Support Us

ޓްރަމްޕް: އާ ރައީސް ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާ ހަތަރުވަނަ ރައީސް

އަމާންކަމާއި ޞުލްޙަވެރިކަމާއެކު ވެރިކަމުގެ ބާރުތައް ޖޯބައިޑްންގެ އަތްޕުޅުމައްޗަށް ބަދަލުކުރައްވާނެކަމަށް އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ އެއް ދުވަސް ފަހުން، ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި، ބައިޑްން ރިޔާސީ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ޑޮނަލްޑް ޓްރަމްޕް މި ވަނީ ޖޯ ބައިޑްން ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނާން އިންކާރުކުރައްވައިފައެވެ.

ދީމުޤުރާޠީންނަށް އަމާންކަމާއެކު ވެރިކަމުގެ ބާރުތައް ޙަވާލުކުރައްވާނެކަމަށް ޖުމްހޫރީ ލީޑަރު ވިދާޅުވިތާ މާގިނަ އިރެއް ނުވަނީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޖަނަވަރީ 20 ގައި އޮންނަ، ރިޔާސީ ހުވާކުރުމުގެ ރަސްމިއްޔާތަށް އޭނާ ހާޒިރެއް ނުވާނެ ކަމަށެވެ.

އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނުގެ އަރިހުގައި، ކުރީގެ ރައީސް އިށީނދެވަޑައިގެން އިންނެވުމަކީ އެމެރިކާގެ ޒަމާންވީ ސަގާފަތެކެވެ.

އެމެރިކާގެ ދޮޅު ޤަރުނަށްވުރެ ދިގު ރިޔާސީ ތާރީޚުގައި ވެސް ޓްރަމްޕް މި ވެވަޑައިގަންނަވަނީ އާ ރައީސް ރިޔާސީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނާން އިންކާރުކުރެއްވި ހަތަރުވަނަ ރައީސަށެވެ. މީގެ ކުރީން، ޖޯން އެޑަމްސާއި ޖޯން ކުވިންސީ އެޑަމްސާއި އެންޑްރޫ ޖޯންސަން ވަނީ އެކަމަށް އިންކާރުކުރައްވައި އެ އިޙުތިފާލުގައި ބައިވެރިވެވަޑައިނުގެންފައެވެ.

މަޖިލީސްކުރާގެ، ކެޕިޓޯލް އިމާރާތަށް، ހަމަނުޖެހުން ހިންގާން މުޖުރިމުން (ތަގްސް) ވަދެގަނެ ހަމަނުޖެހުން ހިންގި ހިންގުމަށް ޓްރަމްޕް ހިތްވަރުދެއްވައި އެކަމަށް ވާގިވެރިވެވަޑައިގަތް ކަމަށް ފެނިގެން އޭނާގެ ޓްވިޓާރ އެކައުންޓް ބަންދުކުރުމަށް ފަހު، އަލުން އެކައުންޓް އިޢާދަކުރުމުން ފުރަތަމައަށް ކުރެއްވި ޓްވީޓްގައި ޓްރަމްޕް ލިޔުއްވައިފައިވެއެވެ. "އަހަރެން ކުރެން އޮޅުންފިލުވާން ސުވާލުކުރި އެންމެންނަށް (އަންގަމެވެ.): ޖަނަވަރީ 20 ގައި އޮންނަ ރަސްމިއްޔާތަކަށް މަށެއް ނުދާނަމެވެ."

ޖޯ ބައިޑްން ހުވާކުރައްވާ ދުވަހުގެ ކުރީން، ވޮޝިންގޓަން ދޫކުރައްވައި ޓްރަމްޕް ވަޑައިގަންނަވާނެތޯ ނޫންތޯ (ޔަގީންކުރުމުގެ) މަޝްވަރާ މިހާރު ވެސް ކުރިއަށް އެބަދެއެވެ. ބައެއް މަޞްދަރުތައް ބުނާ ގޮތުގައި، އޭގެ ކުރީން، ފްލޮރިޑާގައި ހުންނަ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅަށް ވަޑައިގަންނަވާނެ ކަމަށް (ވަރަށް ބޮޑަށް) ލަފާކުރެވެއެވެ. ޖަނަވަރީ އަށް ވަނަ ދުވަހު ކޮންގްރެހުން ޖޯބައިޑްންގެ އިންތިޚާބީ ކާމިޔާބީ ބަލައިގަނެ އެކަން ރަސްމީކޮށް ކަށަވަރުކުރުމާ ވިދިގެން ޓްރަމްޕް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވަޢުދުވެވަޑައިގެންފައިވަނީ ހަމަޖެހިފައި އޮންނަ އާދަކާދައާއި ތަރުތީބުގެ މަތީން ވެރިކަމުގެ ބާރުތައް ބަދަލުކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު އެހެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކެޕިޓޯލް އިމާރާތަށް ވަދެގަނެ ހަމަނުޖެހުން ހިންގި މީހުން، އެ ސަރަހައްދުން ދުރަށް ދާން، ދިމުޤްރާޠީންނާއި ޖުމްހޫރީންގެ ފިއްތުންތަކާހުރެ، ޓްރަމްޕް ގޮވައިލެއްވުމަށްފަހުގައެވެ. އަމާންކަމާއި ސުލްޙައަށް އެމަނިކުފާނު ގޮވައިލެއްވީ ހަމައެކަނި އެމަނިކުފާނަށް ތާއީދުކުރާ މީހުން، ގަދަބާރުން ސަރުކާރުގެ އިމާރާތްތަކަށް ވަދެގަނެ، ދައުލަތުގެ މުދަލަށް އެތައް ގެއްލުންތަކެއްދީ ހިންގި ހަމަނުޖެހުމުގައި ފަސް މީހެއްގެ ފުރާނަ ގެއްލުނު ފަހުންނެވެ.

އެހެންނަމަވެސް ސިޔާސަތީ ފިއްތުންތައް ދަށްކުރާން އޭނާ ކުރި މަސައްކަތް އެ ގޮތުގައި ދެމެހެއްޓުނީ ކުޑަ ވަގުތުކޮޅަކަށެވެ. ޖެހިގެން އައި ދުވަހު ހެނދުނު ޓްރަމްޕް ވަނީ އެމަނިކުފާނުގެ އާންމު އުސްލޫބުން ވަރުގަދަ ޓްވީޓެއް ކުރައްވައިފައެވެ. "މަށަށް ވޯޓު ދިން، ވަރުގަދަ އެމެރިކާގެ 75 މިލިއަން ބަޠަލުން، އެންމެ ފުރަތަމަ އެމެރިކާ، އެމެރިކާ އަލުން ވަރުދަކުރާ (މީހުން)ގެ އަޑު ވަރުގަދަކަމާއެކު ކުރިމަގުގައި މެދުނުކެނޑި ކުރިއަށް ދާނެއެވެ." އެމަނިކުފާނުގެ ޖޯޝީ ޓްވީޓްގައި ލިޔުއްވައިފައިވެއެވެ. "އެ މީހުންނަށް ބޭއިޙުތިރާމް ކުރެވިގެން ނުވާނެ، ނުވަތަ (އެ މީހުންނާމެދު) އެއްވެސް ހާލެއްގައި ބޭއިންސާފުން ޢަމަލުކުރެވިގެންނުވާނެ…."

ދައުރު ހަމަވަމުންދާ ރައީސް ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ ސްކޮޓްލޭންޑްގައި އޮންނަ އޭނާގެ ޓަރންބެރީ ގޮލްފް ރިސޯޓަށް ގުޅުއްވައިފައެވެ. އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ފުށުއަރާ ގޮތަށެވެ. އެހެންނަމަވެސް ނިކޮލާ ސްޓަރޖަންގެ ސީރިއަސް އަދި ތަންފީޒުދާރު ބަސްތަކުން މިފަދަ ރޭވުންތައް (ޕްލޭންތައް) ވަނީ ފެނަށް ވެފައެވެ. ފަސްޓް މިނިސްޓަރ ވިދާޅުވިއެވެ. "އަޅުގަނޑު ލަފާކުރަނީ ކުއްލިއަކަށް އެ ރޭވި ދަތުރުފުޅުގެ ނިޔަތަކީ އަވަހަށް ވައިޓްހައުސްއިން ނުކުމެވަޑައިގަތުމެވެ. މީގެ އިތުރަށް އަޅުގަނޑަކަށް ނޭނގެއެވެ." އޭނާ އިތުރަށް ވިދާޅުވެފައިވެއެވެ. "ވަރަށް އަސާސީ ބޭނުމަކަށް ޓަކައި ނޫނީ މި ވަގުތު ހަމަ އެކަކު ވެސް ސްކޮޓްލޭންޑަށް އެތެރެވާކަށް އަޅުގަނޑުމެން ހުއްދައެއް ނުދެމެވެ. މި އުސޫލު އެ މަނިކުފާނަށް ވެސް އަދި އެހެން ކޮންމެ މީހަކަށް ވެސް ތަޠުބީޤުވާނެއެވެ." ގޮލްފުކުޅުމަކީ އަޅުގަނޑު މި ދެންނެވި އަސާސީ މަޤުސަދުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ."

ކޮންމެއަކަސް ރިޔާސީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާން އޭނާ އެ ވަނީ ނިންމަވައިފައެވެ. އެ ފަދަ ބޮޑު ރަސްމިއްޔާތެއްގައި ޖޯބައިޑްންގެ ސަޕޯޓް ބައްލަވާން އިންނަވާން ކެތްކުރައްވާން ދަތިފުޅުވަނީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ އެ ރަސްމިއްޔާތާ ދިމާކޮށް ޓްރަމްޕްގެ ސަޕޯޓަރުން، އާ ހަމަނުޖެހުމެއް ރާވައިފައި އޮތީމާ އެކަމުން އެއް ފަރާތްވެލައިގެން ހުންނާން ބޭނުންފުޅުވީ ކަމަށް ވެސް ވެދާނެއެވެ. ރިޔާސީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ޓްރަމްޕް ވަޑައި ނުގަންނަވާން ނިންމެވި ނިންމެވުމުގައި މި ނޫނަސް ގޮތް ނޭނގޭ ކިތަންމެ ސަބަބުތަކެއް ހުރެދާނެ ކަމަށް މުޙައްލިލުން ލަފާކުރެއެވެ. (ޙަވާލާ: މިރަރ (ޔޫކޭ))

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *