Support Us

ބައިޑްންގެ ފުރަތަމަ އިމްްތިޙާނު: މިއަންމާރުގެ ޢަސްކަރީ އިންޤިލާބު

މިއަންމާރުގެ ޢަސްކަރީ އިންޤިލާބަކީ އެމެރިކާގެ އައު ރައީސް ބައިޑްންގެ ޚާރިޖީ ސިޔާސަތާ ކުރިމަތިވި އެންމެ ފުރަތަމަ އިމްތިޙާނުކަމަށް ރިޕޯޓަރުންނާއި ބާޙިސުން ބުނެއެވެ. އެއީ ޚުދްމުޚްތާރުވެރިކަމާއި، ޑިމޮކްރަސީގެ ލަގަނުގައި އެމެރިކާގެ އަތް އޮތް މިންވަރާއި، ޗައިނާއާ ވާދަކުރުމުގައި އެމެރިކާގެ ބާރުގެ އަޖުމަ ބެލިގެންދާނެ އިމްތިޙާނެއް ކަމަށް ފެނެއެވެ.

މިޔަންމާރުގެ ޢަސްކަރީ އިންޤިލާބުގައި މި ތިން ނާރެސް ބައްދަލުވެފައިވާ ތަން ފެނެއެވެ. އެއީ އެކަމާމެދު ޖަދަލުތައް އުފެދިފައިވާ އިންތިޚާބަކުން ނަމަވެސް ދީމުޤްރާޠީ ނިޒާމެއްގެތެރެއިން ވެރިކަމަށް އައި ސަރުކާރެއް ވައްޓައިލުމެވެ. މި އިންތިޚާބުގައި އެ ޤައުމުގެ ޒަޢީމާ އަންސުން ސޫޗީގެ ޕާޓީން ވަރަށް ބޮޑަށް މަކަރާއި ޙީލަތް ހަދާފައިވާ ކަމަށް އެހެން ޕާޓީތަކުން ތުހްމަތު ކުރެއެވެ.

އަނެއްކޮޅުން ބަލާއިރު މިޔަންމާރަކީ ޗައިނާގެ ސަރަހައްދީ ރޮގުގައި އިންވެގެން އޮތް ޤައުމެކެވެ. އެ ޤައުމުގައި އޮތް ޗައިނާގެ ނުފޫޒަކީ ވަރަށް ބާރުގަދަ ނުފޫޒެކެވެ. ޗައިނާއާއި މިޔަންމާރުގެ ޢަސްކަރީ ޒަޢާމަތާ ދެމެދުގައިވާ ގުޅުމަކީ ޒަމާންވީ ބަދަހި ގުޅުމެކެވެ. ޗައިނާއިން މި އިންޤިލާބަށް ތާއީދު ނުކުރިއަސް މި އިންޤިލާބާ ދެކޮޅެއް ނަހަދާނެއެވެ.

ޗައިނާއަކީ މިޔަންމާރާއެކު ގުޅުން ދަމަހައްޓަމުންދާ މަދު ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެކެވެ. ޗައިނާއިން އިސްވެދިޔަ ތާނގައި މަސައްކަތްކޮށްފައި ވަނީ ވާދަވެރި ޖަމާޢަތްތައް މޭޒުދޮށަށް ގެނެސް ދެބަސްވުންތައް ޙައްލު ކުރެވޭތޯއެވެ.

ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި އައިސްވަނީ "މިޔަންމާރަކީ އަވަށްޓެރި ރަޙްމަތްތެރި ޤައުމެކެވެ. ދުސްތޫރާ އެއްގޮތަށް ޤާނޫނީ ގިއުގަނޑުގެތެރޭގައި ދެބަސްވުންތައް ޙައްލު ކުރާނެ ކަމަށް ޗައިނާ އުންމީދު ކުރެއެވެ." ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ބުންޏެވެ. "ޗައިނާއިން މިހާރު ދަނީ މިޔަންމާރުގެ ޙާލަތު ދިރާސާ ކުރަމުންނެވެ."

ރައީސް ބައިޑްން ވަޢުދުވެ ވަޑައިގެންފައި ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ދީމުޤްރާޠިއްޔަތާއި އިންސާނީ ޙައްޤުތައް ދިފާޢު ކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. ޗައިނާގައި ވެރިކަން ކުރާ ކޮމްޔުނިސްޓް ޕާޓީ ވެސް އޭނާ އިސްތިސްނާއެއް ނުކުރައްވައެވެ.

މިޔަންމާރުގައި މި ގެނެވުނު ޢަސްކަރީ އިންޤިލާބުގެ ސަބަބުން އެ ޤައުމުގެ ދީމުޤްރާޠީ ނިޒާމު ކަނޑައްތުކޮށްފައިވާ ދިގު ރާސްތާއަށް ހުރަސްތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. މި ކަމުގެ ސަބަބުން ރޮހިންގާ މުސްލިމުންނަށް އިތުރު މުޞީބާތްތަކަކާ ކުރިމަތިލާން ޖެހޭނެކަން ކަށަވަރެވެ.

ޢަސްކަރީ އިންޤިލާބުގެ ސަބަބުތައް

މިޔަންމާރުގެ ސިފައިން ވެރިކަމަށް ވެރިވެގަތީ 31 ޖަނަވަރީގައެވެ. ސިފައިން އެ ޤައުމުގައި ވެރިކަން ކުރާ ޕާޓީގެ ޒަޢީމާ އަން ސުން ސޫ ޗީ އާއި ވެރިކަން ކުރާ ޕާޓީގެ އެތައް އިސްވާރުންނެއް ހައްޔަރު ކުރިއެވެ. މި ދިޔަ ނޮވެންބަރު މަހު މިޔަންމާރުގައި ބޭއްވުނު ޢާއްމު އިންތިޚާބުގެ ނަތީޖާއާމެދު ސިފައިން ވަނީ ތުންފިއްތައިފައެވެ. އަން ސުން ސޫޗީގެ ޕާޓީއަށް ރަނގަޅު ކާމިޔާބީއެއް ލިބުނުއިރު ސިފައިން ތާއީދު ކުރި ޕާޓީއަށް ލިބިފައިވަނީ ނިސްބަތުން ދެރަ ނަތީޖާއެކެވެ.މިކަމާ ވިދިގެން އިންތިޚާބުގައި އަން ސުންގެ ޕާޓީން މަކަރުހަދާފައިވާ ކަމަށް ސިފައިން ތުހްމަތު ކުރިއެވެ.

ކުރިން އޮތް ގޮތުން މިޔަންމާރުގެ އައު ބަރްލަމާނުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މިޔަންމާރުގައި މި ދިޔަ ހަފުތާގައި ވަނީ ސިޔާސީ ނުތަނަވަސްކަން ވަރަށް ބޮޑުވެފައެވެ. މި ނުތަނަވަސްކަމާއި ކަންބޮޑުވުން އިތުރުވީ ބަރްލަމާނުގެ ފުރަތަމަ ޖަލްސާގެ ކުރިން  ސިފައިން އިންޤިލާބެއް ގެނެސްފާނެތޯ ސުވާލު ކުރުމުން ޢަސްކަރިއްޔާގެ ތަރްޖަމާނު  އެކަމާ ދެކޮޅު ނެހެދުމުންނެވެ. ޢަސްކަރީ ވެރިޔާ މީން އޮންގ ހަލާޔިންގ  ޤާނޫނު އަސާސީއަށް ޢަމަލު ކުރުން ހުއްޓައިލަން ޖެހިދާނެ ކަމަށް ވިދާޅުވުމުންނެވެ. މި ބަޔާނާއެކު ސިފައިން ޓޭންކްތަކާއެކު މަގުމައްޗަށް ނުކުތެވެ. އަދި ސިފައިންނަށް ތާއީދު ކުރާ މުޒާހަރާތަކެއް މިޔަންމާރުގެ ބޮޑެތި ސަހަރުތަކުގައި  ބޭއްވުނެވެ. މި ގޮތަށް ސިޔާސީ މަސްރަޙު ހަލަބޮލިވެފައި ވަނިކޮށް ، ސިފައިން މި ދިޔަ ހަފުތާގެ ފަހުކޮޅުގައި ޓްވީޓަރގައި "މިނިވަން ނަޒާހަތްތެރި އިންތިޚާބަކަށް ބޭނުންވާ ދީމުޤްރާޠީ މިންގަނޑުތަކަށް ސިފައިން ޢަމަލު ކުރާނެ"  ކަމަށް ބުނުމުން މަސްރަޙު ތަންކޮޅެއް ފިނިވެގެން ދިޔައެވެ.

ރޮހިންގާ މުސްލިމުން އިންޤިލާބާ ދެކޮޅު ހަދާ

މިޔަންމާރުގައި ބޭއްވުނު އިންތިޚާބާ ދެކޮޅަށް ހުޅަނގުގެ ބައެއް ޤައުމުތަކުން ވަނީ ފާޑު ކިޔައިފައެވެ. އެއީ މި އިންތިޚާބުގައި ރޮހިންގާ މުސްލިމުންފަދަ އަޣްލަބިއްޔަތުނެތް ދަރިފަސްކޮޅުތަކަށް ވޯޓުލުމުގެ ޙައްޤު ދީފައި ނުވާތީއެވެ. އިންތިޚާބުގައި ވޯޓު އޮޅުވާލައިފާވާ ކަމަށް ސިފައިން ކުރަމުންދާ ތުހްމަތަކަކީ އެ ޤއުމުގެ އިންތިޚާބީ މަޖިލިސް ދެކޮޅު ހަދާ ތުހްމަތުތަކެކެވެ.

އަވަށްޓެރި ބަންގްލަދޭޝްގެ ސަރަޙައްދު ކައިރީގައި ރެފިޔުޖީންގެގޮތުގައި އުޅެމުންދާ މިޔަންމާރުގެ މުސްލިމު ޤަބީލާއެއް ކަމުގައިވާ ރޮހިންގާ މުސްލިމުންގެ ޒަޢީމުން މި އިންޤިލާބު ކުށްވެރި ކުރައްވައެވެ. ރޮހިންގާ ޒަޢީމެއް ކަމުގައިވާ ދޭލް މުޙައްމަދު ރޮއިޓަރސްއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ. "އަހުރެމެން ރޮހިންގާ މުޖްތަމަޢުގެ މީހުން ދީމުޤްރާޠިއްޔަތު މަރައިލަން ކުރާ މަސައްކަތާ ދެކޮޅު ހަދައެވެ."

މިޔަންމާރުގައި 2008ގައި އިޞްލާޙުކޮށްފައިވާ ޤާނޫނު އަސާސީ ބުނާގޮތުގައި ބަރްލަމާނުގެ 25 އިންސައްތަ ގޮނޑި ޢަސްކަރީންނަށް ލިބެން ޖެހޭނެއެވެ. އަދި ސަރުކާރު މުހިއްމު ތިން ވުޒާރާއެއްވެސް އެމީހުންނަށް ލިބެން ޖެހޭނެއެވެ. އދގައި ހުންނަވާ ކެނެޑާގެ ސަފީރު ވިދާޅުވިގޮތުގައި އެ ޤާނޫނުއަސާސީ ލިޔުނީ ސިފައިންނެވެ. އެ ޤާނޫނު އަސާސީ ފަރުމާކޮށްފައި ވަނީ ސިފައިންނަށް ބާރު ލިބޭ ގޮތަށެވެ.

އެމެރިކާގެ ސިޔާސަތު… ފިޔަވަޅު އަޅާނަން

ވައިޓްހައުސް ބުނާގޮތުގައި މިޔަންމާރުގެ މަސްރަޙު ރައީސް ބައިޑްނަށް ސާފުކޮށް ދެވިފައިވާނެއެވެ. ހައްޔަރު ކުރެވުނު ސިޔާސީ ބޭފުޅުންނާ ބެހޭ މަޢުލޫމާތުވެސް ވާނީ އެރުވިފައެވެ. ޔަންގޫނުގައި ހުންނަވާ އެމެރިކާ ސަފީރު ވަނީ މިޔަންމާރުގައި ތިބި އެމެރިކާ މީހުންނަށް ރައްކައުތެރިވެގެން އުޅުމަށް ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި ސިޔާސީ އަދި މަދަނީ ހަމަނުޖެހުންތަކެއް ހިނގައިފާނެ ކަމުގެ އިޙްތިމާލު ވަރަށް ބޮޑަށް އެބަ އޮތެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވާގޮތުގައި އެމެރިކާ އޮތީ މިޔަންމާރުގެ ރައްޔިތުންނާއެކުގައެވެ. ސިފައިންގެ ހުރިހާ އިޖްރާއާތުތަކެއް ރުޖޫޢަ ކުރުމަށް އޭނާ ގޮވާލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ރައްޔިތުން އެދެނީ މިނިވަންކަމާއި ސުލްހަމަސަލަސްކަމާއި ތަރައްޤީއެވެ."

ވައިޓްހައުސްގެ ތަރްޖަމާނު ޖީން ސާކީ ވިދާޅުވިއެވެ. "އިންތިޚާބުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެއުމަށް މަސައްކަތް ކުރުމަކީ އެމެރިކާ ދެކޮޅު ހަދާނެ ކަމެކެވެ. އެއީ ދީމުޤްރާޠީ ނިޒާމަށް އެޅޭ ހުރަހެކެވެ. މިޔަންމާރުގެ މަސްއޫލުވެރިން އެޅުއްވި މި ފިޔަވަޅުތައް ރުޖޫޢަ ނުކުރައްވައިފިނަމަ އެބޭފުޅުންނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާނެއެވެ. "ސާކީގެ މި ބަޔާނުގައި އެމެރިކާއިން އަޅާނީ ކޮން ކަހަލަ ފިޔަވަޅުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ. ރައީސް އޮބާމާގެ ވެރިކަމުގައި އިރުމަތީ އޭޝިޔާގެ ކަންތައްތަކާ ބެހޭ އިސް މުޝީރެއްގެ ގޮތުގައި ހުންނެވި ޑެނިއަލް ރަސަލް ވިދާޅުވާ ގޮތުގައި "ވެރިކަމަށް ޢަސްކަރިއްޔާއިން ވެރިވެ ގަތުމަކީ ދީމުޤްރާޠީ ނިޒާމުގައި އަޅައި ވިހަލެވުނު ތަފާލެކެވެ."

އޭޝިޔާއާބެހޭ ހިޔުމަން ރައިޓްސް ގޮފީގެ  ޑިރެކްޓަރު ވިދާޅުވި ގޮތުގައި އެމެރިކާގެ ރައްދަކީ ވަރަށް ބަލިކަށި ރައްދެކެވެ. އެއީ ވަރަށް ނާއުންމީދީ ބަސްކޮޅެކެވެ. އޭނާ މިޔަންމާރާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢު ތެދުވުމަށް ގޮވައިލެއްވިއެވެ.

މިޔަންމާރު މުހިއްމު ވަނީ ކީއްވެ

މިޔަންމާރަކީ ފަޤީރު ކުޑަ ޤައުމެކެވެ. އެހެންކަމުން މިއީ ބައިޑްނާ ކުރިމަތިވެ ވަޑައިގެންނެވި އުދަނގޫ އިމްތިޙާނެކެވެ. ބައިޑްން ވަޢުދުވެވަޑައިގެންފައިވާފަދައިން އެމެރިކާގެ ދައުރު ވަރުގަދަ ކުރުމަށް ޓަކައި ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެއެވެ. ދީމުޤްރާޠީ ނިޒާމު ޙިމާޔަތް ކުރުމަށް ޓަކައެވެ. މީގެއިތުރަށް މިޔަންމާރަކީ ޗައިނާގެ އަވަށްޓެރި ޤައުމަކަށް ވާތީ ޗައިނާއާ ކުރިމަތިލުމަށް ޓަކައި މިޔަންމާރަކީ އެމެރިކާއަށް މުހިއްމު ސަރަޙައްދެކެވެ. އެކަމަކު މި ހައިސިއްޔަތުން މިޔަންމާރުގެ ޢަސްކަރިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާއިން ނުކުމެއްޖެނަމަ ޗައިނާގެ އެހީ މިޔަންމާރުގެ ސިފައިންނަށް ލިބޭނެކަން ކަށަވަރެވެ. އެމެރިކާއިން މިޔަންމާރުގައި ދީމުޤްރާޠީ ނިޒާމެއް ޤާއިމު ކުރުމަށް ހިތްވަރު ދެނީ ޗައިނާގެ ނުފޫޒުން އެ ޤައުމުބޭރަށް ލުމަށް ޓަކައެވެ.

އަނެއްކޮޅުން ބަލާއިރު މިޔަންމާރާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިގެން އެ ޤައުމަށް މާ ބޮޑެތި ދަތިތަކެއް ކުރިމައްޗެއް ނުވާނެއެވެ. އަވަށްޓެރި ޗައިނާއާއި ބަންގްލަދޭޝާއި އިންޑިޔާފަދަ ޤައުމުތަކުގެ ސަބަބުން މި ދަތިތަކުގެ އަސަރު މިޔަންމާރަށް މާ ބޮޑަކަށް ނުކުރާނެއެވެ.

އަނެއްކޮޅުން ބަލާއިރު ޗައިނާއިން މަސައްކަތް ކުރާނީ މަސްރަޙު ފިނިކޮށް ޒަމާންވީ ބަލިގަނޑަކަށް މަސްއަލަ ހަދާށެވެ. ޗައިނާއިން މިޔަންމާރުގެ ޢަސްކަރީން ދިފާޢު ކުރާކަށް ނޫޅޭނެއެވެ. އެހެނަސް މިޔަންމާރާ ދެކޮޅަށް ބައިނަލްއަޤްވާމީ ފިޔަވަޅެއް އެޅިޔަނުދިނުމަށް ވެސް ޗައިނާއިން މަސައްކަތް ކުރާނެއެވެ.އެހެންކަމުން އަބަދުވެސް ޗައިނާގެ އެހީއަށާއި މަދަދަށް މިޔަންމާރު ބޭނުންވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *