އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އޮންލައިން ނޫސް "އަޙްމަދިއްޔާ 1982″ އިއްޔެ ނެރެފިއެވެ.
ނޫހާ ބެހޭ މަޢުލޫމާތު ދެއްވަމުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއަރ ލީޑިންގ ޓީޗަރ އަދި ނޫހުގެ އެޑިޓަރ މުޙައްމަދު ވަޖީހު ވިދާޅުވީ ނޫސް އިފްތިތާޙު ކުރެވުނީ މިދިޔަ އަހަރު ނަމަވެސް ވެބްސައިޓަށް ދިމާވި މައްސަލަ ތަކެއް ހައްލު ކުރަން ގިނަ ދުވަސް ތަކެއް ނެގި ކަމަށެވެ. އެހުރިހާ ކަމެއް ރަނގަޅުކޮށް ޢާއްމުންނަށް ނޫހުގެ ސައިޓް ހުޅުވާލެވޭވަރުވީ މިއަދު ކަމުގައެވެ.
"އަޙްމަދިއްޔާ 1982″ އަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ހަރަކާތްތައް ވީހާ ފުޅާ ދާއިރާއެއްގައި ހާމަކުރުމުގެ މަގުސަދުގައި ނެރެވޭ އޮންލައިން ނޫހެއް ކަމާއި މިއީ، ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ރާއްޖޭގެ ސްކޫލެއްގައި ނެރެވޭ ފުރަތަމަ އޮންލައިން ނޫސްކަން އުފަލާއެކު ފާހަގަ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެފައި ވަނީ "އަޙްމަދިއްޔާ 1982″ އޮންލައިން ނޫހަކީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ނެރޭ، އެހައިމެ މުހިންމު ނޫހެއް ކަމާއި ނޫހުގެ ޒަރީޢާއިން، ބެލެނިވެރިންނާއި ސްކޫލާއި ދެމެދު މަޢުލޫމާތުގެ "ބުރިޖެއް" އެޅިގެންދާނެ ކަމުގައެވެ. މި ދެންނެވި ބުރިޖުގެ ސަބަބުން، އެކިކަންކަން ސާފުކުރައްވަން، ބެލެނިވެރިން ސްކޫލަށް ގުޅުއްވަން، ހޭދަކުރައްވާ ވަގުތާއި ހޭދައަށް ތަސައްލީއެއް ލިބި، ސްކޫލުގައި އެދުވަހަކު ހިނގަމުންދާ ޙަރަކާތްތަކާއި ކަންކަމުގެ މަޢުލޫމާތު ސާފުކޮށް އޮޅުން ފިލަމުން އަންނާނެ ކަމުގައެވެ.
އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޚަބަރުތަކާއި، ކިއެވުމުގެ ޙަރަކާތްތައް ހިނގަމުންދާ ގޮތާއި، ދަރިވަރުން ނަށް ހިންގޭ ޙަރަކާތްތަކާއި، ދަރިވަރުން ބައިވެރިވާ ޤައުމީ މުބާރާތްތަކާއިބެހޭ، އެންމެހައި މަޢުލޫމާތާއި، ޚަބަރު، ރިޕޯޓާއި ޢާންމު ދެންނެވުން ފަދަ، މަޢުލޫމާތުތައް މި ނޫހުގައި ހިމެނޭ ބައިތަކުން ސާފުވެގެން ދާނެކަމަށް ޕްރިންސިޕަލް ވިދާޅުވެފައިވެއެވެ.
ސްކޫލްގެ އަދަބީ ޙަރަކާތް ތަކުގައި ބައިވެރިވާ ދަރިވަރުންގެ ޝުޢޫރާއި، ޚިޔާލާއި، މަޒްމޫނު ފަދަ، ލިޔުންތައް، ސްކޫލް ކުދިންނަށް ޚާއްސަ ކޮލަމް ތަކުގައި ޝާޢިއުކުރުމުގެ ފުރުސަތު، ދަރިވަރުންނަށްވެސް ލިބިގެންދާނެކަމާއި، މިކަމުގެ ސަބަބުން، ލިޔުންތެރިކަމާއި ނޫސްވެރިކަމަށް ޝައުގު ހުންނަ ދަރިވަރުންނަށް ސްކޫލު މާޙައުލުން ހުޅުވިގެން އެދަނީ ފަހި ފުރުސަތެއް ކަމަށް ވިދާޅުވެފައިވެއެވެ.
ކޮންމެ ދުވަހެއްގައިމެ ސްކޫލުގައި ހިނގަމުންދާ ޙަރަކާތްތައް ބެލެނިވެރިންނަށް ސާފުވުމުގެ އިތުރުން، ސްކޫލްގައި ހިނގާ ހަރަކާތްތަކުގެ ފޮޓޯތައް ބަލާލުމުގެ ފުރުޞަތުވެސް މި ނޫހުގެ ސައިޓުން ފަހިވެގެން ދާނެކަމާއި މިދެންނެވި ފަހިކަންކަން މި ނޫހުގެ ސަބަބުން ތަނަވަސްވުމީ، ސްކޫލާއި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޚަބަރު ތަކާއި މަޢުލޫމާތު ސާފުކުރަންވަން އެދިއެދި ތިއްބެވި ފަރާތްތަކަށްވެސް ލިބިގެންދާ ފަހި ފުރުސަތަކަށް ވެގެންދާނެ ކަމަށްވެސް ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެފައިވެއެވެ.

ނޫހުގެ އެޑިޓަރ މުޙައްމަދު ވަޖީހު އެޑިޓޯރިއަލްގައި ވިދާޅުވެފައި ވަނީ [އަޙްމަދިއްޔާ 1982] އޮންލައިން ނޫސް ތަރައްގީކޮށް ކުރިޔަށް ގެންދިއުމާއި މުއްސަނދި ކުރުމުގެ ފުރުޞަތު އަޙްމަދިއްޔާއަށް ނިސްބަތްވާ އެންމެންނަށް ލިބިގެންވާކަމާއި އެއީ، މިހާރުގެ ދަރިވަރުންނާއި ކުރީގެ ދަރިވަރުންނަށާއި މުދައްރިސުންނާއި ހިންގުންތެރިންނަށްކަމެވެ.
އުންމީދަކީ، މި ނޫހަކީ، އަޙްމަދިއްޔާގެ ތާރީޚުގެ އެހާރާއި މިހާރުގެ ޞަފްހާތަކަށް ހުޅުވައިލެވުނު މާރެހަކަށް ވެގެން ދިއުންކަމާއި ދަރިވަރުންގެ ހިތްވަރާއި ކާމިޔާބީތައް މިނޫހުގެ ޞަފްޙާތަކުން ކިޔުންތެރީންނަށް އެނގެމުން ދިއުންކަމާއި ލިޔުންތެރިކަމުގެ ހުނަރާއި އަދަބީ އުފެއްދުންތައް މިނޫހަށް ޖަމާވަމުން ދިއުންކަމާއި، ބެލެނިވެރިންނާއި ދަރިވަރުންނާއި އިސް ދަރިވަރުންނާއި ސްކޫލާދެމެދު އެޅޭ މަޢުލޫމާތުގެ ފާލަމަކަށް މިނޫސްވެގެން ދިއުން ކަމަށް ވިދާޅުވެފައިވެއެވެ.



advertisment