...

Support Us

ހަރުކަށި ފިޔަވަޅުތަކަށް ބެލުމެއް ނެތި ދުނިޔޭގެ އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

މެކްސިކޯ ސިޓީ: ކޮވިޑް19ގެ ހަރުކަށި ފިޔަވަޅުތަކަށް ބެލުމެއްނެތި، ދުނިޔޭގެ އެކި ޤައުމުތަކުގައި އެތައް ހާސް ބަޔަކު އިއްޔެ މުޒާހަރާކޮށްފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ މެކްސިކޯސިޓީގެ މަގުތަކުގައި އެތައް ހާސް ބަޔަކު ޞުލްޙަވެރި ހިނގައިލުމެއް ބޭއްވީ ތުހުމަތުކުރެވޭ ޒާލިމުންނާއި ޤާތިލުންނާއި މުޖުރިމުންގެ ފޮޓޯތައް ހިފައިގެންނެވެ.

"އެންމެންވެގެން އަހަރެމެން ގައިގައި އަލިފާންޖަހައިފިއެވެ. ހުރިހާ އެއްޗެއް އަންދައިލައިފިއެވެ." މުޒާހަރާގެ ބައިވެރީން އުފުލި އެއް ޕޯސްޓަރެއްގައި ލިޔެފައިވެއެވެ. "އަހަރެންގެ އަންހެންދަރިފުޅުގެ ހަށި ފޭރިގެންފިއެވެ. އޭނާ މަރުނުވެ ދުނިޔޭގައި ހުރީތީ އަހަރެން ޝުކުރުވެރިވަމެވެ." 45 އަހަރުގެ ލެޓީސިއާ ރެސެންޑީޒް، އޭއެފްޕީގެ ނޫސްވެރިއަކަށް ކިޔައިދިނެވެ. އޭނާ ގާތުގައި ހުރި ކުޑަކުއްޖަކު ހިފައިގެން ހުރި ޕޯސްޓަރެއްގައި ލިޔެފައި ވެއެވެ. "އެ މީހުންނަށް އަހަރެން މަރައެއް ނުލެވުނެވެ. އެކަމަކު އަހަރެން މި ދިރިއުޅެނީ ބިރުވެރިކަމާއެކުގައެވެ."

އާޖެންޓީނާގެ ބްވެއިނޯޒްއޭރީޒްގެ މަގުތަކުގައި މުޒާހަރާކުރި މީހުން ބުނި ގޮތުގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންހެނަކު މަރައިލެވެނީ އެ މީހުންނަކީ އަންހެނުންނަށް ވުން ފިޔަވައި އެހެން ސަބަބެއް ނެތިއެވެ. "އަހަރެމެން ބޭނުމީ މިނިވަންވާށެވެ. ބިރުވެރިކަމެއް ނެތި ދިރި ތިބޭށެވެ." އެ މީހުން ގެންގުޅުނު ޕޯސްޓަރެއްގައި ލިޔެފައިވެއެވެ.

ހޮންޑިޔުރާސްގެ އެތައް ސަތޭކަ އަންހެނުންނެއް އެ ޤައުމުގެ ޕްރޮސެކިޔުޓަރުގެ އޮފީސް ކުރިމައްޗަށް އެއްވެ ތިބީ ބިލިމަގުމަލުކުލައިގެ ހެދުމުގައެވެ. އެއީ އަންހެނުންގެ ޤުރުބާނީ ރަމްޒުކޮށްދިނުމަށްޓަކައެވެ. އެ މީހުން ގޮވަމުން ދިޔައީ ފުލުހުންގެ ހައްޔަރުގައި ހުއްޓައި މިދިޔަ މަހު މަރުވި ޢުމުރުން 26 އަހަރުގެ ނަރުސް، ކޭލާ މާރޓިނޭޒްއަށް އިންސާފު ހޯދައިދޭށެވެ.

ހޮންޑިޔުރާސް ހިޔުމަން ރައިޓްސް ވޮޗް ޑޯގް (ޖަމުޢިއްޔާ) ބުނާ ގޮތުގައި 2010 ވަނަ އަހަރުން 2020 ގެ ނިޔަލަށް އެ ޤައުމުން 4769 އަންހެނުން ވަނީ މަރައިލެވިފައެވެ.

ފަރަންސޭސި ސަރުކާރުން 2019 ވަނަ އަހަރު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންމެ ތިން ދުވަހަކުން އެއް އަންހެނަކު، އޭނާގެ ބައިވެރިޔާ ނުވަތަ ކުރީގެ ބައިވެރިޔާގެ ޙަމަލާއިން މަރައިލެވެއެވެ. މި ކަން ފާހަގަކޮށް ފަރަންސޭސި ވިލާތުގެ ބޮޑެތި ހުރިހައި ސިޓީތަކެއްގެ މަގުތަކުގައި އެތައް ހާސް ބަޔަކު އިއްޔެ ބޮޑު ހިނގައިލުމެއް ބޭއްވިއެވެ. އެ މީހުން ގޮވައިލަމުން ގެންދިޔައީ އަންހެނުންނާ ދެކޮޅަށް ހިންގޭ ޒަރީމާތައް ގާތުން ބަލައި ފުލުހުން ބާރުވެރިވެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ.

ތުރުކީވިލާތުގެ އިސްތަމްބޫލްގައި ހުންނަ ސީނުކަރައިގެ ކޮންސިޔުލޭޓް ކުރިމައްޗަށް އެތައް ސަތޭކަ ބަޔަކު އެއްވެ ގޮވަމުން ގެންދިޔައީ ޒިންޖިއާން ސަރަހައްދުގައި ހިންގޭ ޖަރީމާތައް ހުއްޓުވުމަށެވެ. މިއީ ބީބީސީއިން ތުހުމަތުކުރި، އެކަމަކު ސީނުކަރައިން އެކަމަށް އިންކާރުކޮށްފައިވާ، ހާދިސާއަކަށް އިޝާރާތްކޮށް ގޮވި ގޮވުމެކެވެ.

މީގެ އިތުރަށް ތުރުކީގެ އިސްތަމްބޫލާއި އަންކާރާގެ މަގުތަކުގައި ވެސް އެތައް ހާސް ބަޔަކު މުޒާހަރާކުރިއެވެ. އެ މީހުން ރުޅިވެރިކަން ފާޅުކުރީ މީސްމީޑިއާގައި ވިރަވެފައިވާ ވީޑިއޯއެއްގައި އެ ޤައުމުގެ އުތު ސަރަހައްދެއްގައި އަންހެނެއްގެ ކުރީގެ ފިރިމީހާ އެ މީހުންގެ ފަސް އަހަރުގެ ދަރިފުޅުގެ ހާޒިރުގައި އެ އަންހެންމީހާއަށް ދިން ހަމަލާއަށް އިންސާފު ހޯދައި ނުދެވޭތީއެވެ.

އެ މީހުން ލިޔެފައިވާ އެއް ޕޯސްޓަރެއްގައި ވެއެވެ. "އަހަރެމެން ބިރެއް ނުގަނެއެވެ. އަހަރެމެން ހިމޭނަކުން ނުތިބޭނަމެވެ. އަހަރެމެން ބޮލެއް ތިރިއެއް ނުކުރާނަމެވެ."

އަލްޖީރިއާގައި އެތައް ސަތޭކަބަޔަކު މުޒާހަރާ ކުރީ ޢާއިލާގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހަދައިފައިވާ ޢާއިލާއާ ބެހޭ ޤާނޫނުން އަންހެނުންގެ ޝަރާފަތާއި ކަރާމާތަށް އުނިކަން އަންނާތީކަމަށް ބުނެއެވެ.

ޔުކްރެއިންގެ ވެރިރަށް ކީވްގެ މަގުތަކަށް އެއްވި މީހުން ގޮވަމުން ގެންދިޔައީ ގެވެށި އަނިޔާއާ ދެކޮޅަށް އެކުލަވައިލެވިފައިވާ އިންތަންބޫލް މުޢާހަދާ ތަޞްދީޤުކުރާށެވެ! "މި ޤައުމުގައި ފިރިހެނުންނަށް އިސްކަންދޭ ނިޒާމަށް އަހަރެމެން އެލާޖިކްވެއްޖެއެވެ." އެ މީހުން އުފުއްލި ލިޔުންތަކުގައިވެއެވެ.

ސްޕޭންގެ ވެރިރަށް މެޑްރިޑްގައި ކޮވިޑްގެ ސަބަބުން މުޒާހަރާކުރުން މުޅިން މަނާކޮށްފައި އޮތަސް ގައިދުރުކަމާއެކު އެތައް ބަޔަކު މުޒާހަރާގައި ބައިވެރިވެ އަޑު އުފުލިއެވެ.

އެތައް ހާސް ބަޔަކު ބާރސެލޯނާގައި ވެސް މުޒާހަރާކުރީ ގައިދުރުކަމާއެކީގައެވެ. އެ އެންމެން ވެސް ތިބީ ބިލިމަގުމަލުކުލައިގެ ހެދުން ލައިގެން ތަފާތު ޝިޢާރުތައް ހިފައިގެންނެވެ. ބައެއް ބޯޑުތަކުގައި ލިޔެފައިވެއެވެ. "ނޫނެކޭގެ މާނައަކީ ނޫނެކޭއެވެ." އަދި "ހަގީގީ ޢާލަމީވަބާއަކީ މެޗިޒްމޯއެވެ." (މާނައަކީ ހަގީގީ މުޞީބާތަކީ ފިރިހެނުން އެމީހުންގެ އިސްކަމަށް ބަލާބެލުމެވެ. ހުރިހާ ވެސް މައްސަލައަކީ ފިރިހެނުންގެ މައްސަލައެވެ.)

"މި ޢާލަމީ ވަބާގެ ސަބަބުން ތަފާތުކުރުންތައް ވަރަށް ސާފުކޮށް ދައްކައިދީފިއެވެ. ގޭގައި އުޅޭ އެންމެން ބަލަހައްޓާން ގޭގައި މަޑުކޮށްގެން ތިބެނީ ކޮން ބަޔެއް ހެއްޔެވެ؟ އަލުން އަނބުރައި މަސައްކަތަށް ދާން ހުރަސްއެޅިފައިވަނީ ކޮން ބަޔަކަށްހެއްޔެވެ؟" އެ މީހުން ގެންގުޅުނު ބައެއް ޕޯސްޓަރުތަކުގައި ވެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެން ތިން އިސްވާރުންކަމަށް ބެލެވޭ، އެމެރިކާގެ ނާއިބާރައީސް ކަމާލާ ހެރިސާއި ނިއުލީލޭންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާރޑަނާއި ވިލާތު އިއްތިޙާދުގެ ވެރިޔާ ޔުރްސުލާ ވޮން ޑާރ ލެޔެން ޔޫރަޕް އިއްތިޙާދުގެ ރައްޔިތުންގެ މަޖިލީހުގައި ހާމަކުރެއްވި ގޮތުގައި ކޮވިޑް ޢާލަމީވަބާގެ ސަބަބުން އިޤްތިޞާދާއި ސިޔާސިއްޔަތު ވެއްޓިފައިވާ އަޑިގަނޑުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ.

"ކޮވިޑް19ގެ ސަބަބުން އަންހެނުންގެ ޞިއްޙަތާއި މާއްދީ ރައްކާތެރިކަމާއި އިޤްތިޞާދީ ޙިމާޔަތަށް ވަނީ ނުރައްކަލާ ކުރިމަތިވެފައެވެ." ކަމަލާ ހެރިސް ވޮޝިންޓަންގައި ރެކޯޑްކޮށްފައިވާ ޚިޠާބެއްގައި ބަޔާންކުރައްވައިފައިވެއެވެ.

މީގެ އިތުރަށް އެމެރިކާއިން ބަޔާންކޮށްފައިވާ ގޮތުގައި އަންހެނުންނާއި އަންހެންކުދީންނާ ދެކޮޅަށް ހިންގޭ ޖަރީމާތައް ހުއްޓުވުމަށް ޓަކައި މިދިޔަ އަހަރު ވިލާތު އިއްތިޙާދުން އިސްނަގައިގެން އދ.ގައި އުފެއްދުނު ނުރަސްމީ ގްރޫޕްގައި އެ ޤައުމުން ބައިވެރިވާނެއެވެ.

އަންހެނުންނަށް ކުރެވޭ ޖިންސީ ގޯނާތަކުގެ ވާހަކައިން މީޑިއާ ފުރިފައި އޮންނަ ގްރީސްގައި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެތައް ސަތޭކަ ބަޔަކު ވެރިރަށް އެތެންސްގެ މެދުތެރޭގައި ހުންނަ ސިންތެގްމާ މައިދާނަށް އެއްވެ އަޑު އުފުލިއެވެ. އަދި އެ ޤައުމުގެ އަމިއްލަ ކާލިޓެގު ކަމަށްވާ "#އަހަރެމެންވެސް" ޙަރަކާތް ފާހަގަކުރިއެވެ.

ޕޮލެންޑްގެ ވެރިރަށް އަދި އެންމެ ބޮޑު ސިޓީ ކަމަށްވާ ވޯރސާގައި ދަރިވެއްޓުމާ ދެކޮޅަށް ހަރުކަށިކުރެވިފައިވާ ގަވާއިދާ ދެކޮޅަށް އަންހެނުންނާއި ފިރިހެނުން ވެސް މުޒާހަރާކުރިއެވެ.

ހަންގޭރީގައި ސަގާފަތުގައި އަންހެނުންގެ ދުވަހު އަންހެނުންނަށް ޓަކައި، މާ ގަތުން އޮންނާތީ އެ ޤައުމުގެ މާ ވިއްކާ ފިހާރަތަކަށް އޮތީ ކޮރޯނާވައިރަސް ފުރަބަންދުން ދެ ހަފުތާއަށް ލުއި ލީފައެވެ.

އުތުރުކަރައިގައި ދަނޑުވެރިކަމުގެ ޞިނާޢަތަށް ގެނައި ބަދަލާ ދެކޮޅު ހެދުމުގެ ގޮތުން އުތުރުކަރައިގެ ވެރިރަށުގެ ރަށްބޭރުގައި ދަނޑުވެރީން ކުރަމުންގެންދާ މުޒާހަރާ އިތުރަށް ވަރުގަދަކުރުމަށް ޓަކައި އެ ޙަރަކާތާ އަންހެނުން ގުޅުނެވެ. އުތުރުކަރައަކީ އޭޝިއާގައި ކޮރޯނާ އެންމެ ބޮޑަށް ފެތުރިފައިވާ އަދި އެ ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމުކަމަށް ވިޔަސް މި އެއްވުމުގައި ގިނަ މީހުން ތިބީ ފޮތި މޫނުމަތި ވެސް ނާޅައި، އަދި ގައިދުރުކަމެއް ވެސް ނެތިއެވެ.

މި ދިޔަ މަހު އިންޤިލާބަކުން ވެރިކަން ބަދަލުކޮށްފައިވާ މިޔަންމާރުގެ ތިޖާރީ ވެރިރަށް ކަމަށްވާ ޔަންގޯންގައި ބަޣާވާތާ ދެކޮޅަށް މުޒާހަރާކުރާ މީހުންގެ ކުރީ ސަފުގައި އަންހެނުން ޙަރަކާތްތެރިވެ މުޒާހަރާކުރިއެވެ. މުޒާހަރާ ހުއްޓުވާން ކުރި މަސައްކަތުގައި ފުލުހުންނާއި ހަނގުރާމަވެރީންގެ ތެރެއިން ގާތްގަޑަކަށް ފަންސާހަކަށް މީހުން މަރުވެ، 1800 މީހުން ހައްޔަތުކުރިއެވެ.

"ޢާންމު ގޮތެއްގައި އިސްވާރުންގެ ތެރޭގައި ފެންނަނީ ފިރިހެނުންކަމަށް ވިޔަސް މި އިންތިފާޒާގައި އަންހެނުން މަގުތަކަށް ކުރިއަށް ނުކުމެ މުޒާހަރާ އިސްވާރުކުރިއެވެ." މުޒާހަރާކުރި މީހުންގެ ތެރޭގައި ހިމެނުނު ޢުމުރުން 33 އަހަރުގެ އަންހެނެއް ކަމުގައިވާ ކޯރާ ބުންޏެވެ.

ޕާކިސްތާނާއި ފިލިޕީންސްގައި ވެސް ގިނަ އަންހެނުންތަކެއް މަގުތަކަށް ނުކުމެ މުޒާހަރާކުރިއެވެ. ފިލޕީންސްގެ މަޖިލީސް މެންބަރެއްކަމުގައިވާ ސާރާ އެލާގޯ އޭއެފްޕީއަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ "ކޮވިޑް19ގެ ސަބަބުން މިންތީގެ ތަފާތުކުރުންތައް އިތުރުވެއްޖެ"ކަމަށެވެ.

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ވެސް ޞުލްޙަވެރި އިޙުތިޖާޖެއް ކުރިއެވެ. ފުލުހުން މި ފަދަ އިޙުތިޖާޖުތައް އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން ހުއްޓުވާތީ، އިއްޔެގެ މުޒާހަރާ އޮތީ ސިޔާސީ ޕާޓީއެއްގެ އޮފީސްކުރިމަތީގައި ޞުލްޙަވެރި އިޙުތިޖާޖެއްގެ ގޮތުގައެވެ. އެ މީހުން އަޑުއުފަލަމުން ގެންދިޔައީ ހަށިފޭރޭ މީހުންނަށް ސަރުކާރުން ޙިމާޔަތްދީ ރައްކާތެރިކަމާއެކު ފުރުވައިލާތީއްޔާއި އެ ފަދަ މައްސަލަތައް ބެލުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވާތީއެވެ.

އަންހެނުންގެ ދުވާހާ ގުޅިގެން، އދ.ގެ ކުޑަކުދީންގެ ޖަމުއިއްޔާ ޔުނިސެފުން އާންމުކުރި ރިޕޯޓެއްގައި އިންޒާރުކޮށްފައިވާ ގޮތުގައި ކޮވިޑް19އާ ގުޅިގެން މި ދަހަރުގައި އިތުރު ދިހަ މިލިއަން ކުޑަކުދީން މީހުންނާ ކާވެނިކުރުމަށް މަގުފަހިވާނެއެވެ.

އަފްޣާން ނޫސްވެރީންގެ ސަލާމަތާ ބެހޭ ކޮމިޓީ ބަޔާންކުރާ ގޮތުގައި ޤާތިލުން ނޫސްވެރިކަމަށް އަމާޒުކޮށް ދޭ ޙަމަލާތައް އިތުރުވެފައިވުމުގެ ސަބަބުން މި ދިޔަ ހަމަސް ދުވަހުގެ ތެރޭގައި އަންހެން ނޫސްވެރީންގެ ތެރެއިން ތިންސަތޭކަވަރަކަށް މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.

އިއްޔެއަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ، އަންހެނުންގެ ދުވަހެވެ. މި ދުވަސް ދިވެހިރާއްޖޭގައި ވެސް ފާހަގަކުރެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.