Support Us

ރަސްގެފާނު ސުލެއިމާނު عليه السّلام ގެ ގަނޑުވަރުކޮޅު

ސުލެއިމާނު عليه السّلام ގެ މޭޒުކޮޅު

އައިބީރިއަން ޕެނިންސިއުލަރގެ (މިހާރުގެ ސްޕެއިންއާއި ޕޯޗްގަލް ސަރަޙައްދު) އެކިއެކި ތަންތަނަށް ކިޔާފައިވާ ނަންތަކުގެ ތެރޭގައި ވަރަށް ގިނަ ޢަރަބި ނަންތައް ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ސަމާލުކަން ދެވުނު އެއް ނަމަކީ "އަލްމެއިޑާ" ކިޔާ ރަށެއްގެ ނަމެވެ. އިތުރަށް ދިރާސާކުރުމުން އެނގުނު ގޮތުގައި މިބަހުގެ އަސްލަކީ ޢަރަބި ބަހުގެ (المائدة) ނުވަތަ ކާމޭޒެވެ. ބުނެވޭގޮތުގައި އެ ނަން އުފެދިފައިވަނީ، މުޤައްދަސް އާސާރީ އެއްޗެއް ކަމުގައި ނަސާރާއިން ދަޢުވާކުރާ، ސުލައިމާނު عليه السّلام ފަރިއްކުޅުއްވަން ގެންގުޅުއްވި، މޭޒުކޮޅުންނެވެ. ދެން މި ލިޔުމުގައި އަލިއަޅުވާލާނީ މި އާދަޔާ ޚިލާފު މޭޒުކޮޅާއި ބެހޭގޮތުންނެވެ. އަދި ތާރީޚީ ގޮތުން މި މޭޒުކޮޅާ ބެހޭގޮތުން ލިބެންހުރި ހުރިހާ ލިޔުންތަކެއް ދިރާސާކޮށް ހުށަހަޅައިދެވޭތޯ ބަލާނަމެވެ.

މިފަދަ ކިތަންމެ އާސާރީ މުޤައްދަސް ތަކެތި، އެކިއެކި ސަޤާފަތްތަކުގައި ސުލެއިމާނު عليه السّلام އަށް ނިސްބަތް ކުރެވިފައިވެއެވެ. އެގޮތުން ސުލެއިމާނު عليه السّلام އަށް ނިސްބަތްކުރެވޭ އެންމެ ޚާއްސަ އެކައްޗަކީ އެކަލޭގެފާނު އަނގޮޓިކޮޅެވެ.

މި ލިޔުމުގައި ފާހަގަކުރާ ކާމޭޒުކޮޅަކީ ނަބިއްޔާ ދާވޫދު عليه السّلام ގެ ދަރިކަލުން ނަބިއްޔާ އަދި ރަސްގެފާނު ސުލެއިމާނު عليه السّلام ނިސްބަތްކުރެވޭ އެއްޗެކެވެ. އިންޖީލު ބުނާގޮތުން ސުލެއިމާނު عليه السّلام އަކީ ހަމައެކަނި ރަަސްކަލެކެވެ. އެހެންނަމަވެސް އަޅުގަނޑުމެން މުސްލިމުން ޢަޤީދާއަކީ، އެކަލޭގެފާނަށް ﷲ ނަބީކަމާއި ރަސްކަން ދެއްވިކަމެވެ.

ޔަހޫދީންގެ ފަތްފުށްތަކާއި އަދި ތަލްމޫދުގައި، ސުލެއިމާނު عليه السّلام ގެ މޭޒުކޮޅެއްގެ ވާހަކައާއި އަދި އެ މޭޒުކޮޅުގައި އެހެންމީހުން ނުދެކޭފަދަ މީރު ކާއެއްޗެހި ހުންނަކަމަށް ބަޔާން ކޮށްފައިވެއެވެ.

ގިނަ ޢަރަބި މުއައްރިޚުން ފާހަގަކުރާ ގޮތުގައި، އައިބީރިއާއިން ފެނުނު މޭޒުކޮޅު ނިސްބަތްކުރެވެނީ ސުލެއިމާނު عليه السّلام އަށެވެ. އެމީހުން ބަޔާންކުރާ ގޮތުގައި އައިބީރިއާގެ ނަސާރާއިންވެސް ޤަބޫލުކުރާ ގޮތުގައި އެ މޭޒުކޮޅަކީ މުޤައްދަސް އާސާރީ މޭޒު ކޮޅެކެވެ. އަދި އެ މޭޒުކޮޅު ނިސްބަތް ކުރެވެނީ ސުލެއިމާނު عليه السّلام އަށެވެ. އެންމެ ފުރަތަމަ އެ މޭޒުކޮޅު ފަލަސްޠީނުން އައިބީރިއާއަށް ގެންނެވީ ރޯމަން ރަސްކަލެއް ކަމަށްވާ އަޝްބާން ބިން ޠީޠަަސްއެވެ.

ވާސިލުވި ގިނަ މަރުޖިޢުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ މޭޒުކޮޅު ތައްޔާރު ކޮށްފައިވަނީ، ފެހިކުލައިގެ ޒަބަރުޖުދުންނެވެ. އަދި އެ މޭޒުކޮޅުގައި 360 ފައި ހުރެއެވެ. އެ ފައިތައްވެސް ހަދާފައިވަނީ ޒަބަރުޖުދުންނެވެ. އަދި އެ މޭޒުކޮޅު ޒީނަތްތެރި ކޮށްފައިވަނީ އަގުބޮޑު ޖަވާހިރާއި ޒުމައްރަދާއި ޔާޤޫތުންނެވެ. އޭގެ އިތުރުން އެ މޭޒުކޮޅުގެ އުޅަށްގަނޑުތައް ހަދާފައިވަނީ ރަނާއި ރިހީންނެވެ. އެދުވަސްވަރު އެ މޭޒުކޮޅުގެ އަގެއްކަމުގައި ބަލާފައިވަނީ ދެލައްކަ ރަން ދީނާރެވެ.

ހިޖުރައިން 92 ވަނަ އަހަރު (މީލާދީން 711) މުސްލިމުން ސްޕޭން ފަތަޙަ ކުރުމުގެ ކުރިންވެސް މި މޭޒުކޮޅާ ބެހޭގޮތުން މުސްލިމުންނަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ސްޕޭން ފަތަޙަކުރުމަށް ދިޔަ ލަޝްކަރުގެ ޤާއިދު، ޠޯރިޤް ބިން ޒިޔާދުގެ ވިސްނުންފުޅުގައި އޮތީ ސްޕޭނާއި ޕޯޗްގަލް ނިސްބަތްވާ އައިބީރިއަން ޕެނިންސިއުލަރ ފަތަޙަ ކުރުމަށްފަހު، މި މޭޒުކޮޅު ޣަނީމާ ކުރުމެވެ.

މި މޭޒުކޮޅު، އަަސްލު ހުރި ތަނަކާ މެދު އެކިއެކި ފަށްފުށްތަކުގައި ލިޔެފައިވަނީ އެކިގޮތަށެވެ. އެކަމަކު މޭޒުކޮޅު ހުރީ ޓޮލޭޑޯއާ ކައިރި ތަނެއްގައި ކަމަށް އެދުވަސްވަރުގެ ގިނަ ތާރީޚު ޢިލްމުވެރިން އެއްބަސްވެއެވެ. އަދި ބައެއް ޢިލްމުވެރިން މޭޒުކޮޅު، އަސްލު ހުރި ތަން ޞަރީޙަކޮށް ބަޔާން ކުރުމުގެ ގޮތުން، އައިބީރިއަން ޕެނިންސިއުލަރ ފަތަޙަކުރުމުގައި ޠާރިޤް ބިން ޒިޔާދު ދަތުރުކުރެއްވި މަގުތައް ފާހަގަކޮށް ލިޔުއްވާފައިވެއެވެ. ޓޮލޭޑޯ ފަތަޙަ ކުރުމަށްފަހު، ގުވަޑިލަހަރާ ފަރުބަދަތައް ހުރަސްކުރައްވާ ޠާރިޤް ބިން ޒިޔާދު ކުރިއަށް ވަޑައިގެންނެވިއެވެ. ޠާރިޤް ބިން ޒިޔާދު، މި ފަރުބަދަތައް ހުރަސް ކުރެއްވީ އެ ފަރުބަދަތަކުގެ ތެރޭގައި ހެދިފައިވާ ހަނި މަގަކުންނެވެ. އޭގެފަހުން އެ މަގަށް "ފައްޖު ޠާރިޤް" ކިޔައި ނަންދެވުނެވެ. ޠާރިޤް ބިން ޒިޔާދު ފަރުބަަދަތަކުގެ އަނެއް ފަރާތުން އަލްމެއިޑާ ކިޔާ ރަށަކަށް ވަޑައިގެން އެ ރަށުން އެ މޭޒުކޮޅު ހޯއްދެވިއެވެ. ތާރީޚީ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ މޭޒުކޮޅާއެކު ވަރަށްގިނަ އާސާރީ ތަކެއްޗާއި އަދި އަގުބޮޑު މުދަލާއި ފައިސާ، ޠާރިޤް ބިން ޒިޔާދާއި ޙަވާލުކުރެއްވީ ސްޕޭން ފަތަޙަ ކުރުމަށް ކުރެވުނު ޣުވާދަލިތުގެ ހަނގުރާމައިގައި އަވަހާރަކޮށްލެވުނު ސްޕޭންގެ ރަސްގެފާނު ރޮޑްރިކްގެ ކޮއްކޯފުޅެކެވެ. ބުނެވޭގޮތުގައި މިތަކެތި ރޮޑްރިކްގެ ކޮއްކޯފުޅު، ޠާރިޤް ބިން ޒިޔާދާއި ޙަވާލު ކުރެއްވީ، އޭނާއާއި އޭނާގެ ޢާއިލާއަށް ސަލާމަތާއި ރައްކާތެރިކަން ގެރެންޓީކޮށް ދިނުމުން އޭގެ ބަދަލެއްގެ ގޮތުގައެވެ.

މިތަކެތި ލިބިވަޑައިގަތުމުން ޠާރިޤް ބިން ޒިޔާދު، އެ މޭޒުކޮޅުގެ އެއްފައި އުފުރާލައްވައި ފޮރުއްވެވިއެވެ. މުސްލިމުންގެ އެފްރިކާގެ ލަޝްކަރުގެ އިސް ކޮމާންޑަރު އަދި އެފްރިކާގެ ގަވަރުނަރު މޫސާ އިބްނު ނުސޭރު އެ މޭޒުކޮޅުގެ އެއްފައި ހަލާކުވެފައި ހުރުމުން އެކަމާއި ސުވާލުކުރެއްވުމުން ޠާރިޤް ވިދާޅުވީ އެ މޭޒުކޮޅު ލިބިވަޑައިގަތްއިރުވެސް ހުރީ އެގޮތަށް ކަމަށެވެ. އެއަށްފަހު މޫސާ އިބްނު ނުސޭރު އެ މޭޒުކޮޅުގެ ފައި ރަނުން ނުވަތަ ދަގަނޑުން ޖެއްސެވިކަމަށް ބުނެވެއެވެ.

އެފްރިކާގެ ގަވަރުނަރު މޫސާ އިބްނު ނުސޭރު، މި ހަނގުރާމައިގައި ޣަނީމާ ކުރެއްވުނު އަގުބޮޑު މުދަލާއި ފައިސާއާއި އަދި މި މޭޒުކޮޅާއެކު ސްޕޭނުން، ސީރިއާގެ ދިމިޝްޤަށް ފުރާވަޑައިގެންނެވިއެވެ. ހިޖުރައިން 96 ވަނަ އަހަރު (މީލާދީން 715) މޫސާ އިބްނު ނުސޭރު ސްޕޭނުން ފުރާވަޑައިގެންނެވިއިރު އުމަވީ ދަރިކޮޅުގެ ޚަލީފާ އަލްވަލީދު ބިން ޢަބުދުލް މަލިކް އޮންނެވީ ވަރަށްވެސް ބޮޑު އާލާސްކަންފުޅެއްގައެވެ.

މޫސާ އިބްނު ނުސޭރު ފަލަސްޠީނުގެ ޓައިބީރިއަސްއާ ހިސާބަށް ވަޑައިގެންނެވިތަނާ، ޚަލީފާ އަލްވަލީދު ބިން ޢަބުދުލް މަލިކްގެ ވަލީއަހުދު އަދި ކޮއްކޯފުޅު ސުލެއިމާނު ބިން ޢަބުދުލް މަލިކުގެ ސިޓީފުޅެއް ލިބިވަޑައިގަތެވެ. އެ ސިޓީފުޅުގައި، ޚަލީފާ އޮންނެވީ އަވަހާރަވުމުގެ އާލާސްކަންފުޅުގައި ކަމާއި އެހެންކަމުން އެހާ އަވަސް އަވަހަށް ދަތުރު ނުކުރެއްވުމަށް އަމުރު ކުރައްވާފައިވެއެވެ. ބައެއް ތާރީޚު ޢިލްމުވެރިން ލިޔުއްވާފައިވާ ގޮތުގައި ސުލެއިމާނު ބިން ޢަބުދުލް މަލިކު އެގޮތަށް އަމުރު ކުރެއްވީ މި ހަނގުރާމައިގައި ޣަނީމާ ކުރެވުނު އަގުބޮޑު މުދަލުގެ ގިނަކަމާއި ހެދި ޚަލީފާ އަލްވަލީދު ބިން ޢަބުދުލް މަލިކުގެ ބަދަލުގައި އެތަކެެއްޗާމެދު އަމިއްލަފުޅަށް ގޮތް ނިންމެވުމުގެ ބޭނުންފުޅުގައެވެ. އެހެންނަމަވެސް މޫސާ އިބުނު ނުސޭރު، ސުލޭމާނުގެ އެ އަމުރުފުޅަށް ނުބައްލަވައި އޭނާގެ ދަތުރުފުޅާއިގެން ކުުރިއަށް ވަޑައިގެންނެވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފަހުން، ސުލޭމާނު ބިން ޢަބުދުލް މަލިކުގެ ނުރުހުން އޭނާއަށް ކުރިމަތިވެ ވަޑައިގެންނެވިއެވެ.

ސުލޭމާނު ބިން ޢަބުދުލް މަލިކު

ގިނަ ތާރީޚު ޢިލްމު ވެރިން އެއްބަސްވާ ގޮތުގައި މޫސާ އިބްނު ނުސޭރު ސީރިއާގެ ދިމިޝްޤަށް ވަޑައިގެންނެވިއިރު ޚަލީފާ އަލްވަލީދު ބިން ޢަބުދުލް މަލިކް އަވަހާރައެއް ނުވެއެވެ. މޫސާ އިބުނު ނުސޭރުއާއެކު ސްޕޭނުގެ ރަސްމަތިފުށުގެ ބޮނޑުންނާއި އެމީހުންގެ ވަރަށްގިނަ އަޅުންތައްވެސް ގެންދެވިއެވެ. އެބޭފުޅުން ތިއްބެވީ ވަރަށްވެސް އަގުބޮޑު ހެދުންކޮޅުތައް ތުރުކުރައްވައިގެން ބޮލުގައި ރަނުގެ ތާޖު އަޅުއްވައިގެންނެވެ. އެބޭފުޅުންނާއެކު މޫސާ އިބްނު ނުސޭރު ދިމިޝްޤަށް ވަދެވަޑައިގެންނެވީ ވަރަށްވެސް މަތިވެރި ޢިއްޒަތުގައެވެ. އެ ދުވަހަކީ ހުކުރު ދުވަސްކަމަށް ވުމާއެކު، މޫސާ އިބްނު ނުސޭރު އެވަޑައިގެންނެވި ގޮތަށް ވަޑައިގެންނެވީ ދިމިޝްޤުގެ އުމަވީ މިސްކިތަށެވެ. އޭރު ޚަލީފާ އަލް ވަލީދު ބިން ޢަބުދުލް މަލިކު ހުންނެވީ މިމްބަރުކޮޅުގައި ހުކުރު ޚުޠުބާ ދެއްވާށެވެ. މޫސާ އިބްނު ނުސޭރު ފެނިވަޑައިގަތުމުން، މުސްލިމުންނަށް އައިބީރިއަން ޕެނިންސިއުލަރ ފަތަޙަކޮށްދެއްވިކަމަށްޓަކާ ﷲ އަށް ޙަމްދު ކުރެއްވިއެވެ.

މޭޒުކޮޅު ހާސިލުކުރުމުގެ ޝަރަފު ލިބުނުކަމުގެ މައްޗަށް، ޠާރިޤް ބިން ޒިޔާދާއި، މޫސާ އިބްނު ނުސޭރާއި ދެބޭފުޅުން ތިއްބެވީ އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ވާދަކުރެއްވުމުގައެވެ. ވަކިން ޚާއްސަ ގޮތެއްގައި އައިބީރިއަން ޕެނިންސިއުލަރ ފަތަޙަ ކުރެއްވުމުގެ ޝަރަފް ހޯއްދެވުމަށްވެސް ދެބޭފުޅުން ގެންދެވީ ވާދަކުރައްވަމުންނެވެ. އެންމެންނަށްވެސް އެނިގައިވާ ފަދައިން ޠާރިޤް ބިން ޒިޔާދަކީ، މޫސާ އިބްނު ނުސޭރުގެ އަޅެކެވެ. އަދި މުޣީސުއް ރޫމީއަކީވެސް މޫސާ އިބްނު ނުސޭރުގެ އަޅެކެވެ. ސްޕޭން ފަތަޙަ ކުރުމުގެ ފުރަތަމަ ހަނގުރާމަ ހިނގިއިރު މޫސާ އިބްނު ނުސޭރު، އެ ހަނގުރާމައިގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އެހެންނަމަވެސް ފަހުން މުޅި އައިބީރިއަން ޕެނިންސިއުލަރ ފަތަޙަ ކުރުމަށް ޠާރިޤާއި މުޣީސު ހަނގުރާމަ ކުރެއްވިއިރު މޫސާ އިބްނު ނުސޭރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައިބީރިއަން ޕެނިންސިއުލަރ ފަތަޙަ ކުރެއްވުމަށް ހަނގުރާމަ ކުރައްވަމުން ޠާރިޤާއި މުޣީސުއް ރޫމީ ކުރިއަށް ވަޑައިގެންނެވިއިރު، މޫސާ އިބްނު ނުސޭރު ފޮނުއްވެވި އެއްވެސް ސިޓީއަކަށް މި ދެބޭފުޅުން ޢަމަލު ކުރައްވާފައި ނުވެއެވެ. މި ހުރިހާ ކަމަކާއެކު، މި ތިން ބޭފުޅުންގެ މެދުގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ޠާރިޤް ބިން ޒިޔާދު

ޠާރިޤް ބިން ޒިޔާދާއި މުޣީސުއް ރޫމީ ދެކެވަޑައިގެންނެވި ގޮތުގައި، އެ ދެ ބޭފުޅުންގެ މި ކާމިޔާބީ، ދިމިޝްޤުގައި ހުންނެވި ޚަލީފާއާ ހިއްސާ ކުރައްވަންވާނީ އެ ދެ ބޭފުޅުންނެވެ. ބުނެވޭ ގޮތުގައި މޫސާ އިބްނު ނުސޭރަށްވުރެ ކުރިން، ޠާރިޤާއި މުޣީސުވަނީ ދިމިޝްޤަށް ވަޑައިގެން މޫސާ އިބްނު ނުސޭރާއި ބެހޭގޮތުން ދިމިޝްޤުގެ އުމަވީ ދަރުބާރު ކިލަނބުކޮށްލާފައެވެ.

ޙަޤީޤަތުގައި މޫސާ އިބްނު ނުސޭރު ވަނީ އޭނާގެ ތިން ދަރިކަލުން ކަމަށްވާ ޢަބުދުﷲ އާއި، ޢަބުދުލް މަލިކާއި އަދި ޢަބުދުލްޢަޒީޒަށް އުތުރު އެފްރިކާއާއި އައިބީރިއާގެ ވެރިކަން ޙަވާލުކޮށްފައެވެ. އޭގެ ސަބަބުން، ދިމިޝްޤުގައި ތިއްބެވި އުމަވީ ދައުލަތުގެ ވެރިންނަށް ވިސްނިވަޑައިގަތީ، އުތުރު އެފްރިކާއާއި އައިބީރިއަން ޕެނިންސިއުލަރގައި، ވަކި ދަރިކޮޅެއްގެ މިނިވަން ވެރިކަމެއް މޫސާ އިބްނު ނުސޭރު ފައްޓަވާފާނެ ކަމަށެވެ. އޭގެ އިތުރުން މި ހަނގުރާމައިގައި ޣަނީމާ ކުރެއްވެވި އަގުބޮޑު މުދަލާއި ފައިސާގެ ތެރެއިން ބައެއް، އަމިއްލަފުޅަށް ނެންގެވިކަމުގެ ތުހުމަތުވެސް މޫސާ އިބްނު ނުސޭރުގެ އިސްތަށިފުޅުގައި އަޅުއްވަން ޖެހިވަޑައިގަތެވެ.

މޭޒުކޮޅު ހޯއްދެވީ ކާކުތޯ، ޚަލީފާ އަލް ވަލީދު ބިން ޢަބުދުލް މަލިކު ސުވާލުކުރެއްވުމުން، މޭޒުކޮޅު ހޯއްދެވީ ތިމަންނަ ކަމަށް މޫސާ އިބްނު ނުސެއިރު ދެންނެވިއެވެ. އެވަގުތު، ޠާރިޤް ބިން ޒިޔާދު އެ މޭޒުކޮޅުގެ ބަދަލުކޮށްފައިވާ ފަޔާ ބެހޭގޮތުން މޫސާ އިބްނި ނުސޭރާ ސުވާލު ކުރެއްވުމަށް ޚަލީފާ އަލް ވަލީދަށް ދެންނެވިއެވެ. އަދި ކުރިން، އެފައި ހުރީ އެގޮތަށްތޯ އާއި ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ހުއްޓާ ބަދަލުކުރީތޯ ސުވާލުކުރެއްވުމަށްވެސް ދެންނެވިއެވެ. އެހިނދު، އޭނާ އެ މޭޒުކޮޅު ހޯއްދެވިއިރުވެސް އޭގެ ފައި ހުރީ އެގޮތަށް ކަމަށް މޫސާ އިބްނު ނުސޭރު، ޚަލީފާ އަލް ވަލީދަށް ދެންނެވިއެވެ. އެވަގުތު ޠާރިޤް ބިން ޒިޔާދު، އެ މޭޒުކޮޅު ހޯއްދެވީ އޭނާކަން ސާބިތުކޮށް ދެއްވުމަށްޓަކައި، ސްޕޭނުން އެ މޭޒުކޮޅު ހޯއްދެވުމަށްފަހު، އޭނާ ނައްޓަވާލެއްވި އަސްލު ފައި ނަންގަވާފައި ޚަލީފާ އަލް ވަލީދަށް ދައްކަވައިލެއްވިއެވެ.

އެއަށްފަހު މާ ގިނަ ދުވަހެއް ނުވެ، ޚަލީފާ އަލް ވަލީދު ބިން ޢަބުދުލް މަލިކު އަވަހާރަވުމުން ދެން ޚަލީފާކަމަށް އިސްވެ ވަޑައިގަތީ ސުލެއިމާނު ބިން ޢަބުދުލް މަލިކެވެ. އައިބީރިއާއާއި އުތުރު އެފްރިކާގައި މޫސާ އިބްނު ނުސޭރު ކިތަންމެ ކާމިޔާބީއެއް ހޯއްދެވި ކަމުގައިވިޔަސް، އެހިސާބުން ޚަލީފާ ސުލެއިމާނު ބިން ޢަބުދުލް މަލިކުގެ ތާއީދު، މޫސާ އިބްނު ނުސޭރަށް ގެއްލި ވަޑައިގަތެވެ. އަދި އައިބީރިއާއާއި އުތުރު އެފްރިކާގެ ގަވަރުނަރުކަމުން ވަކިކުރައްވައި އެ މަޤާމަށް އެހެން ބޭފުޅަކު އިސްކުރެއްވިއެވެ. އަދި ޠާރިޤް ބިން ޒިޔާދުވެސް މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރުކަމުން ވަކި ކުރެއްވިއެވެ. ޠާރިޤް މަޤާމުން ވަކިކުރެއްވުމުން ވަރަށް ދަތި ޙާލުކޮޅުގައި އަވަހާރަވަންދެން ދިމިޝްޤުގައި އުޅުއްވިކަމަށް ބުނެވެެއެވެ.

އެދުވަސްވަރު ދެކެވުނު ވާހަކަތަކުގެ ތެރޭގައި އައިބީރިއާގައި ވެރިޔަކަށް ހުންނެވި މޫސާ އިބްނު ނުސޭރުގެ ދަރިކަލުން ޢަބުދުލް ޢަޒީޒު ބިން މޫސާ ބިން ނުސޭރު، ސްޕޭނުގެ ކުރީގެ ރަސްގެފާނު ރޮޑްރިކްގެ ދަރިކަނބަލަކާއި ކައިވެނި ބައްލަވައިގެން އެކަމަނާގެ އިސްތަށިފުޅުގައި ރަނާއި ޖަވާހިރުން ހަދާފައިވާ ތާޖެއް އެޅުއްވި ކަމަށް ބުނެވެއެވެ. އަދި އެކަމަނާގެ ބައްޕާފުޅުގެ ދަރުބާރުގެ އާދަކާދައާ އެއްގޮތަށް އެންމެން އެ ދެކަނބަލުންނަށް ބޯގުދުކޮށް ކުރުނީސްކުރަން ފެއްޓުވިކަމަށްވެސް ބުނެވެއެވެ. އެންމެފަހުން ޢަބުދުލް ޢަޒީޒު، ދިމިޝްޤުގެ ޚަލީފާ ސުލެއިމާނު ބިން ޢަބުދުލް މަލިކަށް ޣަދަރުވެރިވެ ދެކޮޅު ހެއްދެވުމުން ޚަލީފާ ސުލެއިމާނުގެ އަމުރުފުޅަށް ޢަބުދުލް ޢަޒީޒު އަވަހާރަކޮށްލެވުނެވެ. އަދި އޭނާގެ ބަދަލުގައި އެހެން މީހަކު އައިބީރިއާގެ ވެރިޔަކަށް ހަމަޖެއްސެވިއެވެ. އެއަށްފަހު، ޢަބުދުލް ޢަޒީޒުގެ އިސްތަށިފުޅު ފޮއްޓަކަށްލާފައި ދިމިޝްޤަށް ފޮނުއްވެވުމުން ޚަލީފާ ސުލެއިމާނު ބިން ޢަބުދުލް މަލިކުގެ ހާޒިރުގައި އެ އިސްތަށިފުޅު މޫސާ އިބްނު ނުސޭރާއި ހަވާލުކުރެއްވިއެވެ.

މޫސާ އިބްނު ނުސޭރު، ޣަނީމާ މުދާ ނެންގެވި ކަމުގެ ތުހުމަތުގެ، ބަދަލުގެ ގޮތުގައި ދައްކަވަން ޚަލީފާ ސުލެއިމާނު ބިން ޢަބުދުލް މަލިކު އެންގެވި ފައިސާ ދެއްކެވުމުގެ ބުރައާއިއެކު، އަވަހާރަކޮށްލެވިފައިވާ ދަރިކަލުންގެ އިސްތަށިފުޅު ފެނިވަޑައިގަތުމުން ލިބިވަޑައިގެންނެވި ހިތާމައިގައި މަދު އަހަރުތަކެއް ފަހުން މޫސާ އިބްނު ނުސޭރުވެސް އަވަހާރަވެއްޖެއެވެ.

އަބޫ ޢަބުދު ﷲ އަލް ބަކްރީ އޭނާގެ "ކިތާބުލް މަސާލިކް ވަލް މަމާލިކް"ގައި ބަޔާންކުރައްވާފައިވާ ގޮތުގައި މޫސާ އިބްނު ނުސޭރު އަވަހާރަވެ ފަސްދާނު ލެވިފައިވަނީ ސްޕޭނުގެ ޒަރަގޯޒާގައެވެ. ޠާރިޤް ބިން ޒިޔާދު އަވަހާރަވީ މީލާދީން 720 ވަނަ އަހަރު ސީރިއާގެ ދިމިޝްޤުގައެެވެ.

ގިނަ ތާރީޚު ޢިލްމުވެރިން ލިއުއްވާފައިވާ ގޮތުގައި، އެ މޭޒުކޮޅު ދިމިޝްޤަށް ގެނެވުނު ފަހުން އިޓަލީގެ ރޯމަށް ގެންދެވުނެވެ. އެ މޭޒުކޮޅު ރޯމަށް ގެންދެވުނީ ކިހިނެއްކަމެއް، އެއްވެސް ލިޔުންތެރިޔަކު ބަޔާންކޮށްފައި ނުވެއެވެ. މިވާހަކަ އެންމެފުރަތަމަ ލިޔުއްވާފައިވަނީ މަޝްހޫރު ޖިއޮގްރަފަރ އަލް އިދްރީސީއެވެ. އިދްރީސީއަކީ ސިސިލީގެ ރަސްގެފާނު ރޮޖަރ 2 ގެ ދަރުބާރުގައި 18 އަހަރު އުޅުއްވި ބޭކަލެކެވެ.

 

ވާސިލުވި މަރުޖިޢުތައް:
1. ފުތޫޙާތު އަލް މިޞްރު ވަލް މަޣްރިބު – އިބްނި ޢަބުދުލް ޙަކަމް
2. ފުތޫޙު އަލް ބިލްދާން – އަލް ޠަބަރީ
3. މަޖުމަޢުލް ބިލްދާން – ޔާޤޫތު އަލް ޙަމަވީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1720
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *