އިތިޔޯޕިޔާއިން ބިނާކުރަމުންދާ "އައްނަހްޟާ" ޑޭމްގެ މަސްއަލައަކީ މިޞްރާއި ސޫދާނުން އެކަމާމެދު ވަރަށް ކަންބޮޑުވެފައިވާ މަސްއަލައެކެވެ. ނީލަކޯރުގެ ފެނުގެ އަސާސަކީ އިތިޔޯޕިޔާގެ ފަރުބަދަތައް މައްޗަށް ވެހޭ ވާރޭފެނެވެ. އިތިޔޯޕިޔާއިން މި ޑޭމް ހެދުމުގެ ސަބަބުން ނީލަކޯރުގެ ފެނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މިޞްރާއި ސޫދާނުން ދަނީ ބުނަމުންނެވެ. އެ ދެ ޤައުމުން މި މަސްއަލަ ޞުލްޙަވެރިކަމާއެކު ޙައްލު ކުރެވޭތޯ މަސައްކަތް ކުރާތާ ވަރަށް ދުވަސްވެއްޖެއެވެ. މިޞްރާއި ސޫދާނުގެ ދަނޑުވެރިކަމަށާއި ކަރަންޓަށް މި ޑޭމުގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް ފޯރާނެތީ މި މަސްއަލައަކީ އެ ދެ ޤައުމުގެ ވުޖޫދާ ގުޅިފައިވާ ކަމެއް ކަމަށް އެ ދެ ޤައުމުން ބުނެއެވެ.
މި މަހުގެ 13 ވަނަ ދުވަހު ފެނާއި ދަނޑުވެރިކަމާ ބެހޭ ސޫދާނުގެ ވަޒީރު ޔާސިރު ޢައްބާސް ހާމަކުރެއްވި ގޮތުގައި "ޤާނޫނު ހުއްދަދޭ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެ ޤައުމުގެ އަމްނާއި އަމާންކަން ދިފާޢު ކުރުމަށް ސުދާނުން ފިޔަވަޅު އަޅާނެއެވެ. މިޞްރާއި ސޫދާނުން ހުށައަޅައިފައިވަނީ މި ކަމާ ބެހޭ ވާހަކަދެއްކުންތަކުގައި އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދާއި އދ މަޖިލީހާއި އެފެރިކާގެ އެއްބައިވަންތަކަމުގެ އިއްތިޙާދު ބައިވެރި ކުރުމަށެވެ."
ޢައްބާސް މި ގޮތަށް ވިދާޅުވީ މިޞްރުގެ އައްޝުރޫޤު ދުވަހު ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ. އިތިޔޯޕިއާއިން ބުނަމުންދާ ގޮތުގައި މި އަންނަ ޖުލައިމަހު އެ ޑޭމް ދެވަނަ ފަހަރަށް ފުރައިލުމުގެ މަސައްކަތް ފެށޭނެއެވެ. ހޫނު މޫސުމާ ދިމާކޮށް އެ ޑޭމް ފުރާލައިފިނަމަ މިޞްރަށާއި ސޫދާނަށް ވަރަށް ބޮޑު ހަނަފަސްކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. މިޞްރާއި ސޫދާނުން ބުނާގޮތުގައި އެ ޑޭމަށް ފެންއަޅަން ޖެހޭނީ އެ ދެ ޤައުމަށް ލިބެން ޖެހޭ ފެނުގެ ޙިއްސާ ދިނުމަށް ފަހުގައެވެ. ނީލަކޯރުގެ ދެ ގޮފީގެތެރެއިން ނޫ ނީލަކޯރުގެ ފެނުގެ މައިގަނޑު މަޞްދަރަކީ އިތިޔޯޕިއާއެވެ. ހުދު ނީލަކޯރަށް ފެން އަންނަނީ ކެންޔާއާއި ޔޫގެންޑާއިންނެވެ.
ޢައްބާސް މި ބަސްދީގަތުން ދެއްވީ ކުރިމަގުގެ ސީނާރިއޯތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ޢައްބާސް ވިދާޅުވިގޮތުގައި ވާހަކަދެއްކުންތައް ނާކާމިޔާބުވެއްޖެނަމަ ސޫދާނުގެ ޤައުމީ އަމްނާއި އަމާންކަން ރައްކައުތެރިކުރުމަށް ޓަކައި އެޅެން ހުރި ހުރިހާ ވަސީލަތްތަކަކުން ފިޔަވަޅު އަޅާނެއެވެ. އޭނާ މި ފިޔަވަޅުތަކަކީ ކޮބައިކަމެއް ހާމައެއް ނުކުރައްވައެވެ. ޢައްބާސް ވިދާޅުވި ގޮތުގައި ދެވަނަ ފަހަރަށް ޑޭމު ފުރަން ފެށުމުގެ ކުރިން ޙައްލަކަށް އާދެވޭތޯ ސުދާނުން ދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ވާހަކަދެއްކުންތައް ކުރިއަށް ދިޔުމަށް ހުރަސްއަޅައި ނުކުތާތަކަކީ ޑޭމަށް ފެންފުރާނެ ގޮތާއި، ބޭނުންކުރާނެ ވަސީލަތްތަކާއި، ޑޭމު ހިންގާނެގޮތާއި، މަޢުލޫމާތާއި ޑޭޓާ ބަދަލުކުރާނެ ގޮތާއި ހަނަފަސް އަހަރުތަކުގައި މުޢާމަލާތު ކުރާނެ ގޮތްތަކެވެ. އޭނާ ވިދާޅުވި ގޮތުގައި ހިތްނިޔަތް ރަނގަޅުވެއްޖެނަމަ މި މަސްއަލަ މާ ބޮޑު ކަމަކަށް ނުވާނެއެވެ.
މި މަހު 9ވަނަ ދުވަހު މިޞްރުގެ ތާއީދާއެކު ސޫދާނުން ވަނީ ވާހަކަދެއްކުންތައް ފުޅައު ކުރުމަށް ހުށައަޅައިފައެވެ. ޑޭމުގެ މަސްއަލައާ ބެހޭގޮތުން ވާހަކަދެއްކުންތައް ފެށިފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ. މި ވާހަކަދެއްކުންތައް ކުރިއަށް ގެންދެވިފައި ވަނީ އެފްރިކާގެ އިއްތިޙާދުގެ ބެލުމުގެ ދަށުންނެވެ. އދން ބުނާގޮތުގައި މި ވާހަކަދެއްކުންތަކުގައި އެ ޖަމްޢިއްޔާ ބައިވެރިވުމަށް އޮތީ ތައްޔާރަށެވެ.
ސޫދާނުގެ ވަޒީރު މި ބަޔާން މި ދެއްވީ ސޫދާނުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކު މި ދިޔަ ބުރާސްފަތި ދުވަހު ޤާހިރާއަށް ކުރެއްވި ދަތުރުފުޅާ ވިދިގެންނެވެ. މިޞްރުގެ ރިޔާސަތުން ބުނިގޮތުގައި ސަރަޙައްދީ ހަމަޖެހުމަށް ރައްކައުތެރިވުމަށް ޓަކައި ބައިނަލްއަޤްވާމީ ވާހަކަދެއްކުންތައް " އޮލަކުރަން" ވަނީ ޖެހިފައެވެ. މީގެ ދެހަފުތާ ކުރިން މިޞްރުގެ ރައީސް ސީސީ ވަނީ ސޫދާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. މި ދަތުރުފުޅުގެ ސަބަބުން މި މަސްއަލައިގައި އެ ދެ ޤައުމުގެ ސިޔާސަތުވަނީ ކަނޑައެޅި ކަށަވަރުވެފައެވެ. މިޞްރާއި ސޫދާން ބުނާގޮތުގައި ޑޭމް ފުރަން ފެށުމުގެ ކުރިން އެ ޤައުމަށް ކޮންމެ އަހަރަކު ލިބެންޖެހޭ ފެނުގެ ޙިއްޞާގެ މިންވަރު ކަނޑައެޅެން ޖެހޭނެއެވެ. 5 ފެބްރުވަރީގައި މިޞްރާއި ސޫދާނުން ބުނިގޮތުގައި ވާހަކަދެއްކުންތައް ނާކާމިޔާބު ވެފައި ވަނީ އިތިޔޯޕިއާގެ ސަބަބުންނެވެ. މި މަސްއަލައިގައި ވޮޝިންގްޓަނުން ވަނީ މިޞްރަށާއި ސޫދާނުގެ ސިޔާސަތަށް ތާއީދު ކޮށްފައެވެ. މި ތިން ޤައުމުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތުގައި ނީލަކޯރުގެ ފެނުން މިޞްރަށް އަހަރަކު 55.5 ބިލިއަން ކޮޑި މީޓަރުގެ ފެން ލިބެން ޖެހޭނެއެވެ. އަދި ސޫދާނަށް 18.5 ބިލިއަން ކޮޑި މީޓަރުގެ ފެން ލިބެން ޖެހޭނެއެވެ. އިތިޔޯޕިއާއިން ބުނާގޮތުގައި ނަހްޟާ ޑޭމް ބިނާކުރުމުގެ ބޭނުމަކީ މިޞްރަށާއި ސޫދާނަށް ގެއްލުން ދިނުމެއްނޫނެވެ. އެހެނަސް އެ ޤައުމަށް ބޭނުންވާ ކަރަންޓް އުފެއްދުމެވެ.



advertisment