...

Support Us

ރައީސް ބައިޑްން މުޢާމަލާތު ކުރައްވަނީ ސަލްމާނު ރަސްގެފާނާއެކު: ވައިޓްހައުސް

އެމެރިކާގެ ރައީސް ޖޯ ބައިޑްން އާއި ސުޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާނާ ދެމެދުގައި ވާހަކަ ދެއްކުންތައް ބޭއްވޭނެ ވަގުތަކާ ބެހޭގޮތުން ވައިޓް ހައުސްގެ ތަރްޖަމާނު ޖީން ސާކީ ދެއްވި ބަޔާނަކީ "ސުޢޫދީ ވަލީ ޢަހްދުގެ އިސްތަށިފުޅުގައި ޖެއްސެވި ތަފާލެއް ކަމަށް" ސީއެންއެން އިން ބުނެފިއެވެ.

ބައިޑްން އާއި ބިން ސަލްމާނާ ދެމެދުގައި ވާހަކަދެއްކުން ފެށުމާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސާކީ ވިދާޅުވިއެވެ. "ފެށުނީއްސުރެ އަހުރެމެން ބުނަމުން މި ދާ ވާހަކައަކީ އަހުރެމެންނާ ސުޢޫދީ ޢަރަބިއްޔާއާ ދެމެދުގައިވާ ގުޅުންތައް މި ދަނީ ތަރްތީބު ކުރަމުން ހަމައަކަށް އަޅުވަމުންނެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އެމެރިކާ އާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދުގައި ވާހަކަ ދެއްކުންތައް ދެން ކުރިއަށް ދާނީ ރައީސާއި ރަސްގެފާނާ ދެމެދުގައެވެ. ލަފާކުރެވޭ ގޮތުގައި މުނާސަބު ވަގުތު އައުމުން ރައީސް ބައިޑްން ސަލްމާން ރަސްގެފާނާ ވާހަކަފުޅު ދައްކަވާނެއެވެ. އެކަމަކު އެކަމާ ބެހޭ ތާވަލެއް އަދިއެއް ނެތެވެ."

ސީއެންއެން ބުނާގޮތުގައި އެއީ ޕްރޮޓޮކޯލަށް ތަބާވުން ކަމުގައި ވިޔަސް ނުވަތަ ގަސްތުގައި ވައިޓް ހައުސް އިން އެޅި ފިޔަވަޅެއް ކަމުގައި ވިޔަސް މިއިން ރިވެލިވަނީ ރައީސް ބައިޑްން ވަލީ ޢަހްދާ މާ ޤަބޫލުފުޅު ނޫން ކަމެވެ.

ރައީސް ބައިޑްން އޭނާގެ ރިޔާސީ ޙަމަލާގެ ތެރޭގައި ވިދާޅުވެފައިވާ ގޮތުގައި ސުޢޫދީ ވަލީ ޢަހްދަކީ "އިޖްތިމާޢީ މާ ބޮޑު ބާރެއް" ނޫނެވެ. އެހެނަސް ސުޢޫދީ ޢަރަބިއްޔާގެ ތަފާތު މަޞްދަރުތައް ބުނާގޮތުގައި ޒަމާންވީ އެމެރިކާ– ސުޢޫދީ ގުޅުން އަދިވެސް އޮތީ ވަރަށް ހަރުދަނާކަން މަތީގައެވެ.

ޚަބަރުތައް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ސާކީގެ ވާހަކަފުޅަށް ބަލާއިރު ޑިޕްލޮމެޓިކް ގޮތުން އެނގެނީ ރައީސް ޓްރަމްޕްގެ ވެރިކަމުގައި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާއި ވައިޓް ހައުސްއާ ދެމެދުގައި އޮތް "ހޫނު ގާތް ގުޅުން"  ނިމުމަކަށް އަތުވެއްޖެ ކަމެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގައި ބިން ސަލްމާން އެމެރިކާގެ ޚާރިޖިއްޔާ ފަހަނަޅާ ވަޑައިގެން ޓްރަމްޕްގެ ދަނބި ދަރިކަލުން ގެރިޑް ކޮޝްނަރ މެދުވެރިކުރައްވާ ރައީސް ޓްރަމްޕާއެކު މަސްއަލަތައް ނިންމަވާފައި ވެއެވެ. މިއީ ރަސްމިއްޔާތާ ޚިލާފު ކަމެކެވެ. މުޙައްލިލުން ވިދާޅުވާ ގޮތުގައި ސުޢޫދީ ޢަރަބިއްޔާގެ ޙަޤީޤީ ވެރިއަކީ ވަލީ ޢަހްދެވެ. އެހެންކަމުން ރައީސް ބައިޑްން ސަލްމާން ރަސްގެފާނާއެކު ދައްކަވާ ވާހަކަފުޅުތަކުގައި ވަލީ ޢަހްދު ބައިވެރިވެވަޑައިގަންނަވާނެ ކަން ކަށަވަރެވެ.

ރައީސް ބައިޑްން އޭނާގެ އިންތިޚާބީ ޙަމަލާތަކުގައި ވަޢުދުވެވަޑައިގެންފައިވާ ފަދައިން ޔަމަނުގެ ބާޣީ ޙޫޘީންނާ ދެކޮޅަށް ސުޢޫދީ– އިމާރާތު ކުރަމުންދާ ހަނގުރާމަތަކަށް ހަތިޔާރު ވިއްކުން މިހާރު ވަނީ ހުއްޓުވައި ލައްވައިފައެވެ.

އަނެއްކޮޅުން ބަލާއިރު ބައިޑްން ގޮވައިލައްވާފައިވާ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގެ އަޑާ އެއްގޮތަށް ސުޢޫދީ ޤަޟާއީ ބައެއް އިޖްރާއާތުތައް އިޞްލާހު ކުރެވެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޤާނޫނުތައް މާނަކުރުމުގައި އެ ދެ ޤައުމުގެ ދެމެދުގައި ހުރި ތަފާތުތައް ކުޑަކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ ފޮރިން ނިވްޒް މަޖައްލާ ބުނާގޮތުގައި ވައިޓް ހައުސްއަށާއި ކޮންގްރެސްގެ މައްޗަށް ޑިމޮކްރޭޓުން ގަދަވެގަތުމުގެ ސަބަބުން ސުޢޫދީ ޢަރަބިއްޔާ މިވަނީ ވަރަށް "ދަތި" ޙާލަތަކާ ކުރިމަތިލާން ޖެހިފައެވެ.

މި މަހުގެ 10 ވަނަ ދުވަހު ސުޢޫދީން ވަނީ އަންހެނުންގެ ޙައްޤުތައް ދިފާޢުކުރުމަށް ނުކުމެ އުޅޭ ލުޖައިނުލް ހަޛްލޫލު ޖަލުން ދޫކޮށްލައިފައެވެ. މީގެ އިތުރަށް މި އަހަރުގެ ކުރީކޮޅު ސިޔާސީ އެތައް ހައްޔަރީންތަކެއް ވަނީ ދޫކޮށްލައިފައެވެ. މީގެ އިތުރަށް މަދުރަސީ ފޮތްތައް ވަނީ އިޞްލާޙު ކުރަން ފަށައިފައެވެ. ޖިހާދާއި ސާމިއްޔާތާ އިދިކޮޅު ބައެއް މައުޟޫޢުތައް ވަނީ މި ފޮތްތަކުން އުނިކޮށްފައެވެ. މިއީ އެމެރިކާ ދެކޭގޮތުގައި ކިޔަވާދީގެންވާނެ މަޢުޟޫޢުތަކެއް ނޫނެވެ. އެއީ މި ކަމުގެ ސަބަބުން ޙައްދުފަހަނަޅައި ދިޔުމަށް ހިތްވަރު ލިބޭނެތީއެވެ.

ސުޢޫދީ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖު ކުރުމުގެ ޙަރަކާތްތަކެއްގައި ބައިވެރިވެގެން މެރުމަށް ނިޔާ ކަނޑައަޅާފައިވާ ތިން ޒުވާނެއްގެ ޙުކުން ވަނީ 10 އަހަރަށް ޖަލަށް ލުމަށް ބަދަލުކޮށްފައެވެ.

މީގެ އިތުރަށް ސުޢޫދީ ނޫސްވެރިއެއް ކަމުގައިވާ ޖަމާލު ޚާޝްޤަޖީ އަވަހާރަކޮށްލެވުނު މަސްއަލައަކީ އެމެރިކާގެ ޑިމޮކްރޭޓުންނާއި ޖުމްހޫރީން ވެސް އެކަމާމެދު ކަންބޮޑުވުން ހާމަކުރަމުންދާ މަސްއަލައެކެވެ. މި މަސްއަލަ ރަނގަޅަށް ބެލެން ޖެހޭނެ ކަމަށް އެމެރިކާ އިން ބުނެއެވެ.

މިފަދަ "ކުދިކުދި" ކަންތައްތަކުގައި ދެބަސްވުންތައް ހުރިކަމުގައި ވިޔަސް އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާ އެއްގަލަކަށް އަރުވާ އިސްތިރާޖީ މަޞްލަޙަތުތަކެއް އެބަ އޮތްކަން ފާހަގަ ކުރަން ޖެހެއެވެ. އޭގެތެރޭގައި އީރާނުން ގަލްފުގައި ގެންގުޅޭ ހަންފެތުރުމުގެ ސިޔާސަތަށް ހުރަސްއެޅުމާއި، ތެލުގެ ބާޒާރުގައި ތިލަފަތް ހަމަ ސިޔާސަތެއް ޤާއިމުކުރުމާއި، ޗައިނާއާ ކުރިމަތިލުމާއި، އަރަބިންނާއި އިސްރާއީލާ ދެމެދުގައި ސުލްޙަ ޤާއިމުކޮށްގެން މެދު އިރުމައްޗަށް ހަމަޖެހުން ގެނެއުމަށް މަސައްކަތް ކުރުން ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.