އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް މިދިޔަ ސެޕްޓެންބަރު މަހު އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތައް ވޮޝިންގްޓަނުން އުވާލައިފި ކަމަށް އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރުގެ ޤާއިމުމަޤާމު ރިޗަރޑް މިލްޒް އިޢުލާން ކުރައްވައިފިއެވެ. އެކަން އޭނާ ހާމަކުރެއްވީ ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައެވެ. ރޮއިޓަރސް ބުނާގޮތުގައި އެ އޭޖެންސީއަށް ވަނީ މި ސިޓީ ބަލައިލަން ލިބިފައެވެ.
ދެހާސް ފަނަރައިގައި އީރާނާ (5+1) ޖަމާޢަތުން އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އެއްބަސްވެފައިވާ އެއްބަސްވުމުން އެމެރިކާ ވަކިވީ 2018 ވަނަ އަހަރުގެ މޭ މަހުގައެވެ. މި ޖަމާޢަތުގައި ހިމެނެނީ ރޫސީވިލާތާއި އިނގިރޭސިވިލާތާއި ޗައިނާއާއި އެމެރިކާއާއި ފަރަންސޭސިވިލާތާއި ޖަރްމަނެވެ. އެމެރިކާއިން މި އެއްބަސްވުމުން ވަކިވުމަށްފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިޤްތިޞާދީ ފިޔަވަޅުތައް ވަނީ އަޅައިފައެވެ.
ޓްރަމްޕްގެ ސީދާ އޯޑަރަށް އެމެރިކާއިން ޢިރާޤުގެ ވައިގެ ބަނދަރަށް ޙަމަލާ ދީ އީރާނުގެ ޤުދްސު ބްރިގޭޑްގެ އިސްވާރު ޤާސިމު ސުލައިމާނީ އާއި ޢިރާޤުގެ ޕޮޕިޔުލަރ މޮބްލައިޒޭޝަން ޖަމާޢަތުގެ ރައީސް އަބޫ މަހްދިލް މުހަންދިސް އަވަހާރަކޮށްލުމާވިދިގެން އީރާނުން ވަނީ މި ނިޔުކްލިއަރ އެއްބަސްވުމުގައި އައިސްފައިވާ ކަންތައްތަކަށް ޢަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
އެމެރިކާ އޮތީ އީރާނާއެކު ވާހަކަދައްކަން ތައްޔާރަށް
ހަމަ އެފަދައިން އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އީރާނާއެކު ވާހަކަ ދައްކަން އެމެރިކާ ތައްޔާރަށް އޮތްކަން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވެސް ވަނީ އެމެރިކާގެ ޔޫރަޕްގެ އެކުވެރީންނަށް ހާމަކުރައްވައިފައެވެ. އެމެރިކާގެ އިސް މަސްއޫލުވެރިއަކު ރޮއިޓަރސަށް ހާމަކުރެއްވި ގޮތުގައި ޔޫރަޕްގެ އިއްތިޙާދުން މި ކަމާ ބެހޭ ދަޢުވަތު އެމެރިކާއަށް ފޮނުވަން ޖެހޭނެއެވެ. އަދި ޔޫރަޕްގެ އިއްތިޙާދުން މިކަމަށް ބޭނުންވާ ސިޔާސަތު ކުރަހާދޭން ވެސް ވާނެއެވެ. އެމެރިކާގެ މި މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސި ވިލާތާއި ޖަރްމަނުވިލާތުގެ ޚާރިޖީ ވަޒީރުން ވަނީ މި ކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. މި މަޝްވަރާތަކަށްފަހު މި ބޭފުޅުން ވިދާޅުވިއެވެ. "އަހުރެމެން މި ތިބީ މިފަދަ ބައްދަލުވުމެއްގައި ބައިވެރިވުމަށް ތައްޔާރަށެވެ."
އެމެރިކާގެ މި މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި އީރާނުގެ ޑިޕްލޮމެޓުން ކުރައްވާ ދަތުރުފުޅުތަކަށް ލުއިދިނުމަށް ހަމަޖެހިފައިވާ ވާހަކަ އެމެރިކާއިން މިހާރު ވާނީ އދ.ގައި ތިއްބަވާ އީރާނުގެ ޑިޕްލޮމެޓުންނަށް ދަންނަވައިފައެވެ. އެހެނަސް އޭނާ ވިދާޅުވިގޮތުގައި އީރާނުގެ މަސްއޫލުވެރީންނާއެކު ރައީސް ބައިޑްންގެ ސަރުކާރުން އަދި އެއްވެސް ގުޅިމެއް ބައްވާފައެއް ނުވެއެވެ.
ފުރަތަމަ ފަހަރަށް ފުރްޞަތު
އެމެރިކާގެ މަސްއޫލުވެރިޔާ ހާމަ ކުރެއްވި ގޮތުގައި މިއީ އެތައް އަހަރަކަށްފަހު ޑިޕްލޮމެސީއަށް ފުރްޞަތު ހުޅުވުނު ފުރަތަމަ ފަހަރެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނުން އިތުރު ޕްރޮޓްކޯލްތަކަށް ޢަމަލު ކުރުން ހުއްޓައިލުމާއި ކުއްލި އިންސްޕެކްޝަންތަކަށް ދޮރު ބަންދު ކުރިކުރުމަކީ "ވަރަށް ނުރައްކާތެރި ފިޔަވަޅު" އެކެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރަޙައްދީ ބައެއް މަސްއަލަތައް ޙައްލުނުކޮށް ނިޔުކްލިއަރ އެއްބަސްވުމަށް ދިރުމެއް ނުގެނެވޭނެއެވެ. މި މަސްއޫލުވެރިޔާ އެއީ ކޮން މަސްއަލަތަކެއް ކަމެއް ހާމައެއް ނުކުރައްވައެވެ.
މި މަހު 17 ވަނަ ދުވަހު އެމެރިކާއިން އީރާނަށް ގޮވާލައިފައިވާ ކަންތައްތަކުގެތެރޭގައި މި އެއްބަސްވުމަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިދާނެ ކަމެއް ނުކުރުން ވެއެވެ. މި އެއްބަސްވުމުގެ ދަށުން އީރާނު ވަނީ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމް ކުރިއަށް ނުގެންދިޔުމަށް އެއްބަސްވެފައެވެ. މިއީ ރައީސް އޮބާމާގެ އަރުތަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރައީސް ޓްރަމްޕް މި އެއްބަސްވުމުން ވަކިވެވަޑައިގަތުމުގެ ސަބަބުން އީރާނުން ވަނީ އެ ޤައުމުގެ ނިޔްކްލިއަރ ޕްރޮގްރާމު އަލުން ކުރިއަށް ގެންދަން ފަށައިފައެވެ. އީރާނާއި އެމެރިކާއިން ވެސް މި އެއްބަސްވުން އަލުން ދިރުވަން ބޭނުންވި ކަމުގައި ވިޔަސް އިސްވެ ފިޔަވަޅު އަޅަންވީ ކޮން ފަރާތަކުންތޯ ވަނީ ސުވާލު އުފެދިފައެވެ.މި އެއްބަސްވުން ބުނާގޮތުގައި އީރާނުން 10 އަހަރުގެ މުއްދަތަކަށް މި ޕްރޮގްރާމު މަނާކުރާ މުހިއްމު ބައިތައް ތަރައްޤީ ކުރިރުމާ ދުރުހެލިވާން ޖެހޭނެއެވެ. އަދި ވަކި މިންވަރަކަށްވުރެ ބޮޑަށް ޔޫރޭނިއަމް މުއްސަނދިކޮށްގެން ނުވާނެއެވެ. މިއީ އީރާނުން ނިޔުކްލިއަރ ހަތިޔާރު އުފައްދާފާނެތީ އަޅާފައިވާ ފިޔަވަޅެކެވެ.
ޔޫރަޕްގެ އިއްތިޙާދު ގޮވައިލަނީ ޑިޕްލޮމަސީ އިސްކުރުމަށް
މި މަހުގެ 18ވަނަ ދުވަހު ޔޫރަޕްގެ އިއްތިޙާދުގެ ރައީސް ޝަރލް މިޝޭލް އީރާނުގެ ރައީސް ޙަސަން ރޫޙާނީއަށް ޑިޕްލޮމެސީއަށް އިސްކަން ދެއްވައިގެން މަސްއަލަ ޙައްލު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޠަހަރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދުގައި އެއްބަސްވެފައިވާ ނިޔުކްލިއަރ އެއްބަސްވުން ދެމެހެއްޓޭނީ ސިޔާސީ މަންސާތަކުގައި ވާހަކަ ދައްކައިގެންނެވެ. އީރާނުން މި އެއްބަސްވުމާ ޚިލާފުވަމުންދާތީ އޭނާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އޭނާ ބާރުއަޅުއްވައި ވިދާޅުވި ގޮތުގައި މި އެއްބަސްވުން ފުރިހަމައަށް ތަންފީޒު ކުރެވެން ޖެހޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނުން އެޓަމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އޭޖެންސީއާއެކު ފުރިހަމައަށް އެއްބާރުލާން ޖެހޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާ އަބުރާ މި އެއްބަސްވުމަށް ގެނައުމަށް އިއްތިޙާދުން މަސައްކަތް ކުރާނެއެވެ.
އީރާނުން ދަނީ ބަޑިބޭހާ ކުޅެމުން
ޖަރްމަނުގެ ޚާރިޖީ ހައިކޯ މާސް އީރާނަށް އިންޒާރު ދެއްވަމުން މި މަހުގެ 18ވަނަ ދުވަހު ވިދާޅުވިގޮތުގައި އީރާނުން ދަނީ މަސްއަލަ އިތުރަށް އޮޅުންބޮޅުން ކުރަމުންނެވެ.އޭނާ ވިދާޅުވިގޮތުގައި އެއީ ބަނޑިބޭހާ ކުޅުންފަދަ ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި ފިއްތުންތައް އިތުރުވި ވަރަކަށް މަސްއަލައަށް ސިޔާސީ ޙައްލެއް ގެންނަން އުނދަގޫވާނެއެވެ.
ނާދިރު ގުޅުއްވުމެއް
މި މައުޟޫޢަށް ބަލާއިރު ޖަރްމަނުގެ މުސްތަޝާރާ އެންޖެލާ މަރކްލް މި މަހު 17ވަނަ ދުވަހު އީރާނުގެ ރައީސް ޙަސަން ރޫޙާނީއާ ފޯނުން ގުޅުއްވާ މި މަސްއަލައާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.ނިޔުކްލިއަރ އެއްބަސްވުމުގެ މުސްތަޤްބަލާމެދު އެކަމަނާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. މަސްއަލަ އަށް ސިޔާސީ ޙައްލެއް ގެނެއުމަށް ޓަކައި އީރާނުން ފައްސި އިސްނެގުމެއް ނަގަން މަރކްލް، ރޫޙާނީއަށް ގޮވައިލެއްވިއެވެ
ބޭނުން ވަނީ ޢަމަލު ބަހެއްނޫން
"އަހުރެމެން ބޭނުން ވަނީ ޢަމަލެވެ. ބަހަކަށް ނޫނެވެ. "އީރާނުގެ ދީނީ މުރްޝިދު ޢަލީ ޢަލީ ޚާމަނައީ ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ." އެއްބަސްވުން ދިރުވަން ބޭނުންވާނަމަ މިއަދުގެ ޙާލަތަށް ބަދަލު ގެނައުމަށްޓަކައި އެމެރިކާއިން އިސްވެ ފިޔަވަޅު އަޅާށެވެ!"ޚާމަނައީގެ މި ވާހަކަފުޅުތައް އީރާނުގެ ޓީވީން ވަގުތުން ދުރަށް ދެއްކިއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންނަށް ވަރަށް ގިނަ ވާހަކަތަކާއި ރީތި ވަޢުދުތަކުގެ އަޑު އިވެއެވެ. ވާހަކަތަކާއި ވަޢުދުތަކުގެ ބޭނުމެއް ނެތެވެ. އަހުރެމެން ގޮވައިލަނީ ވަޢުދު ފުއްދުމަށެވެ. އެއްބަސްވުމަށް ވަފާތެރިވުމަށެވެ. އަނެއްކޮޅުން އަހުރެމެންނަށް އީޖާބީ ފިޔަވަޅުތައް އަޅަމުންދާ ތަން ފެނިއްޖެނަމަ އަހުރެމެން ވެސް ފިޔަވަޅު އަޅަން ފަށާނަމެވެ."
އީރާނުން ފިއްތުންތައް އިތުރު ކުރުމަށް ޓަކައި ނިޔުކްލިއަރ ހަކަތައާ ބެހޭ އދގެ އޭޖެންސީއަށް އެންގި އެންގުމެއް ބުނާގޮތުގައި އެ ޤައުމުން އައި އާރު – 2 އެމް މަރުކާގެ ސެންޓްރަފިއުގަލް އާލަތްތައް ނަތަންޒުގައި ހުންނަ އެ ޤައުމުގެ ޔޫރޭނިއަމު މުއްސަނދި ކުރާ ސްޓޭޝަނުގައި ބަހައްޓަން ފަށާނެއެވެ. މި އޭޖެންސީން މި މަހު 1ވަނަ ދުވަހު ހާމަކުރި ގޮތުގައި އީރާނުން އެ މަރުކާގެ އާލަތްތައް ހިންގަން ފަށައިފިއެވެ. އީރާނުގެ ނިޔުކްލިއަރ އެއްބަސްވުން ބުނާގޮތުގައި އީރާނަށް ބޭނުން ކުރެވޭނީ އައި އާރ -1 މަރުކާގެ އާލަތްތަކެވެ.



advertisment