Support Us

ޝަޢުބާން މަހުގެ ދޮރޯށީން ރަމަޟާންމަހަށް ވަނުން

ﷲ ތަޢާލާގެ ފަޟްލުވަންތަކަމުގެ ތެރޭގައި ރަމަޟާން މަހުގެ ދޮރޯށިކަމުގައި ރަޖަބުމަހާއި ޝަޢުބާން މަސް ލެއްވުން ވެއެވެ. އެ ދޮރޯށީން ނޫނީ އަޅުގަނޑުމެންނަށް ރަމަޟާމަހުގެ ބަގީޗާގެ ތެރެއަށް ވަދެވޭނެ މަގެއް ނެތެވެ. ރަމަޟާން މަހުން ޙާޞިލުކުރަން އަޅުގަނޑުމެން އެދޭ ރަޙްމަތާއި މަޣްފިރަތާއި ނަރަކައިން ނަޖާވުން ޙާޞިލުކުރެވޭނީ ރަމަޟާން މަހަށް ޓަކައި ދުރާލައި ތައްޔާރުވެގެންނެވެ. ދަތުރުވެރިޔާއަށް ދަތުރަށް ފެށޭނީ ދަތުރަށް ފެށުމުގެ ހުއްދަ ލިބިގެންނެވެ. އިމިގްރޭޝަނުން ޕާސްޕޯޓުގައި ތައްގަނޑު ޖަހައިދިނުމުން ނޫނީ ދަތުރު ދޮރޯށިން ބޭރެއް ނުވެވޭނެއެވެ.

ޚާލިޤުވަންތަ ﷲ ކައުނުގެ ހުރިހާ ކަމެއް ވެސް ލައްވަވާފައިވަނީ ވަކި އިންތިޒާމެއްގެ މަތިން ފިޔަވަޅަކުން ފިޔަވަޅަކުންނެވެ. އެއްވެސް ކަމެއް ކުއްލިއަކަށް ޚަލްޤުކުރައްވައިފައެއް ނުވެއެވެ. ކޮންމެ ކަމެއްވެސް ސަބަބުތަކަކާ ލައިގެންނެވެ. އެކަލާނގެ ކުޅަދުންވަންތަކަމުން "ވާށޭ" ވަޙީ ކުރެއްވުމުން ކަންތައް ވާނެކަން ކަށަވަރެވެ. އެހެނަސް މި ޤަވާޢިދަށް ޢަމަލެއް ނުކުރައްވައެވެ. ވާރޭ ވެހުމުގެ ކުރިން ވިލާތައް އުފައްދަވައެވެ. ޠޫފާނުގެ ކުރިން ގަދަ ވައި ޖެހެއެވެ. އިންސާނާގެ ޢާލަމަށް ރޭގަނޑު ކުއްލިއަކަށް ނާދެއެވެ. މީސްތަކުން ދުވާލު ދެކެ ލޯބިވިޔަސް ދުވާލުވެސް ކުއްލިއަކަށް ނާދެއެވެ. ރޭގަނޑުގެ އަދިރިކަމުގެ ތެރެއިން ކަޅު ރޮއްޖާއި ހުދު ރޮދި ވަކިވެގެން ދަނީ މަޑުމަޑުންނެވެ. ޤިޔާމަތް ވުން ވެސް އޮތީ މި ގޮތަށެވެ. އެކަމަށް ބޮޑެތި ޢަލާމާތްތަކެއް ލައްވަވާފައި ވެއެވެ. މި ބޮޑެތި ޢަލާމާތްތަކުގެ ކުރިން ކުދިކުދި ޢަލާމާތްތަކެއް ލައްވަވާފައިވެއެވެ. ކޮންމެ ކަމަކަށް ވެސް މުޤައްދިމާތަކެއް ވެއެވެ. މިއިން އިސްތިސްނާ ކުރައްވާފައި ވަނީ މަރެވެ. މި ކަމަށް ޢަލާމާތްތަކެއް މުޤައްދިމާތަކެއް ނުވެއެވެ. އަޖަލު ހަމަވުމުން އެންމެ ހިނދުކޮޅަކަށް ވެސް މަޑު ކުރެވޭކަށް ފަސްކުރެވޭކަށް ނޯންނާނެއެވެ.

ﷲގެ ޝަރްޢަށް ބަލާއިރުގައި ވެސް ފެންނަނީ ހަމަ މި މަންހަޖެވެ. ޢިބާދާތުތައް ވެސް ފަރްޟު ކުރައްވާފައިވަނީ ހަމަ މި ބީދައިންނެވެ. ނަމާދުގެ ކުރިން ބަންގި ވެއެވެ. ބަންގިއާ ވިދިގެން ފަރްޟު ނަމާދުގެ ކުރިން ރަވާތިބު ސުންނަތް ވެއެވެ. ޒަކާތަށް ބަލާއިރު ޞަދަޤާތް ވެއެވެ. އެއީ ވަކި ވަގުތެއްނެތި އޮތް ކަމެކެވެ. ފަރްޟު ޙައްޖުގެ ކުރިން ޢުމްރާ ވެއެވެ. ފަރްޟު ރޯދައިގެ ކުރިން ސުންނަތް އެތައްއެތައް ރޯދަތަކެއް ވެއެވެ. ކޮންމެ ހަފުތާއެއްގައި ހޯމައާއި ބުރާސްފަތި ދުވަހުގެ ރޯދައެވެ. ކޮންމެ މަހެއްގައި އޮންނަ މެދުފޮއި (13 ވަނަ ދުވަހާއި 14ވަނަ ދުވަހާއި 15ވަނަ ދުވަހުގެ) ރޯދައެވެ. ޙައްޖު މަހުގެ ނުވަ ރޯދައެވެ. ޢަރަފާތު ދުވަހުގެ ރޯދައާއި ޢާޝޫރާއާއި ތާސޫޢާ ދުވަހުގެ ރޯދައެވެ. ރަމަޟަންމަހާ ވިދިގެން އޮންނަ ހަ ރޯދައެވެ.

 

ރަމަޟާން މަހަށް ބަލާއިރު މީސްތަކުން އެ މަހާ އިސްތިޤްބާލު ކުރަނީ ތަފާތު ގޮތްގޮތަށެވެ. ބައެއް މީހުންގެ ގާތުގައި އެއީ ވަރަށް ދީލަތި މެހެމާނެކެވެ. އެ މެހެމާނު ވަކިވެދިޔުމުން ބައެއް މީހުން ރޮއެ ހަދަތެވެ. އަނެއްބައި މީހުންގެ ގާތުގައި އެއީ ވަރަށް ބުރަހެލި މެހެމާނެކެވެ. އެމީހުން ރަމަޟާން މަސް ނިމުމުން އުފާފާޅުކުރެތެވެ.

މި ގޮތަށް ޙާލަތު ބަދަލުވެފައި އޮތަސް ރަޖަބު މަހަށް ހަނދު ބެލުމާއެކު މީސްތަކުން މަޑުމަޑުން ރަމަޟާން މަހުގެ ވާހަކަ ދައްކާތަން ފެނެއެވެ .ޝަޢުބާން މަސް އައުމުން ރަމަޟާން މަހަށް ތައްޔާރުވާތަން ފެނެއެވެ.

ކީރިތިރަސޫލާ ﷺ ގެ ސީރަތަށް ބަލާއިރު އެކަލޭގެފާނު މި މަހަށް ވަރަށް ބޮޑަށް ތައްޔާރުވެ ވަޑައިގަންނަވާތަން ފެނެއެވެ. މާނަވީ ގޮތުންނާއި މާއްދީގޮތުންނެވެ. ތިލަފަތް ހަމަ ގޮތަކަށެވެ. ވަކި އަތަކަށް ބުރަނުކުރައްވައެވެ. ވަކި އަތެއް އިހްމާލު ނުކުރައްވައެވެ.

ކީރިތިރަސޫލާ ﷺ އާއި އެކަލޭގެފާނުގެ މިތުރު އަޞްޙާބުން ޝަޢުބާން މަސް އައުމުން ރަމަޟާން މަހަށް ތައްޔާރުވެވަޑައިގަންނަވަން ފަށްޓަވައެވެ. ތައުބާގެ ދޮރުން ލައްވައިގެން ރަމަޟާންމަހުގެ ރަޙްމަތާއި ފުއްސެވުމާއި މުއްތިކުރެއްވުން ޙާޞިލުކުރެއްވޭތޯއެވެ. ރަމަޟާންމަހުގެ ގިނަގުނަ ސަވާބާއި ދަރުމައާއި ﷲގެ ރަޙްމަތާއި ނަފްޙާތަށް ހުށައެޅިވަޑައިގެންނެވުމަށްޓަކައެވެ. މުވާސާތާއި ހަމްދަރްދީގެ މަސްކަމުގައި ވާތީ، ފަޤީރުންނަށާއި މިސްކީނުންނަށް  އަޅައިލެއްވުމަށްޓަކައެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވާ ދެއްވާ މައްސަރުކަމުގައިވާތީ، ސުވަރުގެ ޖާމިނުކުރެއްވޭތޯއެވެ. ރޯދަވެރީންނަށް ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއް ލައްވާފައިވާތީ، އެދޮރުކޮޅުން ސުވަރުގެ ވަދެވަޑައިގެންނެވޭތޯއެވެ. ރަމަޟާންމަހަކީ ކީރިތި ޤުރްއާނުގެ މަސްކަމުގައިވާތީ ޤުރްއާން ދިރާސާ ކުރެއްވުމާއި  އުގެނިވަޑައިގެންނެވޭތޯއެވެ. ކީރިތިރަސޫލާ ﷺ އާއި ޖިބްރީލްގެފާނު މިމަހުގައި ޤުރްއާން މުދާރާސާކުރައްވާ ކިޔަވިދާޅުވެފައިވާތީ އެމާތް ނަމޫނާއަށް ތަބާވެވަޑައިގެންނެވުމަށްޓަކައެވެ. ރަމަޟާން މަހުގައި ކީރިތިޤުރްއާން ބާވައިލައްވާފައިވާތީ، އެ މަތިވެރި މުނާސަބާ ފާހަގަކުރެއްވުމަށްޓަކައެވެ.

މާތް ﷲ ރުއްސުން ލެއްވި އަނަސު ބުނު މާލިކުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި ރަޖަބު މަސް އަތުވެއްޖެ ނަމަ ނަބިއްޔާ ﷺ ރަމަޟާން މަހާ ހަމައަށް ޢުމުރުފުޅު ދިގުކޮށް ދެއްވާތޯ މާތްﷲ އަށް ދުޢާ ދަންނަވަތެވެ.

ތައްޔާރުވެ ވަޑައިގަތީ ކިހިނެއް

ކީރިތި ރަސޫލާ ﷺ ޝަޢުބާން މަހުގެ ފަހުކޮޅުގައި އެކަލޭގެފާނުގެ ޞަޙާބީންނަށް ރަމަޟާން މަހަށް އިސްތިޤްބާލު ކުރުމާ ބެހޭ ގޮތުން ވަރަށް އަގުހުރި ނަސޭހަތްޕުޅުތަކެއް ދެއްވިއެވެ. އެ މަހުގައި ހެޔޮ ޢަމަލުތައް ކުރުމުގައި އެއް ބަޔަކު އަނެއް ބަޔަކާ ވާދަ ކުރުމަށް އިތުރު އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ އަޞްޙާބުންނަށް ގޮވައިލައްވައިފައެވެ. އެކަލޭގެފާނު ބަޔާންކޮށް ދެއްވާފައިވާ ގޮތުގައި އަބާއްޖަވެރިއަކީ އެމަހުގައި މާތް ﷲ ލައްވާފައިވާ ރަޙްމަތުން މަހްރޫމުވި މީހާއެވެ.

ކީރިތި ރަސޫލާ ﷺ ރަމަޟާން މަހަށް ތައްޔާރުވެ ވަޑައިގެންފައިވަނީ ކާބޯތަކެއްޗަކުން ނޫނެވެ. އެކަލޭގެފާނު ތައްޔާރުވެ ވަޑައިގެންފައި ވަނީ އަޅުކަމާއި ޠާޢަތުންނެވެ. ދީލަތިކަމާއި އޯގާވެރިކަމުންނެވެ. ރިވެތި އަޚްލާޤާއި ސުލޫކުންނެވެ.

ކީރިތި ރަސޫލާ ﷺ ރަމަޟާން މަހަށް ތައްޔާރުވެ ވަޑައިގަތުމުގެ ގޮތުން ޝަޢުބާން މަހުގައި ރޯދަފުޅު ހިއްޕެވުން ގިނަ ކުރެއްވުން ވެއެވެ. މާތް ﷲ ރުއްސުންލެއްވި އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ((ކީރިތި ރަސޫލާ ﷺ އެ މަހުގައި ރޯދަފުޅު ހިއްޕެވިލެއް ގިނަކަމުން ރޯދަފުޅު ނުހިއްޕަވާ ދުވަހެއް ނާދެއޭ ބުނެވޭހައި ގިނައިން ކީރިތި ރަސޫލާ ﷺ ރޯދަފުޅު ހިއްޕެވިއެވެ. އެހެނަސް އެކަލޭގެފާނު ރަމަޟާން މަސް ނޫން މަހެއްގައި މުޅި މަހުގައި ރޯދަފުޅު ހިއްޕަވާފައެއް ނުވެއެވެ. ))[1] މުސްލިމުގެ ރިވާޔަތް ބުނާގޮތުގައި ((ރަމަޟާން މަހުގެ މަދު ދުވަހެއްގައި މެނުވީ ރަސޫލުﷲގެފާނު ރޯދަފުޅު ހިއްޕެވިއެވެ.)) ގިނަ ޢިލްމުވެރީން ބުރަވެވަޑައިގަންނަވާ ގޮތުގައި ކީރިތި ރަސޫލާ ﷺ މުޅި ޝަޢުބާން މަހުގައި ރޯދަފުޅެއް ނުހިއްޕަވައެވެ. އެހެނަސް އެ މަހުގެ ގިނަ ދުވަސްތަކެއްގައި ރޯދަފުޅު ހިއްޕެވިއެވެ.))

ކީރިތި ރަސޫލާ ﷺ ޝަޢުބާން މަހުގައި މާ ގިނައިން ރޯދަފުޅު ހިއްޕަވާތީ އެކަމާ ބެހޭގޮތުން އުސާމަތުގެފާނު ސުވާލު ކުރެއްވުމުން ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުގައި އޮންނަ މި މަހަކީ މީސްތަކުން ރޯދަހިފުމުގައި ޣާފިލުވާ މަހެކެވެ. އެއީ ޢާލަމުތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުއްލެވޭ މަހެވެ. ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ތިމަންކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް ﷲގެ ޙަޟްރަތަށް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ.))[2]

ރަސޫލާގެ އިރްޝާދުތައް

ކީރިތި ރަސޫލާ ﷺ ގެ މި ބަސްފުޅުގައި އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރްޝާދުތަކެއް ވެއެވެ. މި އިރްޝާދުތަކުގެ ތެރޭގައި މި އަންނަނިވި ކަންތައްތައް ވެއެވެ.

  • ﷲއަށް އަޅުކަން ކުރުމުގައި ޣާފިލު ނުވުން. ރަޖަބު މަހާއި ރަމަޟާން މަހުގައި އަޅުކަންކުރުމުގައި ހީވާގިވެވޭތީ މި ދެ މަހުގެ ދެމެދުގައި އަންނަ ޝައުބާން މަހުގައި މީސްތަކުންނަށް ޣާފިލުވެވެނީއެވެ. ޢިބާދާތުގައި ކަންނެތްވެވެނީއެވެ. ކީރިތި ރަސޫލާ ﷺ އަޅުގަނޑުމެންނަށް މި އަންގަވަނީ މި ގޮތަށް ނެހެދުމަށެވެ.
  • ކީރިތި ރަސޫލާ ﷺ ބަސްފުޅުން އެނގޭ ގޮތުގައި ﷲގެ ޙަޟްރަތުގައި މާތްކަމާއި މަތިވެރިކަން އޮންނާނީ ހަމައެކަނި މީސްތަކުންގެ މެދުގައި ކަމެއް ނުވަތަ ވަގުތެއް ނުވަތަ މަހެއް މަޝްހޫރު ވުމަކުންނޫނެވެ. ޝަޢުބާން މަހަކީވެސް މާތް މައްސަރެކެވެ.
  • މީސްތަކުން ޣާފިލުވާ ވަގުތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވައެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ދެނަމާދު ދެމެދުގެ ވަގުތަކީ މީސްތަކުން ޣާފިލުވާ ވަގުތެކެވެ. ހަމަ އެފަދައިން ބާޒާރުމަތީގައި އުޅޭ ވަގުތަކީ ޣާފިލުކަމުގެ ވަގުތެކެވެ. ކީރިތި ރަސޫލާ ﷺ އަޅުގަނޑުމެންނަށް މި ނަސޭޙަތް ދެއްވަނީ މީސްތަކުން ޣާފިލުވާ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. އެހެނީ ޣާފިލުކަމުގެ ވަގުތުތަކުގައި ހެޔޮ ޢަމަލު ކުރުން ބުރަކަމަކަށް ވާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((العبادةُ في الهَرْجِ كالهجرةِ إليَّ[3]– މީސްތަކުން އެހެނިހެން ކަންތައްތަކުގައި އަވަދިނެތިވެގެން އުޅޭ ވަގުތުގައި އަޅުންކުރުން ތިމަންކަލޭގެފާނުގެ އަރިހަށް ހިޖްރަކުރުން ފަދައެވެ.))

ރަމަޟާން މަހަށް މަރްޙަބާ ކިޔުން

ރަމަޟާން މަހަށް މަރްޙަބާ ކިޔުމަށް ޓަކައި ތައުބާވަމާތޯއެވެ! އަހަރު ތެރޭގައި އަރައިގަނެވިފައިވާ ފާފަތަކާ މެދު ހިތާމަކޮށް ދެރަވެ ﷲގެ ޙަޟްރަތަށް ދެވޭތޯ ބަލަމާތޯއެވެ! މާތް ﷲ ވަޙީ ކުރައްވަނީ (( وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلّكُمْ تُفْلِحُونَ[4] – މާނައީ: އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.))

ރަމަޟާން މަހަށް އިސްތިޤްބާލު ކުރުމަށް ޓަކައި، ރަމަޟާން މަހާ ހަމައަށް ގެންގޮސް ދެއްވާތޯ އެދި ﷲއަށް ދުޢާ ދަންނަވަމާތޯއެވެ؟ އެ މަހުގައި އަޅުކަން ކުރުމަށް ބޭނުންވާ ޞިއްޙަތާއި، ދުޅަހެޔޮކަން ދެއްވާތޯއެވެ! އެމަހުގައި ރޯދަ ހިފުމުގެ ކުޅަދާނަކަން ދެއްވާތޯއެވެ!

ރަމަޟާން މަސް އައުމުގެ ކުރިން ފާއިތުވެދިޔަ އަހަރުގެ ރަމަޟާން މަހުގައި ގެއްލިފައިވާ ރޯދައެއް އޮތް ނަމަ އެ ރޯދައެއް ޤަޟާ ކުރަން އަވަސްވެ ގަންނަމާތޯއެވެ؟ މާތް ﷲ ރުއްސުން ލެއްވި އައްސައްޔިދާ ޢާޢިޝަތުގެފާނު ވިދާޅުވިއެވެ. ((ތިމަން ކަމަނާއަށް ޤަޟާކުރައްވަން ޖެހިވަޑައިގެންފައިވާ ރަމަޟާން މަހުގެ ރޯދަތަކެއް އޮތެވެ. ތިމަން ކަމަނާއަށް އެ ރޯދަތައް ހިއްޕެވުނީ ޝަޢުބާން މަހުގައެވެ.))[5] މި ބަސްފުޅުން އެނގެނީ ގެއްލިފައިވާ ރޯދަތައް ރަމަޟާން މަސް އައުމުގެ ކުރިން ހިފާ ޤަޟާ ކުރަން ޖެހޭނެކަމެވެ.

ރަމަޟާން މަހަކީ ޤުރްއާނުގެ މައްސަރު ކަމުގައިވާތީ އެކަމަށް ޓަކައިވެސް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭނެއެވެ. މި އުއްމަތުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޝަޢުބާން މަހަކީ ޤާރީންގެ މަހެވެ. ބައެއް ޢިލްމުވެރިން ޝަޢުބާން މަހަށް ހަނދު ބެލުމުން އެބޭކަލުންގެ ފިހާރަތައް ބަންދު ކުރައްވައި ޤުރްއާން ކިޔަވާ ވިދާޅުވުމަށް ވަގުތު ހުސްކުރައްވައެވެ. އަލްއިމާމުލް ބަލްޚީ ސިފަ ކުރައްވާ ގޮތުގައި ރަޖަބު މަހަކީ ދަނޑު ތައްޔާރުކުރުމުގެ މަހެވެ. ޝަޢުބާން މަހަކީ ދަނޑަށް ފެންދިނުމުގެ މަހެވެ. ރަމަޟާން މަހަކީ ގޮވާން ކެނޑުމުގެ މަހެވެ. ރަޖަބު މަހުގައި ފަސްގަނޑު ޖަހައި ތޮނަ ނޮޅައި ގޮވާން އިންދައި، ޝަޢުބާން މަހުގައި ދަނޑަށް ފެންދީ ނުބެލެހެއްޓި މީހާއަށް ރަމަޟާން މަހުގައި ދަނޑުން ކަނޑަން ލިބޭނެ ގޮވާމެއް ނޯންނާނެއެވެ.

 

[1]  – ރިވާކުރެއްވީ އަލްބުޚާރީ
[2]  – أخرجه النسائي (٢٣٥٨)، وأحمد (٢١٧٥٣)
[3]  – أخرجه مسلم (٢٩٤٨)، وابن ماجه (٣٩٨٥) باختلاف يسير، والترمذي (٢٢٠١)
[4]   – النور : 31
[5] – رواه البخاري ( 1849 ) ومسلم ( 1146 )

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *