުދާ ކުދިން އަނބުރާ ސްކޫލަށް ފޮނުވުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަމުގެ ރިޕޯޓްތަކާއި، މީގެ ސަބަބުން އެކަށީގެންވާ ތަޢުލީމީ ފުރުޞަތުތަކުން އެކުދިން މަޙްރޫމްވަމުންދާކަމާއި، އެކުދިންގެ މުސްތަޤުބަލާމެދު ބޮޑެތި ނިންމުންތައް ނިންމާއިރު އެކުދިންނާ އެކަށީގެންވާ މަޝްވަރާއެއް ނުކުރާކަންވެސް ފާހަގަކުރެވޭ ކަމަށެވެ.

"އަދި އަނިޔާ އާއި އިހުމާލުގެ ސަބަބުން ދަޢުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން، ވަގުތީގޮތުން ރަށްރަށުގެ އެފް.ސީ.އެސް.ސީ ތަކުގައި ބައިތިއްބާ ކަމާއި، އަދި މިފަދަ ކުދިންނަށް އާއިލާގެ އެހެން ފަރާތަކާއެކު ދިރިއުޅެވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާތީ ކަމަށްބުނެ، އެ ރަށުގެ ސްކޫލުގައި ރަޖިސްޓްރީ ނުކޮށް، ސްކޫލަށް ނުފޮނުވާ ބައިތިއްވާކަންވެސް މި ޖަމިއްޔާއަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ ބައެއް ކުދިންގެ ތަޢުލީމަށް ބުރޫއަރާ އެހެނިހެން ޙައްޤުތަކެއް ނުލިބި އެތައް މަހެއް ވަންދެން އެފް.ސީ.އެސް.ސީ ތަކުގައި ބައިތިއްބާކަންވެސް ވަނީ ފާހަގަކުރެވިފައެވެ."

އާކުގެ ފަރާތުން އިންތިޒާމްކުރި ކުޑަކުދިންގެ އިވެންޓެއްގެ ތެރެއިން.. -ފޮޓޯ: އާކް/އެފްބީ

ދާދި ފަހުން ދައުލަތުން ފަށައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ކުޑަކުދިންގެ ހިޔާގެ ބައެއް ކުދިން ރަށްރަށުގެ އަމާން ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތަކީ ރަނގަޅު ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫންކަންވެސް އާކުން ފާހަގަކުރެއެވެ.

"މިގޮތުން މި ކުދިން ބަދަލުކުރާއިރު ކުދިންނަށާއި މުވައްޒަފުންނާއި އެ ރަށެއްގެ ރައްޔިތުންވެސް ތައްޔާރުވާނެ ފުރުޞަތު ނުދީ ކުދިން ބަދަލުކުރާކަމާއި، ކުދިންނަށް ބޭނުންވާ އެކި ކަހަލަ ސްޕެޝަލިސްޓް ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެހިފައިނުވާކަންވެސް ހިތާމައާއެކު ފާހަގަކުރެވެއެވެ. މިހެންކަމުން މިގޮތަށް ބަދަލުކުރި ބައެއް ކުދިން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރަމުންދާތީ، އެއީ އެކުދިންގެ މަސްލަޙަތަށް އެންމެ އެކަށީގެންވާ ގޮތް ނޫންކަންވެސް ހިތާމަޔާއެކު ފާހަގަކުރަމެވެ."

މީގެ އިތުރުން ބައެއް ކުޑަކުދިން ދިރިއުޅެމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތާމެދުވެސް އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގުރައިދޫ މަރުކަޒުގައި ތިބި ކުދިންނަށް ބޭނުންވާ ސިއްޚީ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

އާކުގެ ފަރާތުން އިންތިޒާމްކުރި ކުޑަކުދިންގެ އިވެންޓެއްގެ ތެރެއިން.. -ފޮޓޯ: އާކް/އެފްބީ

"އާކުން ވަނީ 2010 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅެމުންދާ ކުދިންނަށާއި މުވައްޒަފުންނަށް ޚާއްޞަކޮށްގެން އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެހެންނަމަވެސް ކޮވިޑް 19އާ ގުޅިގެން މާރޗް 2020 ގައި ލޮކްޑައުން ކުރިފަހުން މިފަދަ އެއްވެސް ޕްރޮގްރާމެއް ހިންގުމުގެ ފުރުޞަތު އާކަށް ލިބިފައެއް ނުވެއެވެ." އާކުގެ ބަޔާނުގައިވެއެވެ. "މި ޖަމިއްޔާއިން ޤަބޫލުކުރާ ގޮތުގައި، ދަޢުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމަޔަށް ފޯރުކޮށްދީ، އެކުދިންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަކީ ދައުލަތުގެ މުހިންމު ޒިންމާއެކެވެ. އަދި ހިޔާގައި މި ހިނގަމުންދާ ޙާދިސާތައް މި ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އަނިޔާއާއި އިޙްމާލުގެ ޝިކާރައަކަށްވެފައިވާ ކުދިންކަން ފާހަގަކޮށް، އެކުދިންގެ އިޙްސާސުތަކަށް އިހްތިރާމްކުރުމަށް މީޑިޔާއާއި ހުރިހާ މުއައްސަސާތައް އަދި މުޖްތަމައުގެ އެންމެހާ ފަރާތްތަކަށް އާކްއިން އިލްތިމާސްކުރަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް