Support Us

އެފްރިކާއިން އިސްތިޢުމާރު ބޭރަށް ނުކުތަސް "މުޞީބާތްތަކަށް" ނިމުމެއް ނެތް

އެފްރިކާގެ ޤައުމުތަކަށް ވެރިވެގަންފައި އޮތް ހުޅަނގުގެ އިސްތިޢުމާރު އެފްރިކާއިން ފޭބިތާ ދަހަރުތަކެއް ފާއިތުވެގެން ދިޔަނަމަވެސް މި އިސްތިޢުމާރުގެ ވިހަ ވަކިގަނޑުތަކުން ޝިކާރަވި ޤައުމުތައް އަދި ވެސް ދަނީ މި މުޞީބާތުގެ ރަހަ ދެކެމުންނެވެ. މި އިސްތިޢުމާރުގެ ކާރިސީ އަސަރު އަދިވެސް ދަނީ ތަޙައްމުލުކުރަމުންނެވެ.

މި މަހަކީ ޖަޒާއިރުގެ ބިމުގައި ފަރަންސޭސި އިސްތިޢުމާރުން ނިޔުކްލިއަރ ތަޖްރިބާތައް ކުރަން ފެށިފެށުމަށް 61 އަހަރު ފުރުން ފާހަގަކުރާ މަހެވެ. ފަރަންސޭސީން ޖަޒާއިރުގެ ސަހަރާގައި މި ކުރި ނިޔުކްލިއަރ ތަޖްރިބާތަކުގެ ވިހަ އަސަރު އެ ހިސާބުގައި ދިރިއުޅޭ މީހުންނަށާއި އެ ހިސާބުގެ ތިމާވެށްޓަށް އަދި ވެސް ދަނީ ކުރަމުންނެވެ.

މާލީގައި ފަރަންސޭސި ސިފައިން

މިޞްރުގައި އިނގިރޭސީންނާއި ޖަރްމަނުންނާ ދެމެދުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހިނގި ކޯޅުންތަކާއި ހަނގުރާމަތަކުގައި އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް މިޞްރުގެ ޢަލަމައިނި ސަރަޙައްދަށް އޮއްސާފައިވާ ބިން މައިންތަކުގެ ސަބަބުން މިޞްރުގެ ރައްޔިތުންނަށް ބަރުދާސްތުކުރަން ޖެހިފައިވާ  އުނދަގުލާއި ބިރުވެރިކަމުން އަދި ވެސް ވަނީ މިންޖުވާނެ މަގެއް ނުފެނިފައެވެ. މީގެ ހަ ދަހަރު ކުރިން އެފެރިކާގެ 14 ޤައުމަކަށް ފަރަންސޭސި އިސްތިޢުމާރު މިނިވަންކަން ދިންނަމަވެސް މި ޤައުމުތަކުގެ ކަންތައްތަކުގެ މައްޗަށް އަދިވެސް އަތްގަދަކޮށްފައި އޮތީ ޕެރިހުންނެވެ. މި ކަމުގެ ސަބަބުން އެ ދިން މިނިވަންކަމުގެ ޙަޤީޤަތް ވަނީ އޮޅިފައެވެ. އެއީ އުނި އިސްތިޤްލާލެކެވެ. އެ ޤައުމުތަކުގެ ޙަޤީޤީ ވެރިޔަކީ އަދިވެސް ފަރަންސޭސިވިލާތެވެ. މިއީ އައު އިސްތިޢުމާރުގެ ކުލަވަރުތަކުން ކުލަވަރެއް ކަމަށް ތުހްމަތު ކުރެވެއެވެ.

ޖަޒާއިރުގައި ފަރަންސޭސީން ކުރި ނިޔުކްލިއަރ ތަޖްރިބާތައް

އެފްރިކާއަކީ ޤާދީމީ ޒަމާނުގައްޔާއި މެދު ޒަމާނުގައްޔާއި ފަހުގެ ޒަމާންތަކުގައި އިސްތިޢުމާރުގެ އަނިޔާވެރިކަމަށް ހާސާވެފައިވާ ބައްރެކެވެ. ޖަރްމަނުގެ އިސްތިޢުމާރާއި، އިޓަލީގެ އިސްތިޢުމާރާއި، ޕޯޗުގީޒު އިސްތިޢުމާރާއި އިނގިރޭސި އިސްތިޢުމާރާއި ފަރަންސޭސި އިސްތިޢުމާރުން އެފްރިކާގެ ތަފާތު ޤައުމުތައް ވަނީ އިސްތިޢުމާރުކޮށްފައެވެ. މި ހުރިހާ އިސްތިޢުމާރުތަކެއްގެތެރެއިން ވެސް އެންމެ "ހަޑި މުޑުދާރު އަނިޔާވެރި" އިސްތިޢުމާރަކީ ފަރަންސޭސި އިސްތިޢުމާރެވެ. މި އިސްތިޢުމާރުގެ ނޭދެވޭ އަސަރުތައް އެ ޤައުމުތަކުން ދަނީ ފެންނަމުންނެވެ. ކުރިމަގުގައި ވެސް މި ޤައުމުތަކަށް މި ނުބައި އަސަރުގެ ބަދުނަޞީބުކަން ތަޙައްމުލު ކުރަން ޖެހޭނެއެވެ.

މާރިޗް 13، 1961ގައި ފަރަންސޭސީން ޖަޒާއިރުގައި ނިޔުކްލިއަރ ބޮޑެތި ތަޖްރިބާތަކެއް ކުރިއެވެ. މި ތަޖްރިބާތައް ކޮށްފައިވަނީ ޖަޒާއިރުގެ އަދްރާރު ޕްރޮވިންސުގެ ރައްޤާން ސަރަޙައްދުގައެވެ. ބިންމަތީގައްޔާއި ބިމުގެ އަޑީގައި ހަތަރު ދުވަސްވަންދެން ކުރި މި ތަޖްރިބާތަކުގެ ނިޔުކްލިއަރ އަސަރު ބެލުމަށް ބޭނުންކޮށްފައިވަނީ ޖަޒާއިރު ކުށެއްނެތް މަޢުޞޫމު ރައްޔިތުންތަކެކެވެ. އެ ދުވަސްވަރުގެ ނޫސް ރިޕޯޓްތަކުން މި ކަން ސާފުކޮށް އެނގެއެވެ. ފަރަންސޭސީންގެ މި ތަޖްރިބާތަކުން ވެށްޓަށާއި މީހުންނަށް ލިބިދާނެ ގެއްލުންތައް ބެލުމަށް ބޭނުންކުރީ މީދަލެއްނޫނެވެ. އިންސާނުންނެވެ. މިއީ އިންސާނިއްޔާތާ އިދިކޮޅު ލާއިންސާނީ ޢަމަލުތަކެއްގެ ދަރަޖައަށް އުފުލިފައިވާ އޯގާވެރިކަމެއް ނެތް ޢަމަލުތަކެއް ކަމަށް މުޅި ދުނިޔެ ޤަބޫލު ކުރެއެވެ. މި ކުށަކީ ރަޝިޔާ ޓުޑޭ ބުނާގޮތުގައި ތަޤާދުމު ވުމުން (ޒަމާންވުމުން) އެކަމާ ދެކޮޅަށް ދަޢުވާ ކުރުމުގެ ޙައްޤު ވެއްޓިގެން ނުދާނެ އިންސާނީ ޖަރީމާއެކެވެ. ފަރަންސޭސީން ޖަޒާއިރުގެ ރައްޤާން ސަރަޙައްދާއި ޢައިނު އަމްޤާލް ސަރަޙައްދުގައި 17 ތަޖްރިބާކޮށްފައި ވެއެވެ. މި ތަޖްރިބާތަކުގެ މޭވާއަކަށް ވީ ފަރަންސޭސި ވިލާތަށް އެ ޤައުމުގެ އެންމެ ފުރަތަމަ ނިޔުކްލިއަރ ބޮން ލިބުމެވެ. އެހެން ބަޔަކު ޝިކާރަކޮށްގެންނެވެ.

ޖަޒާއިރުގެ ސަހަރާގައި ފަރަންސޭސީން ނިޔުކްލިއަރ ތަޖްރިބާތައް ކުރި ސަރަޙައްދު

މި ތަޖްރިބާތަކަށް 60 އަހަރު ފާއިތުވެފައިވާ އިރުގައި ވެސް މި ތަޖްރިބާތަކުގެ "ހަލާކުކުރަނިވި އަސަރުތައް" އަދިވެސް ދަނީ ފެންނަމުންނެވެ. މި ތަޖްރިބާތައް ކުރިގޮތާއި ތަޖްރިބާތައް ބޭއްވި ތަންތަނާ ބެހޭ ޗާޓުތައް ދިނުމަށް ޕެރިހުން އަދިވެސް ދަނީ ދެކޮޅު ހަދަމުންނެވެ. މި ތަޖްރިބާތަކުގެ ނިޔުކްލިއަރ "ގެދަބުޅިތަކާއި ކުނިބުނިތައް" ވަޅުލާފައިވާ ތަންތަން ކިޔައިދިނުމަށް ދަނީ ނޫނެކޭ ބުނަމުންނެވެ.

މި މުނާސަބަތާ ވިދިގެން ޖަޒާއިރުގެ ޚާރިޖީ ވަޒީރު ޞަބްރީ ބޫޤާދޫމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. "1960 ވަނަ އަހަރުގެ މި ދުވަހު ހެދުނު 7:04 މިނެޓްގައި ފަރަންސޭސި މުސްތަޢުމިރުން ޖަޒާއިރުގެ ސަޙަރާތެރޭގައި ރައްޤާން ސަރަޙައްދުގައި ފަރަންސޭސި ވިލާތުގެ އެންމެ ފުރަތަމަ ނިޔުކްލިއަރ ބޮން ތަޖްރިބާ ކުރިއެވެ. މި ތަޖްރިބާއަށް އެމީހުން ދީފައިވާ ނަމަކީ "ފެހި ޖަރްބޫޢު" އެވެ. ބޫޤާދޫމު މި ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި މިއީ ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާއިން ޖަޕާނަށް ވައްޓައިލި ދެ ބޮމަށްވުރެ ބާރު ގަދަ ބޮމެކެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ރައްޤާނުގައި ފަރަންސޭސިން ތަޖްރިބާކުރި ބޮމަކީ 70 ހާސް ޓަނުގެ ބާރުގަދަ ބޮމެކެވެ. މިއީ ހީރޯޝީމާއަށް އެމެރިކާއިން ވައްޓައިލި ބޮމުގެ ހަތަރު ގުނަ ބާރުގަދަ ބޮމެކެވެ. މި ތަޖްރިބާގެ ސަބަބުން އެ ސަރަޙައްދަށް ކޮށްފައިވާ ރޭޑިއޭޝަންގެ ވިހަ އަސަރު މިއަދުވެސް އެ ހިސާބުގެ ވެށްޓަށާއި ރައްޔިތުންނަށް ކުރަމުން ދެއެވެ."

ޖަޒާއިރުގައި ފަރަންސޭސި އިސްތިޢުމާރު ހިންގާފައިވާ ޖަރީމާތަކަށް މާފަށް އެދިވަޑައިގަންނަވާނެ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުވީލް މެކަރޯން ވިދާޅުވިއެވެ. މި ގިއުގަނޑުގެ ތެރޭގައި އޭނާ ވިދާޅުވިގޮތުގައި ޖަޒާއިރުގައި ފަރަންސޭސި އިސްތިޢުމާރާ ދެކޮޅަށް ޖިހާދު ކުރެއްވި ބޭފުޅެއްކަމުގައިވާ ޢަލީ ބޫ މިންޖަލަށް ފަރަންސޭސި ސިފައިން އަނިޔާކޮށްފައިވެއެވެ. ނަމަވެސް މުޙައްލިލުން ވިދާޅުވާގޮތުގައި މެކަރޯންގެ މި ބަޔާނަކީ "ރަމްޒީ" ބަހެކެވެ. މީގައި އެއްވެސް ދެރަވުމެއް ހިތާމަ ފާޅުކުރުމެއްނެތް އަދި އިޢުތިރާފެއް ވެސް ނެތެވެ. މި މަސްއަލައާ ބެހޭގޮތުން ސަމާސާކަނޑައިލައްވާފައި އޭނާ ފިޔަވަޅެއް އަޅުއްވާނެކަމަކަށް ނުފެނެއެވެ.

އުނި މިނިވަންކަމެއް

"ފަރަންސޭސިވިލާތާއި އެ ޤައުމުގެ ކުރީގެ ކޮލޮނީތައް" މި ސުރްޚީގެ ދަށުގައި ޖަރްމަނުގެ މަޝްހޫރު ވެބް ޞަފްޙާއެއް ކަމުގައިވާ ޑޮޗްވެލާ ބުނާގޮތުގައި 1960ގައި އެފްރިކާގެ 14 ޤައުމަކަށް ފަރަންސޭސީން މިނިވަންކަން ދިނެވެ. އެއީ ބެނީނާއި ބުރުކީނޯ ފާސޯއާއި އައިވަރީ ކޯސްޓާއި މާލީއާއި ނައިޖަރާއި ސެނެގޯލާއި ޓޯގޯއާއި ކެމަރޯނާއި ޗާޑާއި ބްރެޒަވީލް ކޮންގޯއާއި މަޑަގަސްކަރައާއި މޮރިޓޭނިޔާއާއި ގެބޯނާއި މެދުތެރޭ އެފްރިކާ ޖުމްހޫރިއްޔާއެވެ. މި ނޫހަށް އައިވަރީ ކޯސްޓްގެ "ލިބަރަލް ޑިމޮކްރެޓިކް ޕާޓީ"ގެ މުޝީރާ ނަޓާލީ ޔެމްޕް ދެއްވި ބަޔާނެއް ބުނާގޮތުގައި "އެފްރިކާގެ ފްރޭންކްފޯނީ ޤައުމުތަކަށް 60 އަހަރު ފަހުންވެސް ޙަޤީޤީ މިނވަންކަމެއް އަދި ޙުއްރިއްޔަތެއް ލިބިފައެއް ނުވެއެވެ. "އޭނާ ވިދާޅުވިގޮތުގައި "ހުރިހާ ކަމެއް ފެށެނީ ފަރަންސޭސީވިލާތުގެ މުޤައްރަރުތަކާ އެއްގޮތަށް ކިޔަވާދޭން މަޖްބޫރުވެފައިވާ މަދަރުސާއިންނެވެ."

އެފްރިކާގެ އައްސޭރި ފަސް ޤައުމަކާއެކު ފަރަންސޭސިވިލާތުން 2020 ގައި ޕައޮގައި ބޭއްވި ސަމިޓް

އޭނާ ވިދާޅުވި ގޮތުގައި 1960ގައި ފަރަންސޭސީން މި ޤައުމުތަކުން ފޭބުމުގެ ކުރިން އެ ޤައުމުތަކުގައި އޮތް ޤާނޫނުހަދާ މަޖިލީސްތައް (ބަރްލަމާނުތައް) ވަނީ އުވާލައިފައެވެ. މި ކަމުގެ އަމާޒަކީ ރިޔާސީ ނިޒާމެއް ޤާއިމުކުރުމާއި ފަރަންސޭސިވިލާތަށް ވަފާތެރި ބާރުގަދަ ޒަޢީމަކު ވެރިކަމަށް އިސްކުރުމެވެ. ޤައުމުގެ ހުރިހާ ކަމެއް ޕެރިހުން ބުނާގޮތަކަށް ހިންގާދޭނެ "ޚުދްމުޚްތާރު ވެރިއެއް" ޤައުމުގައި ބެހެއްޓުމެވެ.

ފަރަންސޭސި ވިލާތުގެ ރައީސް ޝަރލް ޑިގޯލް1962ގައި ފަރަންސޭސިވިލާތާއި އެފްރިކާގެ ކުރީގެ ކޮލޮނީތަކާ ދެމެދުގައި އޮންނަން ޖެހޭ ގުޅުން ފަރުމާކުރުމުގެ މަސައްކަތް އޭނާގެ މުޝީރެއްކަމުގައިވާ ޖެކް ފޯކާރ އާ ޙަވާލު ކުރެއްވިއެވެ. އޭނާއަށް "ފަރަންސޭސި އިސްތިއުމާރުގެ މޭސްތިރިޔާ" ގެ ލަޤަބު ދެވިފައިވެއެވެ. ފޯކާރ މި ޤައުމުތަކުގެ ވެރީންނާއެކު ސިއްރު މުޢާހަދާތަކެއް އެކުލަވައިލެއްވިއެވެ. މި މުޢާހަދާގެ ދަށުން އެ ވެރީންނަށް ޢަސްކަރީ ޙިމާޔަތްދިނުމާއި ޢަސްކަރީ އިންޤިލާބުތަކުން އެ ވެރިން ޙިމާޔަތްކޮށްދިނުމަކީ ޕެރިހުގެ މަސްއޫލިއްޔަތެކެވެ. މީގެ ބަދަލުގައި އެތައް ބިލިއަން ޑޮލަރެއްގެ ކަމިޝަން ޕެރިހަށް ލިބޭނެއެވެ. އަލިމަހާއި، ޔޫރޭނިއަމާއި ގޭހާއި ތެޔޮ ނެގުން ފަދަ މަސައްކަތްތައް ކުރުވަން ޖެހޭނީ ފަރަންސޭސި ކުންފުނިތަކުންނެވެ. އެފްރިކާގައި މިއަދު ފަރަނންސޭސިވިލާތުގެ 1100 ބިޔަ ކުންފުނިތަކާއި 2100 ކުދި ކުންފުނިތައް އެބަހުއްޓެވެ. އެފްރިކާގައި ވުނަކުރުމުގެ ވޮލެޓަށް ބަލާއިރު އެމެރިކާއާއި އިނގިރޭސިވިލާތަށް ފަހު އެންމެ ބޮޑު ވޮލެޓެއް ލިބިފައިވަނީ ފަރަންސޭސިވިލާތަށެވެ.

އެފްރިކާގެ އައްސޭރި ޤައުމުތަކުގެ ވެރީންނާއެކު މެކަރޯން

ސްކޮޓްލެންޑްގެ ސޭންޓް އެންޑްރޫޒް ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަމުގައިވާ ޔޭން ޓޭލަރ ވިދާޅުވާ ގޮތުގައި އެފްރިކާގައި އޮތް ޕެރިހުގެ މަޞްލާހަތުތައް ވަރަށް ބޮޑެވެ. އެހެންކަމުން އެ ޤައުމުތަކުގެ ވެރީންނަށް އިންތިޚާބީ ވަޢުދުތައް ފުއްދަވާދެއްވުމަށް މަސްރަޙު ތަނަވަސްވެގެން ނުދެއެވެ. ވެރިކަން ލިބިވަޑައިގަތުމާއެކު ޕެރިހުން ރައީސުންގެ އިސްތަށިފުޅުގައި ކޮށަން ފަށައެވެ. އެންމެފަހުން އެބޭފުޅުންނަށް ޖެހިވަޑައިގަންނަވަނީ  ފަރަންސޭސީންގެ މަޞްލަޙަތު ރިޢާޔަތް ކުރައްވާށެވެ. އެހެންނޫނީ އެ ބޭފުޅުންނަށް ވެރިކަމުގައެއް ނުތިއްބެވޭނެއެވެ. ޕެރިހުން އެ މީހުންގެ އޭޖެންޓުން ލައްވާ ގަނޑުބަޑުތައް އުފައްދަން ފަށާނެއެވެ. ސިފައިން ލައްވާ ވެރިކަން ބަދަލުވެސް ކުރުވާނެއެވެ. ޓޭލަރ ވިދާޅުވާގޮތުގައި އެފްރިކާގެ 12 ޤައުމެއްގެ ފައިސާއަކީ (ފްރޭންކަކީ) ފަރަންސޭސިވިލާތުގެ ޔޫރޯއާ ގުޅިފައިވާ ފައިސާއެކެވެ. އޭނާ ވިދާޅުވިގޮތުގައި ފަރަންސޭސިވިލާތުގެ ޚަޒާނާގެ ރިޒަރވްގެ 65 އިންސައްތަ ބަރޯސާ ވެފައިވަނީ މި ފްރެންކުން މުޢާމަލާތުކުރާ ޤައުމުތަކާއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޤައުމުތަކަށް ޙަޤީޤީ މިނިވަންކަން ލިބޭނީ އެފްރިކާ ފްރޭންކް ވަޅުލައިގެންނެވެ.

މިޞްރާއި ދެވަނަ ބޮޑުހަނގުރާމަ

މިޞްރަކީ އިނގިރޭސި އިސްތިޢުމާރުގެ ނުބައި އަސަރު ފޯރާފައިވާ ޤައުމެކެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމި އިނގިރޭސިން މިޞްރުން ފޭބިތާ 73 އަހަރުވެއްޖެއެވެ. ނަމަވެސް މިޞްރުގެ ޢަލައިމައިނި ސަރަޙައްދުގައްޔާއި ލީބިޔާގެ ސަރަޙައްދާ ކައިރީގައި ވާ ސަހަރާގައި ވަޅުލައިފައިވާ މައިންތަކުގެ ސަބަބުން އެ ހިސާބު ވަނީ ވަރަށް ނުރައްކާތެރި ސަރަޙައްދަކަށް ބަދަލުވެފައެވެ. ޢަލަމައިނި ސަރަޙައްދަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގައި ވަރަށް ބޮޑަށް ހަނގުރާމަ ހިނގައިފައިވާ ސަރަޙައްދެކެވެ. މިޞްރަކީ ބޮޑު ހަނގުރާމައިގައި ބައިވެރިވި އަޞްލު ފަރާތަކަށް ނުވިޔަސް އެ ސަޙަރާގައި އިނގިރޭސީންނާއި ޖަރްމަނުންނާ ދެމެދުގައި ހިނގި ހަނގުރާމަތަކުގައި ދެ ފަރާތުން ވަނީ އެތައް މިލިއަން މައިންތަކެއް ވަޅުލައިފައެވެ. މި ކަމުގެ ސަބަބުން އެފްރިކާގެ ޢަރަބި ޤައުމުތަކުން ދަނީ ވަރަށް ބޮޑު އަގެއް ދައްކަމުންނެވެ.

މިޞްރުގައި ހުރި އިސްތިޢުމާރީ މައިންތައް

ބައިނަލްއަޤްވާމީ ރިޕޯޓްތައް ބުނާގޮތުގައި ޢަލައިމައިނި ސަރަޙައްދާއި މިޞްރުގެ ހުޅަނގު ސަޙަރާގައި 22 މިލިއަނަށްވުރެ ގިނަ މައިން ބިމުގައި ވަޅުލާފައިވެއެވެ. މި ކަމުގެ ސަބަބުން މިޞްރު ވަނީ މިފަދަ ޤާތިލު ދަންތުރަތައް އެންމެ ގިނަ ފަސްވަނަ ޤައުމަށް ވެފައެވެ. މި މައިންތައް މިޞްރުގެ ބިމުގައި ވަޅުލީ ޖަރްމަނާއި އިޓަލީއާއި އިނގިރޭސިވިލާތުގެ ސިފައިންނެވެ. އެ ފަރާތްތަކުން މި ކަމުގެ މަސްއޫލިއްޔަތު އުފުލައި އެ ސަރަޙައްދު ސާފުކޮށްދޭން ޖެހޭނެއެވެ. މިޞްރުން މި ކަމަށް އެދެމުންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. "ޝައިޠާނީ މި ބަގީޗާ" ގެ ސަބަބުން  މިޞްރަށް ވަނީ 15 ހާސް އަކަ ކީލޯމީޓަރުގެ ބޮޑު ސަރަޙައްދެއް ގެއްލިފައެވެ. ގޭހާއި ތެޔޮ ހޯދުމުގެ މަސައްކަތެއް ވަނީ ނުކުރެވިފައެވެ. މީގެއިތުރަށް ދަނޑުވެރިކަން ކުރުމަށް ޓަކައި ވެސް މި ބިން ވަނީ ބޭނުން ނުކުރެވިފައެވެ. މި ކަމުގެ ޒިންމާ އުފުލަންޖެހޭ ޤައުމުތަކުން މި މައިންތަކުގެ ޗާޓުތައްވެސް ދިނުމަށް ވެސް ވަނީ ދެކޮޅު ހަދައިފައެވެ. ދެ މީޓަރެއްހާ ފުނުގައި އިންދާފައިހުރި މި މައިންތައް ކޮނެނެގުމުގެ މަސައްކަތަކީ މޫސުމުގެ ސަބަބުން ވެސް ކުރަން އުނދަގޫވެފައިވާ މަސައްކަތެކެވެ. މި ކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ވަނީ ޖެހިފައެވެ. އެއީ މިޞްރަށް އެކަނި ތަޙައްމުލު ކުރެވޭ ވަރުގެ މާލީ ބުރައެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *