ރޫސީ ޚާރިޖީ ވަޒީރު ސަރޖީ ލެފްރޯފް ގަލްފުގެ ޤައުމުތަކަށް ހަތަރު ދުވަހުގެ ދަތުރުފުޅެއް މި ހަފުތާގައި ފަށްޓަވަން އުޅުއްވާތީ، މި ދަތުރުފުޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މެދުއިރުމަތީގެ ޒަޢީމުން ޝައުޤުވެރިވެ ވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ. އެމެރިކާގެ ރައީސް ބައިޑްން މެދުއިރުމަތީގެ ސިޔާސަތުތައް މުރާޖަޢާކުރައްވަމުން ގެންދަވާ ދުވަސްވަރެއްގައި މި ދަތުރުފުޅު ގަލްފުގެ ޒަޢީމުންނަށް ވަރަށް މުހިއްމުވާނެކަން ކަށަވަރެވެ. ގަލްފްގެ ޒަޢީމުން ވަނީ އެމެރިކާގެ އައު ސިޔާސަތާ އެއްގޮތަށް އެބޭފުޅުން "ފަހި"ވެ ވަޑައިގަތުމާ ދެކޮޅު ހައްދަވައިފައެވެ.
ރޫސީ ޚާރިޖީ ވަޒީރު ލެފްރޯފް ސުޢޫދީ ޢަރަބިއްޔާއަށާއި އިމާރާތަށާއި ޤަޠަރަށް ކުރައްވާ މި ދަތުރުފުޅު އައިސްފައި މި ވަނީ އެމެރިކާއިން ސުޢޫދީ ނޫސްވެރިޔާ ޖަމާލް ޚަޝްޤަޖީގެ މަރާ ބެހޭ ސިއްރު ރިޕޯޓު ހާމަކުރިތާ ހަފުތާއެއްގެ ފަހުންނެވެ. އިސްތަންބޯލުގައި 2018 ގައި ހިނގި މި މަރުގެ މަސްއޫލިއްޔަތު ސުޢޫދީ ވަލީ ޢަހްދުގެ އިސްތަށިފުޅަށް ކަނޑައިލަން އުޅެފައިވާތަން މި ރިޕޯޓުން ފެނެއެވެ. އޭގެ އެއް ހަފުތާ ކުރިން އެމެރިކާއިން ވަނީ ޙަމަލާދޭ ހަތިޔާރު ސުޢޫދީ ޢަރަބިއްޔާއަށް ވިއްކުން ހުއްޓާލައިފައެވެ. އެއީ ޔަމަނުގައި ސުޢޫދީ ޒަޢާމަތުގެ ދަށުގައި ހިނގަމުންދާ ހަނގުރާމައިގައި ބާޣީ ޙޫޘީންނާ ދެކޮޅަށް މި ހަތިޔާރު ބޭނުންކޮށްފާނެތީ ކަމަށް ބުނެއެވެ.
ރަޝިޔާއިން ބޭނުން ވަނީ މި "ކަންބޮޑުވުމުގެ" ފައިދާ ނެގުމަށް
އެމެރިކާގެ ވެބް ޞަފްޙާއެއް ކަމުގައިވާ Responsible Statecraft ބުނާގޮތުގައި ލެފްރޯފްގެ މި ދަތުރުފުޅުގައި އޭނާ އިސްތަންބޯލާއި ތައްލު އަބީބުގައި މަޑުކޮށްލައްވާނެ ކަމަކަށް ދަތުރުފުޅުގެ އައިޓިނަރީއަކުން ނުފެނެއެވެ. މި ދުވަސްވަރަކީ ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ރައީސް ބައިޑްންގެ ފޯން ކޯލަކަށް އިންތިޒާރު ކުރައްވަމުން ގެންދަވާ ދުވަސްވަރެކެވެ. ތައްލު އަބީބަށް ބަލާއިރު އެމެރިކާއިން އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ޠަހަރާނާއެކު ވާހަކަދައްކަން އުޅޭތީ ތައްލު އަބީބު އޮތީ ވަރަށް ހިތްހަމަނުޖެހިފައެވެ.ތައްލުއަބީބުން އިންޒާރުކުރާގޮތުގައި އީރާނުގެ ނިޔުކްލިއަރ އެދުން ޙާޞިލުވިޔަ ނުދިނުމަށް ޓަކައި ތައްލުއަބީބުން އެކަހެރި ގޮތެއްގައި ވިޔަސް ފިޔަވަޅު އަޅާނެއެވެ.
މިއިން އެނގެނީ މެދުއިރުމަތީގެ ޒަޢީމުން ކަންބޮޑުވެ ވަޑައިގެންފައި ތިއްބެވި ވަގުތުގެ ބޭނުން މޮސްކޯއިން ހިފަން ގަސްތު ކުރާކަމެވެ. އަދި ރަޝިޔާއިން އެބޭފުޅުން ހިތްހަމަޖެއްސުމަށް މަސައްކަތް ފަށާނެކަމެވެ. އެމެރިކާގެ ރައީސް މެދު އިރުމަތީގެ ޒަޢީމުންނާ ގުޅުއްވާ މަޝްވަރާކުރެއްވުން ލަސްވަމުންދާ ދިޔުމަކީ ވެސް މެދުއިރުމަތީގެ ޒަޢީމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމެކެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއިން އެނގެނީ އެމެރިކާގެ ބައިނަލްއަޤްވާމީ އިސްތިރާތީޖީގައި މެދުއިރުމަތީގެ އަހައްމިއްޔަތު "ކުޑަކޮށް ލެވިފައިވާ" ކަމެވެ. މީގެއިތުރަށް މެދުއިރުމަތީގެ އަމްނަށާއި އަމާންކަމަށް އެމެރިކާއިން ވެފައިވާ ކަށަވެތިކަމާ ފޭވަމުންދާ ކަމެވެ. އަދި މިގޮތަށް މަޑުމަޑުން ފޭވަމުންގޮސް މުޅި މެދުއިރުމަތިން އަތްދޮވެލަފާނެކަމެވެ.
އެމެރިކާގެ އައު ސުޔާސަތަކީ މެދުއިރުމައްޗާ ބެހޭ މުޅި ކަންކާލު އަލުން ފަރުމާކޮށް އެމެރިކާއަށް އުފުއްލަންޖެހޭ މާލީ ބުރަތައް ކުޑަކޮށް ބައިވެރިން އެކަމުގައި ޙިއްޞާކުރުވުމެވެ. ނުވަތަ އެމެރިކާގެ އައު ސިޔާސަތަކީ އެމެރިކާގެ ނުފޫޒު ވަރުގަދަ ކުރުމަށް ޓަކައި ބައިވެރީންނާއި ޙިއްސާދާރުންގެ މެދުގައި ޝައްކުތައް އުފައްދައި މާޙައުލު އިތުރަށް ބިރުވެރި ކުރުމެވެ.
މެދުއިރުމަތީގެ އޮނިގަނޑު އަލުން ފަރުމާކުރުން
މެދުއިރުމަތީގައި އެމެރިކާއިން ކުޅެން ބޭނުންވާ ދުރު ރާސްތާ އިސްތިރާތީޖީއަށް ބަލާއިރު އެމެރިކާގެ ނުފޫޒު ވަރުގަދަ ކުރެވޭނީ ޔުރަޕާއި އޭޝިޔާގައި އެމެރިކާގެ ޒަމާންވީ އެކުވެރީންނާއެކު ގުޅުންތައް އިޞްލާޙު ކޮށްގެންނާއި މިވަގުތު ދުނިޔެއާ ކުރިމަތިވެފައިވާ ކޯވިޑް-19 އާއި އިޤްތިސާދީ ކަސާދު ފަދަ މަސްއަލަތައް ޙައްލުކޮށްގެން ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. ރައީސް ޓްރަމްޕްގެ ސިޔާސަތުގެ ސަބަބުން އެމެރިކާގެ ޒަމާންވީ ރަޙްމަތްތެރީން މިހާރު އެމެރިކާއަކަށް އިތުބާރެއް ނުކުރެއެވެ. ލެފްރޯފް މި ދަތުރުފުޅުގައި މަސައްކަތް ކުރައްވާނީ މި ސަރަޙައްދުގެ ސަލާމަތީ އޮނިގަނޑު އަލުން ފަރުމާ ކުރެއްވުމަށެވެ. އެމެރިކާ ދެކޭގޮތުގައި މިކަމުން ވެސް ބޮޑަށް ފައިދާ ލިބޭނީ ހަމަ އެމެރިކާއަށެވެ. ރޫސީވިލާތުން މަސައްކަތް ކުރާނީ ޔޫރަޕްގެ ސަލާމަތާއި އެއްބާރުލުމާ ބެހޭ ޖަމްޢިއްޔާއެއް ފަދަ ޖަމްޢިއްޔާއެއް އުފެއްދުމަށް ޓަކައި މެދުއިރުމަތީގެ ސަލާމަތާބެހޭ މަހާސިންތާއެއް ބޭއްވުމަށެވެ. މީގެއިތުރަށް ރަޝިޔާއިން މަސައްކަތް ކުރާނީ ސަރަޙައްދީ ޢަދާވަތްތެރިކަން ނައްތައިލުމަށް ޓަކައި އެމެރިކާއާއި ޗައިނާއާއި އިންޑިޔާ ބައިވެރިވާ އެއްބަސްވުމެއް އެކުލަވައިލެވޭތޯއެވެ. އެމެރިކާ ދެކޭގޮތުގައި "އެމެރިކާގެ މަޤާމު ރަޝިޔާއަކަށް ވެސް އަދި ޗައިނާއަކަށް ވެސް އަތުލައެއް ނުގަނެވޭނެއެވެ." ސަލާމަތީ އޮނިގަނޑެއްގެ ސަބަބުން މެދުއިރުމަތީގެ ޤައުމުތަކަށް ގުޅުންތައް ސިންދަފާތުކުރުމުގެ ޤާބިލުކަން ފަހިވެގެންދާނެއެވެ. އަދި އެ ސަރަޙައްދުގެ ކޮންމެ ޤައުމަކަށް އަނެއް ޤައުމަކާ ދެކޮޅަށް މާ ބޮޑަށް "ކޮއްޓުމަށް" ފުރްޞަތު ތަނަވަސްވެގެންދާނެއެވެ.
އެމެރިކާގެ ދަނޑުގައި ރަޝުޔާއަށް ކުޅެވޭނީ ކިހާ ވަރަކަށް ބާ!
މި ވަގުތަށް ބަލާއިރު އަދި ވެސް ސުޢޫދީ ޢަރަބިއްޔާ ބޮޑަށް ހިތްހަމަޖެހެނީ އެމެރިކާދެކެއެވެ. ވޮޝިންގްޓަނުން ޚަޝްޤަޖީގެ މަސްއަލާގައި ނެރެފައިވާ ބަޔާން ސުޢޫދީން ކުށްވެރިކުރި ނަމަވެސް ރިޔާޟުން ބުނާގޮތުގައި "ސުޢޫދީ ޢަރަބިއްޔާއާއި އެމެރިކާއާދެމެދުގައިވާ ބައިވެރިވުމަކީ ވަރަށް ވަރުގަދަ އަދި ދާއިމީ ބައިވެރިވުމެކެވެ." މި ވަގުތަށް ބަލާއިރު ސުޢޫދީ ޢަރަބިއްޔާއިން ޢަޒްމު ކަނޑައަޅާފައި ވަނީ ވައިޓްހައުސްއިންނާއި ކޮންގްރެސްއިން ސުޢޫދީ ޢަރަބިއްޔާއާ ދިމާއަށް ފޮނުވާ ރޯޅިތައް މައިތިރިކޮށް ފާޑުކިޔުންތަކާ ކުރިމަތިލުމަށެވެ. އެކަމަކު މިކަމުގެ ސަބަބުން ސުޢޫދީ އޮޑި ޗައިނާއާ ދިމާއަށް ނުވަތަ ރަޝިޔާއާ ދިމާއަށް އަނބުރާނުލާނެކަމަށް ވެސް ރިޔާޟުން ބުނެއެވެ.އެމެރިކާގެ އެތެރޭގައި ސުޢޫދީ ލޮބީން މަސައްކަތް ފަށާފައި ވަނީ އެމެރިކާގެ ޢާއްމު ރައްޔިތުންގެ ލޯތްބާއި ހަމްދަރްދީ ރިޔާޟަށް ހޯދާދިނުމަށެވެ. ވޮޝިންގްޓަންގައި ހުންނަ ސުޢޫދީ ސަފާރާގެ ރަސްމީ ތަރްޖަމާނު ފަހްދު ނާޡިރު ވިދާޅުވާ ގޮތުގައި އެމެރިކާ ރައްޔިތުން ސުޢޫދީ ޢަރަބިއްޔާއާއެކު ގުޅުންތައް ވަރުގަދަކުރުމަށާއި ގުޅުންތައް ދެމެހެއްޓުމަށް އެދެއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާގެ ކުރީގެ މަސްއޫލުވެރިއެއް ކަމުގައިވާ ޕޯލް ޕެލާރ ވިދާޅުވާ ގޮތުގައި އެމެރިކާއާއެކު އޮންނަ ވިޔަފާރިއާއި ގުޅުމުގެ ޖާޒްބިއްޔަތު ދެމިއޮންނާނެކަން ކަށަވަރެވެ. އެމެރިކާގެ ހަތިޔާރަށް ބަލާއިރު ސުޢޫދީ ޢަރަބިއްޔާއަށް އެހެން ޚިޔާރެއް ލިބުގެންވާ ކަމަކަށް ނުފެނެއެވެ. ސުޢޫދީ ޢަރަބިއްޔާގެ ދިފާޢުތައް ބިނާކުރެވިފައިވަނީ އެމެރިކާގެ ހަތިޔާރާއި އެމެރިކާގެ ސާމާނުގެ މަތީގައެވެ.



advertisment