Support Us

ކޮލަމް: ސައީދުގެ ތުލަ

ނުކަތާވަރު ތަކުލީފަކުން ކަންކަން ހައްލުވާނެބާ؟

ރާއްޖެއަކީ މީސްކޮޅުމަދު، ކުޑަ، އަދި ފަގީރު ގައުމެއްގެ ގޮތުގައި އަބަދުވެސް ސިފަކުރެވެއެވެ. މިއީ ފަހަރެއްގައި އަޅުގަނޑުމެން ދިވެހިންނަށް ފެންނަ މަންޒަރަކަށް ވެދާނެއެވެ. ފާއިތުވީ ކުރު މާޒީގައި ކަންކަން ހިނގާފައިވާގޮތަށް ބަލާއިރު، ބިދޭސީންނަށް ރާއްޖެއަކީ ފުރުސަތު އޮތް، ތަނަވަސްކަން އޮތް ގައުމެކެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޖީބުތައް ތަނަވަސްވެ، ރާއްޖެއިން ބިންގަނެ، ރާއްޖޭގައި ދިރިއުޅުން އާރާސްތުކުރާކަމީ، ކުރިން ދެންނެވި ވާހަކައަށް ބާރުލިބޭ ހެއްކެކެވެ.

މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު، ތަރައްގީގެ ދުވެލީގައި ރާއްޖެއިން އަޅަމުން އަންނަ ހަލުވި ފިޔަވަޅުތައް، ދެމެހެއްޓެނެވިގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މިންވަރަށް އިންސާނީ ވަސީލަތް ތައްޔާރުކުރެވިފައިނެތުމަކީ، ދިވެހިންގެ ބަލި ފައެކެވެ. ތައުލީމީ ނިޒާމުގެ ތެރެއިންވެސް، މަސައްކަތާއި ހުނަރުވެރިކަން ތަރައްގީކުރަން އެއްވެސް މިންވަރަކަށް ސަމާލުކަން ދެވިފައިނުވާތީ، ސްކޫލްތައް ނިންމާ ޒުވާނުންގެ އުއްމީދު ގުޅިފައިއޮތީ، ކޮންމެވެސް އޮފީހެއްގެ މަސައްކަތަކާއެވެ.

ރާއްޖޭގެ ތަރައްގީއަށް ހިންގަންޖެހުނު މަޝްރޫއުތަކަށް، ރާއްޖެ ގެންނަން ޖެހުނު ބިދޭސީންނާއި، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަމަ ކޮންމެ މީހަކަށްވެސް މަރުހަބާ ކިޔާ އުސޫލުގެ ތެރެއިން، ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި މިހާރުވެސް މަސައްކަތް ކުރެއެވެ. މީގެ ތެރޭގައި، ސައްހަގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނާއި، އެއްވެސް ލިޔެކިއުމެއްނެތި ރާއްޖޭގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ. މި ދެންނެވި އެންމެންވެސް އަހަރެއްގެ މައްޗަށް ބިލިއަނަކާ ގާތްކުރާ ޢަދަދަކަށް ޑޮލަރު ރާއްޖެއިން ބޭރު ކުރެއެވެ.

ރާއްޖޭގައި އުފެދިފައިވާ ވަޒީފާތަކަށް ދިވެހިން ނެރެ، ސައްހަ ނޫން ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އެ މީހުން ނިސްބަތްވާ ގައުމަށް ފޮނުވާލުމަކީ، ނުވަތަ އެމީހުން މަސައްކަތްކުރަނީ ސައްހަގޮތުގައިކަން ކަނޑައެޅުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެންމެބޮޑަށް ރަގަބީލު އަޅަންފެށީ، ސައްހަނޫން ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގަލޮޅު ދަނޑު ފުރާލި ހިސާބުންނެވެ. އަދަދުގެ ބޮޑުކަމުންނެވެ. މީހުންގެ ގިނަކަމުންނެވެ.

ސައްހަ ނޫން ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ކަންތައްތައް ހަމައަކަށް އެޅުވުމަށާއި، ޖުމުލަކޮށް، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް، އިދާރީ ގޮތުންވެސް ސަރުކާރުން މިވަނީ ބަދަލެއް ގެންނަވާފައެވެ. ކުރިން އިމިގްރޭޝަނުން ކުރަމުންއައި މަސައްކަތް އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކުރެއްވީއެވެ.

މީހަކު ކުށެއް ކުރުމުން، މުޅި މުޖުތަމަޢުއަށް ތަކުލީފަކަށްވާގޮތަށް ކަންކަން އިސްލާހުކުރުމުގެ ވިސްނުމަކީ، އިންސާނީ ސިކުޑީގެ އެންމެ އުނި ސިފައެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައިވެސް ކަންކަން ރޭވިފައިހުރީ މިދެންނެވި ބީދައިންނެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރު ރާވާލާފައިވާ ބައެއް ކަންކަމަށް ބަލާލާއިރު، އެފަދަ ވިސްނުމެއް އެފަރާތަކަށް އައީ ކިހިނެއްތޯ، ކޮންފަދަ ހާލަތެއްގައި ހުއްޓާތޯވެސް ސުވާލު އުފެދެއެވެ.

މިސާލެއްގެ ގޮތުން ދަންނަވާލާނަމެވެ. ސައްހަގޮތުގައި ރާއްޖެގެނެސް، ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފީއެއް ގަވާއިދުން ދައްކަމުން ދަނިކޮށް، ބިދޭސީ މީހަކު ފިލީއެވެ. އެވާހަކަ ކަމާބެހޭ މުވައްސަސާތަކަށްވެސް އެންގީއެވެ. އޭގެ ފަހުން އަހަރުތަކެއް ފާއިތުވީއިރުވެސް، މި ދެންނެވި މުވައްސަސާއަކަށް އެމީހަކު ހޯދައި ނުދެވުނެވެ. ވީތަނެއްވެސް ނޭގުނެވެ. ދެން، އަލުން އެހެން ބިދޭސީއަކު ވަޒީފާއަށް ގެންނަނަމަ، މީގެ އެތަކެއް އަހަރުކުރިން ގެއްލުނު ނުވަތަ ފިލި ބިދޭސީމީހާ، ފިލައިގެން އުޅުނު ހުރިހާ ދުވަސްތަކެއްގެ ވިސާފީ ދެއްކުމުން ނޫނީ، އިތުރު މީހަކު ވަޒީފާއަށް ގެނެވޭނެ ގޮތެއް ނެތެވެ.

ކޮވޑް19 އާއި ގުޅިގެން، ރާއްޖޭގެ އިގްތިސާދު ނޭވާ ހޮޅިއަށް އެޅިފައިވާ ދަނޑިވަޅެއްގައި، ކޯޓާއަކަށް ދެ ހާސް ރުފިޔާގެ ފީއެއް ނެގުމަކީ، ކޮން ފަދަ ވިސްނުމެއްގެ ތެރެއިން އީޖާދުވީ ކަމެއްކަން ދަންނަވާކަށް ނޭނގެއެވެ. ފަންސާސް ރުފިޔާއަށް ހައްދައިދިން ވާކްޕާމިޓްކާޑުގެ އަގު ތިން ގުނައަށް ބޮޑުވީ އެ ކާޑުގެ ސައިޒްވެސް ތިން ގުނައަށް ބޮޑުވުމުން ކަމަށްވެސް ވެދާނެއެވެ.

ބިދޭސީންގެ މަސައްކަތްތައް ކުރުމަށް ކުރިން ގެންގުޅުނު ސޮފްޓްވެއަރގެ ބަދަލުގައި އައު ސޮފްޓްވެއަރއަށް ތަޢާރަފްކުރެއްވިއިރު، އެ ސޮފްޓްވެއަރގައި މަސައްކަތެއް ކުރަންޖެހޭ ކޮންމެ ފަހަރަކު، އޭގައި ހުރި ދަތިތަކާއި ހެދި ބޮލަށް އުނދަގޫވެ، ތިން ގުޅަ ޕެނެޑޯލް ކާންޖެހުމަކީވެސް މައްސަލައެކެވެ. މީގެ އިތުރުންވެސް ތަފާތު މައްސަލަތަކެވެ. އެ މައްސަލަތަކުގެ ލިސްޓް ދިގުކޮށް، މި އާޓިކަލް ވިދާޅުވާ ބޭފުޅުންގެ އިސްތަށިފުޅަށް ދަތިވާނެ ކަމެއް ކުރުމަކީ އަޅުގަނޑުގެ ނިޔަތެއް ނޫންކަމަށް ވާތީ، އެ ލިސްޓު ކުރުކޮށްލީއެވެ.

ބައެއްގެ މައްޗަށް ބަސްކިޔާލަން ލިބޭ ކޮންމެ ދަނޑިވަޅެއްގައި އަޅުގަނޑުމެންނަށް ހީވަނީ ހުރިހާއެއްޗެއް އަދި ހުރިހާކަމެއް އެނގޭނީ ތިމާއަށް ކަމަށެވެ. ބިދޭސީންގެ މައްސަލައަކީ ހައްލުކުރަންޖެހިފައިވާ ގައުމީ މައްސަލައެއް ކަމާމެދު އެއްވެސް ދެބަސްވުމެއް ނެތެވެ. ނަމަވެސް، އެ ހައްލު ކުރުމުގެ މަސައްކަތް ކުރުމުގައި، ވަޒީފާ ދޭ ފަރާތްތަކުގެ ޚިޔާލާ މަޝްވަރާ ހޯއްދަވާލެއްވިނަމަ، މިއަށްވުރެ މާ ފަސޭހައިން މި މައްސަލައަށް ހައްލު ލިބިގެންދާނެއެވެ. މި މައްސަލައަށް މިހާރު ހޯއްދަވަން ރާއްވަވާފައިވާ ހައްލަކީ، ސަރުކާރު މުއްސަނދިވެ، ވަޒީފާދޭ ފަރާތްތައް ބަނގުރޫޓްވާފަދަ ހައްލެކެވެ.

ފާއިތުވީ ދިގު މާޒީއަށް ބަލާއިރު، މީހަކަށް ނު އުފުލޭވަރުގެ ނުވަތަ ނުކަތާވަރުގެ ތަކުލީފަކުން، މައްސަލައެއް ހައްލެއް ނުވާނެއެވެ. ކަންކަން ހައްލުވާނީ، އެކަމެއްގައި ޝާމިލްވާ އެންމެން މަޝްވަރާކޮށް، ހެޔޮ ނިޔަތެއްގައި އެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކޮށްގެނެވެ. ތިމާނޫން އެހެން މީހަކަށްވެސް އެއްޗެއް އެނގިދާނެ ކަމަށް ބަލައިގެނެވެ.

ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބިދާނެ ފަސޭހަ ދެ ގޮތެއް އެބައޮތެވެ. ފުރަތަމަ ގޮތަކީ، ސައްހަ ނޫން ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ މީހުން، އެމީހުންގެ ގައުމަށް ފޮނުވާލުމެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ސަރުކާރުގެ ދެ ތިން ހަތަރު އޮފީސް ހުންނާތީ، އެގޮތަށް މަސައްކަތްކުރާ މީހުން ހޯދާ މާލެއަށް ފޮނުވުމަކީ ފަސޭހަ ކަމެކެވެ.

ދެވަނަގޮތަކީ، ރާއްޖެއަށް ބިދޭސީ މީހާ ގެނައުމަށް މެދުވެރިވިފަރާތް ބޮޑު އަދަދަކުން ޖުރުމާނާ ކުރުމެވެ. އަދި އެކަން ތަންފީޒު ކުރުމެވެ.

މި ދެންނެވި ދެ ގޮތުން، ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބިދާނެއެވެ. ސައްހަގޮތުގައި ބިދޭސީން ރާއްޖެގެނެސް، ސަރުކާރަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކައިގެން ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކުގެ ނޭވާ ހާސްކޮށް ނުލިއަސް މި މައްސަލައަށް ހައްލެއް ލިބިދާނެއެވެ.