Support Us

ވޮޝިންގޓަން މޮނިޔުމަންޓް ބަންދުކޮށްފި

އެމެރިކާގެ މުންތަޚަބު ރައީސް ޖޯބައިޑްން ޖަނަވަރީ 20 ވަނަ ދުވަހު ހުވާކުރެއްވުމަށް ޓަކައި ބާއްވާން ހަމަޖެހިފައިވާ ރަސްމިއްޔާތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ޓަކައި، ދުރާލައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެމެރިކާގެ ވޮޝިންގޓަން މޮނިޔުމެންޓް ސަރަހައްދު ބަންދުކޮށްފިއެވެ. މިކަން އިޢުލާނުކޮށްފައި މިވަނީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ކުރީން ޢާއްމު އެއްވެސް އިޙުތިފާލެއް ނުބޭއްވުމަށް "ޑިސްޓްރިކްޓް އޮފް ކޮލޮމްބިއާ" (ޑީސީ)ގެ މޭޔަރު ގޮވައިލެއްވުމާ ވިދިގެންނެވެ.

އެމެރިކާގެ "ޤައުމީ ބަގީޗާތަކުގެ ޚިދުމަތް" (ޔޫއެސް ނޭޝަނަލް ޕާކް ސަރވިސް) އިން އިޢުލާނުކޮށްފައިވާ ގޮތުގައި އިއްޔެއިން ފެށިގެން މި ޖަނަވަރީމަހު 24ގެ ނިޔަލަށް އެ ސަރަހައްދު ބަންދުވާނެއެވެ. މި ގޮތަށް މި ފިޔަވަޅު އަޅައިފައިވަނީ މި ދިޔަ ހަފުތާގައި އެމެރިކާގެ ކެޕިޓޮލްއަށް ޤާނޫނާ ޚިލާފަށް ވަދެގަނެ ބޮޑެތި ހަމަނުޖެހުންތައް ހިންގި މީހުންގެ ފަރާތުން ހުރި ނުރައްކާތަކަށް ރިޢާޔަތްކޮށްފައެވެ.

ޤައުމީ ބަގީޗާތަކުގެ ޚިދުމަތުން ހާމަކުރާ ގޮތުގައި ބައިޑްން ހުވާކުރެއްވުމުގެ ރައްމިއްޔާތަށާއި އެކަމަށް ވާ ތައްޔާރީތަކަށް ޖެއްސުންކޮށް އުނދަގޫކުރުމުގެ ބިރު މިހާރު ވެސް އެބައޮތެވެ. އެހެންކަމުން އެ ކަމުގެ މުޤާބިލުގައި "ވޮޝިންގޓަން މޮނިއުމަންޓަށް މީހުން ކުރާން ރާވައިފައި ހުރި ދަތުރުތައް ފަސްކުރާނެއެވެ. އަދި އެ ސަރަހައްދަށް ވަންނަ މަގުތަކާއި އާންމު ފާޚާނާތައް ވެސް ވަގުތީ ގޮތުން ބަންދުވާނެއެވެ."

މި ކަން މި ގޮތަށް ހޯމަދުވަހު ހަމަޖެއްސިކަން "ޤައުމީ ބަގީޗާތަކުގެ ޚިދުމަތުން" އިޢުލާނުކޮށްފައިވާ އިރު، ހަމަ އެދުވަހު އެ ސިޓީގެ މޭޔަރު މިއުރިއޭލް ބޮވްޒަރ ދެއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ، އެ ސިޓީގައި ޢާންމު އެއްވުންތަކަށް ދޭ ހުއްދަތައް ޖަނަވަރީ މަހު 11ން ފެށިގެން 24ގެ ނިޔަލަށް ކެންސަލްކުރާން ދާޚިލީ ވުޒާރާގެ ވަޒީރަށް ދަންނަވައިފައިވާނޭ ކަމަށެވެ.

މޭޔަރު ފާހަގަކުރެއްވި ގޮތުގައި މި ދިޔަ އަހަރު ޖޫން މަހުން ފެށިގެން ކޮވިޑް19ގެ ސަބަބުން ވެސް މި ގޮތަށް ތަކުރާރުކޮށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް މި ހަފުތާގައި ވަނީ ފަހު ވަގުތު ދެވޭ ހުއްދައަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ.

މި ގޮތަށް ސަރުކާރުން ނިންމެވި އިރު، މިހާރު ވެސް މުންތަޚަބު ރައީސް ޖޯބައިޑްން ވަނީ ޢާލަމީވަބާގެ މި ހާލަތުގައި، ހުވާކުރުމުގެ ރަސްމީ އިޙުތިފާލުގައި ހުންނަ މުހިންމުކަން ކުޑަ ސަގާފީ ބައިތައް އުނިކޮށް ވީހާ ވެސް ސާދާކުރާން އަންގަވއިފައެވެ. ބޭންޖެހުން ފަދަ ސަގާފީ ކަންކަން ދާދިވަރުކޮށް ބާއްވާން ވެސް ވަނީ އެދިވަޑައިގެންފައެވެ.

އަނެއްކޮޅުން، މި ރަސްމިއްޔާތުގައި ޖިސްމާނީކޮށް އާންމުން ބައިވެރި ނުވުމަށާއި ހަމައެކަނި ދާދިވަރުކޮށް ބައިވެރިވާން ޢާންމުންނަށް ވަނީ އަންގައިފައެވެ.

މީގެ އިތުރަށް މޭޔަރުވަނީ އެ އަވަށުގައި ދުރާލައި ކުއްލި ޙާލަތު އިޢުލާނުކުރާން ވެސް އެދިވަޑައިގެންފައެވެ. މި ގޮތަށް އެދިވަޑައިގެންފައިވަނީ ރަސްމިއްޔާތަށް ހުރި "ގޮންޖެހުންތަކުގެ" ސަބަބުންނެވެ. މި އިލްތިމާސްކުރައްވައިފައިވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ މި ދިޔަ ހަފުތާގައި ކޮންގްރެހުން ރަސްމީކޮށް ކަށަވަރުކުރުމާ ވިދިގެން ޓްރަމްޕްގެ އިސްނެގުމުގެ މަތީން ވޮޝިންގޓަންގެ ކެޕިޓޮލް ސަރަހައްދުގައި ހިންގި ހަޅުތާލާއި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

މި ދިޔަ ހަފުތާގައި މުޅި ދުނިޔެއަށް ޙައިރާންކަން ގެނުވި، އެ ޙަރަކާތުގައި، ކޮންގްރެސް އިމާރާތަށް މީހުންތައް ވަދެގަނެ ތަކެއްޗަށް ގެއްލުންދީ އެތައް އެއްޗެއް ލޫޓުވައިފައިވެއެވެ. އަދި ޤާނޫނު ހދާ މަޖިލީހުގެ މެންބަރުން ފުލުހުންގެ ޙިމާޔަތުގައި ރައްކާތެރި ސަރަހައްދުތަކަށް ގެންދާންޖެހުނެވެ. މި ހަމަނުޖެހުމުގައި ފަސް މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މި ހަމަނުޖެހުންތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސަލާމަތީ ބާރުތަކުން މިހާރުވަނީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅައިފައެވެ. ހަ ސްޓޭޓަކުން ހަ ހާހަށްވުރެ ގިނަ ފުލުހުން ކެޕިޓޮލް ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން އެ މީހުންނާ ވަނީ ބައިވެރިވެފައެވެ.

ސަލާމަތީ ޚިދުމަތްތަކުގެ ވެރީން ވިދާޅުވަނީ "ކެޕިޓޮލްއަށް މިދިޔަ ހަފުތާގައި ހަމަލާ ދެވިފައި ވިޔަސް އެމެރިކާނުންނަށް އޮންނަ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުއްޓުމެއް ނުގެނެވޭނެ" ކަމަށެވެ. މުންތަޚަބު ރައީސް ޖޯބައިޑްން ހުވާކުރެއްވުމުގެ އިޙުތިފާލުތައް އޮމާންކަމާއެކު ޖަނަވަރީ 20ގައި ބާއްވާނެ ކަމަށެވެ.

(ޙަވާލާ: އިންޑިޕެންޓެންޓް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *