Support Us

މެދު އަދި މަތީފަންތީގެ ގެދޮރުވެރިކަމަށް 300 ޔުނިޓް އެޅުމަށް ތިން ކުންފުންޏެއް ހޮވައިފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މެދު އަދި މަތީފަންތީގެ ގެދޮރުވެރިކަމަށް ޙާއްޞަކޮށްގެން 300 ހައުސިން ޔުނިޓް އެޅުމަށް ތިން ކުންފުންޏެއް ހޮވައިފިއެވެ.

ހުޅުމާލޭ ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އެޗް.ޑީ.ސީ)ން ނެރުނު ބަޔާނެއްގައި ބުނީ ޑިމާންޑަށް އެކަށީގެންވާ ގިނަ ޕްރޮޖެކްޓްތަކެއް ނެރުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 355 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓް އިޢުލާން ކުރެވި، އޭގެ ތެރެއިން 300 ޔުނިޓް އެޅުމަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިން ކުންފުންޏަކާ ކޮންޑިޝަނަލް ސިޓީގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ވަނީ ފުރުޞަތުދެވިފައި ކަމަށެވެ. އެ ތިން ކުންފުންޏަކީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރް.ސީ.އެން.ސީ)، ސާސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އަދި އެސް.ޖޭ ކޮންސްޓްރަކްޝަނެވެ. އަދި ބާކީ އޮތް 55 ޔުނިޓް ތަރައްޤީކުރާނެ ފަރާތެއް ހޮވުމުގެ އިވެލުއޭޝަން މަސައްކަތް ނިމި ކޮންޑިޝަނަލް އެވޯޑް ކުރުމުގެ މަސައްކަތް  ކުރަމުންދާ ކަމުގައި ވެސް އެޗް.ޑީ.ސީން ބުނެއެވެ.

އެޗް.ޑީ.ސީން ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހި ނިމޭ ހިސާބުގައި، ޕްލެޓިނަމް ރެސިޑެންސް ހުރި ސަރަހައްދުގެ ތިން ޕްލޮޓެއް ތަރައްގީކުރަމަށް ހިންގާ މި މަޝްރޫޢު ވެގެން ދާނީ މިގޮތަށް އިމާރާތް ކުރެވޭ އާއްމުންނަށް އެންމެ ކުޑަ އަގުގައި ހުޅުވާލެވިގެންދާނެ ފަހަރު ކަމުގައެވެ.

"މިކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މި ކޯޕަރޭޝަންގެ ފަރާތުން ކޮށްފައިވާކަން ފާހަގަކޮށްލަމެވެ. މިގޮތުން އާއްމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުޞޫލަށް ބަދަލުތަކެއް ވަނީ ގެނެވިފައެވެ. މިގޮތުން ކޮންމެ ޕްރޮޖެކްޓަކުންވެސް 60 އިންސައްތަ ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެއްމެ ކުޑަ އަގަށް އިމާރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އެންގިފައިވާއިރު އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާއްމު ފަރާތުގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތަށް މިކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓުމަކަށް އައިސް އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުޞަތު އާއްމު ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައި ވެސް މި ކޯޕަރޭޝަނުން ޤަބޫލުކުރަމެވެ." އެޗް.ޑީ.ސީން ބުނެއެވެ.

މި ހައުސިން ޔުނިޓްތައް އާރް.ސީ.އެން.ސީގެ ފަރާތުން ވިއްކުމަށް ހުށަހަޅައިފައިވާ އަގަކީ އަކަފޫޓަކަށް 1،800 ރުފިޔާ ކަމަށާއި އެސް.އޭ.އެސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އިން ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 2،185 ރުފިޔާ އަދި އެސް.ޖޭ ކޮންސްޓްރަކްޝަނުން ހުށަހަޅައިފައި ވަނީ އަކަފޫޓަކަށް 1،987 ރުފިޔާ ކަމުގައި ވެސް އެޗް.ޑީ.ސީން ބުނެއެވެ. މިއީ މިހާތަނަށް މިކެޓަގަރީން ހައުސިންގ ޔުނިޓް ވިއްކުމަށް ހުށަހަޅާފައިވާ އެއްމެ ކުޑަ އަގުތައް ކަމުގައި ވެސް އެޗް.ޑީ.ސީން ފާހަގަކުރެއެވެ.

"ކޮންޑިޝަނަލް ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފަހު މާރިޗު މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އަންދާސާ ކުރެވެއެވެ. މިފުރުޞަތުގެ ދަށުން އިމާރާތް ކުރެވިގެންދާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްވެގެން ދާނީ ރަނގަޅު ފެންވަރެއްގައި ގިނަ ޚިދުމަތްތަކާއި އެކު އަތްފޯރާފަށުގައި ހުޅުވާލެވިގެންދާނެ މުހިއްމު ޕްރޮޖެކްޓްތަކެއްގެ ގޮތުގައެވެ. އަދި މި މަޝްރޫޢު އާއި ބެހޭ މަޢުލޫމާތު މި ކޯޕަރޭޝާންގެ "މައި ހުޅުމާލޭ ޕްރޮޕަޓީސް" ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ." އެޗް.ޑީ.ސީން ބުނެއެވެ.