Support Us

މިޢުރާޖަށް ނިމުމެއް ނެތް

ކައު ރަސޫލާ މުޙައްމަދުގެފާނުގެ ޢުމުރުފުޅު ފަންސާހަށް ހިނގައްޖެއެވެ. ﷲގެ ދީނަށް ގޮވައިލެއްވުމުގައި 10 އަހަރު ހޭދަކުރައްވައިފިއެވެ. ހިތްވަރުފުޅު ގަދައެވެ. ނަމަވެސް އެކަލޭގެފާނުގެ ހިތްޕުޅު ވަނީ ތޫނު ޒަޚަމުތަކުން ފާރުވެފައެވެ. މޫނުފުޅުމަތިން ހިނިވަރުނައިގެ ކުލަތައް ފެނުނަސް ހިތްޕުޅު ވަނީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެކަލޭގެފާނުގެ ދަޢުވަތަށް އިޖާބަދޭނެ މީހަކު ފެނިވަޑައިގެންފާނެ ކަމުގައި އުއްމީދުގައި ޠާއިފަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެނބުރިވަޑައިގަންނަވަން ޖެހިވަޑައިގަތީ ކުޑަކުދީންގެ އޮށްގައުތަކުން ފައިންޕުޅު ޒަޚަމުވެފައިވާ ޙާލުކޮޅުގައެވެ. ބޮޑެތިމީހުންގެ ފުރައްސާރަތަކުން ކަންފަތްޕުޅު ޒަޚަމުވެފައިވާ ޙާލުކޮޅުގައެވެ. މި ޙާލުކޮޅުގައިވެސް އެކަލޭގެފާނުގެ އޯގާވެރިކަން ވަނީ އުޑާ ހަމައަށް އުފުލިފައެވެ. އެމީހުންނަށް ހަމަ ނޭނގެނީއެވެ. އިނބަރަސްކަލާނގެ ރުހިވޮޑިގަތުން އޮތްނަމަ އެއްވެސް މަސްއަލައެއް ނެތެވެ. އެކަލޭގެފާނުގެ ނަޒަރުވަނީ އެންމެ މަތިވެރި ފަރާތާ ހަމައަށް އުދަވެފައެވެ. އުއްމު ހާނީގެ ގެކޮޅުގައި އަރާމުކުރައްވަން އޮންނެވި ނަމަވެސް އެކަލޭގެފާނުގެ ފިކްރުފުޅުވަނީ މި ދަޢުވަތުގެ ނާރެސްތެރޭގައި ދައުރާންވުމުގައެވެ. މި ވަގުތުގައި ވެސް އެކަލޭގެފާނުގެ ހިއްމަތް މަތިވެރިއެވެ. ނާއުއްމީދުވެ ވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނާއެކު ވޮޑިގެންވާކަން ޔަޤީން ކުރައްވައެވެ. ރެއާދުވާލު މި ދަޢުވަތަށް ޓަކައި މަސައްކަތްޕުޅު ކުރެއްވުމުގައި އަވަދިނެތިވެ ވަޑައިގެންނެވިއެވެ.

އެކަލޭގެފާނާއެކު އަޅުގަނޑުމެން މި ތިބީ "ހިތާމައިގެ އަހަރު"ގެ ތެރޭގައެވެ. އެއީ އެކަލޭގެފާނު ދެކެ އެންމެ ލޯބިފުޅުވި ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނު ދުނިޔެ ދޫކުރެއްވި އަހަރެވެ. އެކަލޭގެފާނުގެ ދީނަށް ވަދެވަޑައިނުގެންނެވިނަމަވެސް އެކަލޭގެފާނަށް ބޭނުންފުޅުވި އަމާންކަމާއި ރައްކައުތެރިކަން އެކަލޭގެފާނަށް ދެއްވީ އަބޫޠާލިބުގެފާނެވެ. ދީލަތިކަމާއި ފަޚްރުވެރިކަމާއެކުގައި އެކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. މުޝްރިކުންގެ ކިބައިން އެކަލޭގެފާނު ސަލާމަތްކޮށްދެއްވިއެވެ. މި އަހުރުގައި އެކަލޭގެފާނުގެ ނިޔަނެތި އަނބިކަނބަލުން ޚަދީޖަތުގެފާނު ވެސް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވިއެވެ. އެކަމަނާއަކީ އެކަލޭގެފާނުގެ ޙަޔާތުގެ ބައިވެރިޔާއެވެ. އެކަލޭގެފާނުގެ ލޯބިފުޅުވާ ބޭބޭފުޅުންގެ މައިކަމަނާއެވެ. އެކަމަނާއަކީ އެކަލޭގެފާނަށް އެންމެ ފުރަތަމަ އީމާންވި މުއުމިނާއެވެ. މީސްތަކުންގެ ކޮށި ނަޒަރުގައި މުޙައްމަދުގެފާނު ގިނިކަންޏާވެ ވަޑައިގެންފިއެވެ. ޙިމާޔަތްދޭނެ އަޅައިލާނެ މީހަކު ޔާރެއް އިޔާރެއްނެތް ނިކަމެތި މީހަކަށް މުޙައްމަދުގެފާނު ވެއްޖެއެވެ. ﷲގެ ޙަރަމްފުޅަށް ވެސް ވަޑައިގެންނެވެނީ މުޝްރިކެއްގެ އެހީގައެވެ. އަލްމުޠުޢިމުބިން ޢަދިއްޔުގެ ޙިމާޔަތާނުލައި ގެފުޅުގައި ދެ ރަކްޢަތް ވެސް ކޮށްލެއްވުމުގެ ބާރު ނެތް މީހެއް ކަމަށް މުޝްރިކުން ބުނަން ފަށައިފިއެވެ.

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލޭގެފާނުގެ ކިބައިން މި ހިތާމަތައް ފިއްލަވައިދެއްވަން އިރާދަކުރައްވައިފިއެވެ. އެކަލޭގެފާނގެ މަސައްކަތްޕުޅަށް އިނާމުދެއްވުމަށް ޓަކައި އެކަލާނގެ މާތް ޙަޟްރަތަށް ޒިޔާރަތްކުރެއްވުމަށް ދަޢުވަތު ދެއްވައިފިއެވެ. ދަތުރުގެ ވަރުބަލިކަމެއްގެ ނެތް ދަތުރުފުޅެއް ކުރެއްވުމަށްފަހުގައެވެ. އެއީ ދުރުމިން ނޭނގޭ ދިގު ދަތުރުފުޅެކެވެ. އެއީ ފައިންޕުޅުން ލެފޮދު އޮހުރުވަން ޖެހިވަޑައިނުގަންނަވާނެ ދަތުރުފުޅެކެވެ. އެއީ އެކަލޭގެފާނުގެ ޣުލާމުގެ ބޯ ފަޅައިގެން ނުދާނެ ދަތުރުފުޅެކެވެ. ހިލަ އުކުމެއްނެތް، މީސްތަކުންގެ ފުރައްސާރަކުރުމެއްނެތް ދަތުރުފުޅެކެވެ. ވަރުބަލިކަމެއް ބުރައުފުލުމެއްނެތް ދަތުރުފުޅެކެވެ. އެއީ ގިނިކަންޏާވެ ވަޑައިނުގަންނަވާނެ ދަތުރުފުޅެކެވެ. އެއީ އެހެން އެއްވެސްކަމަކާމެދު ވިސްނާވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެ ދަތުރުފުޅެކެވެ. މި ދަތުރުފުޅަށް ކޮއްތެއް ބޭނުންފުޅެއް ނުވާނެއެވެ. މި ދަތުރުފުޅަށް ސަވާރީއަކަށް ބޭނުންފުޅެއް ނުވާނެއެވެ.

އެއީ ފައި މަގުގައި ކުރަންޖެހުނު ދަތުރެއްނޫނެވެ. އެއީ ޞަޙަރާގައި ދެ މަސްދުވަސް ހޭދަކުރަންޖެހުނު ދަތުރެއްނޫނެވެ. އެއީ މުޅިން ތަފާތު ދަތުރެކެވެ. އެއީ ލޮލުގެ އެސްފިޔަ ޖަހައިލުމަށް ބޭނުންވާ ފަދަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖިބްރީލުގެފާނުގެ އަރިހުގައި އައްޔަށްވުރެ ބާރު ދުވެއްޔެއްގައި ޙިޖާޒުން ޝާމަށް ކުރައްވާފައިވާ ދަތުރުފުޅެކެވެ.

މާތް ﷲ ފޮނުއްވި ޚާއްޞަ އުޅަނދުކޮޅެއްގައި (ބުރާޤުގައި) ކުރެއްވި ދަތުރުފުޅެކެވެ. މައްކާގެ ބައިތުލް ޙަރާމުން ޝާމުކަރައިގެ އަލްމަސްޖިދުލްއަޤްޞާއަށެވެ. މިއީ މާތްﷲ މުޙައްމަދުގެފާނަށް ދެއްވި އިނާމެކެވެ. މި އިނާމުގެ ދަތުރުފުޅުގައި ދެ މަރްޙަލާއެއް ވެއެވެ. މިއީ އެ ކަލޭގެފާނަށް ޙައްޤު އިނާމެކެވެ. މިއީ މި ދުނިޔެއިން އާޚިރަތުގެ ދުނިޔެއަށް ކުރެއްވި ދަތުރުފުޅެކެވެ. ﷲގެ މަތިވެރި ޙަޟްރަތަށެވެ. އެކަލޭގެފާނު ﷲގެ މަތިވެރި ޙަޟްރަތުގައި ހުންނެވި ވަގުތު އެކަލޭގެފާނަށް ދުނިޔެ މަތިން ހަނދުމަފުޅު ނެތިގެން ދިޔައެވެ. އެކަލޭގެފާނުގެ އައްރަފީޤުލް އަޢުލާގައި ޙަޟްރަތުގައި ހުންނެވިއިރު ބިމުގެ މަތިން ހަނދުމަފުޅު ނެތިގެން ދިޔައެވެ. މި ދަތުރުފުޅަކީ ޠަހާރަތުން ޠަހާރަތަށް، ޤަދާސަތުން ޤަދާސަތަށް، ﷲގެ ގެފުޅުން ﷲގެ ގެފުޅަށް ކުރެއްވި ދަތުރުފުޅެކެވެ.

ރަސޫލާ ﷺ އެންމެ ފުރަތަމަ ވަޑައިގެންނެވީ މައްކާގެ އަލްމަސްޖިދުލް ޙަރާމުން ބައިތުލްމަޤްދިސްގައި ހުންނަ އަލްމަސްޖިދުލް އަޤްޞާއަށެވެ. އިސްރާގެ ދަތުރުފުޅަކީ ބިމުގެ ދަތުރެކެވެ. ކަޢުބަތުﷲ ގެފުޅުން ބައިތުލް މަޤްދިސްގެ އަލްމަސްޖިދުލް އަޤްޞާއަށް ރޭގަނޑުގެ ހިމޭން ވަގުތުކޮޅެއްގައި ކުރެއްވި ދަތުރުފުޅެކެވެ. ޖިބްރީލުގެފާނުގެ އަރިހުގައި ކުރެއްވި ދަތުރުފުޅެކެވެ. އެތާނގައި ކީރިތި ރަސޫލާގެ ރަސޫލުކަމަށާއި ނަބީކަމަށް އެކަލޭގެފާނުގެފާނުގެ ކުރީގެ ރަސޫލުންނާއި ނަބީން ހެކިވެވަޑައިގަތެވެ. އެކަލާގެފާނުގެ އިސްވާރުކަން އެބޭކަލުން ޤަބޫލުފުޅު ކުރެއްވިއެވެ. އަދި އެކަލޭގެފާނަކީ ރަސޫލުކަމާއި ނަބީކަމުގެ ޚާތަމުކަމަށް އެބޭކަލުން ޢަހްދުވެ ވަޑައިގެންނެވިއެވެ.

ދެން އޮތީ މި ދަތުރުފުޅުގެ ދެވަނަ މަރްޙަލާއެވެ. މި ބަޔަށް މިޢުރާޖުގެ ނަން ދެވިފައިވެއެވެ. މި ދަތުރުފުޅުގައި މާތްﷲ އެކަލާނގެ ޙަބީބު މުޙައްމަދު ﷺ މަތިވެރިވެގެންވާ އުޑުތައް ހުރަސްކޮށް އެކަލާނގެ މަތިވެރި ޙަޟްރަތަށް ގެންދެވިއެވެ. ގުރަހަތަކާއި ގުރަހާނާތައް ފަހަނަޅައި ވަޑައިގެން ދުނިޔޭގެ އުޑަށް ވަޑައިގެންނެވިއެވެ. އެއަށްފަހު ދެވަނަ އުޑަށެވެ. މިގޮތަށް ހަތްވަނަ އުޑަށް އަރައިވަޑައިގަތެވެ. މި އުޑުތަކުގައި އެކަލޭގެފާނަށް މަރްޙަބާ ދަންނަވާފައިވަނީ ބޮޑެތި ރަސޫލުބޭކަލުންނެވެ. އާދަމުގެފާނާ ފުރަތަމަ އުޑުން ބައްދަލުވެވަޑައިގަތެވެ. ޔަޙްޔާގެފާނާއި ޢީސާގެފާނާ ބައްދަލުވެވަޑައިގަތެވެ. އިދްރީސުގެފާނާއި ހާރޫނުގެފާނާ ބައްދަލުވެ ވަޑައިގަތެވެ. އެއަށްފަހު މޫސާގެފަނާ ބައްދަލުވެ ވަޑައިގަތެވެ. އެކަލޭގެފާނުގެ އުއްމަތުގެ މީހުންނަށްވުރެ މުޙައްމަދުގެފާނުގެ އުއްމަތުން ސުވަރުގެ ވަންނާނެ މީހުންގެ ޢަދަދު ގިނަކަން އެނގިވަޑައިގެން ރަސޫލާ ﷺ އަށް އޯގާވެރިކަމާއެކު މަރްޙަބާ ދެންނެވިއެވެ. މި ގޮތަށް އުޑުތައް ހުރަސްކުރައްވަމުން ވަޑައިގެންނެވުނީ ހަތްވަނަ އުޑަށެވެ. އެތަނުން ރަސުލާ ﷺ އަށް މަރްޙަބާ ދެންނެވީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހީމުގެފާނެވެ. ލޯބިފުޅުވާ ކާފަދަރިކަލުންނަށް އިބްރާހީމުގެފާނު ދެންނެވި ތަރްޙީބު ވަރަށް ހޫނެވެ.

އެ ހިސާބުން ދެން ވަޑައިގެންނެވީ ﷲގެ މަތިވެރި ޙަޟްރަތަށެވެ. ވަކި ހިސާބަކުން ޖިބްރީލުގެފާނު އެކަލޭގެފާނާ ވަކިވެވަޑައިގަތެވެ. އެކަލޭގެފާނަށް ހުއްދަ އޮތް ސަރަޙައްދު ނިމުނީއެވެ. ޖިބްރީލުގެފާނު ދެންނެވިއެވެ. ކަލޭގެފާނު ކުރިއަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުގެ އިން ނިމުނީއެވެ.

މި ދަތުރުފުޅުން މާތްﷲ ކަށަވަރުކޮށްދެއްވި ކަންތައްތަކުގެ ތެރޭގައި މުޙައްމަދުގެފާނުގެ މަޤާމުގެ މަތިވެރިކަން ވެއެވެ. އެކަލޭގެފާނުގެ ޢަޒްމު ވަރުގަދަކަމުންނެވެ. އެކަލޭގެފާނު އާދަމުގެފާނު ފަދައިން ﷲ އަށް ދުވަހަކުވެސް އުރެދިވަޑައިގެންފައިނުވާތީއެވެ. އެކަލޭގެފާނު މީހަކަށް ދުވަހަކުވެސް އަނިޔާވެރިވެވަޑައިގެންފައި ނުވާތީއެވެ. ކީރިތި ރަސޫލާ ﷺ ގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނު އިސްލާމީ ދަޢުވަތު ދެއްވުމުގައި އުފުއްލަވަމުން ގެންދެވި ބުރަތަކަށާއި އެކަމަށްޓަކައި ތަޙައްމުލު ކުރެއްވި ދަތިތަކަށާއި ކެތްތެރިވެ ވަޑައިގެން ކެތްތެރިވެ ވަޑައިގަތުމަށް މާތްﷲ ދެއްވި މަތިވެރި އިނާމެކެވެ. އެއީ އެކަލޭގެފާނާގެ ނިޔަނެތި އަދި މަދަދުވެރި އަނބިކަނބަލުން ޚަދީޖަތުގެފާނާއި އެކަލޭގެފާނުގެ ޙިމާޔަތުގައި ހުންނެވި ލޮބުވެތި ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ސަބަބުން ލިބިވަޑައިގެން ހިތާމައަށް ދެއްވި ތަސައްލީއެކެވެ. އެއީ ޠާއިފުގެ އަހްލުވެރިން އެކަލޭގެފާނަށް ކުރި ގޯނާތައް ތަޙައްމުލު ކުރައްވައި އެކަމަށް ބަދަލު ނުހިއްޕަވައި ދެއްވި ދީލަތި މާފުގެ ފޮނި މޭވާއެވެ.

މިޢުރާޖުގެ ދަތުރުފުޅަކީ ބިމުން ފެށިގެން ގޮސް މަތިވެރިވެގެންވާ އުޑުތަކަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅު ނިމުނު ހިސާބު ދެނެވޮޑިގަންނަވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ، އެއްވެސް ކަމެއް އެކަލާނގެއަށް ވަންހަނާ ވެގެންނުވާ ﷲ تبارك وتعالى އެވެ. އެކަލޭގެފާނުގެ ކުރިން ވެސް އަދި ފަހުން ވެސް އެއްވެސް މީހަކަށް ވާޞިލު ނުވެވޭނެ މަތިވެރި މަޤާމަކަށް އެކަލޭގެފާނު މި ދަތުރުފުޅުގައި ވާޞިލުވެ ވަޑައިގެންނެވިއެވެ.

ކީރިތި ރަސޫލާ ﷺ އަށް މިޢުރާޖު ދަތުރުފުޅުގައި މާތްﷲ ދެއްވި އެންމެ ބޮޑު ހަދިޔާއަކީ ފަރްޟު ފަސް ނަމާދެވެ. އެއީ އެއްވެސް މެދުވެރިއަކާ ނުލައި ރަސޫލާގެ މައްޗަށާއި އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ފަރްޟު ކުރެއްވި އަޅުކަމެކެވެ. މިހެންވެ، ނަމާދަކީ މުސްލިމުންގެ މިޢުރާޖު ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މި ފަރްޟު ފަސް ނަމާދުގެ ތެރެއިން ލައިފައި އަޅުގަނޑުމެންނަށް ﷲގެ ދަރުބާރަށް ދެވޭނެތީއެވެ. ރަސޫލާގެ މިޢުރާޖު ދަތުރުފުޅަށް ނިމުމެއް ނެތެވެ. ނަމާދުގެ ސަބަބުން އުޑަށް ނާރައި ސީދާ ﷲގެ ޙަޟްރަތަށް ދެވޭނެ މަގު މާތްﷲ ތަނަވަސްކޮށް ދެއްވިއެވެ. އެއީ ނަމާދެވެ. ނަމާދުގެ ސަބަބުން މިޢުރާޖަށް ނިމުމެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *