ދައުރު ހަމަވަމުންދާ އެމެރިކާގެ ރައީސް ޓްރަމްޕް އޭނާގެ އެންމެފަހު ވަގުތުކޮޅުގައި ވެސް އައު ރައީސަށް ދަތިކުރެއްވުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުން އެބަ ގެންދަވައެވެ. އެމެރިކާގެ ދިފާޢީ ކަންކާލު އަލުން އިންތިޒާމުކޮށް މެދުއިރުމަތީގައި އޮންނަ އެމެރިކާގެ ޢަސްކަރީ ޒަޢާމަތުގައި އިސްރާއީލު ޝާމިލުވާ ގޮތަށް ފުޅައު ކުރަން ރައީސް ޓްރަމްޕު އިއްޔެ އަމުރު ކުރައްވައިފިއެވެ. މިއީ އިސްރާއީލަށް ތާއީދުކުރާ އެމެރިކާގެ ޖަމާޢަތްތަކުން އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވައިލަމުންދާ ދިޔުމަށް ރައީސް ޓްރަމްޕް ދެއްވި އިޖާބައެއް ކަމަށް ފެނެއެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖާރނަލް ބުނިގޮތުގައި މި ފިޔަވަޅުގެ ސަބަބުން ޢަރަބި ޤައުމުތަކާއި އިސްރާއީލާ ގުޅޭ މަސްއަލަތަކުގައި އެމެރިކާގެ ޢަސްކަރިއްޔާއިން ވަކިވަކިން ފިޔަވަޅު އަޅަކަށް ނުޖެހޭނެއެވެ. މީގެ ކުރިން އެމެރިކާއިން ޢަރަބި ޤައުމުތަކާ އިސްރާއީލާ ދެމެދުގައި މުޢާމަލާތު ކުރަމުން ގޮސްފައި ވަނީ ވަކި ދެ ބައެއްގެ ގޮތުގައެވެ.
"އަބްރަހަމު" އެއްބަސްވުމާ ގުޅޭ ޤަރާރެއް
މިއީ ރައީސް ބައިޑްނަށް މެދުއިރުމައްޗާ ބެހޭ އެމެރިކާގެ ޤައުމީ އަމްނުގެ އެޖެންޑާއިން ވާރުތަވެވަޑައިގަންނަވާނެ ވަރަށް ބޮޑު ތަރިކައެކެވެ. ބައިޑްންގެ އިންތިޤާލީ އޮފީހުން މި ކަމާމެދު އެއްޗެއް ބުނުމާ ވަނީ ދެކޮޅު ހަދައިފައެވެ.
މި ފިޔަވަޅުގެ ކުރިން އިސްރާއީލާ ބެހޭ މަސްއަލަތައް ބަލަހައްޓަމުން އައިސްފައި ވަނީ ޔޫރަޕާ ބެހޭ އެމެރިކާގެ ޢަސްކަރީ ޒަޢާމަތުންނެވެ. މި އައު ފިޔަވަޅުގެ ސަބަބުން އެމެރިކާގެ ޖަނަރަލުންނަށް އިސްރާއީލު ރުޅިނާރުވާ ޢަރަބި ޤައުމުތަކާއެކު މުޢާމަލާތު ކުރެވޭނެއެވެ. އިސްރާއީލާ ބައެއް ޢަރަބި ޤައުމުތަކާ ދެމެދުގައި ގުޅުންތައް ބަދަހިވަމުން އަންނާތީ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވާ ގޮތުގައި ޖެނެރަލް ފްރޭންކް މެކެންޒީއަށް ސުޢޫދީ ޢަރަބިއްޔާއަށާއި އިމާރާތަށާއި އިސްރާއީލަށް ދެން ދަތުރު ކުރެއްވޭނެއެވެ. އެބައިމީހުންގެ ޢަސްކަރީ ޙަރަކާތްތަކާއި ރޭވުންތައް އެކުއެކީގައި ކުރިއަށް ގެންދެވޭނެއެވެ.
ގުޅުންތައް ޠަބީޢީ ކުރުން
އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވާގޮތުގައި މިކަމުގެ ސަބަބުން ޢަރަބީންނާ އިސްރާއީލު އެއްގަލަކަށް އަރުވަން އެމެރިކާއިން ކުރަނުންދާ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެއެވެ. އަދި މި މަސައްކަތް މާ ބޮޑަށް ހަރުދަނާވެގެންދާނެއެވެ. އެހެނަސް އޭނާ ވިދާޅުވިގޮތުގައި އެމެރިކާގެ މެދުއިރުމަތީގެ ޢަސްކަރިއްޔާއަށް މިކަމުގެ ސަބަބުން ބުރަ އިތުރުވެގެންދާނެއެވެ. އަފްޣާނިސްތާނާއި، ޢިރާޤާއި، ސޫރިޔާ ފަދަ އަރާރުން ހިނގަމުންދާ ސަރަޙައްދުތަކުގައި އެމެރިކާގެ ޒިންމާ ފުޅައުވެގެންދާނެއެވެ. އެމެރިކާއަށް އެންމެ ދަތިވާނީ އެއްބަޔަކު އަނެއް ބަޔެއްގެ ނިޔަތާމެދު ޝައްކުކުރާ ދެ ބަޔަކު ގޮވައިގެން މަސައްކަތް ކުރުންކަމަށް އޭނާ ވިދާޅުވިއެވެ. ގަލްފްގެ ބައެއް ޤައުމުތަކާ އިސްރާއީލާ ދެމެދުގައި ގުޅުންތައް ބަދަހިވަމުން އަޔަސް އިސްރާއީލާ ފަލަސްޠީނާ ދެމެދުގައި އަދިވެސް އޮތީ ކަނޑިއާ ކަނޑިއެވެ. ދެބަސްވުންތައް ވަރަށް ފުނެވެ. ގަލްފުގެ އެންމެ މުހިއްމު ދައުލަތް ކަމުގައިވާ ސުޢޫދީ ޢަރަބިއްޔާއާ އިސްރާއީލާ ދެމެދުގައި ގުޅުންތައް އަދި ރަސްމީއެއް ނުވެއެވެ. މުޙައްލިލުން ވިދާޅުވާގޮތުގައި މި ގުޅުމަކީ ވަގުތުގެ މަސްއަލައެކެވެ.
ޓްރަމްޕްގެ ޤާރާރު ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ ބައިޑްނަށް
އެމެރިކާގެ މި ނޫސް ބުނާގޮތުގައި ރައީސް ޓްރަމްޕްގެ ރިޔާސީ ދައުރުގެ އެންމެފަހު ދެތިން ދުވަހުގެ ތެރޭގައި މި ނިންމެވި ނިންމުންތަކުގެ ސަބަބުން ރައީސް ބައިޑްނަށް ވަރަށް ބޮޑެތި މަސްއަލަތަކެއް ކުރިމަތިވެވަޑައިގަންނަވާނެއެވެ. ޓްރަމްޕް މި ވަނީ ފޮނިކޮޅު ހިއްޕަވާލައްވައިފައެވެ. ހިތިކޮޅު ލިބިވަޑައިގަންފައި މި ވަނީ ބައިޑްނަށެވެ. އެމެރިކާގެ ޢަސްކަރީ މައި މަރްކަޒުން ވެސް އަދި ވޮޝިންގްޓަންގައި ހުންނަ އިސްރާއީލު ސަފާރާއިން ވެސް މި ޚަބަރާބެހޭގޮތުން އެއްޗެއް ބުނުމާ ވަނީ ދެކޮޅު ހަދައިފައެވެ. ޞުލްޙައާ ބެހޭ އެމެރިކާގެ ކުރީގެ މަންދޫބު ޑެނިސް ރޮސް ވިދާޅުވާ ގޮތުގައި "މި ކަމާހެދި ރައީސް ބައިޑްނަށް އެއްވެސް ބުރައެއް ކުރިމަތިވެވަޑައިގަންނަވާނެ ކަމަކަށް ނުދެކެމެވެ. އިސްރާއީލުން މިކަމަށް މަރްޙަބާ ކިޔާނެކަން ކަށަވަރެވެ. އެއީ އިސްރާއީލުން އިންތިޒާރުކުރަމުން އައި ކަމެކެވެ."
އޮއިލް ޕްރައިސް "ނަމަކަށް ކިޔާ ޖާލު ޞަފްޙާއެއް ބުނާގޮތުގައި" މެދުއިރުމަތީގައި ބައިޑްން ގެންގުޅުއްވާނެ ސިޔާސަތަށް ހުރަސްއެޅުމުގެ ބާރު ސުޢޫދީ އަރަބިއްޔާއަށާއި އިސްރާއީލަށް ލިބިގެން ވެއެވެ. މި ޞަފްޙާ ބުނާގޮތުގައި މި ދިޔަ ނޮވެންބަރު މަހުގައި 22ވަނަ ދުވަހު ސުޢޫދީ ޢަރަބިއްޔާގެ ރަށެއް ކަމުގައި ނަޔޫމުގައި މުޙައްމަދު ބިން ސަލްމާނާއި ނަތަންޔާހޫއާ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި ބައިޑްންގެ ރޭވުންތަކާ ކުރިމަތިލުމަށް ޓަކައި ވަނީ ޢަހްދުނާމާއެއް ހައްދަވައިފައެވެ. މި ބައްދަލުވުމުގައި ރައީސް ޓްރަމްޕްގެ ޚާރިޖީ ވަޒީރު ޕޮމްޕިޔޯ ބައިވެރިވެ ވަޑައިގަންފައި ވެއެވެ. މި ބައްދަލު ކުރެއްވުމުގައި ބަޙްސުކުރެވުނު މަސްއަލަތަކުގެ ތެރޭގައި އީރާނުގެ ނިޔުކްލިއަރ އެއްބަސްވުން ވެއެވެ. މި މަސްއަލައާމެދު އަލުން ވާހަކަފުޅު ދައްކަވަން ބައިޑްން ގަސްތު ކުރައްވާތީ އެކަމާ ދެކޮޅު ހެދުމަށް މި ފަހްމުނާމާގައި އައިސްފައިވެއެވެ. ޔޫރަޕަށް ބަލާއިރު ބައިޑްން ރައީސްކަމަށް ހޮވިވަޑައިގަތުމުން އެމީހުން އެކަމާމެދު އުފާވިއެވެ. އެމީހުން އެދެނީ އެމެރިކާ އަލުން މި އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރަން ފެށުމަށެވެ. ޔޫރަޕުން އެދެނީ ޚާރިޖީ ސިޔާސަތުގައި އެމެރިކާއިން އެމީހުންނާ ބައިވެރި ވުމަށެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ވަނީ ތިމާވެށްޓާ ބެހޭ ޕެރިސް އެއްބަސްވުމުންނާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންނާއި އީރާނާއެކު ސޮއިކޮށްފައިވާ ނިޔުކްލިއަރ އެއްބަސްވުމުން ވަނީ ބޭރަށް ނުކުމެފައެވެ.
އީރާނާ އިދިކޮޅު ގަލްފު – އިސްރާއީލު ނާރެސް
މިއަހަރަށާއި ކުރިއަށް އޮތް އަހަރަށް ލަފާކޮށް ތެލާއި ގޭހުގެ އަގުތައް ކަނޑައަޅައިފާ ވަނީ މި ކަންކަމަށް ލަފާކޮށްގެންނެވެ. ރައީސް ބައިޑްން އީރާނަށް ލުއި ދެއްވައިފިނަމަ އީރާނުން ބޭރުކުރާ ތެޔޮ އިތުރުވެގެންދާނެތީއެވެ. މުޙައްލިލުން ކަންބޮޑުވެ ވަޑައިގަންނަވާ އެއް ކަމަކީ ޓްރަމްޕުގެ ތަރިކައިން މި ވާރުތަވެ ވަޑައިގަންނަވާ ޙިއްޞާތައް ރޫޅައިލެއްވުމުގެ ޤާބިލުކަން ބައިޑްންގެ ކިބައިގައި ނުހުރެދާނެތީއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ސުޢޫދިޔާއާއި އިމާރާތާއި މިޞްރުގެ ޒަޢާމަތްތަކުގެ އަރިހުގައި ބައިޑްނަކީ މާ މަޤްބޫލު ބޭފުޅެއްނޫނެވެ. ޓްރަމްޕްގެ ތަރިކަތަކުން ދުނިޔެއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިއީ ބައިޑްނަށް ޤަބޫލު ކުރައްވަން ޖެހިވަޑައިގެންފައިވާ ޙަޤީޤަތްތަކެކެވެ. އެންމެ ބޮޑެތި ބަދަލުތަކެއް ގެނައި ކަމަކީ އިސްރާއީލާއެކު އިމާރަތާއި ބަހްރައިނާއި ސޫދާނާއި މަޣްރިބުން ގުޅުންތައް ޠަބީޢީ ކުރުމެވެ. ސުޢޫދީ ޢަރަބިއްޔާއިން މިފަދަ އެއްބަސްވުމެއްގައި އަދި ސޮއި ނުކުރިއަސް އެއީ ކުރިން ވެސް ދެންނެވިފަދައިން ވަގުތުގެ މަސްއަލައެކެވެ. އިސްރާއީލާ ސުޢޫދީ ޢަރަބިއްޔާއާ ދެމެދުގައވާ ގުޅުންތަކަކީ ވަންހަނާވެގެންވާ ގުޅުމެއް ނޫނެވެ. އަދި އެކަމާ ސުޢޫދީ ރަސްގެފާނު ސަލްމާނު ދެކޮޅު ހައްދަވާ ހެއްދެވުމަކީ ވެސް ސިއްރެއް ނޫނެވެ.
އިސްރާއީލާ ސުޢޫދީ ޢަރަބިއްޔާގެ ސިއްރު ބައްދަލުވުމުގައި ނަތަންޔާހޫއާއި މުޙައްމަދު ބިން ސަލްމާނުގެ އިތުރަށް އިސްރާއީލުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޔޫސީ ކޯހީނާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕިޔޯ ބައިވެރިވެ ވަޑައިގަތެވެ. މި ފަރާތްތަކުން ކަންބޮޑުވަނީ ބައިޑްން އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަން ފަށްޓަވައިފާނެތީއެވެ. މި ޤައުމުތަކުގެ ސިއްރު ބައްދަލުވުމުގައި ބަހުސްކުރައްވާފައިވަނީ ބައިޑްންގެ މި ސިޔާސަތާ ކުރިމަތިލާނެ ގޮތްތަކާމެދުއެވެ.



advertisment