...

Support Us

ކޮލަމް: ވިނަވި

އުތުރު ގަޑުބަޑު- ކިހިނެއް ހިނގި ކަމެއް؟

އުތުރު ގަޑުބަޑަކީ ދުނިޔޭގެ ދެ ވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ދިވެހިރާއްޖެއަށް އައި ތަދުމަޑުކަމުގައި ހިނގައިދިޔަ ހަމަނުޖެހުމެވެ. އުތުރުގެ ރައްޔިތުން މި ފިޔަވަޅު އަޅަން ޖެހުނީ ތަދުތެރޭގައި ކާޑު ކޮންޓްރޯލްކުރި ގޮތުންނާއި ބޮޑު އިސްޓޯރު ހުޅުވުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދެވި ގޮތުންނެވެ. އުތުރު ގަޑުބަޑަކީ އެހާތަނަށް ވެސް، އަދި އޭގެ ފަހުން ވެސް ރާއްޖޭގެ ތާރީޚުގައި ހިނގާފައިނުވާ ފަދަ ބޮޑު، ސަރުކާރާ އިދިކޮޅު ހަރަކާތެކެވެ. "އުތުރު އަރުމާޒު"ގައި އުތުރުގެ ހަތަރު އަތޮޅުން 552 އުޅަނދާއި 9452 މީހުން ބައިވެރިވެ މާލެއަށް ދަތުރުކުރިއެވެ.

ތިލަދުންމަތީގައި އިދިކޮޅު ކަންތައްތަކެއް ހިނގާކަމުގެ މައުލޫމާތު ސަރުކާރަށް ފުރަތަމަ ލިބުނީ 1943 ގެ ފެބްރުވަރީ މަހުގެ ފަހުބައިގައެވެ. އެ ޚަބަރައިގެން މާލެއަށް ދުރުވީ ދިއްދޫ ދޮން އަލީ ހާޖީ ކަލޭފާނާއި ނޮޅިވަރަންފަރު ކަތީބު އާދަމް މަނިކެވެ. (އެއީ މަޝްހޫރު މަޖުބޫރު ކަތީބެވެ.) އެމީހުން މައުލޫމާތު ދިން ގޮތުން ކުޅުދުއްފުށީގައި ކަންކަން ހިނގަމުންދަނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެ ކަމުގައި އެންމެ އިސްކޮށް ހުރީ އެ ރަށު ކަތީބު ބޮޑު މުހައްމަދެވެ. ދެން ހުރީ އެ ރަށު ބޮޑުރުއްދޮށުގޭ މޫސައެވެ. އެއިރު އެމީހުންނާއި އެހެން ރަށްރަށުގެ ބައެއް މީހުން ވެސް ވަނީ ބައިއަތުހިފައިފައެވެ. އޭގެ ތެރޭގައި މާޅެންދޫ މުދިން ކަލޭގެއާއި ކުރެންދޫ މުދިމްކަލޭގެއާއި ވައިކަރަދޫ ކަތީބާއި ނައިވާދޫ ހަސަން ހިމެނެއެވެ.

އެ ޚަބަރު ލިބުމުން އެކަމަށް ސަރުކާރުގެ އިސް ވެރީން މާ ބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ޚަބަރު ގެނައި މީހުންގެ އަތަށް، ކުޅުދުއްފުށީ މީހުންނަށް ރައްދުކުރަން ނަސޭހަތުގެ ސިޓީއެއް ދެއްވިއެވެ. ދެން އިތުރު އެހެން ފިޔަވަޅެއް ނާޅުއްވައި ތިއްބެވީއެވެ. މިހެން ތިއްބަވަނިކޮށް ދެން ފެނުނީ 'އުތުރު އަރުމާޒު' އައި ތަނެވެ.

ކުޅުދުއްފުށީ ބޮޑު މުހައްމަދުގެ ފޮޓޯ ޖަހައިފައިވާ ވަތުތަށި

އުތުރުގެ އުޅަނދުތައް ދެބަނޑޮސް ދޭތެރެއިން ވަދެގެން އަންނަތަން ފެނުނީ 4 މާރޗް 1943 ވީ ބުރާސްފަތި ދުވަހު މެންދުރު 12 ޖަހާކަންހާއިރުއެވެ. އެއިރު ޤައުމު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރުއް ދާޚިލިއްޔާގެ ޤާއިމްމަޤާމު މުހަންމަދު އަމީނު އޮންނެވީ އާލަސްކަންފުޅާ ގޭގައެވެ. ޚަބަރު ލިބުމުން އޭނާ އަވަހަށް ވަޑައިގަތީ ކަސްޓަމަށެވެ. އެއިރު އެ ހިސާބުގައި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ތިއްބެވިއެވެ. މަތީބުރިއަށް އަރައިވަޑައިގެންނެވިއިރު އަމީންގެ އަރިހުގައި އިބުރާހިމް މުހަންމަދު ދީދީ އާއި އިބްރާހިމް އަލީ ދީދީ ވެސް އަރާވަޑައިގަތެވެ. އަދި ބަލައިފޮނުއްވައިގެން އަލީ ކުޑަރަންނަބަނޑޭރިކިލެގެފާނާއި އަބްދުﷲ ފަހުމީ ދީދީ ވެސް ވަޑައިގަތެވެ.

އެ ބޭފުޅުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ އުތުރުން އައިސްތިބި އެއްމެން މާލެއަށް އަޔަނުދެއްވައި ގަލުފަޅަށް ފޮނުވާލެއްވުމަށެވެ. އަދި އެމީހުންގެ މަންދޫބުންތަކެއް ސަރުކާރުގެ މަންދޫބުންނާ ވާހަކަ ދައްކަން ގެންނަވާށެވެ. މި ހުށަހެޅުމައިގެން ވަޑައިގަތީ އިބުރާހިމް އަލީ ދީދީ އާއި އިބްރާހީމް މުހަންމަދު ދީދީއެވެ. އައިސް ތިބި ރައްޔިތުން އެ ބޭފުޅުންނާ ހުތުރު ބަހުން މުޚާތަބުކޮށް އެ ހުށަހެޅުން ރައްދުކުރީއެވެ.

ދެން ހަދާނެގޮތެއްގެ މަޝްވަރާކުރެއްވުމަށް ސަރުކާރުގެ އިސްވެރީންނާއި ހަތަރު އަވަށުގެ އިސް ވެރިން އަތިރީގޭގައި ބައްދަކުރެއްވިއެވެ. އެއިރު އަވަށުވެރީންގެ ގޮތުގައި ތިއްބެވީ ހެންވޭރުގައި ކަޅުހުރާގޭ ތުއްތު ސީދީއާއި ގަލޮޅުގައި މަލިންގޭ ދޮން ސީދީއާއި މައްޗަންގޮޅީގައި އަބްދުލް ވައްހާބާއި މާފަންނުގައި ހުސައިން އަފީފެވެ. އެބޭފުޅުންނަށް ނަސޭހަތް ދެއްވާފައި ނިންމާލައްވަމުން މުހަންމަދު އަމީން ދެއްވި އިރުޝަދަކީ "އެބޭފުޅަކު އެ ބޭފުޅެއްގެ އަވަށް ހިފހެއްޓެވުމަށެވެ."

އެ ދުވަހު ހަވީރު، އުތުރުގެ މުހިންމު އުޅަނދުފަހަރު މާލޭ ކަނޑިންމައިން ވަދެ ލޮތާރިލިއެވެ. އެ އޮޑިފަހަރުގެ ކުރީގައި އޮތީ އުތީމު ބައްތެލި ކޮޅެވެ. އެ އުޅަނދުފަހަރުން އައި މީހުންގެ އަތުގައި ފޭއްސާފައި ހުރި ކުރެއްޖާއި ކަތިވަޅި ފަދަ ތޫނު ހަތިޔާރު ހުރިކަމަށް މުހަންމަދު އަމީން ލިޔުއްވާފައި ވެއެވެ. އެ އިރު މާލޭގައި ތިބި ސަރުކާރަށް ތާއީދު ކުރާ ބަޔަކު ވެސް ތިބީ އެ ސަރަހައްދަށް އެއްވެފައެވެ.

އުޅަނދުތަކުން އައިސް ތިބި މީހުންގެ ތެރެއިން އިސް ބަޔަކު މަޝްވަރާއަށް ފާލަންމައްޗަށް ފޭބީ އިރުއޮއްސޭން ދަނިކޮށެވެ. އެ މީހުންގެ އެންމެ ބޮޑު ހުށަހެޅުމަކީ އެމީހުން ގަބޫލުކުރާ ރަސްކަލެއް ރާއްޖޭގެ ތަޚުތުގައި ނެތަތީވެ، މުހަންމަދު ޝަމްސުއްދީނަށް ރަސްކަން އަނބުރައި އިއާދަކުރުން ކަމަށް، މުހަންމަދު އަމީނު ލިޔުއްވާފައި ވެއެވެ. އެހެނަސް އޭގެ ކުރީ ދުވަހުގެ ތާރީޚު (3 މާރިޗް 1943/ 26 ސަފަރު 1362) ޖަހާފައި އުތުރުގެ ރައްޔިތުން ނެރުނު ލިޔުމެއްގައި ބުނާ ގޮތުން އެ މީހުންގެ އެއް އެދުމަކީ އޭރު ހުންނެވި ރަދުން ހަސަން ނޫރައްދީނަށް ކިޔަމުންއައި ތާނިއާއާއި އެމަނިއްޕުޅުގެ އިއްޒަތް ކެނޑުނުގޮތް ސާފުކުރުމެވެ. އަދި ޝަމްސުއްދީން ރަދުންގެ ނަންފުޅުގަނެވިފައި ވެސް އެ ލިޔުމުގައި ނެތްކަން ފާހަގަ ކުރެވެއެވެ. މިކަންކަމުން އެނގޭ އެއްޗަކީ އުތުރުގެ ރައްޔިތުން ހަސަން ނޫރައްދީނަކީ ރާއްޖޭގެ ރަދުން ކަމަށް ގަބޫލުކޮށްގެން ތިބިކަމެވެ.

ކޮންމެއަކަސް، ރައްޔިތުންގެ އެދުންތައް ސަރުކާރުން ގަބޫލު ނުކުރެއްވުމުން ވާހަކަތައް ފެއިލްވީއެވެ. އަދި ރައްޔިތުންގެ މަންދޫބުން އެނބުރި އޮޑިފަހަރަށް ދިޔައީއެވެ. ދަމުން އެ މީހުން ދިޔައީ ވަރުގަދަ އިންޒާރެއް ދީފައެވެ. އެ މީހުންގެ އެދުންތައް އިރުއަރަން ވާއިރަށް ނުފުއްދަފިއްޔާ މާލެއަށް ހަދާނީ ހަދާނެ ގޮތަކަށް ކަމަށް ބުނެފައެވެ.

އެ ރޭ 8.30 ގައި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ޚާއްސަ ޖަލްސާއެއް އޮތެވެ. އެ ޖަލްސާގައި ފާސްވި އެންމެ މުހިންމު ނިންމުމަކީ އުތުރު ގަޑުބަޑު ހަމަޖެއްސުމުގެ ގޮތުން ކުރައްވަން ޖެހޭ އެންމެހާ ކަންކަން ކުރެއްވުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު މުހަންމަދު އަމީނަށް އެރުވުމެވެ. އެ ޖަލްސާ ނިންމެވުމަށްފަހު މުހަންމަދު އަމީނު ވަޑައިގަތީ ހަތަރު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން އަވަށު މައިޒާންތަކަށެވެ. އަވަށްތަކުން ލިބިވަޑައިގަތީ ފުރިހަމަ އެއްބާރުލުމެވެ. އަދި އެ އަވަށްތަކުން ބަޔަކު މާލެ ހިމާޔަތްކުރަން ފޯރީމަރަން ނުކުމެއްޖެއެވެ.

ޖެހިގެން އައި ދުވަހުގެ (މާރިޗް 5، 1943 ވީ ހުކުރު ދުވަހުގެ) ފަތިހު އުތުރުގެ ރައްޔިތުން މާފަންނުކޮޅުން ލާފައި މާލެ އަރަން މަސައްކަތް ކުރިއެވެ. އެހެނަސް އެކަން ކާމިޔާބެއް ނުވިއެވެ. އެއީ އެތަނަށް އެއްވި ސަރުކާރަށް ތާއީދުކުރާ ބައެއްގެ ސަބަބަބުންނެވެ.

އެ ދުވަހު (ހުކުރުދުވަހުގެ) ހެނދުނު ސަރުކާރުގެ ވެރިން އަނެއްކާ ވެސް އުތުރުގެ މަންދޫބުންނާ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމުގައި ޝަމްސުއްދީންރަދުން އަލުން ތަޚުތައް ނުގެނެވޭނެކަން އުތުރުގެ މަންދޫބުންނަށް ސާފުކޮށްދެއްވި ކަމަށް މުހަންމަދު އަމީން ލިޔުއްވާފައިވެއެވެ. އުތުރުގެ މީހުން ވެސް އެންމެ ތަންފުކެއް ވެސް ދޫނުކުރިއެވެ. ވާހަކަތައް އަނެއްކާ ވެސް ފެއިލްވީއެވެ.

މެންދުރު ހުކުރުން ފޭބުމަށްފަހު އަނެއްކާވެސް މަޝްވަރާކުރެވުނެވެ. އެ ފަހަރު އެމީހުންގެ ރާގު ބަދަލުވިއެވެ. މީގެ ސަބަބަކީ މެންދުރު ވަގުތު މާލެމަތިން ފެނުނު އިނގިރޭސީންގެ މަތިންދާބޯޓު ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް އެ މީހުން، މާލޭ ރައްޔިތުންނަށް ބުނި ބަދުބަސްތަކަށް މައާފަށް އެދި ރަންނަބަނޑޭރިކިލެގެފާނަށް ވަފާތެރިކޮށް ތިބިކަމަށް އެއްބަސްވިއެވެ. ހަވީރު ފެނުނީ އުތުރުގެ އުޅަނދުފަހަރު ފުރައިގެން ދާން ފެށިތަނެވެ. އިރު އޮއްސެން ވާއިރަށް ހުރިހާ އުޅަނދުތަކެއް ފުރައިގެން ގޮސްފިއެވެ.

ކުޅުދުއްފުށީ ބޮޑު މުހައްމަދުގެ ފޮޓޯ ޖަހައިފައިވާ ޖޯޑު

އާރ.އޭ.އެފް.ގެ މަތިންދާބޯޓަކުން 7 މާރިޗްގައި މުހަންމަދު އަމީން ކެލައަށާއި ދިއްދޫއަށާއި ކުޅުދުއްފުއްޓަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި ގަޑުބަޑުގެ މައްސަލަ ތަހުޤީޤު ކުރެއްވިއެވެ. މާލެ ވަޑައިގަތުމަށް ފަހު ކުށްވެރިވީ މީހުން ގެންނަވައި ޝަރީއަތަށް ފޮނުއްވިއެވެ. އަދި ޝަރީއަތުން ކުށްވެރި ވީހުންނަށް އަދަބު ލިބުނެވެ. އެންމެ ބޮޑަށް ކުށްވެރިވެގެން ބުރިހަންނެގުނީ ކުޅުދުއްފުށީ ބޮޑު މުހަންމަދު ކަލޭފާނާއި އެރަށު ބޮޑުރުއްދޮށުގޭ މޫސައާއި މާޅެންދޫ މުދިން ކަލޭގެއެވެ. މާލެއިން ވެސް ބައެއް މީހުން ކުށްވެރިވިއެވެ. އެއީ އިބްރާހިމް ހިލްމީއާއި އަބްދުﷲ ހިލްމީއާއި ގަލޮޅުގޭ އިބްރާހިމް ދީދީއެވެ.

މިހާތަނުން ރާއްޖޭގެ ތާރީޚުގެ ވަރަށް މުހިންމު ބާބެއްގައި ނިމުމުގެ ސިއްކަ ޖެހުނީއެވެ.

 

  • ރިފަރެންސް
  1. އުތުރުގެ ރައްޔިތުން (1943) މާރޗް 3 ގައި ނެރުނު ލިޔުމެއް
  2. އަމީން، މުހަންމަދު (1948) ދިވެހި ރާއްޖެ، ހަގުރާމައިގެ ވިލާގަޑެއްގެ ދަށުގައި، ސ. 169 ން 190 އަށް

 

(ފޮޓޯތަކުގެ ޝަރަފު އޭގެ ވެރިފަރާތަށް)

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.