ނިވައި ރޯޅީގެ ބީހިލުމުން އެ ނިއުޅާލީ ހަނދާން ތަކަކުން
އެ ވައި ރޯޅީގެ ތަޢުބީރޭ ކިޔައި މި ދެނީ ރިހުން ތަކަކުން
ވަޔާ އެކު ފިރުކެމުންއައި އަޑު ދެކަންފަތުގައި މި ޖެހިލި ހިނދުން
ޙަޔާތޭ ނެށުމަކަށް ދަހިވެތި ވެލީ ހުރި ރީތި މިޔުޒިކަކުން
ވިލާ ކޮޅަކާ ނިވާވެ އެއިން ހިމޭން ރޭގަނޑުގެ ހަނދު ފަދައޭ
މިލާ ނުމެލާ އެ ފަރި މޫނުން ވިދާ ވިދުވަރު،ވިދުން ތަކަކުން
ދެ ލޯ ދެ ލޮލާ ދިމާވީމާ އެ ފުން ދެ ލޮލުގެ ފުނުން ފެނުނީ
މި ލޯ ނު ނިދާ ބަލަން ބޭނުން ޚަޒާނާ އޭ މުތީ ތަކަކުން
އުޅޭ އުޅުމާ ހިނގާ ހިނގުމާ ބަލައިލައި ޖާދުވީ ބެލުމާ
ކުޅޭ ލޭގައި ޖަހާ ވިންދާ،ނިކަން ސިޙުރީ އަދާ ތަކަކުން
ދެ ތުންފަތް ފަރިވެލާ މަންޒަރު ބަލަން މާތައް ލަދުން ތިބެޔޭ
ހިތެއް ނުބުނޭ އެ މަންޒަރު ކުރެހިދާނެޔެކޭ މަގޭ އަތަކުން
މަލެއްގައި ބީހި ލާފައި އައި" ނިވައިރޯޅީ "ގެ އިޙްސާސުން
ބަލަން ހަމަ ހުރެވުނީ މި ޚިޔާލުތައް ފަތުރާލި އޮއިވަރަކުން
