Support Us

ޓްރަމްޕްގެ އިތުބާރު ނެތްކަމުގެ ވޯޓާ ވިދިގެން ދެއްވި ވީޑިއޯ ޚިޠާބުގައި އެ ވޯޓްގެ ވާހަކަ ވެސް ނެތް

އެމެރިކާގެ ތާރީޚުގައި ވެސް އެއް ރައީސެއްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ދެ ވަނަ ފަހަރަށް ނެގުނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށެވެ. ކޮންގްރެސްގެ ދަށުގޭގައި ނެގުނު އެ ވޯޓުގައި ރައީސް ޓްރަމްޕްގެ ޕާޓީގެ 10 މެންބަރެއްގެ ވެސް ތާއީދާއެކު ޖަނަވަރީ 13 ގައި އެ ވޯޓް ޓަރަމްޕާ އިދިކޮޅަށް ފާސްވުމާއެކު އެ ދުވަހުގެ ރޭ ޚާއްޞަ ވީޑިއޯ ޚިޠާބެއް ދެއްވިއެވެ. ވައިޓް ހައުސްގައި އިންނަވައި ވަރަށް ތައްޔާރުވެވަޑައިގެން (ލިޔުއްވައިފައި އޮތް) ޚިޠާބެއް ރެކޯޑްކުރެއްވި އިރު ޖަނަވަރީ ހަވަނަ ދުވަހު ހިންގި ކަންތައްގަނޑާ އޭނާއާ ބެހުމެއް ނުވާކަން ދައްކަވާން މަސައްކަތްޕުޅު ކުރައްވައިފައިވެއެވެ. އެހެންނަމަވެސް ނުސީދާ ގޮތެއްގައި އެ ކަމަށް ހިތްވަރު ދޭކަން ދޭހަވާ ވާހަކަތަކެއް ވެސް ޚިޠާބުގެ ފަހު ކޮޅުގައި ހިމަނުއްވައިފައިވެއެވެ. ނަމަވެސް އެ މެސެޖްގައި އިތުބާރު ނެތްކަމުގެ ވޯޓާ ބެހޭ އިޝަރާތެއް ވެސް ކުރައްވައިފައެއް ނެތެވެ.

އޭނާގެ ވީޑީއޯ ޚިޠާބު އަޑުއަހައިލުމަށްފަހު އަޅުގަނޑަށް ދޭހަވި އަވަސް (ނުރަސްމީ) ތަރުޖަމާއެއް ދަންނަވައިލާނަމެވެ.

"އަޅުގަނޑުގެ ލޮބުވެތި ރައްޔިތުންނޭވެ!

އަޅުގަނޑު މިއަދު ތިޔަ ބޭފުޅުންނާ މުޚާޠަބުކޮށްލާން ބޭނުންވީ މި ދިޔަ ހަފުތާގައި ހިނގި ހަމަނުޖެހުންތަކާ ބެހޭ ގޮތުން އެއްޗެއް ދަންނަވައިލުމަށް ޓަކައެވެ. އަޅުގަނޑު ކުރީން ވެސް ދަންނަވައިފައި ވާނޭ ފަދައިން، އެމެރިކާގެ ކެޕިޓޮލްއަށް ދެވުނު ޙަމަލައަކީ އަޅުގަނޑުމެންގެ މި ޖުމްހޫރިއްޔާއަށް ހުއްޓުމެއް އައި ކަމެކެވެ. މުޅި ޤައުމުގެ ކަންކޮޅުތަކުން އެއްވެ ފާޅުކުރި ރުޅިވެރިކަމުގެ ސަބަބުން ސިޔާސީ މާޙައުލުގައި ވަރަށް ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވިއެވެ. ފާއިތުވި ހަފުތާގައި ހިނގި ހަމަނުޖެހުންތައް އަޅުގަނޑު ވަރަށް ހަރުކަށި ޢިބާރާތުން ވަރަށް ބޮޑަށް ކުށްވެރިކުރާ ވާހަކަ އަޅުގަނޑު ވަރަށް ސާފުކޮށް ދަންވައިލާން ބޭނުމެވެ. ޤާނޫނު މުގުރުމާއި ތަޅައިފޮޅުމާއި ލޫޓުވުމަކަށް އަޅުގަނޑުމެންގެ ޤައުމުގައި ޖާގައެއް ނެތެވެ. އަދި އަޅުގަނޑުމެންގެ (ސިޔާސީ) ޙަރަކާތުގައި ވެސް އެކަމަކަށް ޖާގައެއް ނެތެވެ. އަލުން އެމެރިކާ ބާރުވެރިކުރުމަށްޓަކައި ބޭނުންވަނީ ޤާނޫނު ތަންފީޒުކުރުމުގެ ބާރު ދެމި އޮތުމަށެވެ. މިކަން ކުރެވޭނީ އެ ބާރު ދިފާޢުކޮށްގެންނެވެ. ޤާނޫނުތަކަށް ތަބާވެގެންނެވެ. އަންހެނުންނާއި ފިރިހެނުން ވެސް މި ކަމަށް ތާއީދުކޮށްގެންނެވެ. ޤާނޫނީ ބާރާއި ޤާނޫނީ ޙުކޫމަތު ނަގަހައްޓައި ދަމަހައްޓައިގެންނެވެ. އަދި އަޅުގަނޑުމެންގެ ޤައުމުގެ ޙުރުމަތްތެރިވެގެންވާ އަގުތަކާއި ސަގާފަތަށް އިޙުތިރާމްކޮށްގެންނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި (ފާއިތުވި ހަފުތާގައި) އެ ހިންގި ހަމަނުޖެހުންތަކަކީ މި ކަންކަމާ ޚިލާފު ކަންކަމެވެ. އެއީ އެ ކަންކަން ދެމެހެއްޓުމަށް ޓަކައި އަޅުގަނޑުމެން ތެދުވެ މި ތިބަ އަސާސްތަކާ ޚިލާފު ކަންކަމެވެ. އަޅުގަނޑަށް ހަގީތަތުގައި ތާއީދުކުރާ އެއްވެސް ރައްޔިތަކު އެތެރޭގައި މި ފަދަ ސިޔާސީ ހަމަނުޖެހުމެއް ނުހިންގާނެއެވެ. މި ފަދަ (ނޭދެވޭ) ކަމެއް ނުކުރާނެއެވެ. އަޅުގަނޑުގެ ހަގީގީ ސަޕޯޓަރެއް ވިއްޔާ ޤާނޫނުތަކާއި ޤާވާޢިދުތަކަށް އިޙުތިރާމްކުރާނެއެވެ. އަޅުގަނޑުމެންގެ މި ކީރިތި ޤައުމު، އެމެރިކާގެ ދިދައަށް އިޙުތިރާމްކުރާނެއެވެ. އަޅުގަނޑުގެ ހަގީގީ ސަޕޯޓަރަކު އެއްވެސް ރައްޔިތަކަށް ބިރެއް ނުދައްކާނެއެވެ. ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު އެފަދަ ކަމެއް ކުރައްވައިފި ނަމަ، (ހަނދުމަފުޅު ބަހައްޓަވާށެވެ!) އެއީ އަޅުގަނޑުގެ ޙަރަކާތްތަކަށް ތާއީދުކުރައްވަނީކީ ނޫނެވެ. އެއީ އަޅުގަނޑުމެންގެ ޙަރަކާތްތަކާއި ފަލްސަފާއަށް ޙަމާލާ ދެއްވަނީއެވެ. އަދި އެއީ އަޅުގަނޑުމެންގެ ޤައުމަށް ވެސް ޙަމަލާ ދެއްވަނީއެވެ. މި ފަދަ ކަންކަމެއް އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭނެއެވެ. ތަޙައްމަލެއް ނުކުރެވޭނެއެވެ.

އިސްތިރާޖީ ގޮތުން އަޅުގަނޑުމެން މި ދިޔަ އަހަރު ދަތުރުކުރަމުން އައި މަގަކީ ފަސޭހަ މަގެއް ނޫނެވެ. ކޮވިޑް 19 ގެ ސަބަބުން އަޅުގަނޑުމެންނަށް އެތައް ދަތިތަކަކާ މި ދިޔަ އަހަރު ކުރިމަތިވިއެވެ. ކޮންޓްރޯލުން ނެއްޓިފައިވާ ސިޔާސީ ހަމަނުޖެހުންނަތައް މި ދިޔަ އަހަރު (ނިމެމުން ދަނިކޮށް) އަޅުގަނޑުމެންނަށް ފެނުނެވެ. އެތައް ހަމަނުޖެހުމަކާއި، ހަމަނުޖެހުން ހިންގި އެތައް ބަޔަކާއި އެ ކަންކަން މައިތިރިކުރާން ނުކުންނާންޖެހުނު އެތައް ބަޔަކު (ވެސް) އަޅުގަނޑުމެންނަށް ފެނުނެވެ. މި ކަންކަން ހުއްޓުވާންޖެހެއެވެ. އެއީ ކަނާތު ފިޔައި ނުވަތަ ވާތު ފިޔައިގެ މީހަކަށް ވިޔަސްވެހެވެ. އެއީ ދީމުޤްރާޠީއެއް ކަމަށް ވިޔަސް ނުވަތަ ޖުމްހޫރީއެއް ހަމަށް ވިޔަސް (މި ކަމުގައި ހަމަހަމަ)އެވެ. ތަފާތެއް ނެތެވެ. ހަމަނުޖެހުން ހިންގާކަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެއެވެ. މި ކަމަށްދެއްކޭނެ ހަމައެއް ވެސް ނޯންނާނެއެވެ. އެމެރިކާއަކީ ޤާނޫނީ ދައުލަތެކެވެ. މި ދިޔަ ހަފުތާގައި ހިންގި ހަމަނުޖެހުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެވެން ޖެހޭނެއެވެ. މި ކަމުގައި އެއްވެސް އިސްތިސްނާއެއް އޮވެގެން ނުވާނެއެވެ.

މިއަދު އަޅުގަނޑުމެންގެ ސިޔާސަތު ޤަބޫލުކުރައްވާ ހުރިހާ ބޭފުޅުންގެ އަރިހުން އަޅުގަނޑު މި އެދެނީ ކަންކަން ހަމަމަގަށް އަޅުވައި ހަމަނުޖެހުން މައިތިރިކޮށް ކަންކަން ފިނިކުރުމަށް ޓަކައި އެހީތެރިވެދެއްވާށެވެ. އަޅުގަނޑުމެންގެ ޤައުމުގައި އަމާންކަން ޤާއިމުކުރުމަށް ޓަކައި އެންމެން އެހީތެރިވާންވީ ވަގުތަކީ މިއީއެވެ.

ވޮޝިންގޓަނާއި ޤައުމުގެ ކަންކޮޅުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މުޒާހަރާތަކާއި ހަމަނުޖެހުންތައް ރާވަމުން ދާ ކަމުގެ ރިޕޯޓްތައް ވެސް ދަނީ ލިބެމުންނެވެ. މި ފަދަ އިތުރު ހަމަނުޖެހުންތަކުގެ ފުރުޞަތު އޮތްކަމުގެ މަޢުލޫމާތު އެމެރިކާގެ "ސިއްރު ޚިދުމަތު" (ސީކްރެޓް ސަރވިސް)ގެ ފަރާތުން  އަޅުގަނޑަށް ވަނީ ލިބިފައެވެ. (އެކަމަކު) އެމެރިކާގެ ކޮންމެ ރައްޔިތަކަށް ވެސް އެ މީހެއްގެ އަޑު ސުލްޙައާއި އިޙުތިރާމާއެކު ބާރަށް އިއްވުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ ތިޔަ ބޭފުޅުންގެ އަސާސީ ޙައްޤެކެވެ. ނަމަވެސް އަޅުގަނޑަކަށް (ހަމަނުޖެހުމަކަށް) ބާރެއް ނޭޅޭނެއެވެ. އަދި މިއިން އެއްވެސް ކަމެއްގައި ހަމަނުޖެހުން ހިންގައި ތަންތަން ލޫޓުވައި ޤާނޫނާ ޚިލާފު ކަންކަންކުރާކަށް ފުރުޞަތެއް ނޯންނާނެއެވެ. ކޮންމެ ބޭފުޅަކު ވެސް އަޅުގަނޑުމެންގެ ޤާނޫނުތަކަށް އިޙުތިރާމްކުރައްވާން ވާނެއެވެ. އަދި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވެވަޑައިގަންނަވާންވާނެއެވެ. ޤާނޫނުތައް ތަންފީޒުކުރުމުގައި ދައުލަތުގެ ހުރިހާ ވަސީލަތެއް އަޅުގަނޑު ބޭނުންކުރާނަމެވެ. ޤައުމީ ފާރަވެރީން (ނޭޝަނަލް ގާޑް)ގެ އެތައް ހާސް ބަޔެއްގެ ފައުޖެއް ވޮޝިންގޓަނަށް އަޅުގަނޑުމެން އެބަ ގެންނަމެވެ. މި ސިޓީއާއި ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ކަންކަން ޙިމާޔަތްކޮށް އަމާންކަން ޤާއިމުކުރުމަށްޓަކައްޔާއި، އެއްވެސް ހަމަނުޖެހުމެއް ހިންގިޔަ ނުދިނުމަށް ޓަކައެވެ.

ވޭތުވެ ދިޔަ ހަފުތާގައި ކެޕިޓޮލްގައި ހިނގި ހަމަނުޖެހުންތަކާ މެދު، ތިޔަ ބޭފުޅުންނެކޭ އެއް ފަދައިން، އަޅުގަނޑު ވެސް ހިތާމަކުރަމެވެ. އެކަމަކު މި އެއްވުމަށް ވަޑައިގެން އަމާންކަމާއި ޞުލްޙަޔާއެކު އެއްވެ އަމާންކަމާއެކު އަޑު އުފުލި އެތައް ހާސް އެތައް މިލިއަން ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަމެވެ. އަޅުގަނޑުމެން އަބަދު ވެސް މަސައްކަތްކުރަމުން އަންނަ ފަދައިން މި ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭނެއެވެ. ޞުލްޙައާއި އަމާންކަމާއެކުގައެވެ.

މި ދިޔަ ހަފުތާގައި ޚިޔާލުފާޅުކުރުމުގެ ހަމަތަކާ ޚިލާފަށް ހިނގި ކަންތައްތަކާ ބެހޭ ގޮތުން ވެސް އެއްޗެއް ދަންނަވައިލާން ބޭނުމެވެ. މިއީ ކަންބޮޑުވާ އަދި އުނދަގޫ ވަގުތެކެވެ. އަޅުގަނޑުމެންގެ ބައެއް ރައްޔިތުންގެ ބައެއް ޙައްޤުތައް ކެންސަލްކޮށް ބްލެކް ލިސްޓްކުރެވުމަކީ ހެދުނު ގޯހެކެވެ. އަދި އެއީ ނުރައްކާތެރި ކަމެއްވެސް މެއެވެ. މި ވަގުތު އަޅުގަނޑުމެންނަށް ބޭނުންވަނީ އެކަކު އަނެކެއްގެ އަޑު އެހުމެވެ. އެކަމަކު އެކަކު އަނެކަކަށް ހިމޭނުން ތިބުމެއް ނޫނެވެ. އަޅުގަނޑުމެންނަށް ވެސް އަޅުގަނޑުމެންގެ ޢާންމު މަންސަތަކުގައި އެންމެން ޙިއްޞާކުރާ ކަންކަމުގައި އަޑު އުފުލޭނެއެވެ. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ މުޅި ޤައުމުގެ ޢާއްމު މަޞްލަޙަތެވެ. ޢާލަމީގެ ވަބާއަށް މުޢުޖިޒާތީ ވެކްސިން ދިނުމާއި، މި ޢާލަމީ ވަބާ ބަލިކޮށްލުމަށާއި އިޤުތިޞާދު އަލުން ކޮޅަށްޖެހުމާއި އަޅުގަނޑުމެންގެ ޤައުމީ ސަލާމަތްތެރިކަން ޙިމާޔަތްކުރުމާއި ޤާނޫނީ  ޙުކޫމަތު ތަންފީޒުކުރުމެވެ. (އަޅުގަނޑުމެން ބޭނުންވެގެން މި އުޅެނީ މި ކަންކަމެވެ.) މިއަދު އަޅުގަނޑު އެމެރިކާގެ ހުރިހާ ރައްޔިތުންނަށް މި އިލްތިމާސްކުރަނީ މި ދިޔަ ހަމަނުޖެހުމުގެ މައްސަލަ ޙައްލުކޮށް، އެއްބައިވަންތަ ރައްޔިތެއްގެ ގޮތުގައި އެމެރިކާގެ ރައްޔިތުން އުފާ ފާގަތިކަންމަތީ ތިއްބެވުމަށެވެ. އަޅުގަނޑުމެން ގުޅިގެން ކުރިއަށް ފިޔަވަޅު އަޅާން ފަށަމާ ހިންގަވާށެވެ! އަޅުގަނޑުމެންގެ ޢާއިލާއާއި މުޖުތަމަޢާއި މުޅި ޤައުމުގެ ހެވަތާއި ލާބައަށް ޓަކައެވެ.

ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ! މާތްރަސްކަލާންގެ ތިޔަ ހުރިހާ ބޭފުޅުންނަށް ބަރަކާތް ލައްވާށިއެވެ! މާތްރަސްކަލާންގެ އެމެރިކާއަށް ބަރަކާތްލައްވާށިއެވެ!"

ޓްރަމްޕްގެ މި ވީޑިއޯ ޚިޠާބު ތަޙުލީލުކުރެއްވި މުޙައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ އެއްވެސް އިޚުލާސްތެރިކަމެއް ނެތް (ހެދި) ވާހަކަތަކެއް ކަމަށެވެ. އެހެނީ ޖަނަވަރީ ހަވަނަ ދުވަހު، މީހުން އެއްކޮށްގެން ހިންގި ހަމަނުޖެމަކީ އޭނާ ރާއްވަވައިގެން ކުރި ކަމެއް ކަމުގެ ހެކި ފެންނާން އެބަ ހުއްޓެވެ. އެ ދުވަހު އެއްވެފައި އޮތް މީސްތަކުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުތައް އޭގެ އަޑާއި މަންޒަރާ އެކު، ރެކޯޑް ކުރެވިފައި ހުރި އިރު، އެކަމުން އޭނާއަށް ބަރީއަވެޑައެއް ނުގެންނެވޭނެއެވެ. އެހެންކަމުން މި ޚިޠާބާމެދު މުޙައްލިލުން އުފަލެއް ނުވެއެވެ. މާދަމާވެސް ޓްރަމްޕް ކުރައްވައިފައި ނުކުރައްވާނޭ ކަމެއް ހަމަ އެކަކަށް ވެސް އިޙުސާސްކޮށްލާކަށް ވެސް ނޭނގޭނެއެވެ.

މިއަދަކީ ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގައި ހޭދަކުރައްވާ އެންމެ ފަހު ދުވަހެވެ. އޭނާއަކީ ދައްކަވާ ވާހަކަފުޅާ އެއް ގޮތަކަށް ވެސް ޢަމަލާ ދިމާވާ ފޭބުޅެއް ނޫނެވެ. ފެންނާން ހުންނަ ހަގީގަތްތަކާ އިދިކޮޅަށް އިތުރުފުޅު (ދޮގުތައް) ހެއްދެވުމަކީ އޭނާގެ އާދަފުޅެކެވެ. ރައީސްކަމުން ވަކިވެވަޑައިގަތުމަށްފަހު، މި ކަންކަމާ ކުރިމަތިލައްވާން ޖެހިވަޑައިގަތުމަކީ ވެސް އެކަށީގެން ނުވާ ކަމެއް ނޫންކަމަށް މުޙައްލިލުން ލަފާކުރައްވައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *