ފުލުހުންގެ މައި މަރުކަޒު ކައިރިން ހޮވައިގެން ގެންގޮސްފައިވާ 20ރ. ވެސް ހިމެނޭ ގޮތަށް، ހޮވައިފައިވާ ބައެއް ތަކެއްޗާއި އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް އިއުލާންކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ވާގޮތުން އެ ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުންގެ ވެބްސައިޓުގައި ވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި
- ފެބުރުވަރީ 11 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ހުސައިން އާދަމް ބިލްޑިންގ ކައިރިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 20 ރުފިޔާ. (އިންސިޑެންޓް ނަންބަރު: 478827)
- ފެބުރުވަރީ 11 ވަނަ ދުވަހު ވައިޖެހޭ މަގު، ޖެލީ ޕިއްޒާ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ހުއާވެއި ބްރޭންޑްގެ މޯބައިލް ފޯނެއް. (އިންސިޑެންޓް ނަންބަރު: 478887)
- ފެބުރުވަރީ 14 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލް އެމެޖެންސީ ރޫމް ތެރެއިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އަތުގައި އަޅާ ދެ ކެވެލި. (އިންސިޑެންޓް ނަންބަރު: 479095)
"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައި ވެއެވެ.
މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.



advertisment