Support Us

އުތުރު ކޮރެއާގެ ޒަޢީމު ކިމް ޖޮން އުން ބޮލިސްޓިކް މިސައިލެއް ތަޖްރިބާކުރުމުގެ ރަސްމިއްޔާތެއްގައި

އެމެރިކާގެ އައު ރައީސާ ކުރިމަތިލައްވަން އުތުރު ކޮރެއާގެ ޒަޢީމު ހުންނެވީ ތައްޔާރަށް

އުތުރު ކޮރެއާގައި ވެރިކަން ކުރާ ކޮމްޔުނިސްޓް ޕާޓީގެ އިސްތިސްނާއީ ބައްދަލުވުމުގައި އެ ޤައުމުގެ ޒަޢީމު ކިމް ޖޮން އިލް އެ ޕާޓީގެ ސެކްރަޓަރީ ޖެނެރަލްގެ މަޤާމަށް ޢައްޔަން ކުރުމުން އުތުރު ކޮރެއާއާ ދިމާއަށް ދުނިޔޭގެ ލޯތައް އަނެއްކާވެސް އެނބުރިއްޖެއެވެ. އިނގިރޭސިވިލާތުގެ "ގާރޑިއަން" ދުވަހު ނޫސް ބުނާގޮތުގައި "ރަމްޒީ ލަޤަބަކަށް ވިޔަސް" މިއީ ވަރަށް ފުން މާނަތަކެއް ހިމެނޭ ކަމެކެވެ. މި ކަމުގެ ސަބަބުން ކިމް އުންގެ ނުފޫޒުގަދަ ކޮއްކޯފުޅުގެ ކުރިމަގާމެދު ވެސް ސުވާލު އުފެދެއެވެ. މީގެއިތުރަށް މި ބައްދަލުވުމުގައި އެމެރިކާގެ އައު ރައީސް ޖޯ ބައިޑްނަށް އިންޒާރެއް ވެސް ފޮނުވައިލިއެވެ.

އެމެރިކާ އަދިވެސް އެންމެ ބޮޑު ދުޝްމަނު

އުތުރު ކޮރެއާގައި ވެރިކަން ކުރާ ލޭބަރ ޕާޓީގައި މީގެ ފަސް އަހަރު ކުރިން ކިމް ވިދާޅުވެފައިވާ ބަސްފުޅުތައް މިއަދު ތަކްރާރު ކުރެވެމުންދާ ތަން ވެސް ދަނީ ފެންނަމުންނެވެ. އުތުރު ކޮރެއާ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމާއިގެން ކުރިއަށްދާނެކަމާއި އެކަމުގެ ބަހަނާތައް މި ބަސްފުޅުތަކުން ދައްކައެވެ. ކިމް ވިދާޅުވާ ގތުގައި އޭނާގެ ޤައުމުގެ އެންމެ ބޮޑު ދުޝްމަނަކީ އެމެރިކާއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމުގެ ރާސްތާއިން އެ ޤައުމު އެއްކިބާވާނީ އެމެރިކާއިން އެ ޤައުމަށް ދެމުންގެންދާ ޢުދްވާނު މުޅިން ހުއްޓައިލުމުންނެވެ. އުތުރު ކޮރެއާގެ މަރްކަޒީ ނޫސް އޭޖެންސީ (KCNA) ޒަޢީމު ކިމާ ޙަވާދީ ބުންޏެވެ. "އަހުރެމެންގެ ތަރައްޤީގެ ކުރިމަތީގައިވާ އެންމެ ބޮޑު ހުރަހަކީ އެމެރިކާއެވެ. އެއީ އަހުރެމެންގެ އެންމެ ބޮޑު ޢަދުއްވެވެ.އެމެރިކާއާ ކުރިމަތިލުމަށް ޓަކައި އަހުރެމެންގެ ޚާރިޖީ ޙަރަކާތްތަކަށް ސަމާލުކަން ދޭން ވަނީ ޖެހިފައެވެ."

އުތުރު ކޮރެއާގެ ޒަޢީމް އެމެރިކާގެ ރައީސް ޓްރަމްޕާއެކު

ކިމް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އެމެރިކާގެ ވެރިކަމުގައި ހުރީ ކޮންމެ މީހަކު ކަމުގައި ވިޔަސް އެމެރިކާއިން އުތުރު ކޮރެއާމެދު ދެކޭ އަސާސީ އުޞޫލުތަކަށް ދުވަހަކު ވެސް ބަދަލެއް ނާންނާނެތެވެ.އެމެރިކާގެ ސިޔާސަތަށް ބަދަލެއް ނާންނާނެތެވެ."

އޭނާ ވިދާޅުވިއެވެ. "އުތުރު ކޮރެއާއާ އެމެރިކާއާ ދެމެދުގައިވާ  ގުޅުންތައް ރަނގަޅު ކުރެވޭނީ އެމެރިކާގެ ޢަދާވަތްތެރި ސިޔާސަތަށް ބަދަލު ގެނައި ދުވަހަކުންނެވެ."

ކިމްގެ ޢަސްކަރީ އައު ސިޔާސަތުގެ ރޭވުންތައް

މުޙައްލިލުން ވިދާޅުވާގޮތުގައި އެމެރިކާގެ މޫނުމައްޗަށް ކިމް މި ޖެއްސެވި ގޮންޖެހުމުގެ ސަބަބަކީ އުތުރު ކޮރެއާގެ ހަތިޔާރުގެ ކޮށާރުގައި ނިޔުކްލިއަރ އަޑިންދާ ބޯޓު ހުރުމުން ޖެއްސެވި ގޮންޖެހުމެކެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އުތުރު ކޮރެއާއިން ދަނީ މި އުޅަނދުގެ އަޖުމަ ބަލަމުންނެވެ. މީގެއިތުރަށް އުތުރު ކޮރެއާއިން ދަނީ އެ ޤައުމުގެ ނިޔުކްލިއަރ ޓެކްނޮލޮޖީ ބިނާކޮށް ތަރައްޤީ ކުރުމަށް ރާވަމުންނެވެ. މި ރޭވުމުގެ އަމާޒަކީ ކުދިކުދި ނިޔުކްލިއަރ ބޯތައް ތަރައްޤީކޮށް މި ބޯތައް ބޭނުންވާ އަމާޒުތަކަށް ފޮނުވައިލުމުގެ ޤާބިލުކަން ހޯދުމެވެ.

ކިމް އުން އަކީ އުތުރު ކޮރެއާގެ ޒަޢާމަތަށް ވަޑައިގެންނެވި އެ ޢާއިލާގެ ތިންވަނަ ބޭފުޅާއެވެ. ވެރިކަން ކުރާ ޕާޓީގެ މި އަހަރުގެ ބައްދަލުވުން ހުޅުއްވާ ދެއްވަމުން އެ ޤައުމާ ކުރިމަތިލަން ޖެހުނު ބައެއް ނާކާމިޔާބީތަކުގެ ވާހަކަތައް އޭނާ ދެއްކެވިއެވެ. މިއީ ވޭތުވެދިޔަ ޒަޢާމަތްތަކުން ބުނެފައިވާ ވާހަކައެއް ނޫނެވެ. މި ޒަޢާމަތުން އަބަދު ވެސް ދައްކާފައި ވަނީ އަރުތަތަކުގެ ވާހަކައެވެ. ނާކާމިޔާބީގެ ވާހަކަތަކަށް އޮންނާނީ ފަސްއަޅައި ވަޅުލައިފައެވެ.

ކިމް ވިދާޅުވިއެވެ. "މި އަހަރަކީ މީގެ ކުރިން ކުރިމަތިވެފައި ނުވާފަދަ ދަތިތަކަކާ ކުރިމަތިވި އަހަރެކެވެ. އެއީ މިހާރު ފެތުރެމުންދާ ޢާލަމީ ވަބާގެ ސަބަބުން ޗައިނާ ސަރަޙައްދު ބަންދުކުރަން ޖެހުމުންނާއި، ޠަބީޢީ ކާރިސާތަކާއި ބައިނަލްއަޤްވާމީ ފިއްތުންތަކުގެ ސަބަބުން ކުރިމަތި ދަތިތަކެކެވެ. މި ކަމުގެ ސަބަބުން ޤައުމުގެ ނާޒުކު އިޤްތިޞާދު ރަނގަޅު ކުރުމަށް އެޅުނު ފިޔަވަޅުތައް ވަނީ މުޅިން ކަހަލަ ގޮތަކަށް ނާކާމިޔާބުވެފައި "ކަމަށް ކިމް ވިދާޅުވިއެވެ. ޗައިނާއަކީ އުތުރު ކޮރެއާގެ ވިޔާފާރިގެ އެންމެ ބޮޑު ބައިވެރިއާއެވެ.

އުތުރު ކޮރެއާގެ މައްޗަށް ކިމްގެ އަތްގަދަކުރެއްވުން

ކިމް އުން އަށް 37 އަހަރު ފުރުނުތާ ހަފުތާއެއްގެ ތެރޭގައި ކިމް އުތުރު ކޮރެއާގެ ލޭބަރ ޕާޓީގެ ސެކްރަޓަރީ ޖެނެރަލްގެ މަޤާމަށް އިސްކުރެވުނު އިސްކުރުމުން ދޭހަވަނީ ކިމް ވެރިކަމުގެ މައްޗަށް އަތްގަދަ ކުރެއްވުން ކުރިއަށްދާ ކަމެވެ. އެއީ ކިމްގެ ކާފާފުޅާއި ބައްޕާފުޅު ފުރުއްވި މަޤާމެކެވެ. އުތުރު ކޮރެއާއާ ބެހޭ ދިރާސާތުތައް ކުރާ ސޯލް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޔަންގ މޯ ޖިން ވިދާޅުވާގޮތުގައި "ކިމްގެ ބާރު ގަދަވުމުގެ މާނައަކީ އޭނާގެ އިތުބާރު ޕާޓީތެރޭގައި ބޮޑުވުމެވެ." މީގެއިތުރަށް މި އިން އެނގެނީ އުތުރު ކޮރެއާގެ ވެރިކަމަށާއި ވެރިކަންކުރާ ޕާޓީގެ މައްޗަށް އޭނާގެ ފަރްދީ ބާރު އިތުރުވަމުންދާ ކަމެވެ.

އުތުރު ކޮރެއާއިން ދެކޭ ގޮތުގައި އެމެރިކާގެ ސިޔާސަތަށް ބަދަލު އައުމަކީ ވަރަށް ދުރުކަމެކެވެ. އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑްން ހޮވިވަޑައިގަތުމުން އުތުރު ކޮރެއާއިން އެކަން ކުށްވެރި ކުރިއެވެ. އުތުރު ކޮރެއާގެ ނޫސް އޭޖެންސީ ސިފަކުރި ގޮތުގައި ބައިޑްން އަކީ "ވައްވައްޖަހާ ކުއްތާ" އެކެވެ. "އޭތި މަރުވަންދެން ދަނޑިބުރިން އޭތީގައި ތަޅަން އެބަ ޖެހެއެވެ." މި ނޫސް އޭޖެންސީ ބުންޏެވެ.

ކިމްގެ ކޮއްކޯފުޅަށް ވާނީ ކިހިނެއް

އުތުރު ކޮރެއާގެ ލޭބަރ ޕާޓިން ނިންމި ކަންތަކުގެތެރޭގައި ކިމްގެ ކޮއްކޯފުޅު ކިމް ޔޯ ޖިންގގެ މަޤާމު ދަށްކުރުން ފާހަގަ ކުރެވެއެވެ. މިއީ މުޙައްލިލުން ވަރަށް ޙައިރާން ކުރުވި ކަމެކެވެ. އެކަމަނާ ޕާޓީގެ ސިޔާސީ ކޮމެޓީން ވަނީ ވަކިކޮށްފައެވެ. އެހެނަސް ޕާޓީގެ މަރްކަޒީ ކޮމެޓީގެ މެންބަރުކަމުން އެކަމަނާ ވަތްކެއް ނުކުރެއެވެ. ސޯލް ޔޮންގް ނާމު ޔުނިވަރިސިޓީގެ އުސްތާޒެއް ކަމުގައިވާ ލީމް ޔޯލް ޗޯލް ވިދާޅުވާ ގޮތުގައި ކޮއްކޯފުޅު އަދި ދުރަކަށް ނުލައްވައެވެ. މަރްކަޒީ ކޮމެޓީގައި އޭނާ އިންނެވުމުން އެނގެނީ އޭނާއަށް އަދި އިތުރު މަޤާމުތައް ލިބިވަޑައިގަންނަވާނެ ކަމެވެ.

އުތުރު ކޮރެއާއެކު އެމެރިކާއިން މުޢާމަލާތު ކުރާނީ ކިހިނެއް

އެމެރިކާގެ އައު ރައީސް ބައިޑްން އަކީ ރައީސް އޮބާމާގެ ނާއިބު ރައީސްކަމުން އޭނާއާމެދު އުތުރު ކޮރެއާ ހިތްހަމައެއް ނުޖެހެއެވެ. އަނެއްކޮޅުން ބައިޑްން ސިފަކުރައްވާފައިވާ ގޮތުގައި އުތުރު ކޮރެއާގެ ޒަޢީމު ކިމަކީ "ލޭ އޮހުރުވުމަށް ދަހިވެތިވެފައިވާ ޖައްލާދެކެވެ."

ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި އުތުރު ކޮރެއާގެ ދެ ސަމިޓް ބޭއްވުނެވެ. އެހެނަސް އެ ދެ ފަރާތުން ވެސް ތުހްމަތުތައް ބަދަލު ކުރުން ހުއްޓައެއް ނުލައެވެ. އެއް ފަރާތުން  އަނެއް ފަރާތަށް އެއްޗެހި ގޮވުން ހުއްޓައެއް ނުލައެވެ. މި ސަމިޓްތަކުގައި އެއްވެސް ކުރިއެރިމެއް ލިބފައި ނުވިޔަސް ރައީސް ޓްރަމްޕްގެ މި ބައްދަލު ކުރެއްވުންތަކަކީ "ކުރިއަށް އެޅުނު ޖެހިލުން ކުޑަ ފިޔަވަޅުތަކެއް" ކަމަށް ސިފަކުރެވުނެވެ. ކިމް ވަނީ އެ ޤައުމުގެ ނިޔުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓައިނުލައްވާނެކަމަށް ވިދާޅުވެފައެވެ. އެ ކަން ހުއްޓާލެވޭނީ އެމެރިކާއިން ޢަދާވަތްތެރިކަން ނައްތައިލައި ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލީމާ ކަމަށް ކިމް ވިދާޅުވިއެވެ.

އެމެރިކާގެ މުޙައްލިލުން ވިދާޅުވާ ގޮތުގައި އެމެރިކާއިން އުތުރު ކޮރެއާމެދު ވަރަށް އަވަހަށް ފިޔަވަޅު އަޅަން ޖެހޭނެއެވެ. ރައީސް އޮބާމާގެ ދައުރުގައި ފިޔަވަޅު އެޅުއްވުން ލަސްކުރެއްވުމުގެ ސަބަބުން އުތުރު ކޮރެއާއަށް އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމަށް ފުރްޞަތު ލިބުނެވެ. އެހެންކަމުން ބައިޑްނާ ކުރިމަތިވެވަޑައިގެންފައިވާ ގޮންޖެހުންތަކުގެތެރޭގައި އުތުރު ކޮރެއާއާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސްކުރެއްވުން ވެއެވެ. ކޮރެއާ ޓައިމްޒްގެ 12 ޖަނަވަރީގެ އެޑިޓޯރިއަލް ބުނާގޮތުގައި ޒަޢީމު ކިމްގެ މެސެޖަކީ އަވަށްޓެރި ދެކުނު ކޮރެއާއެކު އަދި އެ ޤައުމުގެ އެކުވެރި އެމެރިއާއެކު ގުޅުން ޤާއިމު ކުރުމަށް ޓަކައި އުތުރު ކޮރެއާއިން އެއްވެސް އިސްނެގުމެއް ނުނަގާނެއެވެ. މި ނޫސް ބުނާގޮތުގައި މި ކަމުގައި އިސްނަގަން ވާނީ ދެކުނު ކޮރެއާއި އެމެރިކާއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *