ސަޢޫދީ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚާޝްޤަޖީ ތުރްކީގައި އަވަހާރަކޮށްލެވުނު ގޮތާ ބެހޭގޮތުން އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ތައްޔާރުކުރި ރިޕޯޓް ރައީސް ޓްރަމްޕް ހާމަނުކުރައްވާ ބާއްވަވާފައި އޮތްވާ ރައީސް ބައިޑްން މި ރިޕޯޓް ހާމަކުރައްވައިފިއެވެ. ދުވަހު ނޫސް ގާޑިއަން އިން ހުކުރުދުވަހު ޝާއިޢުކުރި ދިރާސާއެއްގައި މި ކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. މި ނޫސް ބުނިގޮތުގައި ރައީސް ބައިޑްން އޭނާގެ އިންތިޚާބީ ޙަމަލާގައި އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އންސާނީ ޙައްޤުތަކަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. މި ނޫސް ބައިޑްންގެ މި ސިޔާސަތާ ދެކޮޅަށް ފާޑު ކިޔަމުން ބުނެފައިވާ ގޮތުގައި މި ސިޔާސަތު ވަނީ "ބޮޑުފާރުގައި ޖެހި މަތަވެފަ" އެވެ. އެ ފާރު ފޫއަޅުވާލެވޭވަރުގެ ބާރެއް ނެތެވެ.
މި ނޫސް ބުނާގޮތުގައި ބައިޑްން ހާމަކުރެއްވީ އިންތިޚާބީ ޙަމަލާގައި ވަޢުދުވެވަޑައިގެންފައިވާ ފަދައިން ސީއައިއޭގެ ރިޕޯޓްގައި ހިމެނޭ "ސިއްރު ނޫން" ތަންކޮޅެކެވެ. ހާމަކުރި ތަންކޮޅު ބުނާގޮތުގައި ސުޢޫދީ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚާޝްޤަޖީ އަވަހާރަކޮށްލުމަށް ސުޢޫދީ ވަލީ ޢަހްދު "އެއްބަސްވެވަޑައިގެންފައި" ވެއެވެ. މި ބަޔާން ބުނާގޮތުގައި ޚާޝްޤަޖީ އަވަހާރަކޮށްލުމަށް ޓަކައި 15 މީހުންގެ ޓީމެއް އެކުލަވައިލެވުނެވެ. މީގެތެރެއިން ހަތް މީހުންނަކީ އަމީރު މުޙައްމަދުގެ "ޚާޢްޞަ ފާރަވެރިން"ގެ ތެރޭގައި ހިމެނޭ ބައެކެވެ. ގާޑިއަން ބުނާގޮތުގައި އެމީހުންނާ ކުރަން ހަވާލުކުރެވިފައި ވަނީ ޖާސޫސީ މަސައްކަތެއް ނޫނެވެ.
ގަލްފުން އެމެރިކާ ކުށްވެރިކުރުން
ސުޢޫދީ ޢަރަބިއްޔާއިންނާއި ގަލްފުގެ ދައުލަތްތަކުންނާއި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން މި ބަޔާން ވަގުތުން ކުށްވެރިކޮށް އެއީ "ޙަޤީޤަތާ ޚިލާފު" ވާހަކަތަކެއް ކަމަށް ބުންޏެވެ. މި ބަޔާންތައް ހާމަކޮށްފައިވާ ގޮތުގައި ސުޢޫދީޢަރަބިއްޔާގެ ސިޔާދަތަށް އުނިކަން ލިބިދާނެ ފަދަ ގޮތަކަށް ބަޔާންތައް ނެރުމަކީ އެ ޤައުމުތައް ކުށްވެރިކުރާ ކަމެކެވެ. މި ބަޔާންތައް ހާމަކޮށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ސުޢޫދިޔާއަކީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އަމްނަށާއި ހަމަޖެހުމަށް މަސައްކަތް ކުރާ މުހިއްމު ޤައުމެކެވެ. އެ ޤައުމުގެ ފަނޑިޔާރުގޭގެ މިނިވަންކަމަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ދޮގު ވާހަކަތައް ނުފެތުރުމަށް ވެސް މި ޤައުމުތަކުން މި ބަޔާނުގައި ގޮވާލައިފާ ވެއެވެ. މ ބަޔާންތައް ތުހްމަތު ކުރާ ގޮތުގައި އެމެރިކާގެ މި ރިޕޯޓަކީ ޚަޝްޤަޖީގެ މަރާބެހޭގޮތުން ހޯދާފައިވާ "ޞައްޙަ ނޫން ނަތީޖާތަކަކުން" ހަދާފައިވާ ބަޔާނެކެވެ.
ސުޢޫދީ ގުޅުން އެމެރިކާއަށް މުހިއްމު
އެމެރިކާ ސަރުކާރުން މި ބަޔާނަށް ފަހު ބުނިގޮތުގައި އެމެރިކާއިން އަބަދުވެސް "އެމެރިކާ ސުޢޫދީ ބޮޑު މަޞްލަޙަތު" ދަންނާނެއެވެ. އަދި އެ މަޞްލަޙަތު ރައްކައުތެރި ކުރާނެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވިގޮތުގައި "އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާ އާ ދެމެދުގައިވާ ގުޅުމަކީ ވަރަށް މުހިއްމު ގުޅުމެކެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެންނާ ރިޔާޟާ ދެމެދުގައިވާ ގުޅުމަކީ ޒަމާންވީ ހަރުދަނާ ގުޅުމެކެވެ. އަހުރެމެންގެ މަޞްލަޙަތު ވަރަށް ބޮޑެވެ. ސުޢޫދީ ޢަރަބިއްޔާ ދިފާޢުކުރުމުގައި އަހުރެމެން ދެމިތިބޭނޫއެވެ."
އޭނާ ވިދާޅުވިގޮތުގައި ރައީސް ބައިޑްނާ ސަލްމާން ރަސްގެފާނާ އަދި ސުޢޫދީ ދިފާޢީ ވަޒީރު މުޙައްމަދު ބިން ސަލްމާނާ އެމެރިކާގެ ދިފާޢީ ވަޒީރާއެކު ފޯނުން ބޭއްވުނު ވާހަކަދެއްކުންތަކަކީ ވަރަށް މުހިއްމު ވާހަކަދެއްކުންތަކެކެވެ. އޭނާ ހާމަކުރެއްވިގޮތުގައި އޭނާވެސް ސުޢޫދީ ޚާރިޖީ ވަޒީރު އަމީރު ފައިޞަލު ބިން ފަރަޙާނާ އެކު ވަނީ ވާހަކަދެއްކުންތައް ބާއްވަވައިފައެވެ.
ސުޢޫދީ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި އެމެރިކާ ކުށްވެރިކުރަމުން ބުނެފައިވާ ގޮތުގައި އެމެރިކާ ސުޢޫދީ ގުޅުމަކީ ވަރަށް ހަރުދަނާ ގުޅުމެކެވެ.

އެމެރިކާއިން މުޙައްމަދު ބިން ސަލްމާނާ ދެކޮޅަށް ފިޔަވަޅެއް ނާޅާ
ޚަޝްޤަޖީގެ މަރުގެ މަސްއަލާގައި އެމެރިކާއިން 76 ފަރާތަކާ ދެކޮޅަށް ވަނީ ފިޔަވަޅު އަޅައިފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވިގޮތުގައި ނޫސްވެރީންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ޤައުމުތަކާއި، އެ ޤައުމުތަކުގެ އިދިކޮޅު ސިޔާސީ ޙަރަކާތްތައް ހުއްޓުވާ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ހަމަޖެހިފައިވާ އުޞޫލުގެ ދަށުން މި 76 ފަރާތަށް ވީޒާއެއް ނުދެވޭނެއެވެ. މި ކަމާ ވިދިގެން އެމެރިކާއން އެޅި ފިޔަވަޅުތަކުގެ ދަށުން އަދަބު ދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ސުޢޫދީ ޢަރަބިއްޔާއެއް ނޫނެވެ. އެ ލިސްޓްގައި ޗައިނާވެސް ހިމެނެއެވެ. އެއީ ޗައިނާއިން އެ ޤައުމުގެ ބައެއް ރަށްވެހީން އެތެރޭގައްޔާއި ބޭރުގައި ބިރުގަންނަވާތީއެވެ. އެމެރިކާއިން ޚަޝްޤަޖީގެ މަސްއަލާގައި އެޅި ފިޔަވަޅުތަކުގެ ދަށުން ސުޢޫދީ ޢަރަބިއްޔާގެ ޖާސޫސީ އިދާރާގެ ކުރީގެ ނާއިބު ރައީސްގެ ބޭންކް އެސެޓްތައް ގަނޑު ކުރުމާއި ސުޢޫދީ އަރަބިއްޔާގައި މަޝްހޫރުވެފައިވާ "ނަމިރު" ޓީމާއެކު މުޢާމަލާތުތައް ކުރުން ހުއްޓައިލުން ވެއެވެ. މިއީ އެ ޤައުމުގެ ދުޝްމަނުންނާ ދެކޮޅަށް އަވަސްފިޔަވަޅުތައް އެޅުމަށް ޓަކައި އުފައްދާފައިވާ ވަރަށް ޙަރަކާތްތެރި ބާރެކެވެ. މި ބާރުގެ ވެރިއަކީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނެވެ. ގަލްފް ސްޓޭޓް އިންސްޓިޓިއުޓްގައި މަސައްކަތްކުރައްވާ ބާހިސެއް ކަމުގައިވާ ކްރިސްޓިއަން ދީވާން ވިދާޅުވާގޮތުގައި އެމެރިކާއިން ސުޢޫދިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގައި ހިމެނެނީ ޤައުމުން ބޭރުގައި ހިންގާ "އިދިކޮޅު ފިޔަވަޅުތައް" އެކަންޏެވެ. އެތެރޭގެ އެއްވެސް ވާހަކައެއް ނެތެވެ.
ވަލީޢަހްދާ ދެކޮޅަށް ފިޔަވަޅެއް ނޭޅުމުން ރިޔާޟުގެ ނުފޫޒު ހާމަވެގެންދޭ
އެމެރިކާގެ ރައީސް ޖޯ ބައިޑްން ކަށަވަރުކޮށްދެއްވިގޮތުގައި ޚަޝްޤަޖީ މަރާލެވުނީ ވަލީ ޢަހްދު މުޙައްމަދުގެ އެއްބަސްވެވަޑައިގަތުން ލިބިގެންނެވެ. އޭނާއާ ދެކޮޅަށް ވޮޝިންގްޓަނުން ފިޔަވަޅެއް ނޭޅުމުން ރިޔާޟަށް ވަރަށް ހިތްހަމަ ޖެހުން ލިބުނެވެ. އެހެނަސް ރައީސް ބައިޑްންގެ މި ބަޔާނުން އެނގެނީ ކުރީގެ ދައުރުގައި އޮތް ރަޙްމަތްތެރިކަމަށް ނިމުމެއް އަތުވެއްޖެކަމެވެ. އަދި އެމެރިކާގެ މި އައު ދައުރުގައި މި ގުޅުން ވަރަށް ތަފާތުވާނެ ކަމެވެ.

ރިޔާޟުގެ ފިއްތުންތައް ވަރަށް ބޮޑު
އަމީރު މުޙައްމަދާ ދެކޮޅަށް ވޮޝިންގްޓަނުން ފިޔަވަޅެއް އަޅައިފިނަމަ އެ ދެ ޤައުމުގެ ގުޅުމަށް ބުރޫތަކެއް އަރާނެކަމުގެ އިޝާރާތްތައް ރިޔާޟުން ވޮޝިންގްޓަނަށް ދެމުން ދިޔަ ކަމަށް ދާރިސުން ވިދާޅުވެއެވެ. އެމެރިކާއަށް ފެނުނުގޮތުގައި އެމެރިކާއިން އަޅާ ފިޔަވަޅުތަކުން ގެއްލުން ލިބޭނީ ހަމަ އެމެރިކާއަށެވެ. މި ކަމަށް ޓަކައި އެމެރިކާއަށް ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެއެވެ. އެމެރިކާއިން އަމީރު މުޙައްމަދާ ދެކޮޅަށް ފިޔަވަޅެއް ނޭޅުމުން ސުޢޫދީ ރަސްގެފާނުގެ ދަރުބާރަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ.
ބާހިސުން ވިދާޅުވާ ގޮތުގައި ރައީސް ޓްރަމްޕްގެ ވެރިކަމުގެ ކުރިކޮޅާއި ރައީސް ބައިޑްންގެ ވެރިކަމުގެ ކުރީ ކޮޅަކީ ރިޔާޟުގެ ނަޒަރުގައި ވަރަށް ތަފާތު ދެ ދައުރެކެވެ. ސަލްމާން ރަސްގެފާނާއި އަމީރު މުޙައްމަދު ރައީސް ޓްރަމްޕަށް 2017ވަނަ އަހަރު މަރްޙަބާ ދަންނަވާފައިވަނީ ބޮޑު ފާތިޙެއްގެ ގޮތުގައެވެ. ޓްރަމްޕްގެ ވެރިކަމުގައި މުޙައްމަދުވެފައި ވަނީ ނާރެހަކަށެވެ. އީރާނާ ދެކޮޅު ހަދާ ވަރުގަދަ ކިއްލާއަކަށެވެ. އިސްރާއީލާ ގަލްފްގެ ޤައުމުތަކާ ދެމެދުގައި ގުޅުންތައް ޠަބީޢީ ކުރުވި މޭސްތިރިޔާ ކަމުގައެވެ. ސއޫދީ ޢަރަބިއްޔާއާއެކުގައި ވެސް މި ގުޅުން ޤާއިމުވެގެންދާނެކަމުގެ އުންމީދުވެރިޔާ ކަމުގައެވެ. އޭގެ ހަތަރު އަހަރުފަހުން އަމީރު މުޙައްމަދަށް ކުރިމަތިލައްވަން ޖެހިވަޑައި މި ގަތީ "ބޮޑު ފަޟީޙަތު" އަކާއެވެ. ދުވަހު ނޫސް ގާޑިއަން ބުނާގޮތުގައި ތުރްކީގެ ޖާސޫސީ އިދާރާއިން ބަހައްޓާފައި ހުރި މައިކްރޯފޯނުތަކުން މުޙައްމަދުގެ އަޑުފުޅު އިވިފައިވެއެވެ. މިކަމުގެ ސަބަބުން އަމީރު މުޙައްމަދަށް ވަރަށް ބޮޑު ސިހުމެއް ލިބިވަޑައިގަތެވެ. އެހެނަސް މުޙައްމަދު މި ވަނީ މި ފަޟީޙަތުން ބޭރުވެވަޑައިގެންފައެވެ. މި ކަމުގައި ބައިވެރިވި ސިފައިންނާއި އޮފިސަރުންނަކީ އަމީރު މުޙައްމަދުގެ ވަރަށް ގާތް ބޭފުޅުންތަކެކެވެ. މި ކަމުގައި ބައިވެރިވި މީހުންގެ ޝަރީޢަތް ސުޢޫދީ ޢަރަބިއްޔާގައި ވަނީ ކޮށްފައެވެ. މި ކަމުގެ ސަބަބުން އެ އަމީރުގެ ޝަޚްޞިއްޔަތުގައި ލައްތަކެއް ޖެހުނެވެ. މި ހުރިހާ ކަމެއް ވެސް ހިނގާފައި ވަނީ ޓްރަމްޕްގެ ވެރިކަމުގައެވެ. އޭނާ ވަނީ މި ކަންކަން ވަންހަނާކުރައްވައިފައެވެ.
ދޭތެރެ މެދުގެ ޙައްލެއް
އެމެރިކާގެ ޖާސޫސީ އިދާރާގެ މި ރިޕޯޓާ ވިދިގެން އެމެރިކާއިން ވަލީޢަހްދުގެ މަޤާމުން މުޙައްދު ދުރުކުރެވޭތޯ މަސައްކަތްކުރި ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް "އެއީ ކުރެވޭނެ ކަމެއް ނޫންކަން" އެމެރިކާގެ ރައީސަށް ކަށަވަރުވެވަޑައިގަތެވެ. ވަލީ ޢަހްދުގެ ފައިންޕުޅު އެއަށްވުރެ މާ ސާބިތުކަން ބޮޑެވެ. އެހެންކަމުން ކުރިމަގުގައި ސުޢޫދީ ތަޚްތުގައި އިންނަވާނީ މުޙައްމަދުކަން ވޮޝިންގްޓަނަށް ކަށަވަރުވިއެވެ.
އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި އެމެރިކާއަކީ ވަޠަނީ މަޞްލަޙަތަށް ޓަކައި އެމީހުން ނުރުހޭ މީހުންނާމެދު "ރުހުމުގެ ލޮލުން" ބަލައިގެން މުޢާމަލާތު ކުރާ ޤައުމެކެވެ. އޭގެ މިސާލަކީ ރޫސީވިލާތުގެ ރައީސް ޕޫޓިންއާއި ޗައިނާގެ ރައީސް ޝީ އެވެ. މި ނަޒަރުން ބަލާއިރު އަމީރު މުޙައްމަދަކީ މެދުއިރުމަތީގައި އިސްތިރާތީޖީ އެކުވެރިއެކެވެ.
ސުޢޫދީ ޢަރަބިއްޔާގައި އެމެރިކާގެ ޢަސްކަރީ ފަސް ބޭސް އެބައޮތެވެ. މި ދިޔަ ބުރާސްފަތި ދުވަހު އެމެރިކާއިން ސޫރިޔާއަށް ދިން ޙަމަލާއަށް ބަލާއިރު ސުޢޫދީ ޢަރަބިއްޔާގެ ރުހުން ނުލިބި އެމެރިކާއަށް މި ކަމެއް ނުކުރެވޭނެއެވެ. ސޫރިޔާގައި ތިބި އީރާނުގެ އެކުވެރި މިލީޝިޔާ ބާރުތަކަށް ޙަމަލާ ދެވުނީ ސުޢޫދީން މި ކަމަށް ވާގިވެރިވުމުންނެވެ. އެހެންކަމުން އީރާން މައިތިރި ކުރުމަށް ޓަކައި އެމެރިކާގެ އަތް ދިގު ކުރެވެން އަންނަނީ ރިޔާޟުގެ ރުހުމާލައިގެން ކަމުން އަމީރު މުޙައްމަދާ ދެކޮޅު ހަދައިގެން ވޮޝިންގްޓަނަށް މި ކަމުގައި ކުރިއަކަށް ނުދެވޭނެއެވެ. އީރާނާއެކު 2015ވަނަ އަހަރު އެއްބަސްވެފައިވާ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އެމެރިކާއިން އީރާނާއެކު ވާހަކަދައްކަން ފަށަން އުޅޭއިރު ރިޔާޟުގެ އެހީ ވޮޝިންގްޓަނަށް ވަނީ ބޭނުންވެފައެވެ.
އެމެރިކާގެ ޚާރިޖީ ގުޅުންތަކާ ބެހޭ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ސްޓެފަން ކުކް ވިދާޅުވާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާ ޔަމަނުން ބޭރަށްލާން ބޭނުންވާނަމަ އެ ޤައުމުގެ އެއްބާރުލުން އެމެރިކާއަށް ބޭނުންވާނެއެވެ. އެއީ ބޮޑު ޤައުމެކެވެ. އެ ޤައުމާނުލައި ކަމެއް ކުރަން އުދަނގޫވާނެއެވެ.
އެމެރިކާއިން މި މަސައްކަތް ކުރަން ގަސްތު ކުރަނީ އެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ނުވަދެ އޮވެގެންނެވެ. މި ކަން ކުރުމަށް ޓަކައި އެމެރިކާއިން ގަސްތު ކުރަނީ ޙަމަލާދިނުމަށް ބޭނުންވާ ހަތިޔާރު ނުދީ ދިފާޢުވުމަށް ބޭނުންވާ ހަތިޔާރު ދީގެންނެވެ.ވެ. ނަމަވެސް މި ދެ ބާވަތް ވަކިކުރާނީ ކިހިނެއް ހެއްޔެވެ؟



advertisment