Support Us

ލިޒް ޗޭނީ (ކ) ދީމުޤުރާޠީއެއް ކަމަށްވާ ޖަމީ ރަސްކިން އާއެކު ބުދަ ދުވަހު މަޝްވަރާއެއް ކުރަނީ.

ކޮންގްރެސްގައި "ޖުމްހޫރީން" ދެބައިވެ، ބިރުދެއްކުންތަކާ ކުރިމަތިވެފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ އިތުބާރު ނެތް ކަމަށް ކޮންގްރެސްގެ ދަށު ގޭގައި ބުދަ ދުވަހު ނެގުނު ވޯޓާ ގުޅިގެން ޕާޓީގެ ތެރެ ބައިބައިވެ، ބައެއް މެންބަރުންނަށް ތަފާތު އިންޒާރުތަކާއި ބިރުދެއްކުންތަކާއި ފިއްތުންތައް ކުރިމަތިވެއްޖެއެވެ.

ކޮންގްރެސްގައި ހިމެނޭ ތިންވަނަ ދަރަޖައިގެ ޖުމްހޫރީއެއް ކަމަށްވާ ލިޒް ޗެނީ، ޓްރަމްޕާ ދެކޮޅަށް ވޯޓު ދީފައިވާތީ އޭނާ ޕާޓީގައި ފުރަމުން ގެންދާ މަޤާމުތަކުން އިސްތިއުފާދޭން ގޮވައިލައި ތަފާތު ފޯނުކޯލުތައް ލިބެން ވަނީ ފަށައިފައެވެ.

އެ ދުވަހު ޓްރަމްޕާ ދެކޮޅަށް ވޯޓުދިން މީހުންނަށް ތަފާތު ބިރުދެއްކުންތަކާއި އިނޒާރުތައް ވެސް ލިބެމުން އެބަދެއެވެ. އަދި އެ މެންބަރުގެ ސަލާމަތީ ކަންކަން ވެސް މިހާރު ވަރުގަދަކުރެވިފައިވާ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ.

މި ކަން ކުރިމަތިވެފައި މި ވަނީ ކޮންގްރެސްގެ މަތިގެ ކަމަށްވާ ސެނޭޓްގައި އިތުބާރު ނެގުމަށް ތައްޔާރުވަމުންދިޔުމާއި ޓަރަމްޕް އޮފީސް ދޫކޮށްލާން ތައްޔަރުވަމުންދާ ދަނޑިވަޅާ ވެސް ދިމާކޮށެވެ.

މި ދިޔަ ހަފުތާގައި އެތައް ހާސް ބަޔަކު ޖަމާކޮށް ކެޕިޓޮލްއަށް އަރައިގަނެއް ތަކެއްޗަށާއި ތަނަށް ބޮޑެތި ގެއްލުންތަކެއްދީ މި ކަންތައްގަނޑުގައި ފަސްމީހަކު މަރުވެފައިވާތީ ޓްރަމްޕާ ދެކޮޅަށް ނެގިވޯޓުގައި ދިހަވަރަކަށް ޖުމްހޫރީން ވެސް އޭނާއާ ދެކޮޅަށް ވޯޓު ދީފައިވެއެވެ. އެދުވަހު ޓްރަމްޕް ސަލާމަތްކުރާން 197 ވޯޓް ލިބުނަސް 232 ވޯޓު ޓްރަމްޕާ ދެކޮޅަށް ދީފައިވެއެވެ.

ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން މިހާރުވަނީ، މިހާރު ރައީސްކަމަށް އިންތިޚާބުކުރެވިފައިވާ ދީމުޤްރާޠީ ރައީސް ޖޯބައިޑްން ހުވާކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް ވޮޝިންގޓަން ޑީސީގައްޔާއި 50 ސްޓޭޓެއްގެ ވެރި ރަށުގައި ހަތިޔާރާއެކު ހަޅުތާލުތަކެއް ކުރުމުގެ ފުރުޞަތު އެބަ އޮތްކަން ހާމަކޮށް އެކަން އެންމެންގެ ސަމާލުކަމަށް ގެނެސްފައެވެ.

ކޮންގްރެސްގައި "ވައިއޯމިންގ" ސްޓޭޓް ތަމްސީލުކުރާ ޖުމްހޫރީއެއް ކަމަށްވާ މިސިޒް ޗެނީއަށްވެސް އިތުބާރުނެތްކަމުގެ ވޯޓާ ގުޅިގެންވަނީ އިންޒާރާއި ބިރު ދެއްކުމުގެ ކޯލުތައް ލިބެން ފަށައިފައެވެ. ޗެނީގެ ބައްޕައަކީ ޖޯޖް ޑަބްލިޔޫ ބުޝްގެ ރައީސްކަމުގައި ނާއިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

ޗެނީއަށް އަންނަ އިނޒާރުތަކާއި އޭނާ އިސްތިއުފާ ދޭން ގޮވައިލެވޭ ގޮވައިލުންތަކާ ގުޅިގެން އޭނާ ދީފައިވަނީ ވަރަށް ފިނި ސާދާ އިޖާބައެކެވެ. "އަހަރެން އެއްވެސް ތާކަށް ދާކަށް ނޫޅެމެވެ. މި ވޯޓަކީ އަހަރެންގެ އަމިއްލަ ޒަމީރާ އެއް ގޮތަށް ދިން ވޯޓެކެވެ." އޭނާ ބުނެފައިވެއެވެ.

"މިކަމާ ގުޅިގެން ތަފާތު ޚިޔާލުތައް އެބަހުއްޓެވެ. އެކަމަކު އަހަރެމެންގެ ޤައުމު، އަހުލީ ހަނގުރާމައަށްފަހު، މިއީ ކުރިމަތިވި އުޞޫލާ ޚިލާފު ކަންތައްގަނޑެކެވެ. ޤާނޫނީ ބޮޑު ހަމަނުޖެހުންގަނޑެކެވެ." ޓްރަމްޕާ ދެކޮޅަށް ދެވަނަ ފަހަރަށް ނެގުނު ވޯޓަށް ފަހު ބުދަދުވަހު ރިޕޯޓަރުންނާ މުޚާޠަބުކޮށް އޭނާ ބުނެފައިވެއެވެ.

އެހެން ޖުމްހޫރީއެއް ކަމަށްވާ ފިރިހެން މެންބަރަކު ބުނެފައިވާ ގޮތުގައި ތަފާތު އިންޒާރުތަކާއި އެކިއެކި ކުދި ޙަމަލާތަކާ ގުޅިގެން އާންމުކޮށް އަހަރެމެން ދަތުރުކޮށް އުޅޭ މަގު ބަދަލުކުރާން ވެސް ސަލާމަތީ ފަރާތްތަކުން މިހާރު އަހަރެމެނަށް ވަނީ އަންގައިފައެވެ.

"މިއީ ވަރަށް ދެރަކަމެއް. އެކަމަކު ކޮންމެވެސް ބަޔަކު އަހަރެމެން މަރައިލާން ވެސް ރާވައިފާނެ ކަމަށް ލަފާކުރެވޭ." މިޝިގަން ސްޓޭޓް ތަމްސީލުކުރާ ޖުމްހޫރީއެއް ކަމަށްވާ ޕީޓަރ މެއިޖާ، ނޫހަކަށް ދިން ޖަވާބެއްގައި އިއްޔެ ބުނެފައިވެއެވެ. "އަހަރެމެނަކަށް ނޭނގެ ދެން ހިނގާނީ ކޮން ކަމެއް ކަމެއް ވެސް. އަހަރެން ލަފައެއް ވެސް ނުކުރަން ފާއިތުވި 200 ވަރަކަށް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކެޕިޓޮލްގައި މި ހިނގި ކަންތައްގަނޑު ހިނގާނެ ކަމަކަށް ވެސް." އޭނާ ބުންޏެވެ. "ތަފާތު މާޙައުލުގައި ބިރުދެއްކުމާއި ނަފުރަތު އުފެއްދުމުގެ މި ދަރަޖައިގެ ބިރުވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގައި، ކުރިމަތިވެދާނެ ކޮންމެ ކަމަކަށް ވެސް އަހަރެމެން ޒިންމާ އުފުލާންޖެހޭނެއެވެ."

މި ބިރުދެއްކުމާއި މަލާމާތާއި ނަފުރަތުގެ މާޙާއުލުގައި، ސެނެޓްގައި ނަގާ ވޯޓަށް ވާނީ ކިހިނެއްތޯ، މިއީ ގިނަ ބަޔަކު މިހާރު ޖަވާބަކަށް އިންތިޒާރުކުރާ ސުވާލެކެވެ. މިހާރުއްސުރެ "ޤައުމީ ފާރަވެރީން" (ނޭޝަނަލް ގާޑް) ކެޕިޓޮލްގެ އެތެރެއާއި ބޭރުގައި ވެސް ފޯރިމަރަމުން ގެންދާއިރު ވޯޓާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ދެތިން ގަޑިއެއްހާ އިރުގެ ތެރޭގައި ކޮންގްރެހުން ބަޔާނެއް ނެރޭނެ ކަމަށް ބެލެވެއެވެ. ގިނަ ޖުމުހޫރީން ވެސް ކޮންމެހެން ޓްރަމްޕް ސަލާމަތްކުރާނެ ކަމަކަށް ނުވިސްނައެވެ. ނަމަވެސް އެ މީހުން ބަހުސްކުރަނީ ޢާއްމު އިޖުރާއާތްތައް ކަޓުވައިލައި ޢާއްމު އުޞޫލާ ޚިލާފަށް އަވަސް އަރުވައިލައިގެން ސެނޭޓްގައި ވޯޓްނެގުނުގެ ބޭނުމާ މެދުގައެވެ. "

އޮންނަ އިޖުރާއާތްތަކާ ޚިލާފަށް ރައީސެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނެގުމަކީ ހެދޭ ގޯހެއް،" ޖުމްހޫރީ މެންބަރެއް ކަމަށްވާ ކެވިން މެކްކާތީ ބުންޏެވެ. "ނަމަވެސް އޭގެ މާނައަކީ ރައީސް ކުށުން ބަރީއަވެގެންވުމެއް ނޫން. ބުދަ ދުވަހު ކެޕިޓޮލްގައި ހިންގި ހަމަނުޖެހުމުގެ ޒިންމާ ރައީސް އުފުލާންޖެހޭނެ".

ކޮންމެއަކަސް ރައްޔިތުން ތިބީ ނަތީޖާއެއްގެ އިންތިޒާރުގައެވެ. މަތިގޭގައި ނެގޭ ވޯޓުގެ ނަތީޖާ ދާނެ ގޮތަކާމެދުގައެވެ. (ޙަވާލާ: ބީބީސީ)

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *