ކޮންމެ ކަމަކަށްވެސް ވަގުތު ކަނޑައެޅި ބަޔާންވެވިފައި ވެޔޭ
އޮންނަ ހަމައިން ވަގުތު ޖެހުމުން ކަން ހިނގާ ނިމި ދާނެޔޭ
މާދުރަށް ވިސްނާ ބަލައިގެން މާ މޮޅަށް ތިބެ ރޭވިޔަސް
މާ މަތީ އޮތް ރޭވުމާ މެދު އާ ގޮތެއް ނެހެދޭނެޔޭ
ބާރު އަތުގައި އޮތްކަމަށް ހީކޮށް ކުރާ ހުރިހައި ކަމެއް
އާރުލާހެން ހީވިޔަސް ޅޮސްކަން އެއީ އެނގި ދާނެޔޭ
ދުނިޔެ އޮޅެމުން ނިއުޅެމުން އޮވެގެން މިހިރަދާ ދިއުމުގައި
އުނި އެތައް ކަންތައް ތަކެއް ހުޅުވޭ ލޮލަށް ފެންނާނެޔޭ
އޭގެ ސަބަބުން ޢިބްރަތާ ދަރެހާ އެއިން ޙާޞިލްކުރަން
ލޭގެ ދިރުމެއް ހުރި ސިކުނޑިއެއް ނަމަ ފިކުރު ހިންގާނެޔޭ
އިރު އަރާ ހަމަ ކޮންމެ ދުވަހެއް އޭ މުޅިން އާ ދުވަހެކޭ
އިރުގެ ދޯދިން އާ ޚިޔާލާ ވިސްނުމަށް ތަން ދޭނެޔޭ
