Support Us

ފުރަބަންދުގައި ވެސް މެލޭޝިއާގެ މިސްކިތްތައް ބަންދެއް ނުވާނެ

މެލޭޝިއާގައި އިޢުލާނުކުރެވިފައިވާ ފުރަބަންދުގެ ޙާލަތުގައި ވެސް މިސްކިތްތައް ބަންދުނުކުރާން ނިންމައިފިއެވެ. ނަމަވެސް ދަތުރުފަތުރުކުރުމާއި ބޭރަށް ނުކުތުމުގެ އަމުރު ދެމި އޮންނަ މުއްދަތުގައި ހުކުރު ނަމާދުކުރުމަށްޓަކައި މިސްކިތްތަކަށް ދެވޭނީ މިސްކިތްތަކާއި ސޫރައު (ނަމާދުގެ)ތަކުގެ އޮފިޝަލުންނާއި މިސްކިތް ކޮމިޓީ މެންބަރުންގެ އިތުރަށް 50 މީހުންނަށް ކަމަށް މެލޭޝިއާގެ ކެޑާހ ސްޓޭޓުން ވަނީ ކަނޑައަޅައިފައެވެ.

ކެޑާހ ސްޓޭޓްގެ އިސްލާމިކް ރިލިޖަސް އެފެއަރސް ޑިޕާޓްމެންޓްގެ ޑިރެކްޓަރ މުޙައްމަދު ޔުސްރީ މުޙައްމަދު ދާއޫދު ވިދާޅުވި ގޮތުގައި ފަރުޟު ފަސް ނަމާދު ޖަމާޢަތުގައި އަދާކުރުމަށްޓަކައި މިސްކިތްތަކަށް ނުވަތަ ނަމާދުގެތަކަށް ދިޔުމުގެ ހުއްދަ އޮންނާނީ ކޮމެޓީގެ ފަސް މެންބަރަކަށެވެ.

"މިސްކިތަށް ވަންނަން އެކަށީގެންވާ މީހުން އިޚުތިޔާރުކުރުމާއި އެކަމަށް އުޞޫލުތަކެއް ކަނޑައަޅައި ބެލެހެއްޓުމަކީ މި ފުރަބަންދުގެ މުއްދަތުގައި މިސްކިތު ކޮމިޓީގެ މަސްއޫލިއްޔަތެއް،" މުޙައްމަދު ޔުސްރީ ވިދާޅުވިއެވެ. "ހަށިގަނޑުގެ ފިނިހޫނުމިން 37.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ހުންނަ މީހުންނަށާއި ކެއްސާ މީހުންނާއި ނޭވާލުމުގެ އުނދަގޫ ހުންނަ މީހުންނަށާއި ހުން އައިސްގެން ތިބޭ މީހުންނަށާއި 12 އަހަރުން ފެށިގެން ދަށުގެ ކުޑަކުދީންނަކަށް މިސްކިތަށް ވަނުމުގެ ހުއްދައެއް ނުދެވޭނެ. އަދި މާސްކް ނާޅައި ތިބޭ މީހުންނަށާއި އަމިއްލަ މުސައްލައެއް ހިފައިގެން ނުދާ މީހުންނަކަށް ވެސް މިސްކިތަށް ވަނުމުގެ ހުއްދައެއް ނުދެވޭނެ."

ޔުސްރީ އިތުރަށް ބަޔާންކުރައްވައިފައިވާ ގޮތުގައި މިސްކިތުގައި ދީނީ ޕްރޮގްރާމްތަކާއި ދަރުސްތަކާއި ތަޤްރީރުތަކާއި ތަޒްކިރާ (ކުރު ތަޤުރީރުތައް) ބޭއްވުމުގެ ހުއްދައެއް ވެސް މި ފުރަބަންދުގެ ޙާލަތުގައި އެއްވެސް ބަޔަކަށް ނޯންނާނެއެވެ. އަދި އާދައިގެ ޙާލަތުގައި މިސްކިތުގައި އޮންނަ ކެއުންތަކާއި މި ނޫންވެސް އިތުރު ޙަރަކާތްތައް މިސްކިތުގައި ބޭއްވުމުގެ ހުއްދައެއް ފުރަބަންދުގެ ޙާލަތުގައެއް ނުދެވޭނެއެވެ.

މެލޭޝިއާގެ ކެޑާހ ސްޓޭޓްގެ އިސްލާމިކް ރިލިޖަސް އެފެއަރސް ޑިޕާޓްމެންޓުން މިކަން ހާމަކޮށްފައި ވަނީ އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރ މުޙައްމަދު ޔުސްރީ މުޙައްމަދު ދާއޫދު ސޮއިކުރައްވައި މިއަދު ޢާއްމުކުރައްވައިފައިވާ ޚާއްޞަ ބަޔާނެއްގައެވެ. (ޙަވާލާ: ބަރްނާމާ (މެލޭޝިއާގެ ރަސްމީ ނޫސް އެޖެންސީ))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *