ކޮންފަދަ ނުރައްކާ ޚަބަރަކައިގެންހޭ އެހެރަ އިރު އުދަވަނީ
ކޮންކަހަލަ ބިރުވެރި މެސެޖުހޭ ދޯދިން މިހިިރަގެން ފޮނުވަނީ
ހީވޭ ބުނާހެން ހަރުއަޑުން ނާމާން ކަމުގެ ހައްދެއް ނެތޭ
ނީވޭ ބަޔަކު ތިއްބަސް މިތާ، ބަޔަކަށް އިވޭ ކަމުގައި ވަނީ
އުތުރާއި ހުޅަގުން އައި ވަޔާ އުފެދޭ އޮޔާ ބިޔަ ރާޅުގައި
ހަތުރުންގެ މަކަރާ ޙީލަތާ ތިލަ ވާތަނޭ އަދު ފެންނަނީ
މިނިވަންކަމުގެ ދޮރު ތަޅުލަމުން އަޅުވެތިކަމަށް ދޮރު ހުޅުވުމުން
ހިނިތުންވެތިބެ އުފަލުން ހެމުން އެ ދޮރުން މި ތިބެގެން ވަންނަނީ
ވަދެވޭތަނެއް ކުރެވޭކަމެއް ވާއެއް ނުވާއެއް ނުމެ އެނގޭ
ބަނދެވޭކަމެއް އަޅުވެތިކަމުން ނާންގާ އަތާ ފައި ބަންނަނީ
ކަންކަން މިހިރަވާގޮތް ނުއެނގި ޣާފިލުވެފައި ތިއްބާ މިތާ
ދަންމަޅި އަމިއްލަ ކަރަށް މަހަށް މަޖުބޫރުވާތަން ފެންނަނީ
ޙާލަތުގެ ހުރި ނާޒުކުކަމާ މާޙައުލުގައި ހުރި އުނދަގުލާ
މާދަން ލިބޭނޭ ގެއްލުމާ ވިސްނޭ ބަޔަކު ގޮތް ހުސްވަނީ
