Support Us

ރައީސް ޔާމީނާއި ޑރ.ޖަމީލް ހުވާކުރެއްވި ދަރުބާރަށްފަހު ރައީސް މައުމޫން ރައީސް ޔާމީނާ ސަލާމްކުރައްވަނީ -އަދިވެސް ފޮޓޯ

2023 ގައި ރައީސް ޔާމީނަށް އެއްވެސް ފުރުސަތެއް އެބައޮތްތޯ؟

ފުރުސަތު ލިބި ރައީސް ޔާމީނަށް ނާކާމިޔާބުވުމުގެ ފަހަތުގައި ހުރި މައްސަލަތައް

"ދިރުމެއް ހުރިއްޔާ އުންމީދެއް އޮންނާނެ" އެވެ. ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަބަދުވެސް ވިދާޅުވެ އެވެ.

ޢަބްދުﷲ ޔާމީން 2013 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގަތީ، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ގާސިމް އިބްރާހިމާއެކު ގުޅިފައިވާ ކޯލީޝަނެއްގެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް ރައީސް އޮފީހުގެ ބޮޑު ގޮނޑީގައި ރަނގަޅަށް ހަމަޖެހިލެވުމުން، އެ ގޮނޑި އަރާމުކަމުން، ކޯލީޝަން މަތިންނާއި އެހެނިހެން އެހީތެރިން މަތީން ހަނދާން ނެތެން ގިނަ ދުވަސްތަކެއް ނުނެގިއެވެ. މަޖިލިސްގައި ބޮޑު މެޖޯރިޓީއެއް ލިބި، އޮމާންކޮށް ސަރުކާރު ހިނގަމުން ދަނިކޮށް، ތަފާތު ސަބަބަކާ ހެދި، އެތެރެއިންނާއި ބޭރުން ހިލުންގަނޑު އަތުވެއްޖެ އެވެ. އެ ތޫފާނުގައި ޖެހި ސަލާމަތްނުވެވި، އެންމެ ފަހުން ރިޔާސީ އިންތިހާބުގައި ވެސް އޮޔާދިޔައީ އެވެ.

ސުވާލަކީ އެއީ ކިއްވެގެންހެއްޔެވެ؟ ސަބަބަކީ ކޮބައިހެއްޔެވެ؟

ސަބަބުތައް ބައިވަރެވެ.

ސަރުކާރުގައި މެޑަމްގެ ބާރާއި ނުފޫޒު ގަދަވުން

ރައީސް ޔާމީނާކީ މޮޅު އިކޮނޮމިސްޓެކޭ ބުނަނީ ތާސްކުޅެން އެކަނި މޮޅުވެގެނެއް ނޫނެވެ. ނަމަވެސް ތާސް ކުޅުމުގައި ގިނަ ވަގުތު ތަކެއް ޔާމީން ހޭދަކުރެއްވި އެވެ. އާރަށުގަ އާއި ދޫވެހީގައި ވެސް މެ އެވެ. ގިނަ ގަނޑުތަކުގައި ރައީސް ޔާމީން ކުރި ހޯއްދެވި އެވެ. ރައީސް ޔާމީނަކީ މޮޅު ލީޑަރެެކެވެ. އެކަމަކު ޔާމީން ތާސްކުޅެން އިންނެވިއިރު، ސަރުކާރު ކަންކަމުގެ ތެރެއަށް މެޑަމް އަތްބާނައި އެކި ކަންކަމުގައި މެޑަމްގެ ބާރާއި ނުފޫޒު ދިޔައީ ގަދަކުރަމުންނެވެ. ވަޒީރުންނާއި ކުންފުނިތަކުގެ އެމް.ޑީންނަށް އެކި ކަހަލަ ކަންކަމުގައި މެޑަމް ލަފާދީ، ގޮތް ކިޔަމުން އަދި ނިންމަމުންދިޔަ އެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ކޮންމެހެން ވަޒީފާ ދޭންޖެހޭ މީހުންގެ ލިސްޓާއި، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ލުއި ލޯންތަކާއި ބޭރަށް ކިޔަވަންދާ ކުދިންނަށް ދޭ ލޯންތަކާއި އެކި ކަހަލަ ބިޑާއި ކޮންޓްރެކްޓާއި ޕްރޮޖެކްޓުތަކުގެ އިތުރުން ފްލެޓްތައް ދޭންޖެހޭ މީހުންގެ ލިސްޓުތައް ވެސް މުލީއާގޭ ތެރެއިން ނުކުންނަން ފަށައިފި އެވެ. އެއާއެކު ޕީޕީއެމްގައި ރައީސް ޔާމީނާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ވެސް ހިޔާލު ތަފާތުވެ، ފެކްޝަންތައް އުފެދެން ފަށައިފި އެވެ. ވަޒީރުންނާއި މަޖުލިސް މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންގެ މެދުގައެވެ. އެއް ބަޔަކު ރައީސް ޔާމީން އަރިހުގަ އެވެ. އަނެއް ބަޔަކު މެޑަމް އަރިހުގައެވެ. އަނެއް ބަޔަކު އަދީބު ބުރޯ އަރިހުގަ އެވެ. ބުއްދިވެރީން ދެ ފަރާތަށް ދެފައި ބާލައިގެންނެވެ.

މުލީއާގޭގައި ކެމްޕޭން އޮފީހެއް، ޖަނަވަރީ މަގުގައި މެޑަމް ކެމްޕޭން އޮފީހެއް، ހ.ތެމާގައި ޕާޓީ އޮފީހެއް، އޮކްސިޖަން މަތީގައި އަށާރަނަވާރަ އޮފީހެއް، އޮކްސިޖަން ކައިރީގައި ޕާޓީ އޮފީހެއް، ސިނަމާލެ ފްލެޓްތައް ކައިރީގަ އާއި ވެސްޓްޕާކުގައި ކެމްޕޭނު އޮފީހެއް، އެފް.އޭ.އެމް ތިރީގައި ކެމްޕޭނު އޮފީހެއް ހުޅުވި އެވެ. މިއީ ހުސް ޕީ.ޕީ.އެމްގެ ފިޔާތޮށި ދަވާދުގެ ތަންތަން ކަމަކަށް ވިޔަސް، އެއީ އެކި ފެކްޝަންތަކުގެ ތަންތަނެވެ. އެއް ބަޔަކު ވަންނަ ތަނަކަށް އަނެއް ބަޔަކު ނުވަދެ އެވެ. މިއޮތީވާ ކަމެއްތާ އެވެ؟

ސައުދީން ފޮނުވި ކަދުރު، ސޮދަގާތު ފައުންޝަންގެ ހެޔޮއެދުންތަކާއެކު ބަހަނީ -ފޮޓޯ: ސޯޝަލް މީޑިއާ

ރައްޔިތުންގެ އާންމު އިޖުތިމާއީ ކަންކަމުގައި މެޑަމްގެ ދައުރު އިތުރުކުރުމަށް "ސަދަގާތު" ފައުންޑޭޝަންގެ ނަމުގައި ޖަމާއަތެއް އުފައްދައި، "ހަރަކާތްތައް" ފުޅާކުރަމުންދިޔައެވެ. މިކަމުގައި ވެސް އިސްކޮށް އުޅުނީ ހަމަ އެއް ބަޔެކެވެ. ފައިސާ އަންނަ ދިމަދިމާލެއް ފެންނާކަށް ނުުހުރެ އެވެ. ކުރީ އަހަރު ރޯދަ އަށް ސައުދީ ސަރުކާރުން ހަދިޔާކުރި ކަދުރުކޮޅު ވެސް ސަދަގާތު ފައުންޑޭޝަންގެ "ފުރިހަމަ އެހީތެރިކަމުގައި" ބައެއް ފަތާތްކަށް ދިނެވެ. ނަމަވެސް، "ސަދަގާތް ފައުންޑޭޝަންގެ ހެޔޮ އެދުންތަކާއެކު" ޖަހައިފައިވާ ކަރުދާސްކޮޅެއް ތަތްކޮށްގެންނެވެ. ކިހާ ރީތިހެއްޔެވެ؟ އޭ.ސީ.ސީއަކަށް ވެސް އެއީ މައްސަލައަަކަށް ނުވި އެވެ. ގިނަ، އެހެން ކަންތައްތައް ފަދައިންނެވެ. ކަދުރުގެ އިތުރުން، މަސްދަޅާއި ހަނޑޫ ފަދަ ތަކެތި ވެސް ރޯދަމަހު ތެރޭގައި ރާއްޖޭގެ އެކި ރަށްރަށް ބަހަމުން ދިޔަ އެވެ. އެހެންވެ ސަދަގާތު ފައުންޑޭޝަން އޭރު ބޮޑަށް ފާހަގަވެފައި އޮތީ، ދުނިޔޭގެ ފެންވަރުގައި ހިންގާ އެހީދޭ ޖަމާއަތެއް ކަހަލަ ތަނަކަށެވެ. އެކަމަކު އެ ތަނަށް ފައިސާ ވަންނަނީ ކިހިނެއް، ކޮން ތަނަކުން ކަމެއް ނޭނގެ އެވެ.

ބޮޑު ޗުއްޓީގައި ބާއްވާ ހިތާނީ ޕްރޮގްރާމަކީ ވެސް ރައްޔިތުންނަށް މެޑަމް ދެއްވާ "ދީލަތި އެހީ"އެކެވެ. އެކަމަކު ބުރިކޮށްލާ ކޮންމެ އެތިކޮޅަކަށް އާސަންދައިން ފައިސާ ދެއެ އެވެ. ހިތާނީ މަރުކަޒު ހަދައި، އެތާ އުޅެނީ ވެސް ހަމަ އެއްބައެކެވެ. ތަން ހެދުމާއި  ކެއުމާއި ސައި ސަރުކާރުގެ ވަކި ކުންފުޏްނަކުންނެވެ. ކޮންމެ ކުއްޖަކަށް އައިޕެޑެއް ވެސް ދިނެވެ. މިކަން އެކަންޏެއް ނޫނެވެ. މިސްކިތްތަކާއި އެފަދަ ކިތަންމެ ތަނެއް އިމާރާތްކުރި އެވެ. ސުވާލަކީ މެޑަމް އަކީ ތިހާ ދީލަތި ބޭފުޅެއް ނަމަ، ހިތާނީ ޕްރޮގްރާމް މިހާރު ނުބާއްވަނީ ކީއްވެގެންހެއްޔެވެ؟ ހިތާނުކުރާ ވަރުގެ ކުދިން ޕީ.ޕީ.އެމް އާއިލާތަކުގައި މިހާރު ނެތީހެއްޔެވެ؟ ތިބި ނަމަ، ހިތާނީ ޕްރޮގްރާމް ނުބާއްވާ މިހާ ދުވަސްވުމުން، އެ ކުދިން މިހާރު ތިބޭނީ ހާދަ ޒާތަކަށްތާއެވެ؟

މެޑަމްގެ ދީލަތިކަމުން ސައުދީ ކަދުރުކޮޅު ބަހަން މިހާރު އަތުނުލަނީ ކީއްވެގެންހެއްޔެވެ؟ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ގޮނޑި އާއި މޭޒާއި ފައިވާން ދީގެން އެ ކުދިންނަށް މިހާރު އަޅާނުލަނީ ކީއްވެގެންހެއްޔެވެ؟ އިސް ރަށްވެހިން މިހާރު ކޮބައިހެއްޔެވެ؟ ރައީސް ޔާމީންގެ ވެރިކަން ނިމުމާ އެކު ސަދަގާތު ފައުންޑޭޝަންގެ އެހީތައް ހުއްޓި، އަޑު މުޅިން ކެނޑިގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟

ރައީސް ޔާމީންގެ ސަރުކާރުގައި ލޯނެއް ދިނަސް، ފްލެޓެއް ދިނަސް ވަޒީފާއެއް ދިނަސް އަދި ކޮންޓްރެކްޓެއް ދިނަސް އަދި އެހެން އެއްޗެއް ދިނަސް، އެކަމެއް ނިންމަނީ މުލީއާގެއިން ފޮނުވާ ލިސްޓަކަށެވެ. އެހެންކަމުން، މެޑަމްގެ ލިސްޓުގެ ކުރީގައި އޮންނަން ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ވެސް އޭރު ރާވަނީ މެޑަމް ކަމަށް ވެ އެވެ. ކެމްޕޭނު އޮފީސްތަކުގައި ވެސް ފުލްޓައިމްކޮށް ހަރަކާތްތެރިވީ އެކިއެކި ކުންފުނިތަކުގެ މުވައްޒަފުންނެވެ. ކޮންމެ މީހަކު ވެސް އޮފީހަށް ކާޑު ޖަހައިފައި، މަސައްކަތް ކުރީ ކެމްޕޭނު އޮފީސްތަކުގަ އެވެ. ސިއްރަކުން ނޫނެވެ. ފާޅުގަ އެވެ. ރޯމާ ދުވާލު އެވެ. ރޭގަނޑު އެވެ.

މަޖިލިސްގެ ބައެއް މެމްބަރުން ވެސް، ޕެނަޑޯލް ބަންދުކުރުމާއި ފޮށި ބަންދުކުރުމާއި ހީރަސްޖެހުމާއި ސިޓީއުރަތައް ބަންދުކުރުމުގައި މުލީއާގޭ ކެމްޕޭނު ޖަގަހަ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ އެވެ. އެތާ އިސްކޮށް އުޅުނު ބައެއް މީހުންނަކީ ގަޔަށް ބާރު ހުދު ގަމީސް ލައިގެން، ބެގީ ޖަހައިގެން އުޅުނު ބަޔެކެވެ. ކާކަށް ތިއްތި ދެއްކެން ކަމެއް ނޭނގެ އެވެ.

މެޑަމްގެ ނުފޫޒު ގަދަވެ، މެޑަމް މެދުވެރިވެގެން ނޫނީ ސަރުކާރު ތެރެއިން އެއްވެސް ކަމެއް ނުނިންމޭ ހިސާބަށް ދިއުމުން، ފެކްޝަންތަކުގެ ތެރޭގައި އިތުރަށް ހޫނުވެގެންދިޔަ އެވެ. އެ ހުރިހާ ފަރާތެއްގެ ޝަކުވާ ވެސް ޔާމީނާ ހިސާބަށް ފޯރަ އެވެ. ފެކްޝަންތަކުގެ ތެރޭގައި ކޯޅުން ގަދަވިޔަސް، ހުރިހައި ފެކްޝަނެއްގެ ވެސް އާޚިރު އަމާޒަކީ ރައީސް ޔާމީނަށް 2018 ހޯދައިދިނުން ކަމަށް ވާތީ، ޔާމީން ހުންނަވަނީ އެކަންކަމަކާ ނުބެހި އެވެ. ފެކްޝަންތަކުގެ ތެރޭގައި އަބަދުވެސް ކޮންމެވެސް ޖަގަޑާއެއް ހެދިފައި އޮތުމަކީ ޔާމީން މާ ގަޔާވާ ކަމެއް ކަހަލަ އެވެ. ޔާމީން ގިނައިރު އުޅުއްވަނީ ތާސްކުޅުމާއި އެހެން ކުޅިވަރުތަކުގައި އަވަދިނެތި އެވެ. އާރަށާއި ގުއިފުނަދޫ ފަދަ ހިތްގައިމު، އެކްސްކްލޫސިވް މަންޒިލްތަކުގަ އެވެ.

ރައީސް ޔާމީނާއި މެޑަމް

ރައީސް ޔާމީން ކެމްޕެއިން ހަރަކާތްތަކުގައި އަވަދިނެތި މެޑަމް އުޅުއްވީ ވަރުބަލިފުޅުކަމެއް ނެތި އެވެ. ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ އިނާޔަތެއް ދެއްވައި ސަރުކާރުތެރެއިން ވަޒީފާ އާއި އެހެނިހެން އިނާޔަތްތައް މެޑަމް ހޯދައްވައިދެއްވި އެވެ. ފުރޮޅުލީ ގޮނޑި އާއި ބެޓްރީ ސައިކަލާއި ފެންގޮދަޑި ފަދަ މުހިންމު ތަކެތި އެ ފަރާތްތަކަށް ހޯއްދަވައިދެއްވި އެވެ.

ބައެއް ރަށްރަށަށް މެޑަމް ޒިޔާރަތް ކުރެއްވުމުން ވެސް ވަރަށް ބޮޑު ތަރުހީބެއް މެޑަމަށް ލިބެ އެވެ. މާމެލާމެލީގެ ގުލްދަސްތާތަކުން ވެދުންކޮށް، ކުރުނބާ އެރުވި ނަމަވެސް، އެއްވެސް ރަށަކުން އެއިން އެއްޗެއްގައި މެޑަމް އަތްޕުޅުލެއްވިތަނެއް ވަރަށް މަދުން ނޫނީ ނުފެނެއެވެ. ސަބަބަކީ ކޮބައިކަމެއް ނޭނގެ އެވެ. އަސޭލާގެ ލަފައެއް ކަމަށް ވެސް ވެދާނެ އެވެ.

ޑރ. ޖަމީލާއި ކާނަލް ނާޒިމްގެ ވައިކެޓުމާއި މަގާމުން ދުރުކުރުން

ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުގެ ދޮރުތައް ވައްޓާލައިފައި އެއްރޭ ދަންވަރު ފުލުހުން ވަދެ، އަލަމާރިއެއް ތެރެއިން ފިސްތޯލައެއް ދެއްކި އެވެ. "ޖާދޫ"އެއް ފަދަ އެ ފިސްތޯލައާ ނާޒިމް ހަވާލުވާންޖެހިއްޖެ އެވެ. އެ މައްސަލައިގައި ނާޒިމް ޑިފެންސް މިނިސްޓަރުކަމުން ވަކިކޮށްފި އެވެ. އަދި ފިސްތޯލައިގެ މައްސަލައިގައި ޝަރީއަތްކޮށް، ޖަލަށްލައިފި އެވެ. "ޖާދޫ" ފިސްތޯލައިގެ ހަގީގަތް ބަލާކަށް ބޭނުމެއްނުވި އެވެ. އެކަމަކު އެ ފިސްތޯލައިގައި ހުރީ ނައިބު ރައީސް އަހުމަދު އަދީބުގެ ފިންގަޕްރިންޓުކަން ޑީ.އެން.އޭ ރިޕޯޓާ ހަވާލާދީ ފުލުހުން ފަހުން ހާމަކުރި އެވެ. އެކަމަކު ސުޕްރީމު ކޯޓުން އެވާހަކަ ފަހުން ވެސް އަޑެއް ނޭހި އެވެ.

ޑރ. ޖަމީލާއި ކާނަލް ނާޒިމް (ވ) ހުވާކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި އެންމެ ބޮޑު ކެމްޕޭނެއް ކޮށް، އެންމެ ހިތްވަރުކުރެއްވި އެކަކީ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ނަމަވެސް، ހިލާލީގޭތެރޭގައި ޖަމީލު މަސައްކަތްކުރައްވަނީ ކުރު މަގަކުން ރައީސް ކަމަށް ވަޑައިގަތުމަށް ކަމަށް ބުނެ އެކި މީހުން އެކި ވާހަކަތައް ދައްކަން ފެށުމުން، ޔާމީންގެ ބޮލަށް ވެސް ވަސްވާސްތައް ވަދެ، ޖަމީލަށް ފާރަލާންފެށި އެވެ. ހުކުރު ހޮނިހިރެއްގައި ޖަމީލް މަހަށް ވަޑައިގަތަސް، މަސްވެރިންގެ ލިސްޓާއި، ދަތުރެއް ވަޑައިގަތަސް ދަތުރުވެރިންގެ ލިސްޓާއި ސައެއް ބޭއްވިޔަސް ކޭމީހުންގެ ލިސްޓު ހޯދަން ފަށައިފި އެވެ. ޖަމީލް ފޯނެއް ކޮށްލިޔަސް، މެސެޖެއް ކުރިޔަސް އެކަންތައް ދިޔައީ ބަލުމުންނެވެ. ހަގީގަތަކީ ކޮބައިކަމެއް މާ ބޮޑަށް ބެލުމެއް ނެތި، ޖަމީލް އެކަހެރި ކުރަމުން ގެންގޮސް، އެންމެފަހުން ނައިބު ރައީސް ކަމުން ޖަމީލް ވަކިކުރުމުގެ މަސައްކަތް ވެސް މަޖިލީސްތެރޭގައި ފަށައިފި އެވެ. ޖަމީލްގެ މައްޗަށް އެކި ކަހަލަ ތުހުމަތުތައް އުފެއްދި އެވެ. މޭޑޭ މުޒާހަރާއާ ވެސް ޖަމީލާ ގުުޅުވައިފި އެވެ.

ޖަމީލް ވަޑައިގަތީ ލަންކާއަށެވެ. މަޖިލީހުގައި، ހަގީގަތެއް ނެތް އިލްޒާމްތަކެއް ޖަމީލުގެ އިސްތަށިފުޅުގައި އަޅުވައި، އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، ވަރަށް ހިތްދަތި ގޮތަކަށް ޖަމީލް ނައިބު ރައީސްކަމުގެ މަގާމުން ބޭރުކޮށްލައިފި އެވެ.

ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދު މައްސަލަ އުފެދި މައުމޫނާއި ފާރިސް ޕާޓީން ބޭރުކުރުން 

ޕީ.ޕީ.އެމަކީ ޑީ.އާރް.ޕީގެ ހަމަނުޖެހުންގަނޑަށްފަހު ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ދެވަނަ ޕާޓީއެވެ. ޕާޓީގެ ރައީސަކީ ރައީސް މައުމޫނެވެ. ނަމަވެސް 2013 ގައި ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގެން ފެނަށް ދިރުނު ހިސާބުން، ރައީސް މައުމޫނަށް އެެއްވެސް ވަރަކަށް އެނގިވަޑައިގަތުމެއް ނެތި، ޕީ.ޕީ.އެމްގެ އެކިއެކި ހަރަކާތްތައް އެކި ތަންތަނުގައި ހިންގުމާއި ޕީ.ޕީ.އެމްގެ އެކިއެކި އޮފީސްތައް ހުޅުވައިގެން ހިންގުމާއި މެމްބަރުންތައް ސޮއިކުރުމުގެ ހަފުލާތަކާއި މަހާސިންތާތައް މެޑަމް އިސްކޮށް ހުންނަވައިގެން ބާއްވަމުން ގެންދިޔަ އެވެ. ކުރުކޮށް ދަންނަވާނަމަ، ރައީސް މައުމޫނުގެ ބާރުތައް ޕާޓީ ތެރެއިން ބީވެގެން ދާގޮތަށް ހަރަކާތްތައް ހިންގަމުންދާތަން ފެންނަން ފެށި އެވެ. އެކަމާ ރައީސް މައުމޫނު ހިތްޕުޅާނުވެ، އެކި ފަހަރުމަތިން ރައީސް ޔާމީނާ ބައްދަލުކުރައްވައި އެކަމާ މަޝްވަރާތައް ބޭއްވެވި އެވެ. ނަމަވެސް އެދެވޭ އިސްލާހެއް ނައެވެ.

ޓޫރިޒަމަށް ދޫކުރާ ރަށްތައް ބިޑަކާ ނުލައި ދޫކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައީސް ޔާމީން ބޭނުންފުޅުވެގެން މަޖިލިހަށް ހުށަހެޅުމުން އެކަމާ ދެކޮޅަށް ރައީސް މައުމޫނާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ނުކުންނެވި އެވެ. އަދި ބޭރު ފަރާތްތަކަށް ރާއްޖެއިން ބިން ދޫކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ގެންނަން ރައީސް ޔާމީން ބޭނުންފުޅުވި އިސްލާހާ ވެސް ރައީސް މައުމޫން ދެކޮޅު ހެއްދެވި އެވެ. އެ ކަންކަމަކީ ދިިވެހި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކުރާ ކަމެއް ކަމަށާއި ޕާޓީގެ އަސާސީ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވަމުން ގެންދެވި އެވެ. އެ ދެ ބިލަށް ވެސް މަޖިލީހުގައި ފާރިސް ދެކޮޅު ހެއްދެވި އެވެ.

މިކަމުގައި ތަފާތު ބަހުގެ ހަމަލާތައް ބަދަލުކުރަމުން އައިސް، ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް 2013 ގައި ކުރެއްވި ތާއީދު ރައީސް މައުމޫން އަނބުރާ ގެންދެވި އެވެ. އެއާއެކު ޕީ.ޕީ.އެމްގެ ރައީސަށް ލިބިގެންވާ ބާރުގެ ދަށުން، ޕީ.ޕީ.އެމް ރިފޯމް ކުރުމުގެ ނަމުގައި، އިތުރު ކައުންސިލެއް ރައީސް މައުމޫން އުފެއްދެވި އެވެ.

އޭރުން ޕީ.ޕީ.އެމްގެ ރައީސް، ރައީސް މައުމޫނަށް ކައުންސިލެއް، ޕީ.ޕީ.އެމްގެ މުޝްތަޝާރު، ރައީސް ޔާމީނަށް ކައުންސިލެއް އުފެދުނީ އެވެ. ޕީ.ޕީ.އެމް ރަނގަޅަށް، ހަމައަށް ދެބައިވެ، ދެ ފެކްޝަން އުފެދުނީ އެވެ.

ޕީ.ޕީ.އެމްގެ މުޝްތަޝާރަކީ އަސާސީ ގަވައިދު ބުނާ ގޮތުން ރަމްޒީ މަގާމެކެވެ.

ދަރުބާރުގޭގައި ޖަލްސާތައް ބާއްވަމުންދިޔަ ރައީސް ޔާމީންގެ ފެކްޝަނަށް ކިޔަމުން އައީ ދަރުބާރު ފެކްޝަނެވެ.

މައުމޫންގެ ދަރިކަލުން ގައްސާން މައުމޫނަކީ ޕީ.ޕީ.އެމްގެ ކައުންސިލް މެމްބަރެކެވެ. ދެ ފެކްޝަންގެ ޖަލްސާތަކުގައި ވެސް ގައްސާން ބައިވެރިވެވަޑައިގަންނަވަ އެވެ.

ޕީ.ޕީ.އެމްގެ އަސާސީ ގަވައިދާ ރައީސް މައުމޫން ހިލާފުވެވަޑައިގެންނެވި ކަމަށް ނިންމަވައި، ދަރުބާރު ފެކްޝަންގެ ޖަލްސާއަކުން، ޕާޓީގެ ރައީސް ކަމުންނާއި ޕާޓީގެ އާންމު މެމްބަރުކަމުން ވެސް ރައީސް މައުމޫން ވަކިކޮށް، ބޭރުކޮށްލި އެވެ. އަދި މި ހޫނުގަނޑުގެ ތެރޭގައި ފާރިސް މައުމޫން ދެއްވި ނޫސް ކޮންފަރެންސެއްގައި ޕީ.ޕީ.އެމްގެ ލޯގޯއެއް ބޭނުންކުރެއްވުމުން، ޕީ.ޕީ.އެމްގެ އަސާސީ ގަވައިދާ ހިލާފުވެވަޑައިގެންނެވި ކަމަށް ނިންމައި ފާރިސް މައުމޫން ވެސް ޕާޓީން ވަކިކުރި އެވެ. އަދި ޝަހުސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް އުފުލި އެވެ.

ރައީސް މައުމޫން އަތްޕުޅުން ޕީ.ޕީ.އެމް ހޯދުމަށް ކޯޓަށް މައްސަލަ ވެއްދި އެވެ. ކޯޓުން ނިންމީ ޕާޓީ ހިންގުން މުޝްތަޝާރާ ހަވާލުކުރުމަށެވެ. އިންތިހާބުކޮށްފައި ތިބި ޕާޓީގެ ނައިބު ރައީސުންނާއި ކައުންސިލްގެ އެހެން މެމްބަރުންވެސް ތިއްބަވަނިކޮށެވެ.

ރައީސް މައުމޫނާއި ފާރިސް، ޕީ.ޕީ.އެމުން ވަކިކުރުން ވެގެންދިޔައީ ރައީސް ޔާމީންގެ ސަރުކާރަށާއި ޕީ.ޕީ.އެމަށް ވެސް ކުރިމަތިވި ބޮޑު ތޫފާނެއް ފަދަ ކަމަކަށެވެ.

ރައީސް މައުމޫނާއި ފާރިސް ދެން ފެނުނީ، އިދިކޮޅު ފަރާތްތަކުގެ ކޯލީޝަނާ ގުޅިވަޑައިގެން، ކުނޫޒުގައި ބާއްވަމުން ގެންދިޔަ ޖަލްސާތަކުންނެވެ. ބޮޑު ކެކުރި އާއި ކުޑަ ކެކުރީގެ މިސާލު ރައީސް މައުމޫން ޖައްސަވަމުން ގެންދެވި އިރު ރައީސް ޔާމީން ގެންދެވީ "މުސްކުޅި ސާރިދޯޅު"ގެ މިސާލު ޖައްސަވަމުންނެވެ.

މި ތޫފާނުގައި ރަނގަޅަށް ޖެހި، މިކަމުން އަރައިނުގަނެވި 2018 ވެސް ރައީސް ޔާމީނަށް ގެއްލިގެން ދިޔައީ އެވެ.

ބުރޯގެ ބާރުތައް ކޮންޓްރޯލް ކުރަން ފެށުމާއި ފިނިފެންމާ

ތާސްކުޅުމާއި މޫދަށް އެރުމާއި އެހެނިހެން ކުޅިވަރުތައް ކުޅުމުގައި ޔާމީން އަވަދިނެތި އުޅުއްވަމުންދިޔައިރު، ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރުކަމާއި ފަހުން ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު (ބުރޯ) ގެންދެވީ ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި، ކޯޓުތަކާއި މިނިވަން މުވައްސަސާތަކާއި ސިފައިންނާއި ފުލުހުންގެ އިތުރުން ކުންފުނިތަކުގެ ބާރު ކޮންޓްރޯލް ކުރައްވަމުންނެވެ. ފަޅުރަށްތަކާއި ރެހެންދި ފްލެޓްތަކާއި، ސަރުކާރުގެ އެކިއެކި ޕްރޮޖެކްޓްތައް ނުފޫޒު ގަދަ ވަކި ބަޔަކަށް ދީ، ވިއްކާ، ބަހައި ހަދަމުން ދިޔައީ އެއްވެސް ހަމައެއް ލަމައެއް ނެތި އެވެ. ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ ގާނޫނު ބަދަލުކޮށްލުމަކީ ވެސް ވަރަށް ފަސޭހަ ކަމެކެވެ. އުމުރުން 35 އަހަރު ނުވިޔަސް އަދީބަށް ނައިބު ރައީސް ކަމަށް ވަޑައިގެންނެވޭ ގޮތަށް އަދި ފ. އަތޮޅާއި އެހެނިހެން ބިންތައް ސައޫދީ ޝާހީ އާއިލާ އަށް ވިއްކޭ ގޮތަށް ގާނޫނު އަސާސީ ވެސް ބަދަލުކޮށްލީ ފެން ބޮއެފައި ވަޔެއްލާހާ ފަސޭހައިންނެވެ.

މި ހުރިހާ ކަމެއް ކުރަމުންދިޔައިރު، ބުރޯވެސް އައީ ފަލަވަމުންނެވެ. ކުރިން ކޮފީ ބިލް ކަނޑާލާނެވަރު ނެތަސްވެސް، ފަހުން ފެނުނީ ބޮޑު މަހުޖަނެއް ފަދައިންނެވެ. އޭނާގެ ކާރުގެ ފަހަތު ސީޓިގައި ކޮތަޅު ކޮތަޅަށް އަޅައިފައި ފައިސާގެ ބޮނޑިބޮނޑި އަބަދުވެސް ހުންނަ ކަމަށް ބުނެއެވެ. އަދި ބުރޯގެ އެޕާޓްމަންޓުގެ ތަށިދޮންނަ ސިންކާއި ދޮންނަ މެޝިންތެރެއާއި އެނދުމަތީގައި ވެސް އެފަދަ ކޮތަޅުތައް އަބަދުމެ ހުންނަ ކަމަށް ބުނެއެވެ. ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި މިނިވަން މުވައްސަސާތަކުގެ ވެރިންނާއި ކުންފުނިތަކުގެ ވެރިންނާއި ކުޅުންތެރިންނާއި ފަންނާނުންގެ ޓީމުތައް އަބަދުމެ އޮންނަނީ ކިއޫ ޖެހިފަ އެވެ. އެހީ އަށް އެދި އަތޮޅުތަކުންނާއި އެކި ތަންތަނުން ބްރޯގެ ދެފޯނަށް އަންނަ ކޯލް ވެސް އެހާގިނަ އެވެ. ބުރޯއަކީ ދީލަތި މީހަކަށް ވުމުން، އެހީއަށް އެދޭ ކޮންމެ މީހަކު ވެސް ދާނީ ހިނިތުންވުމަކާ އެކީގައެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

ބުރޯ ހަދިޔާކުރެެއްވި ރަންޕްލޭޓް ތާސްބައިން ތާސްކުޅުމާއި މޫދަށް އެރުމާއި އެހެނިހެން ކުޅިވަރުތައް ކުޅުމުގައި ޔާމީން އަވަދި ނެތި އުޅުއްވަނިކޮށް، "ސިޔާސީ ބޮޑު ގަނޑުވަރެއް" ބުރޯ ބިނާކޮށްފި ކަމެއް ޔާމީނަށް ރޭކާލީ މާފަހުންނެވެ. އޭރު ބުރޯ ވަނީ މެޑަމްގެ އުފަންދުވަހު ޖަވާހިރު އަނގޮޓި އާއި ކާރާވެސް ދީ ނިންމައިފައެވެ.

ބުރޯ އާއި ޔާމީނާ ދެމެދު ފުރަތަމަ އެލާމް އަޅަންފެށީ ބުރޯ އަތުން ޓޫރިޒަމް މިނިސްޓްރީ ނަގަން އުޅޭ ކަމަށް ވާހަކަ ދެކެވެން ފެށި ހިސާބުންނެވެ. ބުރޯ އެކަމާ ވަރަށް ދެރަވެ، ހިތްދަތިވެ، މޫނުމަތިން ވެސް މިލަންފެށި އެވެ.

ޔާމީނާއި މެޑަމް ހައްޖުން އެނބުރި ވަޑައިގެން، އާ ޓޫރިޒަމް މިނިސްޓަރެއް ހަމަޖައްސާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި ބޮން ގޮވީ ހައްޖަށްފަހު އެ ދެކަނބަލުން މާލެ ވަޑައިގެންނެވި ދުވަހު، މާލޭ ފަޅުތެރޭގައެވެ.

އެ މައްސަލައިގައި ބުރޯގެ މައްޗަށް ތުހުމަތު ކުރެވި، ހައްޔަރުކޮށް، މަޖިލީހުގެ ތެރެއިން ނައިބު ރައީސްކަމުން ވަކިކުރި އެވެ. އަދި އެމް.އެމް.ޕީ.އާރް.ސީގެ މައްސަލަ ފެންމަތިކޮށް، ތަހުގީގު ފެށި އެވެ. އަދި ފިސްތޯލައެއްގެ މައްސަލަ ވެސް ބަލަންފެށި އެވެ. އަދި ލަންކާ ސްނައިޕަރެއް ގެނެސްގެން ޔަމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ވެސް ތުހުމަތުކުރިއެވެ. ޔާމީން އެންމެ އިތުބާރު ކުރި "ޚާލިދުބިން ވަލީދު"ގެ ފަރާތުން ފެނުނު މި ހަރަކާތްތަކުގެ ސަބަބުން، ހުދު ޔާމީން ވެސް ފިކުރުބޮޑުވެ ހައިރާންވި އެވެ. މެޑަމް ފަދައިންނެވެ.

މައްސަލަ ގޯހުން ގޯހަށް ދިޔައީ މަސީހު ހިމާޔަތްކުރަން ހެދުމުން

ރައްޔިތުންގެ މަޖިލީހުގައި ޕީ.ޕީ.އެމްގެ މެޖޯރިިޓީ އޮތް ނަމަވެސް، މައްސަލަތައް އެޖެންޑާކުރުމާއި ވަޒީރުންނާ ސުވާލުކުރުން ކަހަލަ ކަންކަމުގައި މަޖިލިސްގެ ރައީސް އަބްދުﷲ މަސީހު ގެންދެވީ ވަކި އެޖެންޑާއެއް ގެންގުޅުއްވަމުންނެވެ. އެހެންކަމުން މަސީހާ ދޭތެރޭ ގިނަ މެމްބަރުންތަކެއް ހިތްހަމަނުޖެހިގެން، ރައީސް ޔާމީނަށް އެ މައްސަލަ ހުށަހެޅި އެވެ. ނަމަވެސް އެކަމަށް ބަދަލެއް ނައުމުން އެ މެމްބަރުން ބޭނުންވީ އިތުބާރު ނެތްކަމުގެ ވޯޓަކުން މަސީހު މަގާމުން ބޭރުކުރާށެވެ.

ޕީ.ޕީ.އެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން އަރިހުގައި މަސީހު (ކ) -އަދިވެސް ފޮޓޯ

މަވެސް ޔާމީން އެގޮތް ވެސް ބޭނުމެއްނުވި އެވެ. އެ ދަނޑިވަޅުގައި މަސީހު އިސްތިއުފާ ދިނަސް ސަރުކާރުގެ ބަލިކަށިކަން ހާމަވީ ކަމަށް ދެކެ، އެކަން ކުރަން ބޭނުމެއްނުވީ އެވެ. އަދި މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުނަނުދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރީ އެވެ. މަޖިލިސްގެ ގަވައިދު ވެސް ބަދަލުކުރީ އެވެ. އަދި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެދި ސިޓީގައި ސޮއިކުރި މެމްބަރުންތައް، އިސްލާހުވެ ފާޅުގައި މާފަށް ނޭދެފި ނަމަ، ޕާޓީން ކަނޑާލާނެ ކަމަށް އިންޒާރުވެސް ދިނެެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނުގައި ނެތަސް ވެސް، ސުޕްރީމު ކޯޓުތެރެއިން "ހައްލެއް" ހޯދައިގެން ނަމަވެސް، އެ މެމްބަރުންގެ ގޮނޑިތައް ގެއްލުވާލާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. ނަތީޖާއަކަށްވީ، ފްލޯކްރޮސިން ގާނޫނެއް ވަގުތުން ހަދާލައި، މާކުރިން ހިނގައިފައި އޮތް ކަމަކަށް ރިއާޔަތްކޮށް، 60 ހާހަށްވުރެ ގިނަ ރައްޔިތުން ތަމްސީލްކުރަމުން އައި 12 މެމްބަރުން މަޖިލީހުން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށް، މަޖިލީހަށް އެކަން އެންގި އެވެ. އެއީ ޔާމީނާއި މަސީހު ބޭނުންވި ގޮތެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ފޯރީގައި ފެށުނީ އެ ހިސާބުންނެވެ. އަސްލަކީ މަސީހެވެ.

ރައީސް މައުމޫނާއި ގާސިމް ޖަލަށްލުމާއި ސުޕްރީމު ކޯޓުގެ ފުރާޅުން ޓިނު ނެގުން 

ކުރިން އަބަދު ތާސްކުޅުއްވިޔަސް، ރައީސް ޔާމީން ފަހުން ގިނަ ވަގުތު ހޭދަކުރައްވަން ޖެހުނީ ވެރިކަން ވެއްޓުނަނުދީ ހިފެހެއްޓުމަށެވެ. ވަރަށް އޮމާންކޮށް ދުއްވަމުން އައިސް، ފިނިފެންމާ ލޯންޗުގައި ގޮވި ބޮމާއެކު މާހައުލު މި ވަނީ މުޅިން ހަލަބޮލިވެފަ އެވެ. ރައީސް ޔާމީންގެ އެންމެ ކައިރީގައި ތިބެފައި، ގިނަ ބަޔަކު ޔާމީނާ ދެކޮޅަށް ތެދުވި އެވެ. އޭގެ ތެރޭގައި ރައީސް މައުމޫނާއި ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލުގެ އިތުރުން 12 މެމްބަރުން ހިމެނެ އެވެ. މި ހުރިހާ އެންމެން ގޮސް ގުޅުނީ އެމް.ޑީ.ޕީ ކޯލިޝަނާ އެވެ. އެހާތަނަށް އެމް.ޑީ.ޕީ އޮތީ ނިދައިފަ އެވެ. އިދިކޮޅު ޕާޓީގެ ހަރަކާތްތައް ސަރުކާރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ފިއްތާލުމުންނެވެ.

ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރުންނާ އިނގިރޭސި ވަފުދެއް ބައްދަލުކުރަނީ -ފޮޓޯ: ސުޕްރީމު ކޯޓު

އިދިކޮޅު ހުރިހާ އެންމެން ޖަލަށް ލައި، 12 މެމްބަރުންގެ ގޮނޑި ގެއްލުވާލުމުން، އެ ހުރިހާ ހުކުމެއް އަނެއްފުށަށް ޖަހައި ބޮޑު އެއް ހުކުމް 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ކުރި އެވެ. އެއާއެކު، ބައެއް ފަނޑިޔާރުން ސުޕްރީމު ކޯޓުތެރޭގައި ކޭމްޕް ޖަހައިގެން ތިއްބައި އެއްރޭ ދަންވަރު، ޓިނު ނަގައިގެން ސުޕްރީމު ކޯޓަށް ސިފައިން ވައްދައި، ދަމާކޫއްތާފައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ގެންގޮސް ޖަލަށްލި އެވެ. ދެން ތިބި ތިން ފަނޑިޔާރުން ވެގެން އެއްކަލަ ހުކުމްތައް އަނެއްކާ އަނެއްކޮޅަށް ޖެހި އެވެ. އަދި ވަގުތުން ގާނޫނު ބަދަލުކޮށް، ޖަލަށް ލީ ދެ ފަނިޑޔާރުންގެ މަގާމު ވެސް ގެއްލުވައިލައިފި އެވެ.

ބާރަ މެމްބަރުންގެ މި ހަރަކާތްތަކުގެ މުގުލުގައި، ދަރިކަލުން ފާރިސް މައުމޫނާއެކު ހުންނެވީ، ޔާމީންގެ ބޭބެ، ރައީސް މައުމޫން ކަމަށް ތުހުމަތު ކުރެވުނެވެ. އޭރު މައުމޫން ވަނީ، ރިޔާސީ އިންތިހާބުގައި ޔާމީނަށް ކުރެއްވި އިތުބާރު އަނބުރައި ގެންދަވައިފަ އެވެ. ޔާމީނާ ދެކޮޅަށް މައުމޫން ހަރަކާތްތެރިވާން ފެށުން ވެގެންދިޔައީ ޔާމީނަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިކުރުވި ކަމަކަށެވެ. އެއާއެކު، އެންދެރިމާގެ އަށް ފުުލުހުން ގޮސް، މައުމޫން ޖަލަށް ގެންގޮސްފި އެވެ. ގޮތް ނޭނގޭ ކަޅު ފޮއްޓެއް އެގޭތެރެއިން ނެރުނު ކަމަށާއި އެކި ތަންތަނަށް އެ ފޮށި ގެންދިޔަ ކަމަށާއި އޭގައި ވަރަށް ސިއްރު މައުލޫމާތުތަކެއް ހުރި ކަމަށް ފުލުހުން އޭރު ބުންޏެވެ. ނަމަވެސް އަދި މިވީހާ ތަނަކަށް ވެސް އެ ބުނާ ކަޅުފޮއްޓެއް ނުފެނެ އެވެ.

ބުނެވޭ ގޮތުގައި ހޯދާހޯދާ ވެސް މިހާތަނަށް ނުފެނުނު ދެ ކަޅުފޮށީގެ ތެރެއިން އެއް ފޮއްޓަކީ ރައީސް މައުމޫން ގެންގުޅުއްވި ކަމަށް ބުނާ ކަޅުފޮއްޓެވެ. އަނެއް ކަޅުފޮއްޓަކީ ގެއްލިފައިވާ މެލޭޝިއާ އެއާލައިންގެެ ކަޅުފޮއްޓެވެ.

ރައީސް ޔާމީނުގެ ސިޔާސީ އަދި ރިޔާސީ ހަނދު އޮއްސުން

ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި 2013 ގައި އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން، 2018 ގެ ކެމްޕޭނާ ކައިރިވިއިރު ތިބީ ރައީސް ޔާމީނާ ދެކޮޅަށެވެ. ރައީސް މައުމޫނާއި ގާސިމްގެ އިތުރުން، 12 މެމްބަރުން ވެސް ދެން ގުުޅުނީ އެމް.ޑީ.ޕީ ކޯލިޝަނާއެވެ. ނިސްބަތުން ބަލާއިރު އެއިން ކޮންމެ ބޭފުޅެއްގެ ފަހަތުގައި ވެސް އެތައް ހާސް ބަޔަކު ވޯޓު ދޭން ތިބިކަމެއް ގަބޫލްކުރައްވާކަށް ޔާމީން ބޭނުމެއްނުވި އެވެ. އެ ބޭފުޅުން އިދިކޮޅާ ގުޅުނު ނަމަވެސް، ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއަށް ބަލާއިރު، ވޯޓުލާ އާބާދީގެ ބޮޑު މެޖޯރިޓީއެއް ރައީސް ޔާމީނަށް ލިބޭނޭ ކަމަށް ހިސާބުތަކުން ދިޔައީ ދައްކަމުންނެވެ.

މި ހިސާބުތައް ދެއްކުމުގައި ރައީސް ޔާމީނާ އެންމެ އަރިހުގައި ހުންނެވީ، "ޔުނިވާސީޓީއަކަށް ނުދިޔަސް ފަންސާހާއި ހަތަރަކާ ގުނަކުރީމާ ދެ ލައްކަ ވާނެކަން އެނގޭނެ" ކަމަށް ވިދާޅުވި، އޭރުގެ މަޖިލިސް މެމްބަރު އަބްދުއްރަހީމު (އަދުރޭ) އެވެ. އަދުރޭމެންގެ އެއްވެސް ހިސާބެއް ދިމާނުވެ، ބޮޑު ތަނުން ބަލިވެ، ރައީސް ޔާމީންގެ ޓީމު އެއްކޮށް ފޭލިވީ އެވެ. ރިޔާސީ އިންތިހާބުގައި އެކަންޏެއް ނޫނެވެ. ޖެހިގެން އައި އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް މެ އެވެ.

ރައީސް ޔާމީނާއި މެޑަމް މިނިވަންދުވަހުގެ ރަސްމިއްޔާތުގައި -އަދިވެސް ފޮޓޯ

ރިޔާސީ އިންތިހާބު 2018 ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވުނު ނަމަ، އެކަމުގެ ހުރިހާ ތައުރީފެއް ހަގީގަތުގައި ހައްގުވީހީ މެޑަމްއަށްކަން ކަށަވަރެވެ. ދެ ވަނަ ދައުރެއްގައި ވެސް ފިރިކަލުންނާއެކު މުލީއާގޭގައި މަޑުކުރެއްވުމަށްޓަކައި މެޑަމް އަށް ކުރެެއްވެން އޮތް ހުރިހައި މަސައްކަތެއް އެކަމަނާ ކުރެއްވި އެވެ. އެއީ ޔަގީންކަށަވަރު ކަމެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އާއިލާތަކާއި އިސް ރަށްވެހިންނާއި ކުޑަކުދިންނާއި ކަނބަލުންގެ އާއިލާތަކަށް އެހީތެރިކަން ދެއްވައި، އެ އާއިލާތައް ހެއްވާލި އެވެ.

ނަމަވެސް، އިންތިހާބުގެ ނަތީޖާ ނުކުތީ މުޅިން ތަފާތު ގޮތަކަށެވެ.

އެމް.ޑީ.ޕީ ކޯލިޝަނުން އިންތިހާބު ކާމިޔާބުކުރި ހިސާބުން ފެށިގެން، ކޯޓުތަކުގެ ހުކުމްތައް މަޑުމަޑުން ބަދަލުވަމުން އައިސް، ރައީސް ޔާމީން ސަރުކާރުގައި ޖަލަށް ލައި އަދި ބަންދުކުރި ސިޔާސީ އެންމެން ދޫކުރަން ފެށި އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދާއި ރައީސް މައުމޫނާއި ގާސިމް އިބްރާހިމާއި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، ކާނަލް ނާޒިމާއި މަޖިލިސް މެމްބަރުން ކަމަށްވާ ފާރިސް މައުމޫނާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި އަބްދުﷲ ރިޔާޒާއި ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފާއި ކުރީގެ ޕީޖީ މުހުތާޒު މުހުސިން ހިމެނެ އެވެ. ޖަލު ހުކުމެއް އޮތް ނަމަވެސް، ބައެއް ފަރާތްތައް ގެއަށްވެސް ބަދަލުކުރި އެވެ. އޭގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހިމެނެ އެވެ. ފްލޯ ކްރޮސިން ގާނޫނުގެ ދަށުން މެމްބަރު ކަމުން ވަކިވި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި 12 މެމްބަރުންގެ ވެސް ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށް، އެ މެމްބަރުން އަލުން މަޖިލީހަށް ވެއްދި އެވެ.

އެ 12 މެމްބަރުން މަޖިލީހަށް ވަނުމާއެކު ފުރަތަމައިނުން ވެސް ފެށީ މަސީހު ބޭރުކުރުމުގެ މަސައްކަތެވެ. އިތުބާރު ނެތްކަމުގެ ވޯޓާ ހަމައަށް ނުދަނީސް، އަރާނެ ހުރިހާ ގަލަކާއި ހަދާނެ ހުރިހާ ގޮތެއް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުމުން މަސީހަށް މަޖުބޫރުވެގެން މަޖިލިސްގެ ރައީސް ކަމުން އަމިއްލަ އަށް އިސްތިއުފާ ދެއްވި އެވެ.

ރައީސް ޔާމީނުގެ މުށުތެރޭގައި ބާރުތައް އޮތް ދުވަހު، އިދިކޮޅު ފިކުރުގެ އެންމެންގެ އަޑު ކަނޑުވާލައި، ޖަލަށް ލީ ނަމަވެސް، އެ މީހުންނަށް އިންސާފު ލިބި މިނިވަންވިއިރު، ރައީސް ޔާމީނަށް މި ޖެހިވަޑައިގަތީ ޖަލަށް ވަޑައިގަންނަވާށެވެ. އެއީ ރައީސް ޔާމީނުގެ ސަރުކާރުގައި އެ މަނިކުފާނު ބައިވެރިވެގެން ހިންގާފައިވާ ކޮރަޕްޝަނާއި ނާޖާއިޒު ކަންތައްތަކަކާ ގުޅިގެންނެވެ. މާފުށީ ޖަލުގައި ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދަވަނީ އެމް.އެމް.ޕީ.އާރް.ސީގެ މައްސަލައަކާ ގުޅިގެން ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ހިނގަމުންދާއިރު، އިތުރު މައްސަަލަތަކެއް ވެސް ވަނީ ކޯޓު މަރުހަލާގަ އެވެ. މި މައްސަލަތަކުގެ ސަބަބުން ރައީސް ޔާމީނުގެ ސިޔާސީ މުސްތަގުބަަލަށް ހިޔަނި އެޅި، އަސުރުމާދާނާ ވަނީ ވަކިވާންޖެހިފަ އެވެ. ކިހާ ދުވަހަކަށް ކަމެއް ނޭނގެ އެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ތިމަންމަނިކުފާނަށް "މީހުން ދަސްނުވީ" ކަމަށެވެ. އެކަމަކު ހަގީގަތަކީ އެއީއެއް ނޫނެވެ. މީހުން ދަސްނުވީކީ ނޫނެވެ. މީހުން ދަސްކުރަން ރައީސް ޔާމީން ބޭނުންވެސް ނުވީ އެވެ. ވަފާތެރިންގެ މައްޗަށް އަނިޔާވެރިކަން އިސްކުރެވުނީ އެވެ.

2023 ގައި ރައީސް ޔާމީނަށް އޮތީ ކޮން ފުރުސަތެއް؟

ރައީސް ޔާމީންގެ މައްޗަށް މިހާރު ކޮށްފައި އޮތް ފަސް އަހަރުގެ ޖަލުހުކުމް ސުޕްރީމު ކޯޓުން ބާތިލްކޮށްފި ނަމަ، އަދި ދެން ހުރި ހުރިހާ މައްސަލަތަކުން ރައީސް ޔާމީން ކާމިޔާބު ހޯއްދަވައިފި ނަމަ، 2023 ގައި ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލިޝަންގެ ކެންޑިޑޭޓަކަށް ރައީސް ޔާމީން ވެވަޑައިގަންނަވާނެ ކަމާ މެދު އެއްވެސް ޝައްކެއްނެތެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ޓެރަރިޒަމްގެ ދައުވާއެއް ކޮށް، 13 އަހަރުގެ ޖަލު ހުކުމެއް އިއްވައި ރައީސް މުހައްމަދު ނަޝީދު ޖަލަށްލި އެވެ. ނަތީޖާ އަކަށްވީ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނަޝީދަށް ބަންދުވުމެވެ. ނަޝީދުގެ މައްސަލަ ސުޕްރީމު ކޯޓުން ބާތިލްކުރީ 2018ގެ ރިޔާސީ އިންތިހާބު، ނަޝީދުގެ ބަދަލުގައި، އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވައި، ވާދަކުރައްވައި ކާމިޔާބު ކުރެއްވި ފަހުންނެވެ. އަދި ހަމަ އެގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް، ރައީސް ޔާމީނުގެ ވެރިކަމުގައި ރިޝްވަތުގެ ދައުވާ އުފުލައި، ޖަލަށް ހުކުމްކުރިއެވެ. ނަތީޖާ އަކަށްވީ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގާސިމަށް ވެސް ބަންދުވުމެވެ. ގާސިމްގެ ޖުމްހޫރީ ޕާޓީ ވެސް ހިމެނޭ އެމް.ޑީ.ޕީ ކޯލީޝަނުން ރަނިންމޭޓުގެ ފުރުސަތު ޖުމްހޫރީ ޕާޓީ އަށް ދިނުމުން، ފައިސަލް ނަސީމުގެ ނަން ހުށަހެޅީ، ގާސިމަށް ވާދަނުކުރެއްވޭތީ އެވެ.

ސަރުކާރު ހިންގަން މިއަދު ތިބީ، ރައީސް ޔާމީން މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދައި، 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ކޯލިޝަންގެ ވެރިންނެވެ. ޔާމީންގެ ފަރާތުން އަނިޔާތަކެއް ލިބުނު ވެރިންނެވެ. އެހެންވެ މާޒީގައި ކަން ހިނގައިފައިވާ ގޮތަށް ބަލާއިރު، 2023 ގައި ރައީސް ޔާމީނަށް އޮތީ ކޮން ފުރުސަތެއްހެެއްޔެވެ؟

ރައީސް ޔާމީނު އަބަދު ވިދާޅުވާ ގޮތަށް ދިރުމެއް ހުއްޓަސް، އުންމީދެއް އެބައޮތްހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *