ލޯމާފާނު ނުވަތަ މާލޯފާނަކީ ލޯފޮތިތަކެއްގައި ލިޔެފައިވާ ރާއްޖޭގެ ރަސްރަސްކަލުން ދެއްވި ބޯގަ ފަތްކޮޅު ތަކެކެވެ. ބޯގައަކީ މިސްކިތް، ޒިޔާރަތް ފަދަ މުޤައްދަސް ތަންތަނަށް ކުރާ ވަޤުފެކެވެ. (ދިވެހި ބަސްފޮތް 2006).
ރަސްރަސްކަލުންގެ ރަސްމީ ފަތްކޮޅުތަކެއްގެ ގޮތުގައި ލޯފޮތިތަކެއްގައި ލިޔުއްވާފައިވާ ލޯމާފާނުތަކަކީ މިހާރު ފެންނަން ހުރި ދިވެހި ލިޔުންތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ލިޔުންތަކެވެ.

ލޯމާފާނުގައި ހިމެނޭ ލޯފޮތިތައް ހުންނަނީ ދެފުށުގައި ލިޔެފައެވެ. ކޮންމެ ފުށެއްގައި ލިޔެފައިވަނީ ފަސްފޮޅުވަތެވެ. މި ފޮތިތަކުގެ އެއްކޮޅުގައި ލޯވަޅު އަޅައި، ބޮޅަކަށް އަމުނައިފައި، ލޯމާފާނު ދެއްވި މިސްކިތެއްގެ އެތެރޭ ފާރުގައި އަޅުވާފައި ވެއެވެ.
ލޯމާފާނަށް ބޭނުން ކޮށްފައިވާ ނަންތަކަކީ: ލޯމާފާނު، މާލޯފާނު، ތާންބްރަމާފާނު އެވެ. ފެނިފައިވާ ލޯމާފާނުތަކުގެ ފޮތިތަކުގެ އެވްރެޖް މިނަކީ ގާތްގަނޑަކަށް 2.5 އިންޗި ފުޅާ 13 ވަރަކަށް އިންޗި ދިގެވެ.
ދިވެހި ބަސްފޮތް (2006) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ލޯމާފާނަކީ "ރަދުންގެ އަމުރުފުޅުތަކާއި ތާރީޚީ ވާހަކަތައް ލިޔުމަށް ލޮއިން ނުވަތަ އެނޫންވެސް ވިރިކެކޭ މަޢުދަނަކުން ހަދައިފައި ހުންނަ ހަނި ދިގު ފޮތިތަކެކެވެ." ވީމާ، ލޯމާފާނަކީ ލޯފޮތިތަކެއްގައި ރަދުންގެ ބަސްފުޅުތައް ލިޔެފައިވާ ރަސްމީ ލިޔުމެކެވެ.
މިހާތަނަށް ރާއްޖެއިން ފެނިފައިވާ ލޯމާފާނުތަކުގެ ތެރެއިން އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނުން އެނގޭ ގޮތުގައި (1153މ. (548ހ.) ވަނަ އަހަރު) ރާއްޖޭގެ ރަދުން އިސްލާމްވެވަޑައިގަތްތާ 42 އަހަރު ފަހުން އިސްދޫ އިސްލާމްކުރެވުނީ 1195މ. ވަނަ އަހަރުގައެވެ. ދަނބިދޫ އިސްލާމްކުރެވުނީ އޭގެ އެއް އަހަރު ފަހުން 1196 ގައެވެ.
ރާއްޖެއިން ފެނިފައިވާ ލޯމާފާނުތައް
ތިރީގައިވާ ތާވަލުގައި އެވަނީ މިހާތަނަށް ރާއްޖެއިން ފެނިފައިވާ ލޯމާފާނުތަކެވެ. މީގެ ތެރެއިން ތިން ލޯމާފާނަކީ ހައްދުންމަތީގެ ރަށްރަށުން ފެނުނު ލޯމާފާނެވެ. މި ލޯމާފާނުތަކުން އެނގޭ ގޮތުގައި ހައްދުންމަތީ ގަން، އިސްދޫ، ދަނބިދޫ އިސްލާމް ކުރެއްވީ އައްސުލްޠާން ދިނެއި ކަލަމިންޖާ، ސިރީ ގަޑަނާދީއްތަ މަހާރަދުންނެވެ.

| ނަން | މީލާދީ ތާރީޚު | ލިޔެފައިވާ އަކުރު | |
| 1 | ގަމު ލޯމާފާނު (ހައްދުންމަތީ އަތޮޅު ލޯމާފާނު 1) | 1194 / 1195 | އެވޭލާއަކުރު |
| 2 | އިސްދޫ ލޯމާފާނު | 1195 / 1196 | އެވޭލާއަކުރު |
| 3 | ދަނބިދޫ ލޯމާފާނު (މާލޭ އެތެރެކޯލު ލޯމާފާނު) | 1196 / 1197 | އެވޭލާއަކުރު |
| 4 | ކުޑަހުވަދޫ ލޯމާފާނު (ހައްދުންމަތީ އަތޮޅު ލޯމާފާނު 2) | 1236 / 1237 | އެވޭލާއަކުރު |
| 5 | މާލޭ ބޮޑުގަލު މިސްކިތް ލޯމާފާނު | 1356 / 1357 | ދިވެސްއަކުރު |
ގަމު ލޯމާފާނު
ގަމު ލޯމާފާނަކީ، މީލާދީ ސަނަތުން 1192 ން 1198 ށް (588ހ.-595ހ.) ރަސްކަން ކުރެއްވި އައްސުލްޠާން ދިނެއި ކަލަމިންޖާ، ސިރީ ގަޑަނާދީއްތަ މަހާރަދުން ގެ ރަސްކަމުގައި ލިޔުއްވާފައިވާ ލޯމާފާނެކެވެ. މިލޯމާފާނު ލިޔެފައިވަނީ ހިޖްރީ ސަނަތުން 592 (1194މ. / 1195މ.) ވަނަ އަހަރުގައެވެ.

އެވޭލާ އަކުރުން ލިޔެފައިވާ ގަމުލޯމާފާނު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މި ލޯމާފާނުގައި 17 ފޮތި އިހަށް އޮތް ކަމުގައި ވެއެވެ. އެކަމަކު، މިހާރު ފެންނަން އޮތީ އޭގެ ތެރެއިން ފުރިހަމައަށް އޮތް ފަސް ފޮއްޗާއި ހަތް ބުރިވަރެވެ.
މީލާދީ ސަނަތުން 1922 ވަނަ އަހަރު އެޗް.ސީ.ޕީ. ބެލް މި ލޯމާފާނު ބެއްލެވިއިރުވެސް މީގެ ޙާލަތު ވަނީ ރަނގަޅަށް ނޫން ކަމަށް އޭނާ ލިޔުއްވައިފައި ވެއެވެ. އެޗް.ސީ.ޕީ. ބެލް މި ލޯމާފާނަށް ދެއްވާފައިވާ ނަމަކީ ހައްދުންމަތީ ލޯމާފާނު 1 އެވެ.
މި ލޯމާފާނުގައި އެކިއެކި ރަސޫލު ބޭކަލުންގެ ނަންފުޅުތަކާއި މަލާއިކަތުންގެ ނަންފުޅުތަކާއި ވާހަކަތައްވެސް ލިޔެފައި ވެއެވެ. އަދި އިސްލާމްދީނަށް އުޅުމަށް އަމުރުކުރައްވައި ދީފައިވާ ހެޔޮނަޞޭހަތުގެ ބަސްތައްވެސް ވެއެވެ. މި ލޯމާފާނުގައި ހިމަނާފައިވާ އިސްލާމްދީނުގެ އެކި ވާހަކަތަކުގެ އިތު ވާހަކަތައްވެސް ވެއެވެ.
ކުޑަހުވަދޫ ލޯމާފާނު
ކުޑަދަހުވަދޫ ލޯމާފަނަކީ، އެޗް.ސީ.ޕީ.ބެލް ވިދާޅުވާ ގޮތުންނަމަ "ހައްދުންމަތީ އަތޮޅު ލޯމާފާނު ނަންބަރު 2″ އެވެ. އެހެންނަމަވެސް މި ލޯމާފާނުގައި ލިޔެފައިވާ މައިގަނޑު ވާހަކަތަކަކީ ނިލަންދެއަތޮޅު ކުޑަހުވަދޫގައި ހުރި ވޭރެއްގެ ވާހަކަތައް ކަމަށް ވާތީ މި ލޯމާފާނަށް ދެވިފައިވާ ނަމަކީ "ކުޑަހުވަދޫ ލޯމާފާނު" އެވެ. މި ލޯމާފާނަކީ މީލާދީ ސަނަތުން 1232 ން 1257 ށް (630ހ. – 655ހ.) ރަސްކަން ކުރެއްވި އައްސުލްޠާން ސިރީ ވައްލަދިޔޯ، ސިރީ ރާދޭސްވަރަ މަހާރަދުންގެ ރަސްކަމުގައި ލިޔުއްވާފައިވާ ލޯމާފާނެކެވެ.
މީލާދީ ސަނަތުން 1922 ވަނަ އަހަރު އެޗް.ސީ.ޕީ. ބެލް މި ލޯމާފާނު ދެކެވަޑައިގަތްއިރު އޭގައި އޮތީ އަށް ފޮއްޗެވެ. މި ލޯމާފާނުގައިވާ ލިޔުންތަކަށް ދިރާސީ ނަޒަރަކުން ބަލާއިރު ބެލެވެނީ އެއް ފޮއްޗަށް ވުރެ ގިނަ ފޮތި ގެއްލިފައިވާ ކަމެވެ. އެކަން އެނގޭ ގޮތަކީ، އެ ފޮތިތަކުގައި އާންމު ގޮތެއްގައި ފުރަތަމަ ލިޔެފައި އޮންނަ، ރަސްރަސްކަލުންގެ މަތިފުށުގެ ވާހަކަތައް ލިޔެފައިވާ ފޮތިތައް ނެތުމުންނެވެ.

ކުޑަދަހުވަދޫ ލޯމާފަނު ލިޔެފައިވަނީ ހިޖްރައިން 636 (1236މ. / 1237މ.) ވަނަ އަހަރުގެ ތެރޭގައެވެ. މިލޯމާފާނު ލިޔެފައިވަނީ އެވޭލާ އަކުރުންނެވެ.
އިސްދޫ ލޯމާފާނު
އިސްދޫ ލޯމާފާނަކީ، މީލާދީ ސަނަތުން 1192 ން 1198 ށް (588ހ.-595ހ.) ރަސްކަން ކުރެއްވި އައްސުލްޠާން ދިނެއި ކަލަމިންޖާ، ސިރީ ގަޑަނާދީއްތަ މަހާރަދުން ގެ ރަސްކަމުގެ ގާތްގަނޑަކަށް ތިން ވަނަ އަހަރުގައި ލިޔެވިފައިވާ ލޯމާފާނެކެވެ. މި ލޯމާފާނުގެ ވާހަކަ އެޗް.ސީ.ޕީ. ބެލްގެ ފޮތުގައި ބަޔާން ކުރެވިފައިއެއް ނުވެއެވެ. މި ލޯމާފާނުގައި ގަޑަނާދީއްތަ މަހާރަދުންގެ މަތިފުށާ ބެހޭގޮތުން ލިޔެފައި ވެއެވެ. މީގެ އިތުރުން ރަދުން އިސްދޫ އިސްލާމްކުރައްވައި، މިސްކިތެއް ބިނާކުރައްވައި، އެމިސްކިތް ބެލެހެއްޓުމަށްޓަކާ ބޭނުންވަނޭހާ ކަންކަން ފުރިހަމަކޮށްދެއްވި ގޮތުގެ ވާހަކަތައްވެސް ވެއެވެ. އަދި މިނޫން ކިތަންމެ ވާހަކައެއްވެސް ވެއެވެ.

އިސްދޫ ލޯމާފާނުގައި ވަނީ 21 ފޮއްޗެވެ. އެފޮތިތައް ވަނީ ބޮޅަކަށް އަމުނާފައެވެ. ކޮންމެ ފޮއްޗެއްގެ ބޮޑުމިނަކީ 2.75 13.03 އިންޗި އެވެ. މި ލޯމާފާނު ލިޔެފައިވަނީ އެވޭލާ އަކުރުންނެވެ. ތާރީޚު ޖަހާފައި ވަނީ ކީރިތި ރަސޫލާ ﷺ ސުވަރުގެ ވަޑައިގެންނެވި އަހަރުން ފެށިގެންނެވެ. މި ލޯމާފާނުގައި ވާގޮތުން ލޯމާފާނު ލިޔެފައިވަނީ ގަޑަނާދީއްތަ މަހާރަދުން ރަސްކަމަށް އިސްވެ ވަޑައިގެންނެވިތާ ތިން ވަނަ އަހަރު ކަމަށް ބެލެވޭ ހިޖްރީ ސަނަތުން 592 (1195/1196މ.) ހިސާބުގައި އެވެ.
އިސްދޫ ލޯމާފާނުން ފާހަގަ ކުރެވޭ އެއްކަމަކީ މިލޯމާފާނުގައި ލިޔެފައިވާ އެއްވެސް ދިވެއްސެއްގެ ނަން ޢަރަބިބަހުން ލިޔެފައެއް ނުވެއެވެ. ނަމަވެސް މީހުންގެ ނަންތައް ފިޔަވާ ލިޔެފައިވާ ޢަރަބި ބަސްތަކުގެ ތެރޭގައި "ޝަރީޢަތް"، "މަސްޖިދު"، "ކަޢުބާ"، "ޝަހާދަތް" ފަދަ ބަސްތައް ވެއެވެ. މި ލޯމާފާނު ލިޔެވުނުތާ 163 އަހަރު ފަހުން (1357މ. ގައި) ދިވެސް އަކުރުން ލިޔެފައިވާ ބޮޑުގަލު މިސްކިތު ލޯމާފާނުގައި ލިޔެފައިހުރީ ޢަރަބި ނަންނަމެވެ.
ދަނބިދޫ ލޯމާފާނު
ދަނބިދޫ ލޯމާފަނަކީ އެޗް.ސީ.ޕީ.ބެލްގެ (1940 ޞ 180-181) މޮނޮގްރާފުގައި "މާލޭ އެތެރެކޯލު ލޯމާފާނު"ގެ ނަމުން ނިސްބަތް ކުރައްވާފައިވާ ލޯމާފާނުކަމަށް ވީނަމަވެސް މި ލޯމާފާނުގައި ލިޔެފައިވަނީ ހައްދުންމަތީ (ލ.) ދަނބިދޫގެ ވާހަކަތައް ކަމަށްވާތީ، "ދަނބިދޫ ލޯމާފާނު"ގެ ނަން މިލޯމާފާނަށް ދެވިފައިވެއެވެ. މި ލޯމާފާނު ލިޔުއްވާފައި ވަނީ މީލާދީ ސަނަތުން 1192 ން 1198 ށް (588ހ.-595ހ.) ރަސްކަން ކުރެއްވި އައްސުލްޠާން ދިނެއި ކަލަމިންޖާ، ސިރީ ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގައި މީލާދީ ސަނަތުން 1196މ. ން 1197 ވަނަ އަހަރާ ދެމެދުގަ އެވެ. ހިޖްރީ ގޮތުން ބަލާނަމަ މި ލޯމާފާނު ލިޔެވުނީ ކީރިތި ރަސޫލާ ﷺ ސުވަރުގެ ވަޑައިގެންނެވިތާ 583 އަހަރު ފަހުގެ ތާރީޚެއްގައެވެ. ހިޖްރީ ސަނަތުން ބަލާނަމަ ދަނބިދޫ ލޯމާފާނު ލިޔެފައިވަނީ ހިޖްރައިން 593 ވަނަ އަހަރުގެ ތެރޭގައެވެ.

ދަނބިދޫ ލޯމާފާނުގައި 16 ފޮތި އޮތްއިރު، އޭގެ ތެރެއިން 14 ވަނަ ފޮތި ވަނީ ގެއްލިފައެވެ. މިހާރު 15 ފޮތި ހިމެނޭ މި ލޯމާފާނު ލިޔެފައި ވަނީ އެވޭލާ އަކުރުންނެވެ. މި ލޯމާފާނުގައި ލިޔެފައިވާ ލިޔެފައިވާ މައިގަނޑު އެއް ވާހަކައަކީ ގަޑަނާދީއްތަ މަހާރަދުންގެ އަމުރުފުޅަށް ދަނބިދޫ އިސްލާމް ކުރެއްވި ހާދިޘާއެވެ. ލ. ދަނބިދޫގައި އޭރު ހުރި ބުޑިސްޓް ވޭރު ނައްތާލައްވައި، ހާމުދުރުންގެ ޖަމާޢަތްތައްވެސް ނައްތާލެއްވައި ރަށުމީހުން އިސްލާމް ކުރައްވައި މިސްކިތެއް ބިނާކުރައްވާފައިވާކަން މިލޯމާފާނުގައި ލިޔެފައިވެއެވެ. މިއީ އެ މިސްކިތުގެ ބޯގަ ހަމަޖެއްސެވި ލޯމާފާނެއެވެ.
މީލާދީން 12 ވަނަ ޤަރުނު (ހިޖްރީ ސަނަތުން 6 ވަނަ ޤަރުނު) ގެ ދިވެހިރާއްޖޭގެ އަހުލުވެރިންނާ އެބައިމީހުންގެ ދިރިއުޅުން އޮތްގޮތް މިލޯމާފާނުންވެސް ދޭހަކޮށްދެ އެވެ.
ދަނބިދޫ ލޯމާފާނުގެ ދެވަނަ ފޮތީގެ ދެ ފުށުގައި އެވޭލާ އަކުރުން ލިޔެފައިވާ ލިޔުމާ އެލިޔުމުގެ ތަރުޖަމާއެވެ. ތަރުޖަމާ ކުރެއްވީ ޢަލީ ނަޖީބެވެ.

މާނަ:
ރަތުރަން ފަދަ އުޖާލާ އެންމެންގެ މެދުގައި މަޤްބޫލް ކަލަމިންޖާ އެވެ. ފުރިހަމަ އެއްލައްކަ ޖަޒީރާ ރައްކައުތެރިކުރައްވައި، އެއްގޮތެއްގައި ސާބިތުވެ ހުންނަވާ މާތްސާހިބާ އެވެ. ވަގުތުން ޖެހޭ ކަންތައް ވަގުތުން ކޮށްދެއްވާ 15 ވިލޭރޭގެ ހަނދެވެ. އެންމެންގެ ރުހުން ލިބިވަޑައިގަންނަވާ ފަދަ ސިފައާއި ގޮތް ލިބިވަޑައިގެންވާ ކަލަމިންޖާއެވެ. ހުސްވުމެއް ނެތް ޖަވާހިރުގެ ޚަޒާނާއެއް ފަދަ މަނިކުފާނު ވަނީ އެސްތަކުން ޖަރީވެފައިވާ ތާޖަކުން ޒީނަތްތެރިވެވަޑައިގެންފައެވެ. ދިހަ ދަރިކޮޅުގެ ބާރު ލިބިވަޑައިގެންވާ ކަލަމިންޖާގެ ވާހަކަފުޅު ދެއްކެވުން މޮޅު މީހުންނާ ދެރަ މީހުންނާ ހަމަހަމައެވެ. ރަންމުތްތަކެއް ކަހަލަ ރީތި ބަސްފުޅުތަކުންނެވެ. ތަޢާރަފްކޮށް މިދެންނެވި ކަލަމިންޖާގެ ރަސްކަމަށް ފެށުނީއެވެ. އެއީ މާތްވެގެންވާ ގަޑާނާދީއްތަ މަހާރަދުންނެވެ. މުޅި ރާއްޖޭގެ ރަސްކަލަކަށްވީ ދުވަހުން ފެށިގެން ހަތަރުވަނަ އަހަރު ތެރޭގައި ކުރީގެ ކާފަރު ރަސްކަލުން އެޅުއްވި ދަނބިދޫ ވޭރުގައި ހުރި މީހާ މަޤާމުން ވަކިކޮށް، ބުދު އުފުރާލާ ދަނބިދޫގައި ތިބި ކާފަރުންނަށް ޝަހާދަތް ކިއަވައިދީ، ޚިތާނުކޮށް، ގެ ޝަރީޢަތުގައި ހުރިގޮތަށް ރޯދަހިފައިފައި ނަމާދުކޮށް ﷲ އަށް އަޅުކަންކުރަން އެންގެވިއެވެ. މާތްވެގެންވާ މުޙައްމަދު ރަސޫލުﷲ ދުނިޔެ ވީއްލަވައި (2 ވަނަ ފޮތީގެ 1 ވަނަ ފުށް ނިމުނީ)

މާނަ
ސުވަރުގެ ވަޑައިގަތް ފައްސައްތަ ތެއާހިވަނަ އަހަރު ދަނބިދޫގެ ވޭރު ހުރި ސަރަޙައްދު ބަލައި، އެއްވެސް ދަރިކޮޅަކަށް ނުވާ ބިމެއްގައި ފެނާޖައްސައި ބިންގައު އަޅުއްވައި، މިސްކިތް ޢިމާރާތްކުރައްވައި ފަންޖައްސަވައި ނިންމަވައި ދިދަ ދަނޑިއެއް ޖައްސަވައި މިމްބަރު ބަހައްޓަވައި ޖުމްޢާއެވެ ނަންދެއްވައި، މިސްކިތަށް ފުރިހަމަ ހަރިއްމައެއް ނަންގަވައި ހަތަރު މޫނު (ހަތަރު ފަރާތު) ފާރުލައްވައި ފެންވެރުމާ ބެހޭ ކަންތައްކުރާ ގެއާއި ކިއަވަންތިބޭގެ ހައްދަވައިފިއެވެ. މިހުރިހައި ޢިމާރާތް މިސްކިތަށް ލައްވައި މުދަލެއްކަމުގައި ހައްދަވައިފިއެވެ. ވޭރު ހިންގާ ވެރިންނަށް ތިބި މީހުންގެ ތެރޭން ހާމުދުރުންގެ ޖަމާޢަތް ނައްތަވައިލައްވައި، ދަނބިދޫގެ ބޮޑެތި ގޭގޭގައި ތިބިހައި ޢިއްޒަތްތެރިން….
ބޮޑުގަލު މިސްކިތު ލޯމާފާނު
ބޮޑުގަލު މިސްކިތު ލޯމާފާނަކީ، އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ސިރީ ރާދައަބާރަނަ މަހާރެހެންދިގެ ރަނިކަމުގައި، ހިޖްރީ ސަނަތުން 758ހ. (1357މ. ނުވަތަ 1356މ.) ވަނަ އަހަރު ލިޔެފައި އޮތް ލޯމާފާނެކެވެ. އެ ދުވަސްވަރަކީ އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ރަނިކަމުގެ 16 ވަނަ އަހަރުކަންވެސް ބޮޑުގަލު މިސްކިތު ލޯމާފާނުން އެނގެއެވެ. ދިވެސް އަކުރުން ލިޔެފައިވާ މި ލޯމާފާނު މިހާރު ފެންނާން ނެތް ނަމަވެސް މި ލޯމާފާނާ ބެހޭ ވާހަކަތަކާއި ފޮޓޯ އެޗް.ސީ.ޕީ. ބެލްގެ މޮނޮގްރާފްގައި ވެއެވެ.

ބޮޑުގަލު މިސްކިތު ލޯމާފާނުގައި އޮތީ 10 ފޮއްޗެވެ. ފުރަތަމަ ފޮތީގެ މަތީގައި އައްސުލްޠާން އަބުލްފަތްޙި ޖަލާލުއްދީން ޢުމަރުވީރު، ސިރީލޯކަ އަބާރަނަ މަހާރަދުން ގެ ސިއްކަފުޅު ޖަހާފައިވެއެވެ. މި ރަދުންގެ ދޮށީ ދަރިކަނބަލުންނަކީ އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ އެވެ.
ބޮޑުގަލު މިސްކިތު ލޯމާފާނުގައި ލިޔެފައިވާ ލިޔުމަކީ އެވޭލާއަކުން ދިވެސް އަކުރަން ބަދަލުވާން ފަށާފައިވާ ދުވަސްވަރުގެ ލިޔުންތަކުގެ ތެރެއިން 1922 ވަނަ އަހަރު އެޗް.ސީ.ޕީ. ބެލް އަށް ފުރަތަމަ ފެނިލެއްވި ލިޔުކަން ބެލް ފާހަގަ ކުރައްވާފައިވެ އެވެ.
ބޮޑުގަލު މިސްކިތް ހުރީ މިހާރުގެ އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލާ ދެމެދުގައެވެ.
މަޢުލޫމާތު ނެގީ:
- މުޙައްމަދު އިބްރާހީމް ލުޠުފީ. (1985، ފެބްރުއަރީ). ލޯމާފާނު 6. ފަތްތޫރަ (71)، ޞ. 11-16. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
- މުޙައްމަދު އިބްރާޙިމް ލުޠުފީ. (1984). ދިވެހިތާރީޚުގެ ތެރެއިން ހޯދުން. ލޯމާފާނު. ފަތްތޫރަ 63-90. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު.
- އެޗް.ސީ.ޕީ ބެލް. (1940). ދަ މޯލްޑިވް އައިލެންޑްސް. މޮނޮގުރާފް އޮން ދަ ހިސްޓްރީ، އާރކިއޮލޮޖީ އެންޑް އެޕިގުރަފީ. (ލޯމާފާނުތަކާ ބެހޭ ލިޔުންތައް ހުރީ ޞަފްޙާ 179 ން 186 އަށް)
https://maldivesheritage.oxcis.ac.uk



advertisment