މެލޭޝިއާގައި އެ ޤައުމުގެ ސަރަވާކް ސްޓޭޓް ފިޔަވައި އެހެން ހުރިހައި ސްޓޭޓެއްގައި ވެސް ދަތުރުފަތުރުކޮށް އުޅުމުގެ އަމުރު ހިންގައިފިއެވެ. މިއީ އެ ޤައުމުގައި އިޢުލާންކޮށްފައިވާ ކުއްލި ޙާލަތުގެ ދަށުން ނެރެފައިވާ، އެހެން ސްޓޭޓްތަކަށް ދަތުރުފަތުރުކުރުން މަނާކުރުމުގެ އަމުރު (މޫވްމެންޓް ކޮންޓްރޯލް އޯޑަރ)ގެ ދަށުން ތަންފީޒުކުރާން ފެށި އަމުރެކެވެ.
މި ނިންމުން މިއަދު މި އިޢުލާނުކުރީ ކޮވިޑް-19ގެ އާ ވޭދަނަތަކެއް ފެނުމާ ގުޅިގެންނެވެ. މިއަމުރު މިއަދު އަލަށް ހިންގި ސްޓޭޓްތަކާއެކު ސަރަވާކް ސްޓޭޓް ފިޔަވައި އެހެން ހުރިހާ ސްޓޭޓެއްގައި ވެސް އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރުފަތުރުކޮށް އުޅުމާއި ވަކި ވަގުތުތަކެއްގައި ޚާއްޞަ ހުއްދައެއްގެ ދަށުން ކޮންމެ ގޭބިސީއަކުން ވަކި ޢަދަދަކަށް ނޫނީ މީހުން ބޭރަށް ނުކުމެ އުޅުން މަނާވާނެއެވެ. ސަރަވާކް ސްޓޭޓަކީ މެލޭޝިޢާގެ މައިބިން (ހުޅަނގު މެލޭޝީއާ)އާ ވަކީން އިންޑޮނޭޝިއާއާއި ބުރޫނާއިއާ އެއް ބިމެއް (އީސްޓް މެލޭޝިއާ)ގައި އޮންނަ ސްޓޭޓެކެވެ. އެބިމުގައި ސަރަވާކާ ގުޅިގެން ސަބާ ސްޓޭޓް ވެސް އޮވެއެވެ.
ސީނިއަރ މިނިސްޓަރ އޮފް ޑިފެންސް އިސްމާޢީލް ޞަބްރީ ޔަޢުޤޫބް މިއަދު ވިދާޅުވި ގޮތުގައި މި އަމުރު، މި މަހު 22 ވަނަ ދުވަހު މެންދަމު 12:00 އިން ފެށިގެން އަންނަ ފެބުރުވަރީ މަހު ހަތަރުވަނަ ދުވަހާ ހަމައަށް ދެމިގެން ދާނެއެވެ. މިއަދު މި އަމުރު އަލަށް ހިންގ ސްޓޭޓްތަކަކީ ކެޑާ، ޕްރާކް، ނެގްރީ ސުމްބިލާން، ޕަހަންގ ޓެރެންގގަނޫ، ޕަރްލިސް މި ހަ ސްޓޭޓްގައެވެ.
މިނިސްޓަރ ޞަބްރީ އިތުރަށް ވިދާޅުވި ގޮތުގައި މި ފިޔަވަޅު އަޅާން ނިންމެވީ، ޞިއްޙަތާ ބެހޭ ވުޒާރާ (ކަމަންތެރިއާން ކަޞިއްޙަތާން) އިން، ކޮވިޑްގެ ޙާލަތު ދިރާސާކުރެއްވުމަށް ފަހު، ދެއްވި ލަފާގެމަތީންނެވެ.
ކެޑާ ސްޓޭޓުން އިތުރަށް ފާހަގަކުރެވުނު އިހާތަކަކުން ރިޕޯޓުކުރެވުނު ކޮވިޑް ވޭދަނަތަކުގެ ޢަދަދު 4411 އަށް އަރައެވެ. މި ސްޓޭޓްގައި ހިމެނޭ 12 ޑިސްޓްރިކްޓްގެ ތެރެއިން ފަސް އަވަށް (ޑިސްޓްރިކް)އަކުން 40 ވޭދަނައެއް ވަނީ ރިކޯޑުކުރެވިފައެވެ. އެއީ ކުއަލާ މުޑާއާއި ކޮޓާ ސްޓާރއާއި ކޫލިމްއާއި ބާލިންގާއި ކުބަންގ ޕަސޫ އިންނެވެ.
ޕްރަކް ސްޓޭޓުން 4481 ވޭދަނައެއް ވަނީ ފެނިފައެވެ. އެއީ އެ ސްޓޭޓްގެ 12 އަވަށުގެ ތެރެއިން އަށް ސްޓޭޓެއް ކަމުގައިވާ ކިންތާއާއި، ލަރޫތު މަތަން ސަލާމާއާއި، ކްރިއަންއާއި، ހިލިރް ޕްރާކާއި، މަންޖުންގާއި، ކުއަލާ ކަންގްސަރާއި، މުއާލިމާއި، ބަތަންގ ޕަޑަންގުންނެވެ.
މި ސްޓޭޓުގައި ދުރުދުރަށް ފެތުރިފައިވާ އެތައް އިހަލަކުން ފާހަގަކުރެވިފައިވާ ވަކިވަކި ވޭދަނަތައް ވެސް ވަނީ ރިޕޯޓްކުރެވިފައެވެ. މިކަން ފާހަގަކުރެވިފައިވަނީ އެ އިހާތަކާ އެއްތާވި މީހުން އިސްކިރީނުކުރުމުގެ ތެރެއިންނެވެ.
ނެގްރީ ސުމްބިލާނުން 10،115 ފައްސި ވޭދަނަ މި ޖަނަވަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ފޮއިދުވަހުގެ ތެރޭގައި ރިޕޯޓުކުރެވިފައިވާއިރު، މި މުޖުތަމަޢުގައި އިތުރަށް ބަލި ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް އޮފިޝަލުން ލަފާކުރެއެވެ.
ޕަހަންގ ސްޓޭޓުން ވެސް އިތުރު 626 ވޭދަނަ ފެނި ބަލީގެ ވޭދަނަތައް 2،287 އަށް ވުރެ މައްޗަށް އަރައިފައިވާއިރު، އެއްތާވި މީހުން އިސްކިރީނުކުރުމުން މި ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.
ޓެރެންގގަނޫގައި 875 ވޭދަނަ ފެނި ދޭދޭ މީހުންގެ މެދުގައި ފެތުރޭ ކަމަށް ފާހަގަކުރެވުމާއެކު އެ ސްޓޭޓްގައި 39 ރީނދޫ ސަރަހައްދަކާއި ދެ އޮރެންޖު ސަރަހައްދަކާއި ރަތް ސަރަހައްދެއް ވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ.
ޕަރްލިސް ސްޓޭޓުން ފޮއި ދުވަހުގެ ތެރޭގައި 114 ވޭދަނަ ފައްސިވެ އޭގެ ތެރެއިން 51 ވޭދަނަ އެ ސްޓޭޓްގެ ކަންގަރު ޑިސްޓްރިކްޓުން ފެނުމާއެކު އެ ސަރަހައްދު ވަނީ ރަތް ސަރަހައްދެއް ކަމަށް ކަނޑައަޅައި އެކަން އިޢުލާނުކޮށްފައެވެ.
ބޭރަށް ނުކުމެ އުޅުމުގެ އުޞޫލު ވަނީ ހަމަ ކުރިއާ އެއް ގޮތަށް ކަމަށާއި ކޮންމެ ގޭބިސީއަކުން ޚާއްޞަ ހުއްދައެއްގެ ދަށުން ދެ މީހަކަށް ކޮންމެ ދުވަހަކު ވެސް އަސާސީ ތަކެތި ހޯދާށާއި ކުއްލި ކަމެއް ދިމާވެއްޖެ ނަމަ، ބޭރަށް ނުކުމެ އުޅޭވޭނެ ކަމަށް ވެސް ޞަބްރީ ވިދާޅުވިއެވެ.
"ދަތުރުކުރުމުގެ މުހުތާދެއް ދިމާވެއްޖެ ނަމަ، ދަތުރުކުރެވޭނީ ފުލުހުންގެ ސީދާ ބެލެހެއްޓުމުގެ ދަށުން،" ޞަބްރީ ވަނީ ވިދާޅުވިއެވެ. "ކާއެއްޗެހި ވިއްކާ ތަންތަން ހެނދުނު ހަޔަކުން ފެށިގެން ރޭގަނޑު އަށެއް ޖަހަންދެން ހުޅުވައިފައި ބެހެއްޓުމުގެ ހުއްދަ ދެވޭނެ. މި ވަގުތުގައި ކާއެއްޗެއްސަށް އޯޑަރުކޮށްގެން ގެނައުމާއި ގާންނާން ދިޔުން ވެސް ޚާއްޞަ ހުއްދައެއްގެ ދަށުން ހުއްދަވާނެ."
މި އިޢުލާނު ކުރެވުނު އަމުރުގެ ދަށުން ހޮސްޕިޓަލްތައް 24 ގަޑިއިރު ހުޅުވައިފައި ބެހެއްޓުނަސް ބޭސްފިހާރަތައް ހުންނާނީ ހެނދުނު ހަޔަކުން ރޭގަނޑު އަށެއް ޖަހަންދެނެވެ. ހަލިމަގުތަކުގައި ހުންނަ ޕެޓްރޯލް ސްޓޭޝަންތައް 24 ގަޑިއިރަށް ހުޅުވައިފައި ބެހެއްޓުނަސް އެހެން ހިސާބުތަކުގައި ހުންނަ މި ފަދަ ތަންތަން ހުންނާނީ ހަމަ ހެނދުނު ހަޔަކުން ރޭގަނޑު އަށަކާ ދޭތެރޭގައެވެ.
މެލޭޝިއާގައި ކޮވިޑްގެ ޙާލަތު ގޯސްވަމުން ދާކަމަށް ފާހަގަކުރެވިގެން ބޮޑުވަޒީރު މުހިއްޔިއްދީން ޔާސީންގެ ލަފާގެ މަތީން އެ ޤައުމުގައި އެ ޤައުމުގެ ރަސްގެފާނު ސުލްޠާން ޢަބްދުﷲ ވަނީ ކުއްލި ޙާލަތު އިޢުލާނު ކުރައްވައިފައެވެ. މި އިޢުލާނާ ގުޅިގެން، މި ޙާލަތު އިޢުލާނު ނުކުރައްވައި ވެސް ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ކަމަށް ވިދާޅުވެ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު ވަނީ ފާޑު ވެސް ވިދާޅުވެފައެވެ. (ޙަވާލާ: ނިއު ސްޓްރެއިޓްސް ޓައިމް/ މެލޭޝިއާ)



advertisment