...

Support Us

އެސްޓްރަޒަނިކާ ވެކްސިންގެ ސައިޑް އިފެކްޓްސް ބޮޑު ކަމުން ޔޫރަޕްގެ ޑަކްޓަރުން ކަންބޮޑުވެއްޖެ

ޔޫރަޕްގެ ޑަކްޓަރުންގެ ތެރެއިން އޮކްސްފޯރޑް އެސްޓްރަޒެނީކާ ވެކްސިން ޖެހި ވަރަށް ގިނަ ބަޔަކަށް އެ ވެކްސިންގެ ސައިޑް އިފެކްޓްސް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ދަ ޓައިމްސް ދުވަހު ނޫސް ބުނެފިއެވެ.

މި ކަމާ ވިދިގެން ޕެރިހާއި ރޯމްގެ ޑަކްޓަރުން މި ވެކްސިންގެ ތާސީރާމެދު ވަނީ ވަރަށް ބޮޑަށް ޝައްކު އުފައްދައިފައެވެ. މި ނޫސް ބުނާގޮތުގައި މި ވެކްސިން ދެވުނު ޑަކްޓަރުންގެ ގިނަ ބައެއްގެ ކިބައިން އިންފްލުއެންޒާގެ ޢަލާމާތްތައް ވަނީ ވަރަށް ބޮޑަށް ފެނިފައެވެ. މި ކަމާ ވިދިގެން ފަރަންސޭސި ވިލާތުގައި ޑަކްޓަރުންގެ ޓީމުތައް ވަރަށް ތައްޔާރީ ޙާލަތަކަށް ވަނީ ގެންގޮސްފައެވެ.

މި ނޫސް ބުނާގޮތުގައި މި ވެކްސިން ދެވުނު ޑަކްޓަރުންގެ ތެރެއިން 149 ޑަކްޓަރެއްގެ ކިބައިން ފުރަތަމަ ހަތަރު ދުވަހު އިންފުލުއެންޒާގެ ޢަލާމާތްތައް ވަރަށް ބޮޑަށް ވަނީ ފެނިފައެވެ. މިކަމާ ހެދި ފަރަންސޭސިވިލާތުގެ ބޭހުގެ ޤައުމީ ސަލާމަތާ ބެހޭ އިދާރާ ANSM ން މިހާރު ވަނީ މި ޑަކްޓަރުންތައް ގަދަވަންދެން މި ވެކްސިން ދިނުން ހުއްޓައިލަން އަމުރުކޮށްފައެވެ.

އެސްޓްރަޒެނީކާ ވެކްސިން ދެވުނު 34 އަހަރުގެ މީހުންގެ ތެރެއިން ބައެއް މީހުންނަށް ހުން އައުމާއި ބޮލުގައި ރިއްސުމާއި ގައިގެ އެކި ތަންތާނގައި ރިއްސުން ވަނީ އިޙްސާސް ކުރަން ޖެހިފައެވެ. ފަރަންސޭސި ވިލާތުގައި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 10 ހާސް މީހަކަށް މިހާރު ވަނީ މި ވެކްސިން ދީފައެވެ. މި ވެކްސިންގެ ސައިޑް އިފެކްޓްސް ބޮޑުކަމުން ފަރަންސޭސި ވިލާތުގެ ޞިއްޙަތާ ބެހޭ ދާއިރާތަކުން ހަސްފަތާލުތަކަށް މިހާރު އަންގާފައި ވަނީ އެ ޤައުމުގެ ޞިއްޙީ ޚިދްމަތަށް ހުއްޓުމެއް އަޔަ ނުދިނުމަށް ޓަކައި މި ވެކްސިން މުވައްޒަފުންނަށް ފިޔަވަހިތަކެއްގައި ދިނުމަށެވެ. ރައީސް މެކަރޯން މި ވެކްސިނަކީ މުސްކުޅިންނަށް އެއިން ފައިދާ ކުރާ އެއްޗެއް ނޫން ކަމަށް ވިދާޅުވުމާ ވިދިގެން ފަރަންސޭސިވިލާތުގައި އިނގިރޭސިވިލާތުގައި އުފައްދާފައިވާ މި ވެކްސިން ދެނީ ޢުމުރުން 65 އަހަރަށްވުރެ ދަށުގެ މީހުންނަށެވެ.

ފަރަންސޭސިވިލާތުގެ ޑަކްޓަރުންނާއި ނަރުހުން މި ވެކްސިން ބޮއިކަޓް ކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ. އެއީ މި ވެކްސިނުން ހަށިގަނޑަށް ކޯވިޑް -19ން ޙިމާޔަތް ނުލިބޭކަމަށް އެމީހުން ތުހްމަތު ކުރާތީއެވެ.

ފަރަންސޭސިވިލާތުގެ ރަސްމީ ރޭޑިއޯ France Info ބުނާގޮތުގައި ފަރަންސޭސިވިލާތުން މަސައްކަތް ކުރަނީ އެސްޓްރާޒެނީކާ ދުރުހެލިވުމަށެވެ. ފަރަންސޭސިން ބުނާގޮތުގައި ފައިޒަރު ވެކްސިނާއި ބިޔޮންޓެކް  ވެކްސިނަށްވުރެ އެސްޓްރަޒެނީކާ ވެކްސިންގެ ފެންވަރު މާ ދެރައެވެ.

އިޓަލީ ޑަކްޓަރުން ވެކްސިނާ ދެކޮޅު ހަދާ

އިޓަލީގެ ޑަކްޓަރުން ބުނާގޮތުގައި އެސްޓްރަޒެނީކާ އަކީ ރަނގަޅު ވެކްސިނެއް ނޫނެވެ. އެމީހުން ގޮވައިލަނީ އޭގެ ބަދަލުގައި ފައިޒަރ ވެކްސިން ބޭނުން ކުރުމަށެވެ. އިޓަލީގެ ޑަކްޓަރަކު މި ވެކްސިނާ ދެކޮޅު ހަދަމުން ބުންޏެވެ. "ކޮންމެ ދުވަހަކު ކޮރޯނާއަށް ހާސާވަމުންދާ ޑަކްޓަރުންނަށާއި ނަރުހުންނަށް އެއްވެސް އަސަރެއް ނުކުރާ ވެކްސިނެއް ދީފައި ހަސްފަތާލުތަކުގައި މަސައްކަތް ކުރާ އާދައިގެ މުވައްޒަފުންނަށް ފައިޒަރު ވެކްސިންފަދަ ރަނގަޅު ވެކްސިނެއް މި ދެނީ ކީއްވެގެން ހެއްޔެވެ؟"

އިޓަލީގައި އެސްޓްރަޒެނީކާ ވެކްސިން ދެނީ 55 އަހަރުން ދަށުގެ މީހުންނަށެވެ. އިޓަލީގެ ޞިއްޙަތާ ބެހޭ އިދާރާތައް ބުނާގޮތުގައި އެސްޓްރަޒެނީކާ ވެކްސިންގެ ދެ ޑޯޒު ދެވުނު މީހުންގެ ތެރެއިން އޭގެ އަސަރު ކޮށްފައި ވަނީ އެންމެ 59 އިންސައްތަ މީހުންނަށެވެ. މިއާ ޚިލާފަށް ފައިޒަރ ވެކްސިނުން 95 އިންސައްތަ މީހުންނަށް ރަނގަޅު އަސަރުކޮށްފައި ވެއެވެ. އަދި މޮޑަރނާ ވެކްސިނުން 94.1 އިންސައްތަ މީހުންނަށް އޭގެ އަސަރު ރަނގަޅަށް ކޮށްފައި ވެއެވެ. އިޓަލީގެ ޞިއްޙަތާ ބެހޭ އިދާރާތައް ބުނާގޮތުގައި ރޯމުން ނިންމާފައި ވަނީ ފައިޒަރ ވެކްސިން ޢުމުރުން ދޮށީ މީހުންނަށް ދިނުމަށެވެ. އެއީ އޭގެ ބާރު ގަދަކަމާއި އޭގެ ސައިޑް އިފެކްޓް ކުޑަކަމުންނެވެ. މިހެންވެ އިޓަލީގެ މީހުންގެ ތެރެއިން 55 އަހަރަށްވުރެ ދަށުގެ ޢުމުރުގެ މީހުން އިސްކަންދެނީ ފައިޒަރު ވެކްސިން ނުވަތަ މޮޑާރނާ ވެކްސިން ލިބެންދެން ވެކްސިން ނުޖަހާ މަޑުކުރުމަށެވެ. އިޓަލީގައި މިހާތަނަށް ފުރަތަމަ ޑޯޒް ޖަހާފައި ވަނީ އެންމެ 1.53 މިލިއަން މީހުންނެވެ. އިނގިރޭސި ވިލާތަށް ބަލާއިރު އެ ޤައުމުގައި މިހާތަނަށް 14 މިލިއަން މީހުން ވަނީ މި ވެކްސިން ޖަހައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ވެކްސިނާ ބެހޭ ތަޖްރިބާކާރުން އޮކްސްފޯރޑުން އުފައްދާފައިވާ އެސްޓްރަޒަނީކާ ވެކްސިން ބޭނުންކުރުމުގެ މަސްއަލައާމެދު އަދިވެސް ދަނީ ބަހުސްކުރަމުންނެވެ. ދެކުނު އެފްރިކާގައި މިހާރު ވަނީ މި ވެކްސިން ދިނުން ހުއްޓާލައިފައެވެ. އެއީ އެ ޤައުމުގައި އުޅޭ ކޮރޯނާގެ ބާވަތް މި ވެކްސިނަށް ނުގުނޑާތީއެވެ. ޖަރްމަނާއި ޔޫރަޕްގެ ވަރަށް ގިނަ ޤައުމުތަކެއް ބުނާގޮތުގައި އެސްޓްރަޒަނީކާ ވެކްސިނަކީ 65 އަހަރުގެ މީހުން ފައިދާކުރަނިވި ވެކްސިނެއް ހޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *