"އިސްލާމްދީނަކީ ދީނެއް ނޫން ކަމަށާއި މުސްލިމުން އަބަދުވެސް ތިބެނީ ހަނގުރާމައާއެކުގައި" ކަމަށް ގްރީސްގެ ފާދިރީންގެ ރައީސް އާރޗްބިޝޮޕް އޭރުނީމަސް ބުނުމުން ތުރްކީން އެކަން ކުށްވެރިކޮށްފިއެވެ. ތުރްކީގެ ޚާރިޖިއްޔާއިން ނެރުނު މި ބަޔާން އާޗްބިޝޮޕް ކުށްވެރިކަމުން ބުންޏެވެ. ((ދީނީ މީހުން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ ސުލްޙަމަސަލަސް ކަމަށް ޓަކައެވެ. ފިތުނަވެރިކަމުގެ އޮށްތައް އިންދުމާ އެމީހުން ދުރުހެލިވާން ޖެހޭނެއެވެ.))
ގްރީސްގެ މިނިވަންކަމާ ބެހޭ ހަނގުރާމަޔާ ބެހޭގޮތުން އާޗްބިޝޮޕް އޯޕަން ޓީވީގައި ވާހަކަ ދައްކަމުން ބުންޏެވެ. ((އިސްލާމްދީނަކީ ދީނެއްނޫނެވެ. އެ ދީނަށް ތަބާވާ މީހުންނަކީ ހަނގުރާމައިގެ މީހުންނެވެ. އެއީ ސަރަޙައްދު ފުޅާއުކުރާ ބައެކެވެ. މިއީ އިސްލާމްދީނާއި އެ ދީނުގެ ތަޢުލީމުގެ ޚާއްޞަ ސިފައެކެވެ.))
ތުރްކީން ފާދިރީންގެ ވެރިޔާއަށް ހޫނު ރައްދެއް
ގްރީސްގެ ފައްޅިތަކުގެ އިސް ފާދިރީ އާޗްބިޝޮޕް އޭރުނީމަސް މި ދިން ބަޔާން ވަރަށް ބޮޑަށް ކުށްވެރިކޮށް ތުރްކީގެ ޚާރިޖިއްޔާގެ ޓްވިޓަރ ޞަފްޙާގައި ޝާއިޢުކޮށްފައި ވެއެވެ. މި ޓްވިޓަރގައި އައިސްފައި ވެއެވެ. ((އަހުރެމެންގެ މުޤައްދަސް ދީނަށް ފުރައްސާރަކުރުމަކީ އެކަމާމެދު އަހުރެމެން ވަރަށް ކަންބޮޑުވާ ކަމެކެވެ. ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އެންމެން ކަންބޮޑުވެފައިވާ ވަގުތެއްގައި އެންމެންގެ މައްޗަށް ލާޒިމުވެގެން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމު ކުރާ ވެށްޓެއް ޤާއިމު ކުރާށެވެ. އެއްބަޔަކު އަނެއް ބަޔަކަށް ދޫކުރުމުގެ މާޙައުލެއް އުފައްދާށެވެ.))
އަންކަރާއާއި އެތެންސާ ދެމެދުގައި ގުޅުން ރަނގަޅުކުރުމަށް ތައްޔާރީތައް ވަމުންދާ ވަގުތެއްގައި ފައްޅީގެ އެންމެ އިސްވެރިޔާ މިފަދަ "ހޭނުޖެހޭ" ވާހަކަތަކެއް ދެއްކުމަކީ ވަރަށް ދެރަވަރު ކަމެކެވެ.
ތުރްކީން ސިފަކުރި ގޮތުގައި އާރޗްބިޝޮޕްގެ މި ބަޔާނަކީ ޖެއްސުންކުރުމާއި މަލާމާތްކުރުމުގެ ބަސްތަކެކެވެ. އެއީ އިސްލާމްދީނާ ދެކޮޅަށް ހަތުރުވެރިކަމާއި ނީހަވެރިކަން ފެތުރުމަށް ވާގިވެރިވާނެ ބަސްތަކެއްކަން ކަށަވަރެވެ. މިފަދަ ބަސްތަކުން އެނގެނީ ޔޫރަޕްގައި އިސްލާމްފޯބިޔާގެ ވައިރަސް ފެތުރި އަށަގެންފައިވާ މިންވަރެވެ. އިސްލާމްދީނާ ދެކޮޅަށް ޔޫރަޕްގައި ނަފްރަތްތައް އިތުރުވަމުންދަނީ އިސް މަސްއޫލުވެރީން ދެއްވާ ޒިންމާދާރުކަން ކުޑަ މިފަދަ ބަސްތަކުން ކަމަށް ތުރްކީން ބުންޏެވެ.
އަނެއްކޮޅުން ބަލާއިރު ހުޅަނގު ތްރޭސްގެ މުސްލިމުންގެ އެޑްވައިޒަރީ ބޯޑުން ވެސް އިސް ފާދިރީގެ މި ބަޔާން ވަނީ ކުށްވެރިކޮށްފައެވެ. މި ބޯޑުން ނެރުނު ބަޔާނުގައި މި ޢަދާވަތްތެރި ބަހުރުވަ ބަދަލުކުރުމަށް ގޮވާލައިފައި ވެއެވެ. މި ވަގުތަށް ބޭނުން ވަނީ އެއްބައެއްވަންތަކަމުގެ ބަހަކަށް ކަމަށް މި ބޯޑުން ބުންޏެވެ. މި ބޯޑުން އެ ސަރަޙައްދުގެ އިމާމުންނާއި ޚަޠީބުންގެ މަދަރުސާގެ ދަސްވެނީންނަށް އިސް ފާދިރީގެ ބަޔާން ކުށްވެރިކުރުމަށާއި އެ ކަމަށް ޓަކައި އިސް ފާދިރީ މާފަށް އެދެން ޖެހޭނެ ކަމަށް ގޮވައިލުމަށް އިރްޝާދު ދީފައި ވެއެވެ.



advertisment