Support Us

އީރާނުގެ ނިޔްކްލިއަރ މަސްއަލަ: ވާހަކަ ދެއްކުންތަކުގައި ގަލްފުގެ އެއްބާރުލުމުގެ މަޖިލިސް ބައިވެރި ކުރަން ޖެހޭނެތަ؟

ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ އެންމެ ފަހު ސަމިޓުގައި އެންމެ ގަދައަށް ބަޙުސް ކުރެވުނު މަސްއަލަތަކުގެތެރޭގައި އީރާނުގެ ނިޔުކްލިއަރ މަސްއަލަ ހިމެނެއެވެ. މި މަޖިލީހުގެ ސިޔާސީ ކަންތައްތަކާ ބެހޭ އެސިސްޓެންޓް ސެކްރަޓަރީ ޖެނެރަލް ޑރ. ޢަބްދުލް ޢަޒީޒު ޙަމަދުލް ޢުވައިޝިޤު ވިދާޅުވާ ގޮތުގައި އީރާނުގެ ސުލޫކަކީ ގަލްފު ސަރަޙައްދު ވަރަށް ކަންބޮޑު ކުރުވާ ޢަމަލުތަކެކެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނުގެ މިސައިލް ޕްރޮގްރާމާއި ނިޔުކްލިއަރ ޕްރޮގްރާމާމެދު ބަޙުސް ކުރަން ޖެހޭނީ އެ ދެ މަސްއަލަ އެއް ވަށިގަނޑަކަށް ލައިގެންނެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭއިރު ގަލްފުގެ ޤައުމުތައް ބައިވެރި ކުރެވެން ޖެހޭނެއެވެ. އޭނާ ވިދާޅުވިއެވެ. "ގަލްފުގެ މަޖިލިސް ދެކޭގޮތުގައި 2015ވަނަ އަހަރު އީރާނާއެކު ބޮޑެތި ޤައުމުތަކުން ހަދާފައިވާ އެއްބަސްވުމަކީ އުނި އޭގެ ދާއިރާ ވަރަށް ހަނި  އެއްބަސްވުމެކެވެ.  މީގެއިތުރަށް މި އެއްބަސްވުން ހެދުމުގައި އީރާނުގެ ނިޔްކްލިއަރ ޕްރޮގްރާމުގެ ސަބަބުންނާއި އީރާނުގެ ނިރުބަވެރި ސުލޫކުގެ ސަބަބުން ކަންބޮޑުވަން ޖެހިފައިވާ އަވަށްޓެރި ޤައުމުތައް ވަނީ އެއްކިބާކޮށްފައެވެ."

އޭނާ އައްޝަރްޤުލް އައިސަޠު ދުވަހު ނޫހުގައި ލިޔުއްވި މަޒުމޫނެއް ބުނާގޮތުގައި "އީރާނުގެ ސުލޫކާއި ޢަމަލުތައް ހާމަކޮށްފައިވާ ގޮތުގައި 2015ގެ މުޢާހަދާ ވަނީ މުރާޖަޢާ ކުރަން ޖެހިފައެވެ. މި އެއްބަސްވުމުގައި ހުރި ބައުގަނޑުތަކުގެތެރެއިން ލައިފާ އީރާނު ވަނީ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމު ކުރިއަށް ގެންގޮސްފައެވެ." އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމުގެ އިތުރަށް އެ ޤައުމުގެ މިސައިލް ޕްރޮގްރާމުތައް ތަރައްޤީ ކުރުން ހުއްޓުވަން ޖެހޭނެކަމަށް ވެސް  ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ މި މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އޭނާ ހާމަ ކުރެއްވި ގޮތުގައި އީރާނުން ވަނީ ކުރޫޒް މިސައިލާއި، ޕައިލެޓާ ނުލައި އުދުހޭ މަތިންދާބޯޓު (ޑްރޯން) އާއި، ކަނޑުގެ އުޅަނދުތަކަށް ޙަމަލާދޭ ޑްރޯން މިސައިލް ވެސް ތަރައްޤީ ކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހުރިހާ ކަމަކަށްވުރެ ގަލްފުގެ ޤައުމުތައް ކަންބޮޑު ވަނީ އީރާނުން އެ ސަރަހައްދު ނާމާންކުރުމަށާއި އެ ސަރަޙައްދުގެ ހަމަޖެހުން ނަގައިލުމަށް ޓަކައި ހިންގާ ނިރުބަވެރި ޙަރަކާތްތަކާމެދުއެވެ. އީރާނުން މަޒްހަބީ މިލީޝިޔާތަކަށް ވާގިވެރިވުމުގެ ސަބަބުން އެ ޤައުމުތަކުގެ އެތެރޭގައި ފިތުނަފަސާދަ ފެތުރެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސްއަލަތަކުގެ އިތުރަށް އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމުގެ ސަބަބުން ގަލްފުގެ ވެށްޓަސްވެސް ގެއްލުން ލިބެމުންދާކަމަށް އޭނާ ތުހްމަތު ކުރެއްވިއެވެ.

މި ފަދަ މަސްއަލަތަކާ ހެދި ކުރިމަގުގައި އީރާނާއެކު ބާއްވާ ވާހަކަދެއްކުންތަކުގެ ދާއިރާ ފުޅައު ކުރަން ވަނީ ޖެހިފައެވެ. ގަލްފުގެ ޤައުމުތައް މި ވާހަކަ ދެއްކުންތަކުގައި ބައިވެރި ކުރުމަށް ގޮވާލެވޭއިރު މި ޤައުމުތައް މި ބައްދަލުވުންތަކުގައި ބައިވެރި ކުރާނީ ކިހިނެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ. ގަލްފުގެ ޤައުމުތަކަށް ބަލާއިރު އީރާނާ ދެކޮޅަށް އެންމެ ބޮޑަށް ފާޑު ކިޔާ ޤައުމަކީ ސުޢޫދީ ޢަރަބިއްޔާއެވެ. ޔަމަނުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ޙޫޘީންނަށް ހަތިޔާރާއި ލޮޖިސްޓިކް އެހީދެނީ އީރާނުން ކަން އެންމެން ވެސް ދަނެއެވެ. މިއަދު ވެސް ޙޫޘީން ވަނީ ސުޢޫދީ ޢަރަބިއްޔާގެ އަބްހާގެ ވައިގެ ބަނދަރަށް  ޑްރޯން ޙަމަލާއެއް ދީފައެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ އެއްބަސްވުމާ ބެހޭގޮތުން ވާހަކަ ދައްކާއިރު ދާއިރާ ފުޅައު ކުރުމަށް މި އެއްބަސްވުމުގައި ބައިވެރިވެފައިވާ ޤައުމުތައް ވެސް ގޮވައިލައެވެ. އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވާ ގޮތުގައި އީރާނުން 2015ގެ އެއްބަސްވުމަށް އިޙްތިރާމު ކުރާނަމަ އެމެރިކާ މި އެއްބަސްވުމަށް އަނބުރާ ދިޔުމަށް އޮތީ ތައްޔާރަށެވެ. ރައީސް ޓްރަމްޕްގެ އެންމެ ފަހު ދުވަސްތަކުގައި އެމެރިކާ ވަނީ މި އެއްބަސްވުމުން ބޭރުވެފައެވެ. ވޮޝިންގްޓަން ބުނާގޮތުގައި މިހާރަށްވުރެ ފުޅައު އެއްބަސްވުމަކަށް މިއަދު ވަނީ ބޭނުންވެފައެވެ. މި އައު އެއްބަސްވުމުގައި އީރާނުގެ މިސައިލް ޕޮރޮގްރާމުތައް ހިމަނުއްވާނެ ކަމަށް އެމެރިކާއި ޚާރިޖީ ވަޒީރު ވަނީ ކަށަވަރުކޮށް ދެއްވައިފައެވެ.

އީރާނާއެކު ބޭއްވޭ އައު ވާހަކަ ދެއްކުންތަކުގައި ސުޢޫދީ ޢަރަބިއްޔާ ބައިވެރި ކުރަން ޖެހޭނެކަމަށް ފަރަންސޭސި ރައީސް މެކަރޯން ވަނީ ވިދާޅުވެފައެވެ. ދެހާސް ފަނަރަ ވަނަ އަހަރު ހެދިފައިވާ ކުށްތައް އަލުން ނެހެދުމަށް އޭނާ ގޮވައިލެއްވިއެވެ.

ޖަރްމަނުން ބުނާގޮތުގައި 2015ގެ އެއްބަސްވުން މިއަދަކަށް ނުފުދެއެވެ. ހަތަރެއް ޑިސެންބަރުގައި ޖަރްމަނުގެ ޚާރިޖީ ވަޒީރު ހައިކޯ މާސް ވިދާޅުވެފައިވާ ގޮތުގައި (ނިޔުކްލިއަރ+….) އެއްބަސްވުމަކަށް 2021 ގައި ބޭނުންވާނެއެވެ. އޭނާ ވިދާޅުވިއެވެ. "އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމަށް ނޫނެކޭ ބުނާގޮތަށް އީރާނުގެ މިސައިލް ޕްރޮގްރާމަށް ވެސް ނޫނެކޭ ބުނަން ޖެހޭނެއެވެ." އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ މިސައިލް ޕޮރޮގްރާމުގެ ސަބަބުން މުޅި އެ ސަރަޙައްދު ވަނީ ނާމާންވެފައެވެ. އައު އެއްބަސްވުމަކަށް ބޭނުން ވަނީ އީރާނަށް އިތުބާރު ކުރެވެން ނެތީމާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ބައިޑްން އިންތިޚާބު ކުރެވުމާ ވިދިގެން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރްމަނުވިލާތުން ދަނީ އެމެރިކާއާއެކު މި މަސްއަލައިގައި ވިލަރެސް ކުރަމުންނެވެ. މި ދިޔަ ހަފުތާގައި އދ ގެ ސެކްރަޓަރީ ޖެނެރަލް ގުޓަރެސް ވެސް ވަނީ މި ކަމަށް ތާއީދު ކުރައްވައިފައެވެ.

އަނެއްކޮޅުން ބަލާއިރު އީރާނުން މި ވާހަކަ ދެއްކުންތައް ފުޅައު ކުރުމަށް ވެސް އަދި މި ވާހަކަ ދެއްކުންތަކުގައި އިތުރު ފަރާތްތައް ބައިވެރި ކުރުމާމެދު ދަނީ  ދެކޮޅު ހަދަމުންނެވެ. މިއީ އިރާނުން ކުރިން އިޢުލާނުކޮށްފައިވާ ސިޔާސަތާ ފުށުއަރާ ކަމެކެވެ. އީރާނުގެ ރއީސް ރޫޙާނީ ގަލްފުގެ މަޖިލީހަށް ފޮނުއްވާފައިވާ އެތައް ސިޓީފުޅުތަކެއްގައި ގަލްފު- އީރާން ގުޅުންތަކާ ބެހޭގޮތުން އައު ޞަފްޙާއެއް ހުޅުވުމަށް އީރާން އެދޭ ކަމަށް ވިދާޅުވެފައި ވެއެވެ.

މި މަސްއަލާއާމެދު ރޫސީވިލާތާއި ޗައިނާ ދެކޭ ގޮތެއް އަދި ހާމައެއް ނުކުރެއެވެ. އީރާނުގެ ޚަރިޖީ ވަޒީރު ޒަރީފު ރޫސީ ޚާރިޖީ ވަޒީރު ލެވްރޯފާ މިދިޔަ ޖަނަވަރީ މަހު ބައްދަލު ކުރެއްވުމަށްފަހު ހާމަކުރެއްވި ގޮތުގައި އީރާނުގެ ބޫޝަހުރު ލެބޯޓަރީތަކުގައި އައު ޔުނިޓްތަކެއް ޤާއިމު ކުރުމާ ބެހޭގޮތުން އެއްބަސްވުންތަކަކާ ހަމައަށް ދެ ޤައުމަށް ވަނީ އާދެވިފައެވެ. މީގެއިތުރަށް ވިޔަފާރިއާއި އިޤްތިޞާދާއި ހަކަތައާއި ދަނޑުވެރިކަމާއި ޞީނާޢަތްތެރިކަމާއި ޓްރާންސްޕޯޓުގެ މައިދާނުގައި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ. ގަލްފުގެ ސަރަޙައްދީ ސުލްޙަމަސަލަސްކަމާ ބެހޭގޮތުން އެ ސަރަޙައްދުގެ ހުރިހާ ޤައުމުތަކެއް ބައިވެރިވާ ސިންތާއެއް ބޭއްވުމަށް މޮސްކޯ އެދޭކަމަށް، އދގެ ސަލާމަތީ މަޖިލީހުގައި ހުންނަވާ ރޫސީ ވިލާތުގެ މަންދޫބު މިދިޔަ އޮކްޓޫބަރު މަހު ހާމަކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *